އޮންލައިން ޕްލެޓްފޯމްތަކުގައި ހަނގާ ކުރުމާއި، އެކި ގޮތް ގޮތުން ފުރައްސާރަ ކުރުން ހުއްޓުވުމަށް އިންސްޓަގްރާމުން އާ ޓޫލެއް ބޭނުން ކުރަން ނިންމައިފިއެވެ. އިންސްޓަގްރާމުން މި ޓޫލް ކުރިއަށް އޮތް ހަފްތާގައި ތައާރަފްކުރަން ވަނީ ނިންމައިފައެވެ.

އެގޮތުން އިންސްޓަގްރާމުން ފުރައްސާރަ ކުރުމަށް އިބާރާތެއް ނުވަތަ އިމޯޖީއެއް ޑައިރެކްޓް މެސެޖްގެ ގޮތުގައި ފޮނުވައިފި ނަމަ އެ މެސެޖެއް ބްލޮކް ކުރެވޭނެއެވެ. އަދި އެމީހަަކު އާ އެކައުންޓެއް ހަދައި މެސެޖް ކުރަން މަސައްކަތް ކުރާ ނަމަ އެ އެކައުންޓެއް ވެސް ބްލޮކް ކުރެވޭނެއެވެ. ފުރައްސާރައިގެ އިބާރާތްތަކާއި، އިމޯޖީ ހިމަނައިގެން މެސެޖް ކުރާނަމަ ވަގުތުން މެސެޖް ރިކުއެސްޓް ބަޔަށް މެސެޖް ފޮނުވާލެވޭނެއެވެ. މި ޓޫލް ބޭނުން ކުރުމުގައި އަމިއްލައަށް ބޭނުންވާ ބަސްތަކާއި އިމޯޖީތައް ލިސްޓަށް އިތުރު ކުރުމުގެ އިހްތިޔާރު އިންސްޓަގްރާމް ބޭނުން ކުރާ މީހުންނަށް ލިބިގެންވެެއެވެ.

ހިޑެން މެސެޖުގެ ދަށުން އިންނަ މި ޓޫލް އަކީ 'އޮން' 'އޮފް' ކުރެވޭ ގޮތަށް އެކުލަވާލައިފައިވާ ފީޗާއެކެވެ.

އިންސްޓަގްރާމުން ބުނީ މެސެޖުތައް ރެކުއެސްޓް ފޯލްޑާއަށް ފޮނުވާލި ނަމަވެސް، މެސެޖް ކިޔުމުގެ ފުރުސަތާއި، ޑިލީޓު ކުރުން އަދި ރިޕޯޓު ކުރުމުގެ ފުރުސަތު ވެސް ލިބިގެންވާ ކަމަށެވެ. މިއީ ހައި ޕްރޮފައިލް މީހުންނަށާއި، މަޝްހޫރު ފަަންނާނުންނަށް ހާއްސަ ކޮށްފައިވާ ޓޫލެކެވެ.

އިންސްޓަގްރާމުން ބުނީ އަންނަ މަހު ތެރޭގައި މަދު ގައުމުތަކަަކަށް މި ފީޗާ ބޭނުން ކުރެވޭ ގޮތަށް ހަދައި، މާ ގިނަ ދުވަހެއް ނުވެ ހުރިހާ ގައުމުތަކެއްގައި ބޭނުން ކުރެވޭ ގޮތް ހަދާނެ ކަމަށެވެ.