މިދިޔަ އަންގާރަ ދުވަހު ކޮވިޑު-19 ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމުން އަނިލް ކަޕޫރުގެ އުމުރުފުރާއަށް ވެކްސިންދޭން އަދި ނުފަށާކަމަށް އަނިލް ކަޕޫރުގެ ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ކަޕޫރު ބުނެފިއެވެ.

ވެކްސިން ޖަހާ ފޮޓޯއެއް އަނިލް ކަޕޫރުގެ އިންސްޓަގުރާމުގައި ހިއްސާކޮށް ބުނެފައިވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހީކަމަށެވެ. މި ފޮޓޯއަށް ކޮމެންޓްކޮށް އަނިލް ކަޕޫރުގެ ދަރިފުޅު ހަރްޝްވަރްދަން ވަނީ އަނިލް ކަޕޫރުގެ އުމުރާއި މެދު ސުވާލު އުފައްދާފައެވެ.

އުމުރާއި ބަލާފައި އަނިލް ކަޕޫރު ހުންނަ ޒުވާންކަމުން ހަރްޝްވަރްދަން ބުނި މި ބުނުމަށް އެތައް ބަޔަކު ވެސް ތާޢީދުކޮށް ކޮމެންޓު ކޮށްފައިވެއެވެ.

އުމުރުން 45 އަހަރުން މަތީގެ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒު ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އުމުރުން 64 އަހަރުގެ އަނިލް ކަޕޫރު ވެސް ވަނީ މި ވެކްސިން ޖަހާފައެވެ.

ނަމަވެސް ހަރްޝް ބުނެފައިވަނީ އަނިލްއަށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހުނީ ކިހިނެއް ހެއްޔެވެ؟ އަދި މިހާރު ވެކްސިން ޖަހަނީ އުމުރުން 45 އަހަރުން މަތީގެ މީހުންނަށް ކަމަށާއި އަނިލް ކަޕޫރު އުމުރުގެ މީހުންނަށް ވެކްސިން ދޭން ފަށަނީ މެއި މަހު ކުރީކޮޅު ކަމަށެވެ.

އިންޑިޔާގެ ސަރުކާރުން ވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެެކްސިން މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ދިނުމަށް ހަމަޖައްސައިފައެވެ.

ހަރްޝްގެ މި ކޮމެންޓަށް ތާޢީދުކޮށް ކޮމެންޓްކޮށްފައިވާ ފަރާތްތަކުން ބުނެފައިވަނީ އަނިލް ކަޕޫރު ވެކްސިން ޖެހީ އަދި މާއަވަހަށް ކަމަށެވެ. އަދި ދެވަނަ ޑޯޒުގެ ވެކްސިން ޖަހަން އުމުރު ހަމަނުވާ ކަމަށް ވެސް ބައެއް ސަޕޯޓަރުން ބުނެފައިވެއެވެ.