އޮސްޓްރޭލިއާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު އޮންލައިންކޮށް ގަތް ބުއިމެއް ބޭނުން ކުރުމުގެ ސަބަބުން މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިމަހުގެ 08 ވަނަ ދުވަހު ސިޑްނީގެ އަންހެން ކުއްޖާ އޮންލައިންކޮށް ގަނެގެން ގެއަށް ގެންދިޔަ ބުއިމުގައި ގިނަ އަދަދެއްގެ ބަނގުރާ އެކުލެވިފައިވާ ކަމަށެވެ. އެބުއިމުގެ ސަބަބުން ކުއްޖާ މަރުވީ ކީއްވެކަން އަދި ޔަގީންކަމާއި އެކު ބުނާކަށް ނެނގެއެވެ.

ނަމަވެސް ފުލުހުން ބުނީ ކުއްޖާގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުގެ ފުރަތަމަ ނަތީޖާ އިން ދައްކާ ގޮތުގައި އަންހެން ކުއްޖާގެ ހަށިގަނޑުގައި ވަރަށް މަތީ މިންވަރަކަށް ބަނގުރަލުގެ އަސަރު ހުއްޓެވެ.

މަރުވި އަންހެން ކުއްޖާގެ ނަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އަންހެން ކުއްޖާ އެބުއީ ގޭގައި އެކަނި ހުރެ ކަމަށެވެ. އާއިލާ މީހުން ގެއަށް އައިއިރު އަންހެން ކުއްޖާ އޮތީ ހޭނެތިފައެވެ.

ފުލުހުން ބުނީ އަންހެން ކުއްޖާ ގަސްދުގައި ބަނގުރާ އޮންލައިންކޮށް ގެއަށް ގެނެސް އިތުރު އެއްޗަކާއި އެއްކޮށްގެން ބޮއެފައި ވުން އެކަށީގެންވެއެވެ. އެއީ ބަނގުރާ ވިއްކާ ފިހާރަތަކުން އެއުމުރުގެ ކުއްޖަކަށް ބަނގުރާ ނުވިއްކާނެތީއެވެ.

ނުވަތަ އޮންލައިންކޮށް ގަތް ބުއިމުގައި ހުރި ގޮތް ނޭނގޭ އެއްޗެއްގެ ސަބަބުން އޭނާ މަރުވުން ވެސް އެކަށީގެންވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިމައްސަލަ ތަޙްޤީޤު ކުރަމުން ދާއިރު އަންހެން ކުއްޖާ އަށް ބުއިން ވިއްކި މީހާ ހޯދުމުގެ މަސައްކަތް ވެސް ފުލުހުން މިހާރު ގެންދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ އަންހެން ކުއްޖާގެ ގެއިން ފެނުނު ތަށިން ސާމްޕަލް ނަގާފައިވާ ކަމަށާއި އަދި އަންހެން ކުއްޖާގެ ޕޯސްޓްމޯޓަމް ވެސް މިހާރު ހަދާފައިވާ ކަމަށެވެ. ތަޙްޤީޤަށް އިތުރު ކުރިއެރުމެއް ލިބޭނީ އެރިޕޯޓްތަކުގެ ނަތީޖާ ލިބުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު