އޭޕްރީލް 9 ވަނަ ދުވަހު ރިލީޒް ކުރުމަށް ތާވަލު ކުރެވިފައިވާ ޕްރޮޑިއުސަރ އާނަންދު ޕަންޑިތުގެ ފިލުމު ''ޗެހެރޭ'' ރިލީޒް ކުރުން ފަސްކުރެވިފައިވަނީ އިންޑިޔާގެ ކޮރޯނާ ވައިރަސްގެ ދެވަނަ ރާޅާއި އެކު އައި ގަވާއިދުތަކުގެ ސަބަބުންނެވެ.

އިިންޑިއަން އެކްސްޕްރެސް.ކޮމްއަށް ދިން އިންޓަވިއުއެއްގައި އާނަންދު ބުނެފައިވަނީ ފިލުމު ''ޗެހެރޭ'' އަކީ ސިނަމާތަކުގައި ރިލީޒް ކުރަން ޖެހޭ ފިލުމެއް ކަމަށާއި އެއިން އެއް ސަބަބަކީ ރިއާ ޗަކްރަބޯތީއަކީ މި ފިލުމުގެ ބައިވެރިއަކަށް ވާތީ ކަަމަށެވެ.

މި ފިލުމުގެ ޕޯސްޓަރތަކާއި ޓީޒަރ ނެރުނުއިރު ރިއާ ފެންނަން ނެތުމާއި އޭނާގެ ނަން ނެތުމުން އެއީ ފިލުމު ޕްރޮމޯޓް ކުރުމަށް ބޭނުން ކުރި އުކުޅެއްތޯ ސުވާލު ކުރުމުން އާނަންދު ބުނެފައިވަނީ ރިއާގެ މިހާރުގެ ހާލަތުގެ ފައިދާ ނަގަން ބޭނުންނުވާ ކަމަށެވެ.

''ރިއާގެ ނަން ނުހިމެނުން އެއީ މައްސަލައެއް ކަމަކަށް އަހަރެން ނުދެކެން. ރިއާއަކީ މި ފިލުމުގައި ހިމެނޭ 8 އާޓިސްޓުންގެ ތެރެއިން އެކަކު. ރިއާ ވަނީ މި ފިލުމަށް މާކުރިން ސޮއިކޮށް އޭނާގެ ރޯލު ނިންމާފައި. ވަރަށް ރަނގަޅަށް އޭނާގެ ރޯލު ވަނީ ނިންމާފަ. އަދި އަހަރެން ބޭނުމެއް ނުވޭ ފިލުމު ޕްރޮމޯޓު ކުރުމަށް ރިއާއަށް މިހާރު ދިމާވެފައިވާ ހާލަތުގެ ބޭނުން ހިފާކަށް. އެހެންކަމުން ދެވަނަ ޕޯސްޓާގައި ވެސް ރިއާގެ ނަން ބޭނުން ކުރުމަށް ނިންމާފަ އޮންނާނީ. ރިއާއަށް ވަރަށް ކަންތައްތަކާއި ކުރިމަތިވެއްޖެ. އިތުރު ކަންތަައްތަކެއް ކުރިމަތި ކުރުވާކަށް ބޭނުމެއްނޫން. މި ފިލުމުގައި ރިއާ ބައިވެރިކޮށްފައިވަނީ އޭނާގެ ވެސް ރުހުމާއިއެކު'' ޕްރޮޑިއުސަރ އާނަންދު ބުނެފައިވެއެވެ.