އަހަރެންގެ ނަމަކީ މިޝާއެވެ. އަހަރެންނަކީ ދިހައަހަރުގެ ކުއްޖަކީމެވެ.

އަހަރެންނާއި އަހަރެންގެ މަންމަ އަދި ބައްޕަ އުޅުނީ ވަރަށް އުފަލުންނެވެ. އަހަރެމެންގެ ބޮޑު ގެއެއް ހުރެއެވެ. އެގޭގައި އަހަރެން ދުވެ ކުޅެ އުޅެމެވެ. އަހަރެންގެ ކުޅޭ ސާމާނުތައް ބަހައްޓަންވެސް ވަކިން ކޮޓަރިއެއް ހުރެއެވެ. ކޮންމެ ދުވަހަކުވެސް ހަވީރު އަހަރެންނާއި އަހަރެންގެ މައިންބަފައިން ގެކުރިމަތީގައި ހުންނަ ޕާކަށް ދަމެވެ. އަހަރެންގެ ބައިސްކަލުގައި އަހަރެން ކޮންމެ ދުވަހަކު ނުކުންނަ އިރު މަންމައާއި ބައްޕަގެ ފަރާތުން ވަރަށް ލޯބި ލިބެއެވެ. މަންމަ އަބަދުވެސް އަހާނެއެވެ.

"މިޝާ، ދަރިފުޅާ. ވަރުބައްޔެއް ނުވޭތަ؟ ނިންމާލާކަށް ނުވޭ؟"

"މަންމާ. އަދި ކިރިޔާ މިފެށުނީ" އަހަރެންގެ ޖަވާބަކަށް ވާނީ އެއެވެ.

މިހެން ބުނާ އަޑު އަހަން ތިބުމަށްފަހު މަންމައާއި ބައްޕަ އެކަކު އަނެކަކަށް ބަލާލާފައި ހޭނެއެވެ. އެދެމީހުން ހޭން ފެށުމުން އަހަރެންވެސް ހެމެވެ.

ދުވަސްތައް ފާއިތުވެގެން ދިޔައީ ހަލުވިކަމާއެކުގައެވެ. އަހަރެންގެ ސުކޫލް ޓާރމް ބަންދު އައުމުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އެއްދުވަހެއްގެ ހަވީރު ވަގުތެވެ. މަންމަ ދިޔައީ ކައިރީގައި ހުންނަ ސުޕަރމާކެޓް އަކަށް ބަދިގެއަށް ބޭނުންވާ ސާމާނުތަކެއް ގަތުމަށެވެ. އަހަރެން ގޭގައި އެކަނި ބަހައްޓާފައި ދިޔައީ ބައްޕަ ގެއަށް އައުން ލަސްވީމައެވެ. މަންމަ ނާންނަނީސް ބައްޕަ އައިސް ގެއަށް ވަނެވެ.

"މިޝާ، ދަރިފުޅު. ކޮބާ މަންމަ؟"

"ފިހާރައަށްދިޔައީ" އަހަރެން ބުނީމެވެ. އެވަގުތު ބައްޕަގެ މޫނުމަތިން އެހެންޏާ ނުފެންނަ ހައިރާންކަމެއް ފެނުނެވެ.

"މަންމަ ނުދޭނު މިގަޑީގަ ދުވަހަކުވެސް؟" ބައްޕަ އަނެއްކާ ސުވާލުކުރިއެވެ.

"އާނ. އެކަމަކު މިޝާގެ ކިރުދަޅު ހުސްވެފަހުރީމަ، މިޝާ މިހާރު ބޭނުންވެގެން މަންމަ ކައިރީގައި ކިޔާވަރުން ދިޔައީ. ބުނީ ބައްޕަވެސް މާ ލަސްވަނީއްޔޯ. ކިޔާފަ ގޮއްސި"

"ވަރަށް ގިނައިރު ވެއްޖެތަ؟"

"ނޫން. އަދި ނުވޭ އެހާ އިރެއް"

އަހަރެން މިހެން ބުނުމުން ބައްޕަ އިތުރު ސުވާލެއް ނުކުރެއެވެ. ސިޑިން އަރައިގެންގޮސް ކޮޓަރިއަށް ވަނެވެ. އަހަރެން ދެން ޖެހިލީ ބަދިގެއާވީ ފަޅީގައި ހުންނަ ބެލްކަންޏާ ދިމާލަށެވެ. އަހަރެމެން ތިބެނީ އެޢިމާރާތުގެ އެގާރަވަނަ ބުރީގައެވެ. ތިރި ފެންނަނީ ވަރަށް މަތިންނެވެ. އެވަގުތު މަގުމަތިން ހިނގާލާފައި މަންމަ އަންނަތަން ފެނުނެވެ. އޭގެ އިރުކޮޅެއް ފަހެވެ. މަންމަ އައިސް ގޭތެރެއަށް ވަނެވެ.

މަންމަ އުޅުނީ އެރެއަށް ނޫޑްލްސް ކައްކަން ކަމުން އަހަރެންނަށް މަންމައާ ދުރަކަށް ނުދެވުނެވެ. މަންމަ ކައްކާ ނޫޑްލްސް އެއީ އަހަރެންގެ އެންމެ މަޤްބޫލު ކެއުމެވެ.

އެރޭ ނޫޑްލްސް ކައިގެން އަހަރެން ވަރަށް ކުރިން ނިދައިފީމެވެ. އޭގެ އަނެއްދުވަހުގެ ރެއެވެ. އަހަރެން އެހެން ރޭތަކެކޭވެސް އެއްފަދައިން ވަރަށް އަވަހަށް ނިދައިފީމެވެ. ގާތްގަނޑަކަށް ދަންވަރު ތިނެއް ޖެހުމަކާ ކައިރިވެފައި ހުއްޓާ އަހަރެންނަށް ހޭލެވުނީ މީހަކު ވަރަށް ބާރަށް ގޭގެ ބޮޑު ދޮރުގައި ތަޅައިގަތް އަޑަށެވެ. އަހަރެންގެ ކޮޓަރި ހުންނަނީ ތިރީބައިގައި ކަމުން އެއަޑު ވަރަށް ރީއްޗަށް އިވެއެވެ.

"ހާދަ ލަހުން ތިއައީ؟" މަންމަގެ އަޑު އަހަރެންނަށް އިވުނެވެ.

"މަވީމަ ލަހުން ނާދެވެނީ؟" ބައްޕަ ހަޅޭއްލަވައިގަތް އަޑު އަހަރެންނަށް އިވުނެވެ. އެއީ ދުވަހަކުވެސް ބައްޕަ މަންމައާ ވާހަކަ ދެއްކި ގޮތެއް ނޫންކަމުން އަހަރެންނަށް ފުންމައިގެން އެނދުން ތެދުވެވުނެވެ.

"ހާދަ ރުޅިއައިސްފަ؟ މަޑުން ވާހަކަދައްކަބަލަ" މަންމަ ކިތަންމެ މަޑުން އެހެން ބުނި ކަމުގައިވިޔަސް އަހަރެންނަށް އެއަޑު އިވުނެވެ.

"ކީއްވެތަ ލަސްވީ؟ ކީއްކޮށްފައި ތިއައީ؟" މަންމަ ވާހަކަ ދެއްކީ ދެންވެސް ވަރަށް މަޑުންނެވެ.

"އަހަރެން ކުރާ ކަމެއް ބަލަން ޖެހޭތަ؟ ސައިތަށްޓެއް ގެނެސްދީ" ބައްޕަ މަންމައަށް އަމުރެއް ކޮށްލިއެވެ.

"އަހަރެން އެބަ އަންނަން މިޝާގެ ކޮޓަރިއަށް ގޮސްލާފައި. ލަސްވަންޏާ ހާފީ އަމިއްލައަށް ސައިތައްށްޓެއް އަޅާލަބަލަ" މަންމަ ބުނެލިއެވެ.

"ހީކުރީ މަ އަބަދު އެހެން އުޅޭނެކަމަށްތަ؟ ދޭ ސައިތައްޓެއް އަޅައިގެން އަންނަން" ބައްޕަގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ދިޔައިރު އަހަރެންގެ ހިތްވެސް ދިޔައީ ބިރުން ރޫރުއަޅަމުންނެވެ.

"މަޑުން ވާހަކަދައްކަބަލަ. މިޝާއަށް ހޭލެވިދާނެ. ކިހިނެއްވެފަތަ ތިހުރީ ތި ދެލޮލަށް. އެއްޗެއް ބޮއެގެންތަ ތިހުރީ؟" މަންމަ ހާސްކަމާއެކު އަހާލިއެވެ.

"މަވީމަ ވީ މަޖާވެސް ނުކުރަން؟" ބައްޕަ މިފަހަރުވެސް ޖެއްސުމަށް ވާހަކަ ދައްކަން ފެށިއެވެ. އަހަރެން އިނީ ހަދާނެ ގޮތެއްވެސް ނޭނގިފައެވެ. މިއީ ދުވަހަކުވެސް ބައްޕަ އުޅުނުގޮތެއް ނޫނެވެ.

މިހެން ތިއްބާ ގޭގެ ފޯނަށް މީހަކު ގުޅިއެވެ. މަންމަ ގޮސް ހަލޯއޭ ކިއަޑު އަހަރެންނަށް އިވުނެވެ. ކޮންމެވެސް ވާހަކަ ތަކެއް ދެއްކުމަށްފަހު މަންމަ ފޯނު ބާއްވާފައި ބަދިގެއާ ދިމާލަށް ދިޔައީ ބައްޕަ ބަދިގެއަށް ވަނީމައެވެ.

"ކާކު ގުޅީ؟" ހަމަ އެހާ ރުޅިއައިސްގެންހުރެ ބައްޕަ އަހާލިއެވެ.

"އެއީ އާސީ. ބުނީ ކުރިން ދުވަހު ގެންދިޔަ ޓެބްގެ ޕާސްވޯޑް ބުނާށޭ. އަހަރެން ބުނިން ހާފީ އަށޭ އިނގޭނީ"

"ކޮން އާސީއެއް. ކާކު އެއީ؟ މަ ނުދަންނަން ތިހެން ކިޔާ މީހެއް" ރުޅިވެރިކަމާއެކު ބައްޕަ މިހެން ބުނި އަޑުއިވުމުން އަހަރެންނަށް އަނގަމަތީގައި އަތް އަޅާލެވުނީ ބައްޕައަށް ބައްޕަގެ އަމިއްލަ ކޮއްކޮ ނޭނގެނީ ހެއްޔޭ ހިތަށް އަރާފައެވެ. އާސީއަކީ ބައްޕަގެ އަންހެން ކޮއްކޮއެވެ. އަހަރެންގެ ޓެބްލެޓް ހަލާކުވެގެން އެހެދުމަށް އާސި ދައްތަ އަތަށް އެގެންގޮސް ދިނީވެސް ބައްޕަ އަމިއްލައަށެވެ.

"އެކަމަކު ހާދީ. ކިހިނެއްވެގެންހޭ ތިއުޅެނީ؟"

"ކަލޭ ކުރީ ދުވަހު ދިޔައީ ކޮންތާކަށް. މިބުނީ އިއްޔެ. މަގެއަށް އައިއިރު ކޮންތާކަށްހޭ ދިޔައީ؟" މަންމައާ ދިމާލަށް ބައްޕަ ކަލެޔޭވެސް ކިޔަން ފެށީ ހެއްޔެވެ؟.

"އަހަރެން ދިޔައީ ފިހާރައަށޭ"

"ދެން އެހާ ލަސްވީޔޯ. ތީ އެހެންޏާވެސް ފިހާރައަށްދާ މީހެއް"

"ވަރަށް ކިޔު އޮތޭ ހަވީރުގަޑިވީމަ"

"ހުސްދޮގޭ ތިހަދަނީ. ކަލޭ ތިއުޅެނީ އެހެން މީހަކާ ހިތާވެގެންނޭ. ބުނޭ ކާކުކަން އެއީ" ބައްޕަ ހަޅޭއްލަވައިގަތެވެ.

"މީހަކާ ހިތާވެގެންނޭ؟" މިހެން މަންމަ ބުނިއިރު ހުރީ ރޮވިފައިކަން އަހަރެންނަށް އެނގުނެވެ.

"އާ.. ބުނާށޭ ކާކުކަން އެއީ"

"އަޅެ އަހަރެންނެއް ނޫޅޭމޭ އެހެނެއް. އަހަރެން ލޯބިވަނީ ހާދީ ދެކެއޭ. އެހެން މީހެއް ނެތޭ އަހަރެންގެ ހަޔާތުގައި ތިނޫނީ"

"މަ ޤަބޫލެއް ނުކުރާނަން. ތި ކަރުނައިން މިއަދަކު ނުވާނެ އެއްވެސް ކަމެއް"

"ހާދީ ދޭބަލަ ނިދާލަން. ތިހުރީ ހަމއިގައެއް ނޫނޭ. މާދަން ވާހަކަ ދައްކާނީ. އަހަރެން މިބުނީނު އެހެން ނޫޅެމޭ. އިތުބާރުކޮށްބަލަ"

"ދެންތީ ކޮން އަނގޮޓިއެއް އަތުގައި ތިއޮތީ؟"

"އަހަރެން ބުނީމެއްނު މިއީ މަންމަމެން ގެއަށް މިދިޔަ ހަފްތާގައި ދިޔަދުވަހު މަންމަ ދިން އެއްޗެކޭ" މަންމަ ރޮމުން ޖަވާބުދިނެވެ.

"ހުސްދޮގު. ތިއީ އެފިރިހެނާ ދިން އެއްޗަކަށް ވާނީ" ހަމއިން ނައްޓާފައި ހުރެ މަންމަގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަމުން ބައްޕަ ދިޔައެވެ.

މަންމަ ރޮމުން ރޮމުން އެކަހަލަ ކަމެއް މަންމަ ނުކުރަމޭ ބުނަމުން ގެންދިޔައެވެ. ނަމަވެސް ބައްޕަ މަންމަ ދައްކާ ވާހަކައެއް އަޑެއް ނާހައެވެ. އިރުކޮޅަކުން މަންމަ ތަންކޮޅެއް ބާރަށް ހަޅޭއްލަވައިގަތް އަޑުއިވުމުން އަހަރެންނަކަށް ދެން ކެތެއް ނުވިއެވެ. ދުވެލާފައިގޮސް ކޮޓަރިން ބޭރަށް ނުކުމެ ބަދިގެއާ ދިމާލަށް ބެލިއިރު މަންމަ އޮތީ ތަޅުންގަނޑު މަތީގައެވެ. މަންމަގެ މޫނު އެއްކޮށް ރަތްވެފައި ހުރިއިރު ބައްޕަ ހުރީ މަންމަގެ މޫނަށް އެއްފައި އަރުވާލައިގެންނެވެ. އަހަރެން ފެނުމާއެކު ބައްޕަ މަންމަގެ މޫނުމަތިން ފައި ނެގިއެވެ.

"ދަރިފުޅާ. ދޭ ކޮޓަރިއަށް" މަންމަ އަހަރެންނާ ދިމާލަށް ބަލާލަމުން ތެދުވިއެވެ. ނަމަވެސް އަހަރެންނަށް އެހެން ދެވޭނެހެއްޔެވެ؟ އަހަރެން މަންމަގެ ކައިރިއަށް ހުއްޓިފައި ބައްޕައާ ދިމާލަށް ބަލަމުން ކިހިނެއްވީހެއްޔޭ އަހާލީމެވެ. ބައްޕަ ވަގުތުން އަހަރެންގެ އަތަށް ދަމާލަމުން އަހަރެންގެ ކަރުގައި ހިފިއެވެ.

"ކަލެއަށް އަޑެއް ނީވޭތަ އޭނަ ބުނި އެއްޗެއް؟ މިތަނުން ދާށޭނު ބުނީ؟ ނޫނީ އެދައްކާ ވާހަކަ ނޭނގެނީތަ؟"

"މިޝާ، ބައްޕަ ބުނާގޮތަށް ހަދައިގެން ކޮޓަރިއަށްދޭ" މިފަހަރު މަންމަގެ އަޑުގައިވެސް ހަރުކަށިކަމެއް ހުއްޓެވެ. އަހަރެންނަށް އަނިޔާއެއް ވެދާނެތީ މަންމަ އިނީ ވަރަށް ބިރުންކަން އެދެލޮލުގައި ގިނަވެގަތް ކަރުނައިން އަހަރެންނަށް އެނގުނެވެ.

އަހަރެން ބައްޕަގެ އަތުން ދޫވެގެންގޮސް ދުވެލާފައި އައިސް ކޮޓަރިއަށް ވަނީމެވެ. ބާލިސް މޫނުމަތީގައި އަޅައި އަހަރެން ރޯން ފެށިވަގުތު އަނެއްކާވެސް މަންމެގެ އަޑުއިވުނެވެ. ނަމަވެސް ކުއްލިއަކަށް އެއަޑު ހުއްޓުނެވެ. ބޭރަށް ނުކުންނާކަށް ނުކެރުނެވެ. ނަމަވެސް މަންމައަށް ކަމެއްވީކަމަށް ހީކޮށް ނުނިކުމެވެސް ނުހުރެވުނެވެ. ކޮޓަރީގެ ދޮރުން އަހަރެން ނުކުތީ ވަރަށް މަޑުންނެވެ. އޭރު މަންމަ އޮތީ ހަރަކާތްހުއްޓި ތަޅުންގަނޑު މައްޗަށް ވެށްޓިފައެވެ. އަހަރެންގެ ކޮޓަރީގެ ދޮރާ ދިމާލަށް ލޯހުއްޓިފައި އޮތްއިރު މަންމަގެ ބަނޑާ ދިމާލުން ލޭގެ ކޯރުތައް ފެންނަން ހުއްޓެވެ. ދެން އަހަރެންނަށް ބަލާލެވުނީ ބައްޕައާ ދިމާލަށެވެ. ބައްޕަ ހުރީ އަތުގައި އޮތް ވަޅިއަށް ބަލަހައްޓައިގެންނެވެ. އެވަޅިން ލޭތިކިތައް ފައިބަމުން ދެއެވެ. އަހަރެންނަށް މަންމައާ ދިމާލަށް ދެވުފައި ދެވުނެވެ.

"މަންމާ.. މަންމާ. ލޯހުޅުވަބަލަ. މަންމާ ހޭލަބަލަ" އަހަރެންނަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ. ރޮމުން ރޮމުން މަންމަ ކައިރީގައި އިށީނދެ މަންމަގެ މޫނުގައި ތަޅަން ފެށުނެވެ.

"ބައްޕާ.. މަންމައަށް ކިހިނެއްވީ؟"

"ނި ނި.. ނިދީ. ނިދީ" ބައްޕަ ހުއްޓެމުން ކަހަލަ ގޮތަކަށް ބުންޏެވެ.

"ދަރިފުޅާ މިޝާ.." ބައްޕަ މަންމައާ ދިމާލަށް ގުދުވެލަމުން މަންމަގެ ކޮލަށް ބޮސްދިނުމަށްފަހު އަހަރެންގެ ނިތްކުރިއަށްވެސް ބޮސްދިނެވެ.

"ބައްޕަ ވަރަށް ލޯބިވޭ މަންމަ ދެކެވެސް. މިޝާދެކެވެސް. ބައްޕަ އަށް މަޢާފުކުރޭ" މިހެން ބުނެއަތުގައި އޮތްވަޅި ހިފައިގެން ބައްޕަ ބަދިގޭގެ ބެލްކަނިން ފުންމާލިއެވެ. އިރުކޮޅަކުން ޕޮލިސް ވޭނުގެ އަޑާއި އެމްބިއުލަންސްގެ އަޑު މުޅި ފަޒާގައި ހިފައިފިއެވެ. އަހަރެންގެ ދިރިއުޅުން ވިހައަށް ބަދަލުވެގެން ދިޔައެވެ. ލޯބިވާ މަންމައާއި ބައްޕަ ގެއްލުނީއެވެ. ޕޮލިހުންނަށް އަހަރެން މަންމައާ ދުރުކޮށްލެވުނީ ވަރަށް ހާލުންނެވެ. އަހަރެން އޮތީ މަންމަގެ ގައިގައި ބައްދާލައިގެންނެވެ. އެމޫނުގައި ހިފާލައިގެންނެވެ. ދެން އެދެލޮލުން އަހަރެންނާ ދިމާލަށް ނުބަލާނެ ހެއްޔެވެ؟ އެދުލުން އަހަރެންނާ ދިމާލަށް ދަރިފުޅާއޭ ކިޔާފައި ނުގޮވާނެހެއްޔެވެ؟ އެއަތުގެ ހިމާޔަތް އަހަރެންނަށް ނުލިބޭނެ ހެއްޔެވެ؟ ތިރިއަށް ގެންދިޔައިރު ބައްޕަގެ މަރުވެފައިވާ ހަށިގަނޑު އެމްބިއުލަންސްއަށް އަރުވަނީއެވެ. ބައްޕަގެ އަތް އެނދުން ވެށްޓިފައި އޮތްއިރު އެއަތަށް އަހަރެންނަށް ބަލާލެވުނެވެ. އަހަރެން ހުރީ އެތާ ކައިރީގައި ކަމުން ބައްޕަގެ އިނގިލީގައި ހިފާލެވުނެވެ. ދެން އެ އިނގިލީގައި ހިފާލައިގެން އަހަރެންނަށް ހިނގާލަން ނުދެވޭނެހެއްޔެވެ؟ މިހުރިހާ ކަމެއް ހިތަށް ވެރިވުމުން އަހަރެންނަށް ރޮވެއެވެ. ހިތްފަޅައިގެން ގޮއްސިއެވެ. މުޅި މީހާ ބިކަވެއްޖެއެވެ. އެކަނިވެރިވެއްޖެއެވެ.

އަހަރެންގެ ނަމަކީ މިޝާއެވެ. އަހަރެންނަކީ އުމުރުން ދިހަ އަހަރު ފުރިފައިވާ ޔަތީމަކީމެވެ.

 

ނިމުނީ

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ކާޅު

  ވަރަށް ހަބޭސް

 2. އިޝާ

  ވ އަސަރުގަދަ???

 3. ޝަޢީ

  ރޮއްވާލައިފި

  • Anonymous

   ރޮވޭ ވަރައް އަސަރު ގަދަ އެއް ނޫން..

 4. އ

  ވަރައް އަސަރުގަދަ

 5. ނަންނެތް

  މަންމަ ގޯހީކަމެއް ނޫނީ ނޫން ކަމެއް ނޭންގުނެންނު

 6. ޚިޔާލާ

  ވަޓް އަ އަސަރުގަދަ ވާހަކަ އިސްދިސް .... !