އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރަންޖެހުމުން ބޮލީވުޑުގެ ގިނަ ފަންނާނުންނަކީ އެންމެ ކުރީ ސަފުގައި ފާހަގަ ކޮށްލެވޭ ބައެކެވެ. އޭގެތެރެއިން ވެސް ބޮލީވުޑުގެ ސްޕަރ ސްޓަރ ސަލްމާން ޚާނަަކީ މިކަމުގައި އަރައިހުންނަ އެކަކެވެ.

އެގޮތުން މިދިޔަ އަހަރު އިންޑިޔާގައި ކޮވިޑް-19ގެ ފުރަތަމަ ފުރަބަންދާއިއެކު ވެސް ސަލްމާން ޚާން ވަނީ ''ބީން ހަންގްރީ'' ގެ ނަމުގައި ފުޑް ޓްރަކްތަކުން އެތައް ބަޔަކަށް ކާނާ ފޯރުކޮށްދީފައެވެ. އަނެއްކާ ވެސް އިންޑިޔާގައި ކޮވިޑްގެ ހާލަތު ދަށްވެ ގައުމަށް ބިރުވެރިކަމާއި ދަތިކަން އައިސްފައިވާ މި ދުވަސްވަރު، ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކާނާ ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން އޭނާ މި ވަނީ ފާޅުކޮށްފައެވެ.

ޔޫވާ ސެނާ ލީޑަރ ރާހޫލް ކަނަލް ބުނެފައިވަނީ ކޮވިޑްގެ ކަންތައްތަކުގައި މަސައްކަތް ކުރައްވާ ޕޮލިސް އޮފިސަރުންނާއި ބީއެމްސީ މުވައްޒަފުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. ފުރަބަންދުގެ ސަބަބުން ކުރީ ސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ކާބޯތަކެތި ހޯދުމުގައި ދަތިތަތަކާއި ކުރިމަތިވާނެ ކަމަށާއި އެހެންވެ އެމީހުންނަށް އެހީވުމުގެ ގޮތުން ފުޑް ކިޓް ފޯރުކޮށްދެނީ ކަމަށް ބުނެފައި ވެއެވެ.

މި ފުޑް ކިޓްގައި ހިމެނޭ ބާވަތްތައް ހާމަކުރަމުން ރާހޫލް ބުނެފައިވަނީ މިއީ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ސަލްމާން ޚާން އަދާ ކުރާ ޝުކުރު ކަމަށެވެ. އެމީހުން އެކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ސަލްމާން ޚާންގެ ފުޑް ކިޓްތައް ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފޯރުކޮށްދޭނީ މެއި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކަމަށް ވެސް ރާހޫލް ބުނެފައިވެއެވެ.