ބޮލީވުޑްގެ ބަތަލާ ކްރީތީ ސެނަން "ބޭޅިޔާ" ޝޫޓިން ފުރިހަމަކޮށްފިއެވެ.

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ މަގްބޫލު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވަރުން ދަވަން ފެނިގެންދާ ފިލްމް ބޭޅިޔާގެ ޝޫޓިންގް ކުރިޔަށް ގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. މިދިޔަ މަހުގެ ފަހުކޮޅު އަރުނަޗަލް ޕްރަދޭޝްގައި ވަރުން އާއި ކްރީތީ އެކުގައި ފެނިގެންދާ މަންޒަރުތައް ޝޫޓް ކުރަން ފަށާފައިވެއެވެ. ވަރުން އަށް ވުރެ ކުރިން ކްރިތީ ފެނިގެންދާ މަންޒަރުތައް ޝޫޓް ކުރެވި އޭނާގެ ޝޫޓިންގް މިހާރު ވަނީ ނިންމާލައިފިއެވެ.

ކްރިތީ އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފިލްމުގައި ނަގަން ޖެހޭ ހުރިހާ މަންޒަރެއް ނަގައި ނިންމާލާފައިވާ ކަމަށެެވެ. އަދި ދިއްވާލޭ އިން ފެށިގެން ބޭޅިޔާ އާއި ހިސާބަށް އެކުގައި މަސައްކަތް ކުރި ވަރުން މަތިން ވަރަށް ހަނދާން ވާނެކަމަށް ކްރިތީ ބުނެފައިވެއެވެ. އަވަހަށް ދިމާވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، އެންމެން މަތިންވެސް ހަނދާން ވާނެ ކަމަށް ކްރިތީ ބުނެފައިވެއެވެ.

ބޭޅިޔާ އަކީ އަމަރް ކައުޝިކް ޑައިރެކްޓް ކޮށްފައިވާ މަޖާ އަދި ބިރުވެރި މަންޒަރު ތަކެއްް ފެނިގެން ދާނެ ފިލްމެކެވެ. ފިލްމުގެ 90 އިންސައްތަ މަންޒަރުތަކުގެ ޝޫޓިންގް ވަނީ ނިންމާލެވިފައެވެ. ކްރިތީ އާއި ވަރުން ލީޑް އެކްޓަރުންގެ ގޮތުގައި ފެނިގެންދާ މި ފިލްމު ބެލުންތެރިންނާއި ހިސާބަށް ގެނެސްދޭން ނިންމާފައިވަނީ 2022 ވަނަ އަހަރުގެ އެޕްރީލް 14 ވަނަ ދުވަހުއެވެ.

ބޭޅިޔާގެ އިތުރުން ކުރިއަތް ނުކުންނަން އޮތް ފިލްމު ބައްޗަން ޕަންޑޭއިން ވެސް ކްރިތީ ފެނިގެން ދާނެއެވެ.