ބޮލީވުޑްގެ ބަތަލް ސަލްމާން ޚާންއަށް މަރުގެ އިންޒާރުތައް ލިބޭތީ އޭނާގެ ސެކިޔުރިޓީ ވަރުގަދަކޮށްފިއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސްއަށް ލިބުނު މައުލޫމާތަކަށް ބިނާކޮށް ސަލްމާން ޚާންގެ ސެކިޔުރިޓީ ވަރުގަދަކޮށްފައިވާއިރު، މިފަހަރުވެސް ސަލްމާން މަރާލާނެ ކަމުގެ އިންޒާރު ދީފައި ވަނީ ގޭންގް ސްޓާރެއްގެ ފަރާތުންނެވެ.

ގޭންގް ސްޓަރ ސަމްޕަތް ނެހްރާގެ ފަރާތުން ސަލްމާންއަށް މަރުގެ އިންޒާރު ދިންއިރު، ދާދިފަހުން ހަރިޔަނާ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ސަލްމާން ޙާން އަށް ލިބުނު މަރުގެ އިންޒާރާއެކު އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކައިރީގައި ފުލުހުން ހަރަކާތްތެރިވަމުން ދެއެވެ. އަދި އޭނާ ޝޫޓީންގއަށް ދާއިރުވެސް، ސެކިޔުރިޓީންގެ ގޮތުގައިވެސް ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަލްމާންއަށް އިންޒާރު ދީފައި ވަނީ ރަޖަސްތާނުގެ ގޭންގއަކުންނެވެ. މިހާރު ސަލްމާން ކައިރީގައި އިތުރު ދެ ބޮޑީގާޑުންވެސް ހަރަކާތްތެރިވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

މިއީ ސަލްމާން އަށް މަރުގެ އިންޒާރު ލިބުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ދުވަސްކޮޅެއް ކުރިން ޕަންޖާބުގެ ގޭންގްސްޓާ ލޯރެންސް ވިޝްނޯއީވެސް ވަނީ ސަލްމާން ޚާނަށް މަރުގެ އިންޒާރު ދީފައެވެ. އެފަހަރުވެސް ސަލްމާންއަށް މަރުގެ އިންޒާރު ދިނުމާއެކު، ފުލުހުން ވަނީ އޭނާގެ ސެކިރުރިޓީ ވަރަށް ވަރުގަދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު