15 އަހަރުވަންދެން ވަޒީފާ އަށް ނުނިކުމެ ބަރާބަރަށް މުސާރަ ހޯދަމުންދިޔަ އިޓަލީ މީހަކު ހައްޔަރުކޮށްފި އެވެ.

އިޓަލީގެ ހޮސްޕިޓަލެއްގައި ވަޒީފާއަދާކުރާ މީހަކު 15 އަހަރުވަންދެން ވަޒީފާ އަށް ނުނިކުމެ ބަރާބަރަށް މުސާރަނަގަމުން ދަނިކޮށް އެކަން ފަޅައި އަރައި ހައްޔަރުކޮށްފި އެވެ.

އިޓަލީގެ ލޯކަލް ހަބަރުތަކުން މައުލޫމާތުދޭގޮތުގައި މި ހާދިސާ ހިނގާފައި ކަޓަންޒާރޯގެ ސިޔާޝިއޯ ހޮސްޕިޓަލުގައި އެވެ. އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އެމީހާ ވަޒީފާއަށް ނުކުތުން ހުއްޓާލީ 2005 ވަނަ އަހަރުގައި އެވެ.

ވަޒީފާއަށް ނުނިކުމެ ބަރާބަރަށް މުސާރަނަގާތާ އެތައް އަހަރުވެފައިވާ މީހަކު ހައްޔަރުކޮށް އިޓަލީގެ ކަމާބެހޭފަރާތްތަކުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އެޤައުމުގެ ފުލުހުން ވަނީ އޭނާގެ މައްޗަށް ފްރޯޑު ކުރުން ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތާއި އޮފީހުގައި ނަހަމަގޮތުގައި ހުރުމުގެ ތުހުމަތު ކޮށްފަ އެވެ.

އިޓަލީގެ މީޑިޔާތަކުން ރިޕޯޓުކުރާގޮތުގައި 15 އަހަރުވަންދެން ވަޒީފާއަށް މަކަރުހަދައި ފަޒީފާއަށް ނުނިކުމެ ހުރެ އެމީހާ ވަނީ 9.9 މިލިއަން ރުފިޔާ ހޯދާފައި އެވެ. މި މައްސަލަ ތަހުގީގުކުރަމުންދާ ފުލުހުން ވަނީ ހޮސްޕިޓަލުގައި މަސައްކަތް ކުރި ހަ މެނޭޖަރެއް ތަހުގީގަށް ހާޒިރުކޮށް ސުވާލުކޮށްފައި އެވެ.

ފުލުހުން ބުނީ ވަޒީފާއަށް ނުނިކުމެ މަކަރު ހެދި މީހާ ހޮސްޕިޓަލުގެ ވަޒީފާ އާއި ގުޅުނީ 2005 ވަނަ އަހަރުގައި ކަމަށެވެ. އަދި އޭނާ އޭގެ ފަހުން ވަޒީފާ އަށް ހާޒިރުނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެމީހާ ވަނީ އެޗްއާރް އަށް މައްސަލަ ވައްދަފާނެތީ އޭނާގެ މެނޭޖަރަށް ބިރުދައްކާފައި އެވެ. އަދި އެ މެނޭޖަރު ވަޒީފާ އިން ވަކިވުމުން އެ ކަން ފޮރުވިފައި އޮތްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.