ބައެއް ފަހަރަށް ބައެއް ހޮސްޕިޓަލްތަކުގައި، ފަރުވާ ކުޑަކަމުގެ ސަބަބުން ޚިދުމަތް ނުލިބި ބަލި މީހާގެ ފުރާނައަށްވެސް ނުރައްކާވާ ފަހަރު އާދެއެވެ. ބައެއް ހާލަތްތަކުގައި ވަސީލަތްތައް ނެތި މިފަދަ މައްސަލަތައް ދިމާވާއިރު، އަނެއްބައި ފަހަރު ފަރުވާ ކުޑަވަނީ ޚިދުމަތްދޭން ތިބޭ ޑޮކްޓަރުންނާއި ނަރުހުންނެވެ.

މިއީވެސް އެފަދަ ހާދިސާއެކެވެ. އެގޮތުން ބޯ ފަޅައިގެން ގޮސް ލޭ މަނާ ނުވެ ސީރިއަސް ހާލުގައި އިންޑިއާގެ ޓެމިލްނާޑޫގެ ހޮސްޕިޓަލަކަށް ދިޔަ މީހަކަށް ފަރުވާލަސްވެ ވަނީ މައްސަލަ ހޫނުވެފައެވެ. އޭނާއަށް ފަރުވާ ދިނުން ލަސްވެ ގާތްގަނޑަކަށް ގަޑިއަކަށްވުރެ ގިނައިރު ވެގެން ދިޔައިރު، އޭރުވެސް އޭނާގެ ބޮލުން ގިނަ ޢަދަދަލަށް ލޭ ފައިބައި ހާލު ދިޔައީ އިތުރަށް ގޯސްވަމުންނެވެ.

އެ ވަގުތަކީ އެ ހޮސްޕިޓަލްގައި އެއްވެސް ޑޮކްޓަރެއްވެސް އަދި ނަރުހެއްވެސް ނެތް ވަގުތެވެ. ޑިއުޓީއަށް ފަރުވާކުޑަކޮށްލުމަށްފަހު އެވަގުތު ޑިއުޓީގައި ތިބެންޖެހޭ ޑޮކްޓަރުންނާއި ނަރުހުން ތިބީ ހޮސްޕިޓަލާއި ދުރު ހިސާބެއްގައެވެ.

ޑޮކްޓަރުންނަށް ހޮސްޕިޓަލަށް ނާދެވި، އެ މީހާއަށް ވަމުން ދިޔަ މަންޒަރު ބަލަން ހުރެ ކެތްތެރިކަން ކޮޅުންލީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މީހާއެވެ. އެންމެ ފަހުން ބަލި މީހާއަށް އެހީވާން ޖެހުނީ އޭނާއެވެ. އާދައިގެ ދެރަ ނިކަމެތި އެ މީހާ ވަނީ، އޭނާގެ ބޮލުން ލޭ ފައިބަމުން ދިޔަ ތަން ފަހައިދީ، ދޭންޖެހޭ އަވަސް ފަރުވާ ބަލި މީހާއަށް ދީފައެވެ. މި ހާދިސާއަށްފަހު ގިނަ ބައެއްގެ ތައުރީފު އެ މަސައްކަތު މީހާއަށް ލިބިގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.

މިއީ އިންޑިއާގައި މިފަދަ ހާދިސާއެއް ރިޕޯޓް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އިންޑިއާގެ ފަޤީރު އަވަށްތަކަށް ނިސްބަތްވާ އެތައް ހޮސްޕިޓަލެއްގައި ޑޮކްޓަރުންނާއި ނަރުހުންގެ ޚިދުމަތް ނުލިބޭ މައްސަލަ ފެންމަތިވެފައިވާއިރު، މިގޮތުން ފަރުވާ ނުލިބި ހިތާމަވެރި ހާދިސާތައް ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިމަންނަ

    އަހަރުމެންގެ ހޮސްޕިޓަލުތަކުގައި ނަރުހުންނާ ޑޮކްޓަރުން ތިބެ ތިޔަފަދަ ހާދިސާތައް ހިގާ..