އޯލެވެލް ހެދުމަށް ފަހު އަހަރެން ގަސްދުކުރީ ބޭކަރީއެއްގެ ވަޒީފާ އަށް ވަނުމަށެވެ. ސަބަބަކީ ޒަމާނީ ހެދިކާ ހަދަން ދަސްކުރުމެވެ. އަހަރެން ގުޅުނު ބޭކަރީގައި ހުރީ އިޓަލީގެ ޕޭސްޓްރީ ޝެފެކެވެ. އޭނާގެ ގާތުން އަހަރެނަށް ތަފާތު ތަކެތި ހަދަން ދަސް ވިއެވެ. އެތަނުގައި އުޅެމުން އަހަރެން މީހަކާ ކައިވެނީކުރީމެވެ.

އޭނާއާ ދިމާވީ އަހަރެން ވަޒީފާ އަދާކުރަމުން ދިޔަ ތަނުންނެވެ. އެއީ އިއްތިފާގެކެވެ. އެތަނަށް އޭނާ އައީ އޭނާގެ ކޮއްކޮއަކަށް އުފަންދުވަހުގެ ކޭކެއް އެޅުމަށެވެ. ބޭނުންވީ ވަކިވައްތަރެއްގެ ކޭކެއް އެޅުމަށެވެ. އެކަމަކު ބޭކަރީގައި އަޅާ އުޅޭ ވައްތަރު ފިޔަވައި އިތުރު ވައްތަރުތައް ހަދާ ނުދެވޭނެ ކަމަށް ކައުންޓަރުން ޖަވާބު ދިނެވެ. އޭނާ އެކަމާ ހިތްހަމަ ނުޖެހި ބޭކަރީގައި އުޅޭ ކުދިންނާ ވަރަށް ގިނަ ސުވާލު ކުރަމުން ދިޔައެވެ. އަހަރެން އެމަންޒަރު ބަލަން ވަރަށް ކައިރީގައި ހުރީމެވެ. ހިތްމަނުޖެހުން ބޮޑު ކަމުން ކައުންޓަރުގައި ހުރި ކުއްޖާ އަހަރެން ގާތުން އެދުނީ އޭނާ އާއި ވާހަކަދައްކާ ދިނުމަށެވެ.

އަހަރެން ފުރަތަމަ ވެސް ތައާރަފު ވީމެވެ. "އަހަރެންގެ ނަމަކީ ފާއިޒާ މިތަނުގެ ބޭކަރީގެ އެސިސްޓެންޓް ޝެފެއް."

އޭނާ ގަދަކުމުން ހީނލިއެވެ. އަދި ބޭނުންވާ ކަންތަކުގެ ވާހަކައިން ފެށިއެވެ. ތަނުގައި ހަމަ ޖެހިފައި އޮންނަ އުސޫލު ކިޔާދިނީމެވެ. އަދި އިތުރު ގޮތެއް އޭނާ އަށް ފަހިކޮށްދީނީމެވެ. އެއީ އެވައްތަރުގެ ކޭކު އަޅާ އަހަރެންގެ ރަހުމަތްތެރި ކުއްޖެއްގެ ނަންބަރު ދިނީމެވެ. އަދި ބުނީމެވެ. ހަމަ ގައިމުވެސް ކޭކު މީރުވާނެއެވެ.

އޭގެ ތިންދުވަސް ފަހުން އަހަރެންގެ ފޯނަށް މެސެޖެއް ލިބުނެވެ. ހަމަ އެކަނި އޮތި ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ. ކާކުކަން ނޭގޭ ނަންބަރަކުން ވީމާ އަޅައެއް ނުލަމެވެ. އަހަރެންނަކީ ފޭސް ބުކާ ޓްއިވިޓަރ ފަދަ އޮޅި ތަކުގައި މާބޮޑަށް އުޅޭ ހިއްވާ މީހެއް ނޫނެވެ. އަދި ފޯނަށް އަންނަ އެސް އެމް އެސް ނުވަތަ ނުދަންނަ ފޯނު ކޯލް ތަކަށް ޖަވާބުދޭ ހިތްވާ މީހެއް ވެސް ނޫނެވެ. އެއީ އަހަރެންގެ މިޒާޖެވެ. އަހަރެން ދުނިޔެއާއި ރާއްޖޭގެ ޚަބަރު ތައް ކިޔާލަމެވެ. ފޭސްބުކުން އެހަބަރު ތައް ލިބެއެވެ. ހަރަކާތްތެރި ނުވަނީއެވެ.

ހަފުތާއެއް ފަހުން އަހަރެން ބޭކަރީގައި ހުއްޓާ ހޯދަން މީހަކު އައިސް ހުރި ވާހަކަ ބުނެގެން ނުކުތީމެވެ. އޭނާ ފެނުމާ އެކު އެއީ ކުރީދުވަހު ކޭކު އަޅަން ބޭނުންވި މީހާކަން ދެނެގަނެވިއްޖެއެވެ. ކުޑަކޮށް ހައިރާން ކަމާ އެކު ސުވާލު ކޮށްލެވުނެވެ. މިއަދު ކޮންކަމަކުތޯއެވެ؟ އޭނާ ބުނެލީ ޝުކުރިއްޔާ އެވެ. އަހަރެން މަރުހަބާއޭ ބުނީމެވެ. ކޭކު މީރުކަމުން ފޮނުވި މެސެޖަށް ޖަވާބެއް ނުދިނުމުން ބައްދަލު ކޮށްލާފައި ޝުކުރު އަދާކޮށްލަން ބޭނުން ވީކަމުގައި އޭނާ ބުންޏެވެ. އަހަރެން ހިނި ތުންވުމާ އެކު ބުނެފީމެވެ. ކޭކު މީރު ހެއްޔެވެ؟ އާނ އެކޭ ބުނެފައި ނުކުންނަން ހިނގައި ގަންނަމުން ވަރަށް ކަތި ނަޒަރަކުން ބަލައި ލިއެވެ. އަހަރެންގެ ހިތަށް ވެސް ކޮންމެވެސް އަސަރެއް ކުރިއެވެ. އެ ބަލައިލުމުގައި ހުރި ޢިޝްޤީ ގޮތުންނެވެ.

އެރޭ ނިދަން އޮތް އިރު އޭނާ ދެއްކި ވާހަކަ މަތިން ހަނދާން ވިއެވެ. އެއީ ހުތުރު ފިރިހެނެއް ނޫނެވެ. ޒުވާނެކެވެ. އަދި ވެސް އޭނާ އަހަރެން ހޯދަން އަތުވެދާނެ ބާވައޭ ހިތަށް އެރިއެވެ. އަދި އަހަރެންގެ ނަންބަރު ހޯދި ގޮތަކާ މެދު މިއަދު ސުވާލުކޮށް ނުލެވުނީތީ ދެރަވިއެވެ. ފިރިހެނަކު ފެނިގެން މިގޮތަށް ވިސްނަން އޮވެވުނު ފުރަތަމަ ފަހަރޭ ވެސް ހިތަށް އެރިއެވެ. އިސްކޫލު ދައުރުގައި ކުޑަކޮށް ކުދިންނާ ލޯބީ ގެ ވާހަކަ ދައްކާލާ ހެދިޔަސް ކަމާ ވެގެން ޢިޝްޤުގައި ޖެހިގެން ކުއްޖަކާއި ރައްޓެއްސެއް ނުވަމެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ފަތިހާ ތެދުވެގެން ބޭކަރީއަށް ދަނިކޮށް ފޯނަށް މެސެޖެއް އައުމުން ބަލައިލީމެވެ. ގުޑްމޯނިންގގެ މެސެޖެކެވެ. ހަމަ އެނަންބަރެވެ. އަހަރެން ވެސް މެސެޖެއް ކޮށްލީމެވެ. ޝުކުރިއްޔާ އޭ ޖަހާލީމެވެ. އެދުވަހު ލިބުނު ހުސް ވަގުތުގައި އޭނާއާ މެސެޖުން ވާހަކަ ދެއްކީމެވެ. އަދި ކޮފީ އަކުން ބައްދަލު ކޮށްލަން ބޭނުން ކަމުގައި ވެސް ބުންޏެވެ. އަހަރެން ދެކޮޅެއް ނަހަދަމެވެ. ބޭކަރީއާއި ވަރަށް ކައިރީގައި ހުރި ތަނަކުން ހަވީރު ބައްދަލު ކުރީމެވެ.

"އަހަރެންގެ ނަމަކީ ޒާހިދު ރަމީޒް. އަހަރެންނަކީ މާލޭ މީހެއް. އަހަރެންގެ ބައްޕަ އަކީ ފައިވާން ވިއްކާ ފިހާރައެއް ހިންގާ މީހެއް. އަދި ވަޒީފާއެއް އަދައެއް ނުކުރަން."

އަހަރެން ވެސް ތައާރަފެއް ދިނީމެވެ. "އަހަރެންގެ ފުރިހަމަ ނަމަކީ ފާއިޒާ ޢަލީ. ރަށަކީ ގއ. ވިލިނގިލި. ގްރޭޑް ހަތަކާ ހަމައަށް ކިޔެވީ ރަށުން. އެކަމަކު އޯލެވެލް ހެދީ މާލެއިން. އަދި ހަމަ ހުސްކޮށް މިހުރީ." މިހެން ބުނުމާ އެކު ދެމީހުންނަށް އެއްފަހަރާ ތަންކޮޅެއް އަޑު ބާރުކޮށް ހީނލެވުނެވެ.

އެދުވަހުގެ ބައްދަލު ވުމަށް ފަހު ދެމީހުންގެ ގުޅުން ދިޔައީ ބޮޑު ވަމުންނެވެ. އެކި ތަންތަނުން ބައްދަލު ކުރަން ފަށައިފީމެވެ. އޭނާ އާއި އެކުގައި ސައިކަލް ގައި ވެސް ބުރުޖަހަން ދާން ފަށައިފީމެވެ. މިއީ ކުރިން އަހަރެން އުޅުނު ގޮތެއް ނޫނެވެ. ނަމަވެސް ޒާހިދުގެ ލޯބީގައި ރަނގަޅަށް ޖެހި ބަނދެވެން ފަށައިފިއެވެ. އަބަދުވެސް ބޭނުން ވަނީ އޭނާއާ ގާތުގައި ހުރުމަށެވެ. ކައިވެނީގެ ވާހަކަވެސް ދެކެވެން ފަށައިފިއެވެ.

ޒާހިދު އާއި އަހަރެންގެ ކާވެނީގެ ހަފުލާ އޮތީ އޭނާގެ ގޭގައެވެ. މާގިނަ މީހުންނަށް ކިޔާ މާބޮޑު ވަރުތަކެއް ނާރުވައެވެ. އަހަރެންގެ މަންމަ އާއި ބައްޕަ ވެސް ކައިވެންޏަށް ރަށުން މާލެއައެވެ. ވަރަށް އުފާވެރި ހަފްލާއެކެވެ. ކައިވެނި ކޮށްގެން ވެސް އަހަރެން ވަޒީފާ އަށް ދިއުން ހުއްޓައެއް ނުލަމެވެ. އަހަރެން އަބަދު ވެސް ބަލަމުން އައީ މުސާރައަށް ލިބޭ ފައިސާ އަހަރެންގެ ބޭނުންތަކަށް ޚަރަދު ކުރާށެވެ. ނަމަވެސް ޒާހިދު ވަޒީފާ އަކަށް ނުދާތީ އެފައިސާ އޭނާގެ ބޭނުންތަކަށް އަހަރެން ވެސް ޖެހުނީ ޚަރަދު ކުރާށެވެ. އަހަރެން ގޭގައި ނޫޅޭނަމަ ފައިސާ ހޯދަނީ އޭނާގެ މަންމަ އަތުންނެވެ.

ޒާހިދު ވަޒީފާއަކަށް ދާނެ ކަމަށް އަބަދު ވެސް ބުނެއެވެ. ނަމަވެސް އެކަންކުރަން އޭނަ ބޭނުން ވާހެން އަހަރެންނަކަށް ހިއެއް ނުވެއެވެ. ބޮޑުވެ ކިޔަވާ ނިމުނަސް މައިން ބަފައިން ހުރިހާ ބޭނުންތައް ފުއްދައިދެމުން ދިޔުމުން އޭނާ ވަޒީފާއެއް އަދާކުރުމުގެ ޝައުޤު ވެރިކަމެއް ނުހުރެއެވެ. އަހަރެން އެވާހަކަ މަދުމަދުން ދައްކަމެވެ. ނަމަވެސް އޭނާ ގިނަ ފަހަރަށް ހިތްހަމަ ނުޖެހޭތީ އަޅާ ނުލަނީއެވެ.

ކައިވެންޏަށް އަހަރު ވީއިރު އަހަރެން އިނީ ބަލިވެއެވެ. ހޮޑުލެވި ވަޒީފާ އަށް ނުދެވި ގޭގައި އޮނަން ޖެހުނެވެ. މިދުވަސް ކޮޅުވެސް އަހަރެން އޭނާ އަށް ދިން ނަސޭހަތަކީ އަބަދު މައިން ބަފައިންގެ އަތުން ފައިސާ ހޯދައިގެން ދިރިއުޅުން ފުރިހަމަ ނުކުރެވޭނެކަމެވެ. އަދި އަމިއްލަ މިނިވަން ކަމެއް އޮންނަން ޖެހޭނެ ކަމާއި ޒިންމާދާރު ފިރިއަކަށް އަދި ބައްޕަ އަކަށް ވުމަށް އަހަރެން އެދޭކަމުގައެވެ.

ދަރިއަކު ލިބުމުން ހުރިހާ ކަމެއް ވެސް ހަމަޖެހޭނެ ކަމަށާއި ކަންބޮޑު ނުވުމަށް އޭނާ ބުނެއެވެ.

ދަރިއަކު ލިބުމުން ވެސް އޭނާގެ ކަންނެތް ދިރި އުޅުމަކަށް ބަދަލެއް ނާދެއެވެ. އޭނާގެ ކަމަކީ ގޭމް ކުޅުމާއި ރަށްޓެހިންނާއެކު ކޮފީ ބުއިމެވެ. ދުވާލުދާ ހަތަރު ދަމު އެގޮތުގައި ހޭދަކުރެއެވެ. ރޭގަނޑު އަހަރެންނަށް ނިދޭ އިރު ވެސް އޭނާގެ ކަމަކީ ގޭމް ކުޅުމެވެ. ދަރިފުޅު ހޭލައިގެން ރޯން ފެށިޔަސް ޒާހިދުގެ ފަރާތުން އެހީ ތެރިކަމެއް ނުލިބެއެވެ. އޭނާއަށް މުހިންމު ވަނީ ގޭމެވެ.

މަންމަ އާއި ބައްޕަ ހުރިހާ ކަމެއް ފުރިހަމަ ކޮށްދީގެން ބޮޑެތި ކުރާ ދަރިން މިގޮތަށް ކަންނެތްވެ މަގު ގެއްލިގެން ދަނީ ކީއްވެ ކަމާ މެދު އަހަރެންނަށް އަބަދުވެސް ފިކުރު ކުރެވެއެވެ. އަހަރެން ބޮޑު ވީ ހުރިހާ ކަމެއް ފުހަމަ ވެގެންނެތް ނޫނެވެ. މާލޭގައި ކިޔަވަން ހުރިގޭގައި މަސައްކަތް ކުރަމުން އަހަރެން ކިޔެވީމެވެ. އަދި ފަހުން މުސާރަ ލިބެން ފެށުމުން އަމިއްލަ އަށް ތިމާގެ ކުދިންނާއެކު ތަނެއް ކުއްޔަށް ހިފައިގެން ބަދަލު ވީއެވެ. އޭރު ވެސް އަހަރެން ބޭނުން ވީ މިނިވަން ކަމެވެ. އަމިއްލަ ނަފުސުގެ މައްޗަށް އެހެން މީހުން ބާރު ނުފޯރުވާ ކަހަލަ ދިރި އުޅުމެކެވެ.

ޒާހިދާ ކައިވެނި ކުރުމުން ވެސް އެއުފާ ލިބޭނެ ކަމަށް އަހަރެން ބެލީމެވެ. ހަލާލު ގޮތުގައި އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިން އަހަރެންނާއި ދަރިފުޅު ބެލުމުގެ ޒިންމާ ޒާހިދު ނަގާނެކަމަށް ކުރެވުނު އުންމީދުގައި ވެސް ކުލަ ޖެހޭ ގޮތެއް ނުވިއެވެ.

ދަރިއަކު ލިބުމުން ދެން އޭނާ ބުނަމުން ދިޔައީ ދަރި ބަލަން ގޭގައި ހުރުމުން މާ ފައިދާ ވާނެ ކަމުގައެވެ. ގޭގައި އޭނާ އުޅޭނަމަ އޮންނަނީ އޭނާގެ ދުނިޔޭގައެވެ. ނިދާފައެވެ. ނުވަތަ ފިލްމު ބެލުމާއި ގޭމް ކުޅުމުގައެވެ. ޒާހިދުގެ މައިން ބަފައިންނަށް ވެސް އެގޮތް ހަމަރަނގަޅެވެ. އެންމެ ކުއްޖަކު ހުރުމުން ވާ ލޯބި ވަނީ ހައްދުން ނެއްޓިފައި ކަމުގެ އިހުސާސް މިހާރު އަހަރެންނަށް ކުރެވެއެވެ. އަހަރެންގެ ދަރިފުޅު އެފަދަ މީހަކަށް ނުވެ ބޮޑު ވުމީ އަހަރެންގެ އުންމީދެވެ.

ދަރިފުޅަށް އެއް އަހަރު ވެއްޖެއެވެ. އަހަރެން ވަޒީފާ އަދާ ކުރަމުން ދަރިފުޅުގެ ކަންކަން ކުރަމުން މުޅި ހަތަރު ދަމު އުޅުމީ ފަސޭހަކަމަކަށް ނުވެއެވެ. އިހުނަށް ވުރެ ގިނައިން ދެމަފިރިންގެ މެދުގައި ޚިޔާލު ތަފާތު ވުމާއި ހިތްހަމަ ނުޖެހުން އިތުރުވާން ފަށައިފިއެވެ. އަހަރެން ބެލީ ޒާހިދުގެ ވިސްނުން ބަދަލުވެ ފާގަތި ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ދުވަހަކަށެވެ. މުއާމަލާތް ކުރަން ޖެހެނީ އަހަރެން ކަހަލަ އިންސާނަކާއެވެ. އަހަރެންނަކީ މީހުން އިސްލާހު ކުރުމުގެ ތަމްރީން ހަދާފައި ހުރި މީހެއް ނޫނެވެ. އަހަރެންގެ ގާތް މާގިނަ އެކުވެރިންނެއް ނުތިބެއެވެ. އެހެން މީހުންގެ ކައިރީގައި ފިރިމީހާގެ ގޯސް ސިފަތަކުގެ ވާހަކަ ދެއްކުމީ ވެސް ރަނގަޅު ކަމެއްގެ ގޮތުގައި އަހަރެން ނުދެކެމެވެ.

އެއް ދުވަހު ވަރަށް ހިތްވަރު ކޮށްފައި މައިދައިތައާއި މިވާހަކަ ހިއްސާ ކުރީމެވެ. އޭނާ ހުރީ އަހަރެންގެ ވިސްނުމާއި އެއްގޮތަށް ޒާހިދު ވަޒީފާ އަކަށް ފޮނުވާކަށް ނޫނެވެ. އޭނާގެ ހުރިހާ ވާހަކަ އަކީވެސް ތަނަވަސް ކަމުގައި އުޅެވެން އޮތިއްޔާ ވަޒީފާ އަދާނުކުރިއަސް ކައިގެން ބޮއިގެން އުޅެވޭނެއެވެ. ވަޒީފާ އަށް ދަނީ ދިރިއުޅެވޭނެ ތަނަވަސް ކަން ނެތް މީހުން ކަމުގައި ބުންޏެވެ.

މައިދައިތަގެ އެންމެ ފަހުބަހަކީ އަހަރެން ވެސް ވަޒީފާއިން ވަކިވެގެން ދަރިފުޅު ބަލަން ގޭގައި އިނުމެވެ. އެންމެ ފަހުން އެގޮތަށް އަހަރެން ނިންމީ ދެން ގޮތެއް ނެތުމުންނެވެ. މައިދައިތަމެންގެ އާދަ ހުރީ ގޭގައި އުޅޭ މީހުންލައްވާ ހުރިހާ ކަމެއް ކުރުވުމެވެ. މީހުން ލައްވާ އަހަރެންގެ ދަރިފުޅު ފެންވަރުވާ ކާންދީ ހެދުން އަހަރެންނަށް ކަމަކު ނުދެއެވެ.

ޒާހިދު ގެ ބައްޕަ އަތުން ފައިސާ ހޯދައިގެން އަހަރެމެންގެ ހުރިހާ ބޭނުންތައް ފުއްދަން އުޅުމީ ވެސް އަހަރެންގެ ހިތް ރުހޭ ކަމެއްނޫނެވެ. އަބަދު ހުންނަނީ އެކަން ބޮލު ތެރޭގައި ގުގުމާ ލާފައެވެ. ޒާހިދުގެ ދިރިއުޅުމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އޭނާގެ ދުނިޔެ ވަނީ ރަހުމަތްތެރިންނާއި ކުޅިވަރުގެ ތެރޭގައެވެ. ކަންނެއްކަން ދިޔައީ ބޮޑުވަމުންނެވެ. ދަރިފުޅަށް ބޭނުން ވާތަކެތި ވެސް ގަންނަން ފޮނުވަނީ ގޭގައި އުޅޭ މީހުންނެވެ. އަހަރެންނާ އެކު ބާޒާރަށް ގޮސް ގަނެލާނެ ވަގުތެއް އޭނާ އަކަށް ނުވެއެވެ. އޭނާގެ ދުނިޔެ ކޮންޕިއުޓަރ ގޭމާ އެކުގައެވެ.

ދިރިއުޅުން މުޅިން ބަނަ ވެއްޖެއެވެ. އުފާވެރި ދުވަސްތައް އޮތީ ކައިވެނީ ގެ ފުރަތަމަ ކޮޅުގައެވެ. މިހާރު މިކައިވެނި ރޫޅިދާނެ ކަމުގެ އިހުސާސް ވާން ފަށައިފިއެވެ. ހިތްބުނީ ތެދަށެވެ. ދަރިފުޅަށް ދޮޅު އަހަރު ވީއިރު ކައިވެނި ރޫޅާލަން މަޖުބޫރުކުރުވައި ފިއެވެ. އެއީ އަހަރެން ބޭނުން ވި ގޮތެއް ނޫނެވެ. ނަމަވެސް އެކަން ނުކޮށް ދެން ކުރިއަށް ދެވެން ނެތީއެވެ.

އަހަރެން ވަރިވެގެން ދައްތައެއްގެ ގޭގައި ދިރިއުޅެން ފަށައިފީމެވެ. ބޭކަރީގައި މިހާރު މަސައްކަތް ކުރުމުގެ ބަދަލުގައި އަހަރެން ގަސްދުކުރީ އަމިއްލައަށް ތަކެތި ތައްޔާރު ކޮށް ވިއްކުމެވެ. ކޭކު އަޅައިގެން ވިއްކަން ފެށީއެވެ. ވެޑިން ކޭކް ވެސް އަޅަން ފެށީއެވެ. އަދި ޕާޓީ ތަކަށް ހާއްސަ ޕޭސްޓްރީ ވެސް ހަދަން ފެށީއެވެ. މިހާރު ކައިވެނި ރޫޅުމުން ލިބުނު ހިތާމަ ފިލަން ފަށައިފިއެވެ. ދަރިފުޅަށް ތިން އަހަރު ވީއިރު ވިލިގިލިން ތަނެއް ކުއްޔަށް ހިފައިފީމެވެ. އެއްކޮޓަރީގެ ތަނެކެވެ. އަހަރެމެން ދެމައިންގެ ދުނިޔެ ފެށުނީއެވެ.

މިހާރު ދަރިފުޅަށް ނުވައަހަރު ފުރިއްޖެއެވެ. ކޮންމެ ހަފުތާ ބަންދެއްގައި ދަރިފުޅު ޒާހިދު ކައިރިއަށް ފޮނުވަމެވެ. އަހަރެންކުރާ މަސައްކަތުން ރަނގަޅު އާމްދަނީ އެއް ލިބެއެވެ. އަހަރެން ބޭނުންވަނީ އަހަރެންފަދަ މުރާލި މީހަކަށް ދަރިފުޅު ހަދާށެވެ. މީހުންނަށް މުޅި ދިރިއުޅުން ބަރޯސާ ނުވެ އަމިއްލަ އަށް ދިރިއުޅެވޭނެ ފަދަ މީހަކަށް ދަރިފުޅު ހެދުމެވެ. މިވަގުތު އަހަރެން ކައިވެންޏެއް ކުރާ ޚިޔާލެއް ނެތެވެ. ނަމަވެސް އެކަން އަހަރެން ނުކުރާނަމެކޭ ނުބުނާނަމެވެ.

ޒާހިދާ އެކު އަހަރެންހޭދަކުރި ދުވަސްތައް މިހާރު މާޒީ ވީއެވެ. އެދުވަސް ދެން އަނބުރާ ނާންނާނެއެވެ. އެދުވަސް ހިނގައްޖެއެވެ.