ސުކޫލު ދައުރުން ފެށިގެން ހަށިގަނޑު ބަރުކޮށް ހުންނަ ބަތަލާ ސޮނާކްޝީ ސިންހާ އޭނާގެ ފުރަތަމަ ފިލުމަށް ހަށިގަނޑުން 95 ކިލޯއިން 30 ކިލޯ ލުއި ކޮށްލި ނަމަވެސް އެތައް ބައެއްގެ ފާޑުކިޔުންތައް ލިބިގެން ދިޔައެވެ. 30 ކިލޯ ލުއި ކުރުމުން ވެސް އެޅިފައިވާ ''ފަލަ'' އިގެ ލޭބަލް ނުނެއްޓުނެވެ.

މީހުންގެ ފާޑުކިޔުންތަކާއި ފުރައްސާރަ ކުރުންތަކަށް ބީރު ކަންފަތެއް ދިން ނަމަވެސް ހަށިގަނޑަށް ބަދަލެއް ގެނައުމަށް ސޮނާކްޝީ ވަރަށް މަސައްކަތް ކޮށްފައިވެއެވެ. ކަސްރަތު ކުރުމާއި ޑައިޓު ކުރުމުގައި ސޮނާކްޝީ ކުރަމުންދާ މަސައްކަތްތައް އޭނާ ދަނީ އޭނާގެ މީސް މީޑިޔާ އެކައުންޓް ތަކުގައި ހިއްސާ ކުރަމުންނެވެ.

މިދިޔަ އަންގާރަ ދުވަހު ސޮނާކްޝީގެ އިންސްޓަގުރާމު އެކައުންޓުގައި އޭނާ ކަސްރަތު ކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ބުނެފައިވަނީ ސޮނާކްޝީއަށް ''ޑަބްލިޔުއެޗްއެފް'' ގެ މާނައަކީ '' ވަރކްއައުޓް ފްރޮމް ހޯމް'' ކަމަށެވެ. މުމްބާއީ ފުރަބަންދު ކުރި ނަމަވެސް އޭނާގެ ކަސްރަތު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ދޭހަވަނީ ޕޯސްޓުކޮށްފައިވާ ފޮޓޯއިންނެވެ.

ސޮނާކްޝީގެ މި ފޮޓޯގައި އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލުގެ ސަބަބުން އޭނާގެ ފޮލޯވަރުންނާއި ސަޕޯޓަރުންނަށް ހައިރާންކަމެއް ލިބުނެވެ. ''ފަލަ'' އިގެ ލޭބަލް އެޅިފައިވާ ސޮނާކްޝީގެ ހަށިގަނޑު ލޫޅާފަތިކޮށްލާފައިވެއެވެ.

ސޮނާކްޝީގެ މި ފޮޓޯއަށް އެތައް ބަޔަކު ވަނީ ކޮމެންޓް ކޮށްފައެވެ. އެއީ މުޅިން އެހެން ސޮނާކްޝީއެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ސޮނާކްޝީގެ ޑުބްލިކޭޓެއް ކަމަށެވެ. ސޮނާކްޝީގެ މި ފޮޓޯއަށް އޭނާގެ ޓުރެއިނަރ ނަމްރަތާ ޕްރޯހިތު ވެސް ވަނީ ކޮމެންޓް ކޮށްފައެވެ.