(ބާވީސްވަނަ ބައި)

"ލައްބަ! އެކަމަކު އަޅުގަނޑު މި ވަގުތު އޮފީހަށް ގޮސްލަނީއޭ!" އަލީފް ބޫޓަށް އަރައި ތައްޔާރުވެލިއެވެ. "ކޮންމެވެސް އެހެން ގަޑިއެއްގައި ވެގެން އުޅޭ ގޮތް ބައްޕަމެންނާ ހިއްސާކުރާނަން."

"މުހައްމަދު! އަހަރެންނަކަށް ހިޔެއްނުވޭ އަލީފް ގޯސް ކަމެއް ކޮށްގެން އުޅޭހެންނެއް!" އަލީފް ބޭރަށް ނުކުތުމާއެކު މަރިޔަމް ވާހަކަ ފެށިއެވެ.

"އެކަމަކު، މިހާރަކަށް އައިސް އޭނާ އެހުންނަނީ ހޭލިމޭލިވެފަ!" މުހައްމަދު ގާތަށް ރުޅި އަންނަ ގޮތްވިއެވެ. "މަރިޔަމަކަށް ނޭނގޭނެ! އަހަރެމެންގެ ހުރި ހަމައެކަނި ދަރިފުޅު އުޅޭ ނޫޅޭ ގޮތް އަހަރެމެން ޖެހޭނެ ބަލަން."

"ނިކަން ހަމަޖެހިބަލަ! އަހަރެންނަށް ހީވަނީ އަލީފް ކޮންމެވެސް އަންހެންކުއްޖަކާ ދޭތެރޭ ވިސްނާހެން." މަރިޔަމް ވާހަކަދެއްކީ އޭނާގެ ތަޖުރިބާތަކުގެ މައްޗަށް ބުރަވެގެންނެވެ.

"ނަތާޝާ! އަހްލާމް ނުނިންމައި ހުރި މަސައްކަތްތައް ހަމަޔަކަށް ގެނައީތަ؟" އަލީފް ވަންނަމުން ނަތާޝާއާ ދިމާއަށް ބަލައިލިއެވެ.

"ލައްބަ! ސަރ!" އެގޮތަށް އަލީފް ނަތާޝާއާ ވާހަކަދެއްކުމުން އޭނާ ރަކިވިއެވެ.

"އަހަރެންގެ މޭޒުމައްޗަށް އެ ލިޔުންތައް ގެނެސްދީބަލަ!" އަލީފް އޭނާގެ ކޮޓަރިއަށް ވަނެވެ.

"ލައްބަ! ސަރ!" ނަތާޝާ ވީ އުފަލެއްގެ ބޮޑުކަމުން އިނދެވުނު ތަންވެސް ހަނދާން ނެތުނު ކަހަލައެވެ.

"އޭ! ކިހިނެއްވީ؟ މާ ވަރަކަށް ތި އުފާވަނީ؟" ލުކްޝާން އޮފީހަށް ވަދެގެން އައިސް ނަތާޝާގެ މޭޒު ކައިރީގައި ހުއްޓުނެވެ.

"ޖަސްޓް ލައިކް އޮލްޑް ޓައިމްސް!" ނަތާޝާ އަހްލާމްގެ މޭޒުމަތީގައި ހުރި ކަރުދާސްތައް މެޔާލައި ބޮނޑިކޮށްލިއެވެ. "އައި ތިން އަލީފް ވިލް ލަވްސް މީ ސޫން."

"އެހެންތަ!" ލުކްޝާންގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ.

"އެންޑް އައި ފީލް ސޮރީ ފޮރ އަހްލާމް!" ނަތާޝާ އަލީފްގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. "ނަވް އައި ނީޑް ޓު ސީ މައި ލަވް. ލެޓަރ ލުކޭ!"

މޭޒުމަތީގައި ނިންމަން ހުރި މަސައްކަތްތަކަށް އަލީފް ބަލައިލިއެވެ. ހަފްތާއެއްގެ ތެރޭގައި ގިނަ މަސައްކަތްތަކެއް އޭނާގެ މޭޒަށް ގިނަވެގެން ދިޔައީ މަސައްކަތްކުރުމުގެ މާހައުލުގައި އޭނާ އުޅެން ބޭނުން ނުވުމުގެ ސަބަބުންނެވެ. އެހާ މުރާލިކޮށް އުޅެފައި، ކުއްލި ގޮތަކަށް އަހްލާމް އޮފީހަށް ހާޒިރުނުވުމުގެ ސަބަބުން އޭނާ މާ ބޮޑަށް ފިކުރުކުރަނީއެވެ. އެކަމާ ދޭތެރޭގައި އޭނާއަށް ވިސްނެނީއެވެ.

އަލީފް މޭޒުގެ ވަތްގަނޑު ދަމައިލިއެވެ. އެޔާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ދަތިގަނޑެކެވެ. އެއީ އަހްލާމްގެ އިސްތަށިގަނޑު ހިފަހައްޓަން ބޭނުން ކުރި ދަތިގަނޑެވެ. އެ ދަތިގަނޑު އޭނާއަށް ލިބުނީ ނަފާޒާގެ ސަބަބުންކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެ ރޭގައި އަހްލާމްމެން ޖެހި ސަކަރާތް އަލީފް ނޭނގޭ ކަމަށް ހެދީއެވެ. އެހެނަސް މިއަދު އެކަމާ، އޭނާއަށް ހިތާމަކުރެވެނީ އަހްލާމް ވީނުވީއެއް ނޭނގި ގެއްލިފައި ވާތީއެވެ.

"އަލީފް ސަރ!" ނަތާޝާ ދޮރުގައި ޓަކިދީފައި ދޮރު ހުޅުވައިލިއެވެ.

"ޔޭސް! ވަންނަވާ!" އަލީފް ދިޔައީ ސިއްސައިގެންނެވެ.

"މިހިރީ ޑޮކިއުމަންޓްތައް!" ނަތާޝާ އަލީފްގެ މޭޒު ކައިރިއަށް އައެވެ.

"މޭޒު މަތީގައި ބަހައްޓަވާ!" އަލީފް މޭޒުގެ ވަތްގަނޑު އަވަސް އަވަހަށް ލައްޕާލިއެވެ.

"އެންމެ ރަނގަޅު!" ނަތާޝާ އަލީފްގެ ކޮޓަރިން ނުނިކުމެ ހުރުމުން އަލީފް ނަތާޝާއާ ދިމާއަށް ބަލައިލިއެވެ.

"އަޅުގަނޑު... ވާހަކައެއް... ބުނެލަން... ބޭނުން..!" ނަތާޝާއަށް ވާހަކަދެއްކުނީ ގަދަކަމުންނެވެ.

"އެއީ ކޮން ވާހަކަ..." އަލީފް ބުނަން އުޅުނު ޖުމުލަ ފުރިހަމަ ނުކުރެވުނީ، އޭނާއަށް ވަރަށް މުހިއްމު ކޯލެއް އައުމުންނެވެ.

"އަޅުގަނޑު މި ކޯލް ނެގިއަސް އެންމެ ރަނގަޅުތޯ؟" އަލީފް ނަތާޝާގެ ކިބައިން ހުއްދައަށް އެދުނެވެ. "ހަލޯ! ޒާހީ ކީކޭ؟"

"އަހަރެމެން ބަލައިފިން ކެމެރާތައް!" ޒާހީ ހުރީ ކަންބޮޑުވެފައެވެ. "ކަން ދިމާކުރި ގޮތުން އަހްލާމްގެ ގެ ހުންނަނީ ކެމެރާއެއް ހަރުކޮށްފައި ހުރި ހިސާބަކު ނޫން!"

"އެހެންތަ!" އަލީފްގެ ކަރު އެލުނެވެ.

"އެކަމަކު! އަދި ގޮތެއް ހުހެއް ނުވޭ!" ޒާހީ އެހެން ޚިޔާލެއް އަލީފަށް ދިނެވެ. "ބައިވަރު ގޮތްތައް އެބަހުރި. އެކަންކަން އެންމެ ފަސޭހައިން ކާމިޔާބުވާނީ އަލީފްމެންގެ އެއްބާރުލުން ލިބިގެން."

"އަހަރެންގެ އެއްބާރުލުން ލިބޭނެ!" އަލީފް ހުރީ އަހްލާމް ހޯދުމަށްޓަކައި ކޮންމެ ފަދަ ޤުރުބާނެއްވެސް ވާން ތައްޔާރަށެވެ. "އެހެންވީމަ، އަހަރެން ކިހިނެއް ހަދަންވީ؟"

"ހުރިހާ ވާހަކައެއް ފޯނަކުން ނުދެއްކޭނެ!" ފޯނުން އެ ހުރިހާ ވާހަކައެއް ދެއްކުމަށްވުރެއް ރަނގަޅުވާނީ މޫނާއި މޫނު ދިމާކޮށް ވާހަކަދެއްކުމުން ކަމުގައި ޒާހީ ބުންޏެވެ. "ހިނގާ ދިމާކޮށްލަން! އޭރުން ހުރިހާ ވާހަކައެއްވެސް ކިޔައި ދެވިދާނެ!"

"އެންމެ ރަނގަޅު! ކުރިން ދުވަހު ދިޔަ ތަނަށް އަހަރެން މި ދަނީ!" ޒާހީ ކޯލު ކަނޑައިލާ މޭޒުމަތީގައި ފޯނު ބޭއްވިއެވެ. "ސޮރީ! ނަތާޝާ ކީކޭ ބުނަން އުޅުނީ؟"

"މީ... އެއީ ވާހަކައެއް ނޫން!" ނަތާޝާ ބުނަން އުޅުނު ވާހަކަ ބުނަން، އޭނާ ފަސްޖެހުނެވެ. "އެ ވާހަކަ ފަހުން ބުނެވިދާނެ! އަޅުގަނޑަށް ހީވަނީ އަލީފް މުހިއްމު ކަމަކަށް އެޓެންޑްވާން ބޭނުންވާހެން."

"އާނ! ޔޭސް!" އަލީފް ކުއްލިއަކަށް ހަނދާންވިއެވެ. "ބޭރަށް ގޮސްލާފަ އެބަ އަންނަން!"

އަލީފް އަތްމަތި އަވަސްކޮށް، މޭޒުމަތީގައި ހުރި ލިޔެކިޔުންތައް ހަމަޔަކަށް އަޅުވާލިއެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުން ހީވަނީ ކޮންމެވެސް ހައްސާސްކަމެއް ވެގެން އުޅޭ ހެންނެވެ. އެ މަންޒަރު ބަލަން ނަތާޝާ ހުރި ތަނުގައި ގަނޑުވެފައި ހުރީ ދެ ލޯ ބޮޑުވެފައެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގެއެވެ. އަލީފް ސައިކަލު ތަޅުދަނޑިފަތި ހިފައިގެން ނުކުމެގެން ދިޔައީއެވެ.

ދޮރު ލެއްޕުނު އަޑަށް ނަތާޝާ ސިއްސައިގެން ދިޔައެވެ. އޭރު އަލީފް އޮފީހުން ނުކެމެގެން ހިނގައްޖެއެވެ. ނަތާޝާ އަލީފްގެ ކޮޓަރީގެ އެކި ދިމަދިމާއަށް ވަރަށް ފުރިހަމައަށް ނަޒަރު ހިންގައިލިއެވެ. މޭޒުމަތީގައި ހުރި ލިޔެކިޔުންތައް ފިޔަވައި މުޅި ކޮޓަރި ހުރީ ނިކަން ސާފުކޮށް ހުސްކޮށެވެ. ހުރިހާ އެއްޗެއްވެސް ހުރީ ނިކަން ތަރުތީބުކޮށެވެ.

ނަތާޝާ މަޑުމަޑުން ގޮސް އަލީފްގެ ގޮނޑީގައި އިށީދެލައި ފުން ނޭވާއެއް ލިއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ، އަލީފް އަވަސް އަވަހަށް ލެއްޕި ވަތްގަނޑެވެ. ނަތާޝާއަށް މިކުރެވެނީ ކީއްކަމެއް ނޭނގި އެ ވަތްގަނޑު ހުޅުވާލިއެވެ. އެޔާއެކު އޭނާގެ އަނގަ ތަން މިނަށް ހުޅުވުނެވެ. އިޚްތިޔާރުން ބޭރުގައި ނަތާޝާ ވަތްގަނޑުގައި އޮތް ދަތިގަނޑު ނެގިއެވެ. އޭނާ އެޔަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.

(ނުނިމޭ)