އެމެރިކާގެ އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ޒަރިއާ ހާޓްޒޮކް ސްކޫލުން ގެއަށް އެނބުރި ދިޔަ މަގުމަތީގައި ގެއާއި މާދުރު ހިސާބަކަށް ބަހުން ފޭބި، ގެއަށް ދާނެ ގޮތެއް ނޭނގި މަގު އޮޅި އެތައް އިރަކު މަގުމަތީގައި މަޑުކުރަން ޖެހުމުން ބަސް ދުއްވާ ކުންފުންޏާއި ދެކޮޅަށް ކުއްޖާގެ މަންމަ ދައުވާ ކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޒަރިއާ އަށް ބަހުން ފޭބުނީ ގެއާއި 10 ބްލޮކް ދުރަށެވެ. އެހެންކަމުން ގެއަށް ދާނެ ގޮތެއް ނޭނގި އޭނާ އެތައް އިރަގު މަގުމަތީގައި ހިނގަން ޖެހުނެވެ.

ޒަރިއާގެ މަންމަ އެޑްރީނާ މީޑިއާ އަށް މައުލޫމާތު ދިން ގޮތުގައި ދަރިފުޅު ގެއަށް އައުން ލަސްވެގެން ފުރަތަމަ އޭނާ ގުޅީ ސްކޫލަަށެވެ. ސްކޫލުން ދަރިފުޅު ގެއަށް ދިއުމަށް ބަހަށް އެރިކަމަށް ބުނި ކަމަށް އެޑްރީނާ ބުންޏެވެ. އަދި ސްކޫލް މެދުވެރިކޮށް ބަހަށް ގުޅިއިރު ބަސް ޑްރައިވަރު ޑިއުޓީ ނިންމާފައި ގެއަށް ހިނގައްޖެ ކަމަށް އޭނާ ކިޔައި ދިނެވެ.

އެހިސާބުން އެޑްރީނާ ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ. އަދި ފަހުން ބަސް ޑްރައިވަރާއި ސުވާލު ކޮށްގެންނާއި ފުލުހުން ހޯދި އިތުރު މައުލޫމާތުތަކަށް ބަލާ ޒަރިއާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފެށިއެވެ.

ގިނަ އިރުތަކެއް ފަހުން ޒަރިއާ ފެނުނު އިރު އޭނާ އަށް ގެއަށް ދާން ނޭނގިގެން ވަރަށް ގަދައަށް ރޮއެފައިވާ ކަމަށް މަންމަ ބުންޏެވެ.

ޒަރިއާގެ މައިންބަފައިން މިހާރު ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައި ވަނީ ދަރިފުޅަށާއި މައިންބަފައިންނަށް ލިބުނު ނަފްސާނީ ގެއްލުމާއި، މިކަމުގައި ސްކޫލް ބަސް ދުއްވާ ކުންފުނި އިހުމާލުވެފައިވާތީ އެކަމުގެ ބަދަލު ވެސް ހިމެނޭ ގޮތައް ނުވަ މިލިއަން އެމެރިކާ ޑޮލަރު (139 މިލިއަން ދިވެހި ރުފިޔާ) ނަގައި ދިނުމަށެވެ.

މިމައްސަލަ ސްކޫލުން ވެސް ތަޙްޤީޤުކޮށް ބަސް ޑްރައިވަރު ވަނީ ހަމަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު