މަގުބޫލު ސޮފްޓްވެއަރއެއް ކަމުގައިވާ އެޑޯބްގެ ޕޯޓަބަލް ޑޮކިޔުމަންޓް ފޯރމަޓް (ޕީޑީއެފް) ތަޢާރަފްކުރި ޗާރލްސް ގެސްޗޭ އުމުރުން 81 އަހަރުގައި މަރުވެއްޖެ އެވެ.

މިއީ އެޑޯބް ކޮމްޕެނީއާއި ޓެކްނޮލޮޖީގެ ދުނިޔެއަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް އެ ކުންފުނިން ސިފަ ކުރެއެވެ.

ޗާރލްސްއަކީ އެތައް އަހަރެއް ވަންދެން އެ ކުންފުނީގެ މަގުދައްކާދޭ މީހެއްގެ ހައިސިއްޔަތުން މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމަށް އެޑޯބްގެ ސީއީއޯ ޝަންޓަނޫ ނާރާޔެން ކޮމްޕެނީގެ މުވައްޒަފުންނަށް ފޮނުވި އީމެއިލްއެއްގައި ލިޔެފައިވެއެވެ.

ޗާރލްސްއާއި ޖޯން ވާރނަކް މި ސޮފްޓްވެއަރ ތަޢާރަފްކޮށް އެތައް ބައެއްގެ މަސައްކަތް ލުއިކޮށްދީ ފަސޭހަ ކޮށްދީފައިވެއެވެ. ޒެރޮކްސްގައި އެކުގައި މަސައްކަތް ކުރި ޖޯންއާއި އެކު ޗާރލްސް ޕީޑީއެފް އުފައްދާފައިވަނީ 1982 ވަނަ އަހަރުއެވެ.

އެންމެ ފުރަތަމަ ތަޢާރަފް ކުރެވުނީ އެޑޯބް ޕޯސްޓް ސްކްރިޕްޓްގެ ނަމުގައި ކުރެވުނު ސޮފްޓްވެއަރއެވެ. ލިޔުންތަކާއި ތަސްވީރުތައް ޕްރިންޓް ކުރުމަށް އެހީތެރިވެދޭ ސޮފްޓް ވެއަރއެކެވެ.

ޗާރލްސް ވަނީ އެޑޯބް ކުންފުނީގެ އެތައް ސޮފްޓް ވެއަރއެއް ތަރައްގީ ކުރުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. ޗާރލްސްގެ އިރުޝާދާއި އެހީއާއި އެކު ތަރައްގީ ކުރެވުނު ބައެއް ސޮފްޓް ވެއަރ ތަކަކީ އުބިކިޔުޓަސް، ޕީޑީއެފް، އެކްރޮބަޓް، އިލިސްޓްރޭޓަރ، ޕްރިމިއަރ ފޮޓޯ އެންޑް ފޮޓޯޝޮޕް ކަމަށް އެޑޯބްގެ ސީއީއޯ ޝަންޓަނޫ ބުނެފައިވެއެވެ.

ޗާރލްސް ވަނީ 1984 ވަނަ އަހަރުން 1994 ވަނަ އަހަރަށް އެޑޯބްގެ ސީއީއޯގެ މަގާމް ފުރިހަމަ ކޮށްފައެވެ. އަދި 1989 އަހަރުން ފެށިގެން 2001 ވަނަ އަހަރަށް ކުންފުނީގެ ރައީސްކަން ކޮށްފައެވެ. ޗާރލްސް ރިޓަޔާވެފައިވަނީ 2001 ވަނަ އަހަރުއެވެ.