ރޭ އަޅުކަމަކީ ނުވަތަ قيام الليل އަކީ މުއުމިނުން އެމީހުންގެ ވެރިރަސްކަލާންގެއާ އެކު އެކަހެރިވާ ވަގުތެވެ. ﷲ ގެ ފަޟުލުވަންތަކަމުން އެމީހުންނަށް އެދޭ ވަގުތެވެ. މީގެއިތުރުން މި ވަގުތަކީ ބަލިމަޑުކަމުން ވެސް ދުރުކޮށްދޭ ވަގުތެކެވެ.

މާތްﷲ ރުއްސުންލެއްވި އަބުއްދަރްދާގެ އަރިހުން އިމާމު އަޙްމަދާއި އައްތިރްމިޛީއާއި އަލްބައިހަޤީއާއި، އައްޠަބަރާނީއާއި އިބްނު ޚުޒައިމާއާއި، އަލްޙާކިމު ރިވާކުރެއްވި ޙަދީސެއްގައިވެއެވެ. ރަސޫލުﷲގެފާނު ވިދާޅުވިއެވެ. (عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنْ الْإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنْ الْجَسَدِ) "ތިޔަބައިމީހުންގެ މައްޗަށް قيام الليل (ރޭއަޅުކަންކުރުން) ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ ކުރީގެ ޞާލިޙުންގެ އާދައެކެވެ. ހަމަކަށަވަރުން قيام الليل އަކީ ﷲގެ ޙަޟްރަތާ ކުއްތަންކުރުވާ، ކުށްފާފަތައް ނަހީކުރާ، ފާފަތައް ފުހެލައި، އަދި ހަށިގަނޑާ ދުރަށް ބަލިމަޑުކަން ފައްސާލައި ކަމެކެވެ."

ރޭ އަޅުކަމުގެ ސަބަބުން ބަލިމަޑުކަމުން ދުރުކޮށްދެއެވެ.

ރޭ އަޅުކަމަކީ ނުވަތަ قيام الليل އަކީ ހުޅުތަކުގެ ފަރުވާއެކެވެ. އެއީ ނަމާދުގައި ކުރެވޭ ޙަރަކާތްތަކާއި ވުޟޫކުރާއިރު ގުނަވަންތައް މަޑުމަޑުން މާލިސްކުރެވޭތީއެވެ.

قيام الليل އަކީ ހަށިގަނޑުގައި އުފެދޭ ޓްރައިގްލިސެރައިޑްސް ސަރުބި ހަށިގަނޑުން މަދުކޮށްދޭ ކަމެކެވެ.

قيام الليل އަކީ ހިތަށް ޙަމަލާއައުމާއި ސިކުޑިއަށް ސްޓްރޯކް ޖެހުން މަދުކޮށްދޭކަމެކެވެ. އެއީ ހާރުދަމުގައި ސާފު އޮކްސިޖެން ހުންނަ ވައި ނޭވާލުމަށް ލިބޭނެތީއެވެ.

قيام الليل އަކީ ހަދާން ވަރުގަދަކޮށްދޭ ކަމެކެވެ. އެހެންކަމުން ޑަކްޓަރުން ބުނާގޮތުގައި قيام الليل ގެ ސަބަބުން އެލްޒަމިއަރ ބަލިން ރައްކާތެރިކަން ލިބޭނެއެވެ.