ގޫގްލްއިން ފިޓްބިން ގަނެލި ފަހުން ފިޓްބިޓްގެ ފުރަތަމަ އުފެއްދުން އިއުލާނުކޮށް ދައްކާލައިފިއެވެ.

ފެޝަން އެކުލަވާލައިފައިވާ ފިޓްނެސް ޓްރެކާ ފިޓްބިޓް ލަކްސް ދައްކާލާފައި ވަނީ ހޯމަ ދުވަހު އެވެ.

ހޯމަ ދުވަހުން ފެށިގެން ޕްރި އޯޑަރަށް 149 ޑޮލަރަށް ލިބޭނެ ކަމަށް ބުނެފައިވާ ފިޓްބިޓް ލަކްސް ފަރުމާ ކޮށްފައިވަނީ ފިޓްނެސް ޓްރެކާ އަކަށް ވުރެ ބޮޑަށް ފަރިޔަށް ބޭނުން ކުރާ ފެޝަން އެއްޗެއްގެ ގޮތުގައެެވެ. ބަލާލަން ރީތިވެފައި، ބޭނުން ކޮށްފައިވަނީ ކުލަ ޑިސްޕްލޭ އެކެވެ.

ފިޓްބިޓް ލަކްސް އަކީ އެޕްލިކޭޝަނެއް މެދުވެރިކޮށް މީހާގެ ހަށިގަނޑުގެ ދުޅަހެޔޮ ކަމާއި ނަފްސާނީ ގޮތުން މީހާ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް އުފައްދާފައިވާ ޓްރެކާ އެކެވެ. ހާޓް ރޭޓާއި، ދުވާލެއްގެ މައްޗަށް ނިދަނީ ކިތައް ގަޑި އިރުކަން ބެލުމުގެ އިތުރުން ފިޓްބިޓް ލަކްސްގެ ސަމާލުކަން ވަނީ ނަފްސާނީ ދުޅަހެޔޮ ކަމަށް ދެވިފައެވެ.

ފިޓްބިޓް އިން ބުނެފައިވަނީ މި އުފެއްދުމުގައި ނޭވާ ލުމުގެ ރޭޓާއި، ސްކިން ޓެމްޕަރޭޗާ، ރެސްޓިންގް ހާޓް ރޭޓާއި އޮކްސިޖެން ސެޗުރޭޝަން ބެލޭނެ ކަމަށެވެ.

"ލަކްސް އުފެއްދުމަށް ޓެކްނޮލޮޖީގެ އެތައް ކަމެއް ހިމަނާފައި ވާނެ. ވަރަށް ރީތިކޮށް ޑިޒައިން ކޮށްފައިވާ ޓްރެކް ޕެޑެއްގުގައި ކުރިން ހަމަ އެކަނި ސްމާޓް ގަޑި ތަކުގައި ހިމެނިފައިވާ ފީޗާސްތައް ހިމަނާފައި ވާނެ. ބޭނުން ވަނީ ދުނިޔޭގެ އެހި ހިސާބު ތަކުގެ މީހުންނަށް ކަމުދާ ގޮތަކަށް ފަރުމާ ކުރަން" ފިޓްބިޓްގެ ވެރިޔާ ބުނެފައިވެއެވެ.

ރަންކުލައާއި، ޕްލެޓިނަމްގެ އިތުރުން މެޓް ގްރެފައިޓް މި ތިން ކުލައިން ފިޓްބިޓް ލަކްސް ލިބެން ހުރެއެވެ.