އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ކާމިޔާބު ކަމާއި އެކު އިންޖެނުއިޓީ ހެލިކޮޕްޓަރު އުދުއްސާ ރިކޯޑެއް ހަދައިފިއެވެ.

ހެލިކޮޕްޓަރު ވައިގެ ތެރޭގައި އުުދުހިފައިވަނީ މިނެޓަކަށް ވުރެ މަދު ވަގުތު ކޮޅެއްގައެވެ. ނަމަވެސް، ޖައްވީ އިދާރާއިން މިކަން ފާހަގަ ކޮށްފައިވަނީ މިއީ މި ދުނިޔެއިން ބޭރު ޕްލެނެޓެއްގައި އިންޖީނުލީ އުޅަނދެއް އުދުހިގަތް ފުރަަތަމަ ފަހަރަށް ވުމުންނެވެ.

މާސްގައި ހުރި ސެޓެލައިޓުގެ އެހީގައި އިންޖެނުއިޓީ ހެލިކޮޕްޓަރުގެ އުދުހުން ޔަގީން ވުމާއި އެކު، އެ އިދާރާއިން ނިންމީ ކުރިޔަތް އޮތް ތާންގަ މިފަދަ އެތައް ދަތުރެއް މާސްގައި އުދުއްސުމުގެ މަސައްކަތް ކުރުމަށެވެ.

އިންޖެނުއިޓީ ހެލިކޮޕްޓަރުގެ ހިޔަނި

މާސްއަށް އިންޖެނުއިޓީ ހެލިކޮޕްޓަރު އުފުލާފައިވަނީ ޖައްވީ އިދާރާގެ މައި އުޅަނދު ޕާސިވިއަރެންސް އިން ކުރިއަށް ގެންދާ މިޝަންގެ ބައެއްގެ ގޮތުންނެވެ.

އިންޖެނުއިޓީ ހެލިކޮޕްޓަރު ފަރުމާ ކޮށްފައިވަނީ ސޮލާ ޕެނަލް އާއި ހެލިކޮޕްޓަރުގެ ބަނޑު ދަށުގައި ކެމެރާއަކާއި ސެންސަރެއް ހަރުކޮށްފައެވެ. ހެލިކޮޕްޓަރު އުދުހިފައި 3 މީޓަރު މައްޗަށް އެރިކަމަށް ޖައްވީ އިދާރާއިން ބުނެއެވެ. މިކަން ޔަގީން ވެފައިވަނީ އިންޖެނުއިޓީ ހެލިކޮޕްޓަރުގެ ބަނޑު ދަށުގައިވާ ކެމެރާއިން ނެގިފައިވާ ފޮޓޯއިންނެވެ. ފޮޓޯއިން ފެނިގެން ދަނީ މާސްގެ ބިމަށް އިންޖެނުއިޓީ ހެލިކޮޕްޓަރުގެ ހިޔަނި އެޅިފައި ވަނިކޮށެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ވަނީ މާސްގައި އިންޖެނުއިޓީ ހެލިކޮޕްޓަރު އުދުހޭ މަންޒަރު ފެނިގެންދާ ވީޑިއޯ ކޮޅެއް އާންމު ކޮށްފައެވެ. ދުނިޔެއަށް ވީޑިއޯ ސިގްނަލް ލިބުނު ގޮތުން އެ ވީޑިއޯއިން ފެނިގެންދަނީ ކުއްލިއަކަށް އުދުހިގަނެފައި ހެލިކޮޕްޓަރު މައްޗަށް އަރާ މަންޒަރެެވެ. ވައިގެ ތެރޭގައި 40 ސިކުންތު ހޭދަ ވުމަށް ފަހު ކުއްލިޔަކަށް މާސްގެ ބިމަށް އިންޖެނުއިޓީ ހެލިކޮޕްޓަރު ތިރިކުރިއެވެ.