މިއީ ނ.ކުޑަފަރި އަށް އުފަން ޤާބިލް، ހުނަރުވެރިއެއްގެ ވާހަކައެވެ. މިއީ ފަންވަރާއި އެކު އެންމެ ލޯބިވާ މަސައްކަތުގައި ދެމި ހުރުމުގެ ހިއްވަރު ދެއްކި ޒުވާން އަންހެނެއްގެ ވާހަކައެވެ. މިއީ އުމުރުން 24 އަަހަރުގެ މިދުހަތު އާދަމް ސައީދު (މިދޫ)ގެ މޭކަޕްގެ ދުނިޔޭގެ ވާހަކައެވެ. މި ދުނިޔޭގައި ކުލަ ޖައްސާފައި ވަނީ މޭކަޕްގެ ކުލަތަކުންނެވެ. މި ދުނިޔެ ޖަރީކޮށްފައި ވަނީ އޭނާގެ ހުނަރުވެރިކަމާއި އެކު ފިހިތަކުން ކުރެހި ރީތި ކުރެހުންތަކުންނެވެ.

މި ދުނިޔެ އުޖާލާކޮށްދެނީ މިދޫގެ މޭކަޕް އާއި އެކު ހިނިތުންވުން ގެނެސްދިން އެތައް ބައެއްގެ ސާފު ހިނިތުންވުންތަކުންނެވެ. މިދޫގެ މޭކަޕްތައް އަތުރާ ބަލާލައިފި ނަމަ ގިނައިން ފެންނަން ހުރީ ނިކަން ސާދާ އެހެނަސް ލައްކަ ރިވެތި މޭކަޕްތަކެކެވެ. އެހެނަސް މިދޫގެ ފިިހިތަކުން ކުރަހާ ނުލެވޭނެ ޒާތުގެ މޭކަޕެއް މިހާރު މަދުވާނެއެވެ. އަދި ރީތި ޒާތްޒާތަށް ބުރުގާ އަޅުވާ، އެކި ހަފުލާތަކަށް ތައްޔާރުކޮށްފައިވާ ޗާލު ކުދިން މިތަނުން ފެންނަން އެބަހުއްޓެވެ. އެއިން ކޮންމެ މަސައްކަތަކުން ފެންނަނީ ފަރުވާތެރިކަމާއި ކެތްތެރިކަމާއި އެކު ކޮށްފައިވާ ރީތި މޭކަޕެކެވެ. މިދޫގެ ތަފާތު ކޮންމެ މޭކަޕެއް ރަމުޒުކޮށްދެނީ ލޯތްބާއި ޝައުގުވެރިކަމާއި އެކު އޭނާ ކުރާ ބުރަ މަސައްކަތެވެ.

މިދޫ ގަސްތަކެއް ކައިރީގައި ފޮޓޯ އަކަށް ހުއްޓިލައިގެން-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މޭކަޕްގެ ދުނިޔެއަށް މިދޫ ތައާރަފުވުމުގެ އަސްލަކީވެސް އޭނާގެ ހިތުގައި މިދާއިރާ އާއި މެދު އުފެދިފައި އޮތް ޚާއްސަ ޝައުގުވެރިކަމެވެ. މޭކަޕްގެ ކޮންމެ ވާހަކައެއްވެސް މިދޫ ދައްކަނީ އެހާމެ ކެރިގެންނެވެ. މޭކަޕް ކުރުމަކީ ހަގީގީ މަސައްކަތެއް ނޫން ކަމަށް ބުނި އެތައް ބަޔަކަށް ގޮންޖަހާ މި ދާއިރާގައި ފައިތިލަ ސާބިތުކޮށްލަން މިދޫ އަށް ކެރުނީ އޭނާގެ މަސައްކަތާއި މެދު އޭނާގެ ހިތުގައި އޮތް އުންމީދާއި އިތުބާރުގެ ބޮޑުކަމުންނެވެ. އެކަމަކު މިއީ މީހަކު އެހާ ކުރާހިތުން ކުރާކަހަލަ މަސައްކަތެއްބާއޭ ހިތަށް އަރާފާނެއެވެ. އަދި މިއީ ދާއިމީ މަސައްކަތަކަށް ވުރެ ބޮޑަށް ފޫހި ފިލުވާލަން ކުރަން ރަނގަޅުކަމަށް ދެކިގެން، މި ދާއިރާއިން ކުރިއަށް ދިއުން ބުއްދިވެރި ނޫން ކަމަށް ބުނެ މިދޫ އަށް ނަސޭހަތްދިން ބަޔަކުވެސް ތިއްބެވެ.

އެފަދަ ފާޑުކިޔުންތަކަށް ޖަވާބުދިނީ މިދޫގެ މަސައްކަތަށް ލިބުުނު ކުރިއެރުމާއި އެކުގައެވެ. ކެރިގެން މި ދާއިރާ އަށް ނުކުމެ މޭކަޕް ކޮށްގެން އާމްދަނީ ހޯދޭނެ ކަމާއި، އެ މަސައްކަތް މީހުން ބަލައިގަންނާނެކަން އޭނާ ވަނީ ކިތަންމެހާވެސް ރަނގަޅަކަށް ސާބިތުކޮށްދީފައެވެ. އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ބާޒާރަށް އައި ކޮޅިގަނޑުގައި މިދޫވެސް ޖެހުނެވެ. ފްރީލާންސްކޮށް މޭކަޕްކުރަމުން އައި މިދޫ އަށް މަސައްކަތުގެ މިސްރާބު ބަދަލުކޮށްލަން މަޖުބޫރުވީ އެ ހިސާބުންނެވެ.

މިދޫ "ވަގުތު" އަށް ބަސްތީގަތުން ދެނީ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެއްވެސް އިރަކު ނުހުރޭ ޑެސްކެއް ކައިރީ ހުރެގެން ވަޒީފާ އަދާކުރުުމުގެ ވިސްނުމެއް. ހިއެއް ނުވޭ އެކަން ދުވަހަކުވެސް ކުރެވިދާނެ ހެނެއް ވެސް. މިދިޔަ އަހަރު ލޮކްޑައުންކޮށްގެން އެނގުނު ހަމައެކަނި ފްރީލާންސް ކޮށްގެން ޑިޕެންޑް ނުވެވޭނެކަން. ފްރީލާންސަރސް އަށް އެހާބޮޑު ސަމާލުކަމެއް ނުލިބޭ." އޭނާ ބުންޏެވެ.

ކޮންމެ މަސައްކަތެއް ވެސް ފުރިހަމައަށް ކުރެވޭނީ ނިކަން ރަނގަޅަށް އެދުރުވެގެންނެވެ. ގަޔާވެގެން އެ މަސައްކަތަކާއި ދޯޅުވެ، އެ މަސައްކަތުންގެ އިންތަކާއި މިންތައް ފިސާރި ރަނގަޅަށް ދެނެ ފަރިތަވެގެންނެވެ. އެގޮތަށް މޭކަޕްގެ ފުރަތަމަ ފޮޅުވަތް މިދޫ ލިޔެފައި ވަނީ ރާއްޖެއަށް މޭކަޕްގައި އެފަދަ ދެވަނަ އެއް ނެތް "ލޭކޮކާ ރިޒްނާ" ކައިރިންނެވެ. މޭކަޕްގެ ވައްޓަފާޅި އާއި، މީހުންގެ ކުލަ އާއި ބައްޓަމަށް ފެތޭނެހެން މޭކަޕް ކުރުމާއި، އިސްތަށިގަނޑު އެކި އުސްލޫބުތަކަށް ހެޔޮވަރުކޮށްލުމުގެ އިތުރުން އެކި ގޮތްގޮތަށް ބުރުގާ އަޅާނެ ގޮތްވެސް އޭނާ ދަސްކުރިއެވެ.

މިދޫ މީހަކަށް މޭކަޕްކޮށްދެނީ، މިހާރު އޭނާ މަސައްކަތް ކުރަނީ ކޮކޯޗިކްގައި-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ގްރޭޑް 8،9 ގައި ގޭގެ މީހުންގެ މޭކަޕް ކުރަން ފެށީ. ބައްޕަ ބޭރަށް ގޮސްސަ އަންނަ އިރުވެސް ގެނެސްދޭނެ މޭކަޕް އެއްޗެހި. ގޭގައި އުޅޭ އިރު މަޖަލަށް ވެސް މޭކަޕް ކުރަން. ސްކޫލް ނިންމާފައި ޓްރެއިންވީ އެ އަހަރު ޑިސެމްބަރގައި. ސެލޫން އިން ޓްރެއިން ވެގެން އެތާންގައި ވޯކް ކުރީ 2015 އާއި ހަމަ އަށް. ދެން ފްރީލާންސްކޮށް ވޯކްކޮށްފައި މިދިޔަ ޑިސެމްބަރ އިން ފެށިގެން ކޮކޮޗިކްގައި ވޯކް ކުރަނީ." އޭނާ ބުންޏެވެ.

މިދޫގެ މަސައްކަތްތައް ކިތަންމެ ބައިވަރަސް އޭނާގެ ހަނދާނުގައި ވެސް ފަވާލެވޭނެ ފަދަ ހާއްސަ މަސައްކަތްތަކެއް ހުންނާނެތާއެވެ. އެގޮތުނަ މޯލްޑިވިއަން އައިޑޮލްގައި އޭނާ އަށް ކުރެވުނު ތަޖުރިބާ އަކީ އޭނާގެ ހިތުގައި ފަވާލެވުނު ތަޖުރިބާއެކެވެ. އަދި ކައިވެންޏަށް ތައްޔާރު ކުރާ ކޮންމެ އަންހެން ކުއްޖަކީވެސް މިދޫގެ ހިތުގައި ޚާއްސަކަމެއް ދެވިފައިވާ ކުއްޖެކެވެ. ހަޔާތުގެ އެންމެ ބޮޑު އެއް ދުވަހަށް އެ މީހަކު ނަލަކޮށްލަން ލިބޭ ފުރުސަތުގެ ބޭނުން މިދޫ ހިފަނީ ލޯތްބާއި އެކުގައެވެ. އަދި ފޮޓޯ ޝޫޓްތަކުގައި މަޖަލާ ސަކަރާތުގައި ހޭދަކުރާ ކޮންމެ ދުވަހަކީ މިދޫގެ ތަޖުރިބާ އަށް އިތުރުވާ މުހިންމު ބޮޅެކެވެ.

ބައެއް ހަފްލާތަކަށް މީހުން ތައްޔާރުކޮށްދިނުމަށް މިދޫ ކޮށްދީފައިވާ މޭކަޕްތައް: ފޮޓޯ މީސްމީޑިއާ

"ޕްރޮގްރާމް ޝޫޓީންސްތައް ވަރަށް މަޖާ. ފޮޓޯ ޝޫޓްސް ވެސް. މިދިޔަ އަހަރު ސޭންޑް ބޭންކަށް ދިޔަ ޝޫޓް ވެސް ވަރަށް މަޖާ. އިޓްސް ވޯކް ޕްލަސް ފަން. އައިޑަލް އެއީ އަސްލު އެންމެ ފާހަގަކޮށްލެވޭ އެއްކަން ދެން ވަރަށް ތަފާތު ލޮކޭޝަންސްގައި ކުރާ މޭކަޕް ހަނދާން ހުރޭ. ފަޅުރަށެއްގައި ވެސް ކުރަން ޖެހުނު. ކަރަންޓެއް ނެތް. ފަތިހު ފެށީ. ދެން އެންމެ ގިނަ އިރުން ކުރިި މޭކަޕް 3 ގަޑި އިރުވި. ބްރަައިޑް ބޭނުންވާ ގޮތަށް ކުރަން. ސްޓެޕް ބައި ސްޓެޕް ކުރަން ޖެހުނީ. އޭނަ އަށް ކިޔާދޭން ނޭނގުނު. ދެން ދެމީހުން ވާހަކަދައކައިގެން އޭނާގެ މައިންޑުގައި އިންގޮތަށް ކުރެވުނީމަ ވަރަށް ހިތްހަމަޖެހުނު." މިދޫ ބުންޏެވެ.

މަޝްހޫރު ބައެއް މީހުންނާއި މޮޑެލް އިންނަށް މިދޫ ކޮށްދީފައިވާ މޭކަޕްތައް: ފޮޓޯ މީސްމީޑިއާ

ދެން މިދޫ އާއިކޮށްލަން ބޭނުންވީ ވަރަށް ޝައުގުވެރި ސުވާލެކެވެ. މިހާދުވަހު މޭކަޕް ކުރި އިރު އެންމެ މޭކަޕް ކުރަން ބޭނުންވެ ނުކުރެވި ތިބި ބައެއް ވެސް ތިބެދާނެއެވެ. އެ ސުވާލުގެ ޖަވާބުގައި މިދޫ ބުނީ ރާއްޖެއިން ބޭރުން މީހެއްގެ މޭކަޕްކުރާ ނަމަ އެންމެ ބޭނުމީ ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަޑުކޯންގެ މޭކަޕް ކުރަން ކަމަށެވެ. އަދި ރާއްޖެއިން ނަމަ އޭނާ ބޭނުމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ މޭކަޕް ކޮށްދޭށެވެ.

މިދޫގެ މަސައްކަތުގައި ދެގޮތެއް ނުވެ ކުރިއަށް ދިއުމުގެ އުންމީދުގއި ހުރި އިރު، އޭނާގެ އެނމެ ބޮޑު ހިތްވަރަކީ ފިރިމީހާ އާއި އާއިލާގެ އިތުރުން ރަހުމަތްތެރިންނެވެ. މިހާރު މިދޫގެ އުންމީދަކީ އަމިއްލަ ތަނެއްގައި މި މަސައްކަތް ކުރެވޭނެ ދުވަހެއް މުސްތަގްބަލްގައި ހޯދުމެވެ. އަދި ކޮންމެވެސް ދުވަހަކުން ބައިނަލްއަޤުވާމީ ދުނިޔެ ދަންނަ، މޭކަޕްގެ ދުނިޔޭގައި ފަރިތަ ނަމަކަށް މިދޫގެ ނަން ވުމަކީ އޭނާ ދެކޭ ފޮނި ހުވަފެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަހްމަދު

    ތިޔަބުނާ ލޭޑީފަސްޓު މިހާރުވެސް ހުރީތައްޔާރަށް އެކަންވެދާނެ

    37
    2
  2. އާބިދާ

    މަ އުއްމީދު ކުރަނީ ރައީސްގެ މޭ ކަޕް ކުރެވޭނެ ދުވަހަކަށް.

    39
    4
  3. ކިސްމަތު

    ފަސްޓްލޭޑީ މޭކަޕް ކުރު މަށްވުރެ ރަގަޅުވާނެ މިނިކާވަގެއް މޭކަޕް ކުރިއްޔާ މާ މައްސޫރުވާނެ

    46
    17
    • ބްރޯ

      މާ ރީތިވެސް ވާނެ

      16
      5
  4. ފޯހެޑް

    މިދޫ އިޒް ދަ ބެސްޓް. ޔޫ ގޯ ގާރލް ❤

    26
    12
  5. ނާއިލާ

    ކައްކާތެލީގެފޫ މޭކަޕްކުރުން މާރަގަޅުވާނެ ތިޔަބުނާ ފަސްޓްލޭޑީގެ މޭކަޕްކޮށްދިނުމަށްވުރެ!

    44
    14
  6. ބުރާންތިސް

    މީސް މީހުންގެ މޫނަށް ތިގެނައި ބަދަލު ބަލާފައި އަހަރެން ބުނާނީ މިދޫއަށް ކޭކް އަޅައި އައިސިން ޖެހުމަށްވެސް ވަރަށް ކުޅާދާނަވާނެއޭ.
    ހުނަރު އެބަހުރި.

    22
    1
    • ހުސޭނުބޭ

      ވީމާ ފަސްޓްލޭޑީ މޫނުގައި އައިސިން ޖަހާދީ

      11
      2
  7. ޑައިވަރޭ

    ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒޫއަކީ ވވ ރީތި މީހެއް، މިދޫ ތިކުރާކަހަލަ ރީތިމޭކަޕަކާއި އެކީ ފަޒޫ ފެންނައިރު ވަރަށް ރީތިވާނެ... ކާމިޔާބީއަށް އެދެން

    24
    20
  8. ދަރަނި ދަންތުރަ

    މެޑަމް ފަޒޫ މޭކަޕު ކުރާއިރު ނޮވެމްބަރ 3 ގައި ސަހީދުވި މީހުންގެ ލޭ ބޭނުންވާނެ އޭރުން ފަޒޫގެ މޭކަޕު ފުރިހަމަވާނީ...

    11
    6
  9. ބ

    މަންޖޭ!! ހުއްސަރިބައިހެ އަހާލީ؟؟؟ ވަސްތިޔަ މީރު އެދޭތީ!!!

    7
    6
    • ޅ

      ދެން ފަހެ މީހަކު އަޖައިބެއް ނުވާނެތަ؟
      ފިރިމީހާގެ ފަރާތުން އެއްބާރުލުން ލިބޭ ވާހަކަ އޮތް އިރުވެސް މިކުރާ ސުވާލެއް.

  10. ދުންމާރި

    ދުނިޔެމަތީ މަޝްހޫރުވެ ފަސްޓް ލޭޑީ މޭކަޕްކުރެވުނީމަ ހުކުރު ހައްޖެއްލިބި ސުވަރުގެ ކަށަވަރުވީބާ؟

    17
    2
  11. ވައިސޫރި

    މާދަމާދައުވަތު އަރުވާނެ މުލީއާގެއަށްދާން. ތައްޔަރަށްހުރޭ.

    10
    1
  12. ފަޒްނާ

    މިދޫއަށްވުރެން އަހަރެން ހަޑިވީމާ މަލާލާތެއް ކޮށްލީތަ؟ އަހަރެން ނޫޅެން މާތްކަލާންގެ ހެއްދެވި ވަރަށްވުރެ ރީތިވާން މޭކަޕްކުރާކަށް.

    11
  13. ސަފީން

    އަމާޒު އަދި ރަނގަޅެއްނޫން.. ނަސޭހަތްދެވޭނީ ދުނިޔެމަތީގައި އަމާޒަކައް ހިފަން އެންމެ ހެޔޮވެގެންވާ އަމާޒުކަމުގައިވާ ސުވަރުގޭގެ އަމާޒައް ހިފުމަށެވެ. އަދި އެސުވަރުގޭގެ އަމާޒާއި ދުރުކުރުވާ ކޮންމެބާވަތެއްގެ މަސައްކަތަކުން ދުރުވެ ހުރުމަށެވެ.

  14. ކެމެރޫން

    ހިކިދަޑި ގަހެ މޭކަޕްކުރިޔަސް މާރަގަޅުވާނެ މީހުންގެ ލޭބޯލާފަ ހުރި މީހެއްގެ ފަޒުނާ މޭކަޕް ކުރުމަށް ވުރެން. ދަނޑި ހޯދައިގެން ދަނޑި މޭކަޕްކުރޭ މާ ރީތިވާނެ

    2
    4
  15. އަތީފް

    އޯވަރ ޕުރައުޑް