އޭޕްރީލް 23 ވަނަ ދުވަހު ގެނެސްދިން ބައި

ދެވަނަ ސީޒަން – ހިތުގެ އެންމެ ފުނުގައި

ބާބު 01 - ލޯބިވިޔަސް.....

މެންދުރުގެ ވަގުތަކީ ދުނިޔެ މައްޗަށް އަލިކަން އެންމެ ގަދައަށް ފެތުރިފައި އޮންނަ ވަގުތުކަމުގައި ވިޔަސް މިއަދުގެ މަންޒަރު މުޅިން ތަފާތެވެ. މިއަދު ފަޒާ ތެރޭގައި ވަނީ ތެތް ފިނިކަމެވެ. ޖެހެމުން ދިޔައީ ފިނި ވައިރޯޅިތަކެކެވެ. އުޑުމަތި ކަޅު ވިލާތަކުން ފުރާލައިފައި އޮތުމުން މުޅި ހިސާބަށް އަނދިރިކަން ފެތުރިފައިވެއެވެ. ދެންމެދެންމެ ވާރޭ ވެހިގެންފާނެހެން ވެސް ހީވެއެވެ. ނަމަވެސް މޫސުމަށް ބެލުމެއްނެތި ސުނޯހައުސް ގޯތި ތެރޭގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ. ގޯތީގެ އެކި ހިސާބުތަކުގައި ޓޭޕްތައް ދަމާފައިވާއިރު، ޚަބަރުދަބަރު ބެލުމަށް ބައިބަޔަށް މީހުންތައް އަންނަމުން ދިޔައެވެ. ގޭތެރޭ އެކި ހިސާބުތަކުގައި ވަގުތު އޮންލައިންގެ ނޫސްވެރިން ހަރަކާތްތެރިވަމުން ދާތީ ކޮންމެ ވެސް ބޮޑުކަމެއް ވެގެން އުޅޭކަން ޔަޤީންވެއެވެ.

ގޯތިތެރޭގައި ހުރި އުނދޯލީގައި އިށީނދެލައިގެން އިން ނިކާލް އިނީ ގަބުވެ، ހުއްޓުން އަރާފައެވެ. ގޯތި ތެރެއަށް އެއްވަމުން ދިޔަ ޕޮލިހުންނާއި ރަށު ރައްޔިތުން ދައްކާ ވާހަކަތައް އަޑު އެހުމުގެ ޝައުޤުވެރިކަމެއް އޭނާގެ ނެތެވެ. އެޔަށްވުރެ އެހިތަށް ކޮށްފައިވާ އަސަރު މާ ބޮޑެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ބަނަކަން އުޑުމަތީގައިވާ ބަނަކަމާ ދާދި އެއްވަރެވެ. އެ މޫނުމަތިން އުފާވެރިކަމުގެ ކުޑަވެސް ލިސާނެއް ފެންނަން ނެތްއިރު، ދެލޮލުގައި ކަރުނަ ގިނައެވެ. ހިތާމަވެރިކަމުގެ ސާލެއް ހަށިގަނޑުގައި އޮޅާލައިގެން އިނދެ އޭނާ ހިތާމަކުރަމުން އެދަނީ ކޮންކަމަކައި ހެއްޔެވެ؟ ގެޔަށް ވަންނަމުން ދިޔަ ކޮންމެ މީހެއް ނިކާލަށް ބަލަމުން ދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. ލެއިން ތަތްތެޅިފައި އިން ނިކާލަށް އެމީހުން ހަމްދަރުދީވެއެވެ.

ކުއްލިއަކަށް ޖެހެމުން ދިޔަ ރޯޅިތައް ބާރުވެ ވިއްސާރަ ކަނި ޖަހަންފެށިއެވެ. ގޯތި ތެރެއަށް ޖަމާވަމުންދިޔަ މީހުންތައް މަދުވާން ފެށިއެވެ. ކޮންމެ މީހަކުވެސް ބެލީ އެންމެ އަވަސްވީ ގޮތަކަށް އެމީހެއްގެ ގެއާ ހަމައަށް ފޯރާތޯއެވެ. ވިދާލި ވިދުވަރަކާއެކު މުޅި ކައުނު އެކީ ދިއްލިގެން ދިޔަ ވަގުތު ޖެހި ބާރު ގުގުރީގެ އަޑާއެކު ކުއްލިއަކަށް ވަރަށް ބޯކޮށް ވާރޭ ވެހިގަތެވެ. މީހުންތައް ކޮޅުކޮޅު މައްޗަށް ދުވެގޮސް އޮބައިލިއެވެ. ނޫކުލައިގެ ޔުނީފޯމް ލައިގެން ތިބި ފުލުހުން ގޯތިތެރޭގައި ކުރަމުންދިޔަ މަސައްކަތް ހުއްޓާލިއެވެ. އެމީހުން ހިޔާވުމަށްޓަކައި ވަނީ ގޭ ތެރެއަށެވެ. ނިކާލް އޭރުވެސް އިނީ ގޯތި ތެރޭގައި ހުރި އުނދޯލީގައެވެ. މީހަކު ގޮވާލި އަޑު އިވުނެވެ. އެތެރެއަށް އައުމަށް އެދި އަތުން އިޝާރާތްކޮށްލިއެވެ. ނަމަވެސް ވެހެމުން ދިޔަ ބޯ ވާރޭ ތެރޭގައި ނިކާލް އިނީ ހަރަކާތް ހުއްޓިފައެވެ. އޭނާގެ ގައިގާ ހިރިލާނެ ވަރުވެސް ނެތެވެ.

ނިކާލް ދެއަތް އުފުލާލަމުން ދެއަތަށް ވަކިވަކިން ބަލާލިއެވެ. އަތުގައި ހިކިފައި ހުރި ލޭތައް ފެނާ އެކުވެ ގިރިގެން އޭނާގެ އަތުގެ މުލައްދަނޑިން ތިރިޔަށް އޮހޮރެމުން ގޮސް، އުޅަނބޮށި ކޮޅުން ފައިބަމުން ދިޔައެވެ. ލައިގެން ހުރި ހުދު ޓީޝާޓްގައި ގަނޑުވެފައި ހުރި ލޭގެ ނިޝާންތައް ވެސް ފޭދެންފެށިއެވެ. ލޭގެ ކުލަ ފަނޑުވިއެވެ. އެ ނިޝާންތައް ފަނޑުވަމުން ދިޔަ ނަމަވެސް ވީކަމެއް ނުވާކަމަކަށް ހެދިދާނެ ހެއްޔެވެ؟ ހަޤީޤަތް ބަދަލުކުރެވިދާނެ ހެއްޔެވެ؟ ނޫނެކެވެ. މި ދުނިޔެއާ ވަކިވާ އެއްވެސް ފުރާނައެއް އަނބުރާ މި ދުނިޔެއަކަށް ނާންނާނެއެވެ. ދުވަހަކު ވެސް ނާންނާނެއެވެ. އެ ހަޤީޤަތާއެކު ނިކާލް ދިރިއުޅުމައިގެން ކުރިޔަށްދާނީ ކިހިނެއް ހެއްޔެވެ؟ މާޒީއަށް އެނބުރި ދެވޭނެ ނަމައޭ ނިކާލްގެ ހިތަށް އެރިއެވެ. ވަކިވުމުގެ ކުރިން ހިތުން ރުހުމުން އަނގައިން ބުނެވުނު ނަމައެވެ. ކިތަންމެ ހިތްހަމަނުޖެހި ރުޅިއައި ނަމަވެސް "އޭނާ" ދެކެ ނިކާލް ލޯބިވެއެވެ. ހިތުގެ އެންމެ ފުންމިނުންނެވެ. ނަމަވެސް ދުވަހެއްގެ ކޮޅުން ވެސް ލޯބިވާ ވާހަކަ ބުނެލާނެ ފުރުޞަތެއް ނިކާލަކަށް ދެނެއް ނުލިބޭނެއެވެ. ވަގުތު ފާއިތުވެ އަބަދުގެ އަބަދަށް ނިކާލަށް އެވަނީ އެ ފުރުޞަތު ގެއްލިފައެވެ. "އޭނާ" އެވަނީ މި ފަނާވަނިވި ދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާޢު ކިޔާފައެވެ.

(މަސްތަކެއް ކުރިން....)

ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ މީހުން ބުނާތީ އަޑުއަހަމެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ ބުނެ އުޅެއެވެ. ނަމަވެސް ނިހާގެ ހަޔާތުގައި އެ ބުނާ "އުސްގަނޑެއް" ކޮބައިހެއްޔެވެ؟ އަބަދުވެސް އޭނާއަށް ކުރިމަތިލާން ޖެހިފައި ވަނީ އަޑިގަނޑުތަކާއެވެ. އަނދިރިކަމާއި ބިރުވެރިކަމުން ފުރިގެންވާ ފުން ވަޅުގަނޑުތަކާއެވެ. ނިހާއަށް ބައްޕައެއްގެ ލޯބި އެންމެ ބޭނުންވީ ދުވަހު ބައްޕަ މިދުނިޔެއާ ވަކިވެގެން ދިޔައީ ކުއްލިމަރަކުންނެވެ. ބައްޕައެއްގެ ލޯބި އުނި ނުވާނެ ފަދައިން ނިހާ ބަލާ ބޮޑުކުރުމަށް މަންމަ އަތުކުރި އޮޅާލުމާއެކު ނުބައި ނުލަފާ ފިރިހެނެއްގެ ޝިކާރައަކަށް މަންމަވީއެވެ. އެކަމުން ސަލާމަތް ނުވެވިގެން އުޅެނިކޮށް މަންމަ މުޅި ރަށަށް ބަދުނާމުވިއެވެ. އެ ޖެހުނު ލަށްގަނޑާއެކު މި ދުނިޔެއިން މަންމަގެ ވަސް ވެސް ފޮހެލީއެވެ. މަންމަ އަމިއްލައަށް މަރުނުވާނެކަމަށް ޤަބޫލުކުރި މީހުން މަދެވެ. މަންމަ އަމިއްލައަށް މަރުވީ ނޫންކަން ސާބިތުވާ ވަރުގެ ހެކި ފެންނަން ހުރިއިރު ވެސް އެކަން ވަންހަނާ ކުރީއެވެ. މަންމަ މަރުވީ އަމިއްލައަށް ކަމުގައި ކަނޑައެޅިގެން ދިޔައީއެވެ. އެއީ ފައިސާގެ ދަހިވެތިކަމުގައި ބަޔަކު މީހުން ހިންގި ޖަރީމާއެކެވެ. ނިހާއަށް ހުރިހާ ހަޤީޤަތެއް ވެސް އެނގެއެވެ. މަންމަގެ މަރަށް އިންސާފު ހޯދައި ދިނުމަށް ނިހާ މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ދިރިއުޅުމައިގެން ކުރިޔަށް ދިޔައީއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ނިހާ ޒުވާން ދުވަސް ވަރަށް އެޅިއިރު ހިތުގައި ލޯބީގެ ވިންދު ޖަހަންފެށިއެވެ. އެ ލޯބި ހާޞިލުކުރަން "މޮޔަ" ކަމެއް ވެސް ކުރެވުނެވެ. ސަޒާއެއްގެ ގޮތުން ނިހާއަށް ޖެހުނީ އިންތިހާއަށް ލޯބިވާ ފަރާތުގެ ނުރުހުމާއި ނަފްރަތާއި ކުރިމަތިލާށެވެ. ހުސް ހިތާމައެވެ. ހިތްދަތިކަމެވެ.

ނިހާއަކީ ހިތްވަރުގަދަ އަންހެނެކެވެ. ކިތަންމެ ހިތާމަޔަކާއި ވޭނެއްގައި އުޅެންޖެހުނު ނަމަވެސް ދުވަހަކު ވެސް އަމިއްލަ ނަފުސަށް ގެއްލުމެއްދޭކަށް އޭނާ ނުވިސްނައެވެ. ކުރިމަތިލާން ޖެހުނު ކޮންމެ އިމްތިޙާނަކާ ކުރިމަތިލަމުން ދިޔައީ ކެތްތެރިކަމާއެކުއެވެ. "ފެއިލް" ވިޔަސް ހިތްވަރު އެލުވައެއް ނުލައެވެ. އާ އަޒުމަކާއެކު އަލުން އެކަމާ ކުރިމަތިލައެވެ. އެގޮތުން ނިކާލަށް ވިސްނައި ދިނުމަށް އޭނާ ކެނޑިނޭޅި މަސައްކަތް ކުރިއެވެ. ނިކާލަށް ވެވިފައިވަނީ ސިހުރު ލޯބި ނޫންކަމުގައި ބުނެދިނެވެ. ނަމަވެސް ނިކާލްގެ ބޯހަރުކަމުން ނިހާ ދައްކާ ވާހަކަތައް ގިނަފަހަރު އަޑުއަހާކަށް ވެސް އޭނާ ބޭނުމެއް ނުވެއެވެ.

"މަ ހަޤީޤަތުގައި ނިހާދެކެ ލޯތްބެއްނުވޭ. މީ ސިހުރު ލޯބި. މަށަށް ފާޑުފާޑުގެ އެއްޗެހި ކާންދީގެން މަގޭ ހިތް މިއޮތީ ބަދަލުކޮށްފައި. މަށަށް ހުރިހާ ހަޤީޤަތެއް އެނގޭއިރު ނިހާއަށް އިތުބާރު ކުރާނީ ކިހިނެއް؟ ތިވާހަކަތައް އަޑުއަހާކަށް ބޭނުމެއްނޫން. މަގޭ ކުރިމަތިން ދުރަށްދޭ. މަ ފެންނަ ހިސާބަށް ނައިސްފާނަންތަ؟" ނިކާލްގެ ފަރާތުން ލިބެމުން ދިޔައީ މިފަދަ ހަރުކަށި ޖަވާބުތަކެކެވެ. އެއިން ކޮންމެ ޖަވާބަކާއެކު ނިކާލްގެ އަޑުގައި ހުންނަ ނުރުހުމާއި ރުޅިވެރިކަމުގެ ރާގުގެ ސަބަބުން ނިހާގެ ހިތް ފިތިގެން ދެއެވެ. ދެލޮލުން ކަރުނަ ހިލުވާލައެވެ. ނަމަވެސް ނިހާ ހިތްވަރުކޮށްފައި ނިކާލަށް ވިސްނައިދިނުމުގައި ސާބިތުވެ ހުރެއެވެ. އެގޮތުގައި ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު ވެސް ނިހާއަށް ކާމިޔާބު ނުލިބުން ނަމަވެސް ނިހާ އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ. ނިކާލްގެ ދުލުން ކޮންމެފަދަ ޖަވާބެއް ލިބުނަސް، ނިހާދެކެ ނިކާލް ލޯބިވާކަން ނިހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ހުކުރު ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ދަންވަރުގެ ޑިއުޓީ ނިންމާފައި ފައިރޫޒްއާއެކު ނިހާއަށް ގެޔަށް އާދެވުނުއިރު ނުވައެއް ޖަހައިފިއެވެ. ފައިރޫޒް ސައިކަލު ގޭދޮރު މައްޗަށް މަޑުކޮށްލުމާއެކު ނިހާ ސައިކަލުން ފޭބުމަށްފަހު އަވަހަށް ގެޔަށް ވަނުމަށް ހިނގައިގަތެވެ.

"ނިހާ." ފައިރޫޒް ގޮވާލި އަޑު އިވުމާއެކު ނިހާ ހުއްޓުނެވެ.

ފައިރޫޒްގެ ރާގު ހުރިގޮތުން ކުރަން އުޅުނު ސުވާލު ނިހާއަށް ރޭކާލިއެވެ. ފައިރޫޒް ބޭނުންވަނީ ވީހާވެސް އަވަހަކަށް ކާވެނިކުރާށެވެ. ކާވެނި ކުރާނެ ތާރީޚެއް ނިންމާށެވެ. އަދި ނިހާ ވިސްނުމަށްފަހު ތާރީޙް ކަނޑައެޅުމަށް ފައިރޫޒް ވަނީ އެދިފައެވެ. ނިހާ އެނބުރިލާފައި ފައިރޫޒަށް ކުޑަ ހިނިތުންވުމެއް ރައްދުކޮށްލިއިރު ހިތުގައި ވަނީ ނުތަނަވަސްކަމެވެ.

"އަދި ކިހާ ދުވަހަކު އިންތިޒާރުކުރަން ޖެހޭނެތަ؟" ފައިރޫޒް އެހިއެވެ.

"ނޭނގެ. އަދި އަވަހެއްނު." ނިހާ މަޑުމަޑުން ބުންޏެވެ.

ނިހާ ކާވެނި ކުރަން އެއްބަސްވީ ފައިރޫޒްދެކެ ވާ ލޯތްބެއްގެ ސަބަބުން ނޫންކަން ފައިރޫޒަށް އެނގެއެވެ. ނިހާ އޭނާދެކެ ލޯބި ނުވި ނަމަވެސް އެއީ މައްސަލައެއް ކަމަކަށް ފައިރޫޒް ނުދެކެވެ. ކާވެނީގެ ފަހުން އޭނާގެ ފަރާތުން އަޅާލުމާއި ލޯބި ލިބުމުން ނިހާގެ ހިތް ބަދަލު ވެދާނެކަމަށް އޭނާ އުންމީދުކުރެއެވެ. އޭނާ ކާވެނި އަވަސް ކުރުމަށް ބޭނުންވަނީ އެހެންވެއެވެ. އޭނާގެ ހައްޤަކަށް ނުވެ ގިނަ ދުވަސް ވެއްޖެނަމަ، ނިހާ ގެއްލިދާނެތީ ފައިރޫޒް ބިރުގަނެވެ. ފައިރޫޒަށް ނޭނގޭ ހަޤީޤަތަކީ ނިހާގެ ހިތަކީ މިހާރުވެސް އެހެން މީހެއްގެ ހައްޤެއް ކަމެވެ. ނިހާ އެހެން މީހަކުދެކެ ލޯބިވާ ކަމެކެވެ. ފައިރޫޒްއާ ކާވެނި ކުރުމަށް ނިހާ ބޭނުން ނުވާ ކަމެވެ.

"އަހަރެން ބޭނުން ވަރަށް އަވަހަށް ކާވެނި ކުރަން. މިހެން ރައްޓެހިވެގެން އުޅުމަށްވުރެން އަވަހަށް ކާވެނިކުރުން ބުއްދިވެރީ. މާގިނަ ދުވަހު މިހެން އުޅުން ވެއްޖިއްޔާ މީހުން ފާޑުފާޑު ވާހަކަ ދައްކާނެ. އަހަރެންނަށް އިނގޭ ނިހާ ކާވެންޏަށް އެއްބަސްވީ ލޯބިވެގެން ނޫންކަން. މިއީ ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވެގެން ހަމަޖެހުނު ކާވެންޏެއް ނޫންކަންވެސް އެނގޭ. ދެ ފަރާތުގެ އާއިލާއިން ކާވެނި ހަމަޖެއްސި ނަމަވެސް ނިހާ ކާވެންޏަށް އެއްބަސްވީ އަހަރެންގެ ކިބައިންވެސް ގަޔާވާ ސިފަތަކެއް ހުރީމަކަމަށް ޤަބޫލުކުރެވެނީ. ވީއިރު ކީއްވެގެން ކާވެނި ލަސްކުރަންވީ. އަވަހަށް ކާވެނި ކުރީމަ ނިހާއަށް އަހަރެންދެކެ ލޯބިވެވިދާނެ. ނިހާ އަހަރެންނާ އިންނަން ބޭނުންވޭ ދޯ؟ އާއިލާއާ ދެކޮޅު ހަދަން އުނދަގޫވެގެން އާނ ބަސް ބުނީތަ؟ އަނެއްކާ މި ހީވަނީ ރަނގަޅަށްތަ؟ ނިހާ އާނ ބަސް ބުނީ އަހަރެންނާ އިންނަން ބޭނުންވެގެންތަ؟" ފައިރޫޒު އޭނާގެ ހިތުގައިވާ އުދާސްތައް ބޭރުކުރަމުން ފުނިޖެހުނު ސުވާލުތައް އެއް ފައްޗަކަށް އަމުނާލިއެވެ.

ނިހާގެ ދެލޮލަށް ބަލަހައްޓައިގެން ފައިރޫޒް ހުރީ ނިހާ ދޭ ޖަވާބު އަޑު އަހާލާ ހިތުންނެވެ. ކާވެނިކުރަން ބޭނުންވާ ވާހަކަ ބުނެލާ އަޑު އިވުނަސް ފައިރޫޒްގެ ހިތަށް ހިތްހަމަޖެހުން ލިބޭނެއެވެ. ނިހާގެ ނިތްކުރި މަތިން ފާޅުވި ދާތިކިތައް އަތުގެ ނުފުށުން ފޮހެލަމުން ގަދަކަމުން ހިނިތުންވެލިއެވެ. ހާސްކަން ފޮރުވުމަށް މަސައްކަތް ކުރަމުން ނިހާ ބޯ ޖަހައިލިއެވެ.

"ކޮންކަމަކަށް ތި ބޯ ޖަހައިލީ." ފައިރޫޒް ބޭނުންވީ ނިހާގެ އަޑު އަހާލާށެވެ.

"ކާވެނިކުރަން." ދޮގުހެދުމަކީ އުނދަގޫކަމެއް ނަމަވެސް ނިހާ ހެދީ ދޮގެކެވެ. ނިކާލް ލިބުމުގެ ނަސީބު ނެތް ނަމަވެސް ފައިރޫޒްއާ ކާވެނިކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ނިހާ އެ ވާހަކަ ނުބުނެ ލަސްކުރަމުން ދަނީ ކޮން ބޭނުމަކު ހެއްޔެވެ؟ ނަޒީލްގެ ނުނިޔަތުން ސަލާމަތް ނުވެވިއްޖެނަމަ ފައިރޫޒްއާ އިނުމުގެ ވިސްނުމެއް ނިހާ ގެންގުޅުނު ދުވަސްތަކެއްވެސް ދިޔައެވެ. މިހާރު ނަޒީލްގެ ކިބައިން ސަލާމަތް ވެވިއްޖެއެވެ. އިބްރީސް ނެތި ދިޔުމަށްފަހު ނަޒީލް އުޅެނީ އިންޝާގެ އިތުބާރު ހޯދުމުގައި އަވަދިނެތިއެވެ. ފައިރޫޒްއާ ކާވެނި ކުރަން ބޭނުން ނުވާ ވާހަކަ ބުނާނެ ކިތަންމެ ފުރުޞަތެއް ނިހާއަށް ލިބުނެވެ. ނަމަވެސް ނިހާއަށް އެ ހިތްވަރު ނުލިބުނީ ކީއްވެގެން ހެއްޔެވެ؟

"އަހަރެން ނިހާއާ އިންނަން ބޭނުންވީ ނިހާއާ ވަރަށް ގަޔާވާތީ. ނިހާގެ ސިފަތައް ކަމުދާތީ. މިހާރު ނިހާދެކެ ލޯބިވެސް ވެވިއްޖެ. އެހެންވީމަ އެހާ ގިނަދުވަހު އިންތިޒާރުގައި ނުހުރެވޭނެ އިނގޭ. ކެތްތެރިކަން ކޮޅު... ކޮޅުން ލައިގެން ހިނގައިދާނެ." ލާނެއް ހިނިތުންވުމަކާއެކު ފައިރޫޒް ސަމާސާކޮށްލިއެވެ.

ނިހާ ލަދުގަތްވަރުން މުޅި މޫނު ރަތްވެގެން ދިޔައެވެ. ނިހާއަށް ވީގޮތް ފެނިފައި ފައިރޫޒް ގާތަށް ހިނިއައެވެ.

"އެއީ މަޖަލަކަށް އިނގޭ. ކިތަންމެ ދުވަހެއްވިޔަސް އިންތިޒާރުކޮށްފާނަން. ހަޤީޤަތުގައިވެސް ނިހާދެކެ ވަރަށް ލޯބި ވެވިއްޖެ." ފައިރޫޒް ވާހަކަ ދައްކަމުން ދިޔައީ ނިކަން ލޯބިންނެވެ.

ފައިރޫޒް ނިހާދެކެ އިންތިހާއަށް ލޯބިވާކަން ނިހާއަށް އެނގެއެވެ. އެ ފުން ދެލޮލުން ނިހާއަށް ލޯބި ފެނެއެވެ. ކާވެންޏާމެދު ފައިރޫޒް ފޮނި އުންމީދުތަކެއް ކުރެއެވެ. އެ އުންމީދުތައް ފުނޑުފުނޑު ކޮށްލަން ނިހާއަށް ނުކެރެނީއެވެ. ނިހާ ކާވެނިކުރަން ބޭނުންނުވާ ވާހަކަ ނުބުނެ ލަސްކުރަމުންދާ ސަބަބަކީ އެއީއެވެ. ފައިރޫޒަށް ކުރާ ގަދަރެއްގެ ބޮޑުކަމުން އެފަދަ މާތް ފިރިހެނެއްގެ ހިތުގައި ޖައްސާނެ ހިތްވަރެއް ނިހާއަކަށް ނުލިބެއެވެ. ނަމަވެސް ފޮނި އުންމީދު ތަކަކާއެކު ހިޔާލީ ދުނިޔެއެއްގައި ފައިރޫޒް ދިރިއުޅެމުން ދާތަން ބަލަހައްޓައިގެން ހުރުމަށް ނިހާއަށް އޮތީ ފަހެ ކޮން ހައްގެއް ހެއްޔެވެ؟

"ނިހާ ވިސްނާލާފައި ކޮންމެވެސް ތާރީޚެއް ނިންމާ. އަހަރެން މި ބުނީ އަންނަ ހަފުތާގެ ތާރީޚެއް ބުނާކަށް ނޫނެއްނު. މަހެއް ވަރު ލަސްކުރިޔަސް ހަމަ އޯކޭ. ބޭނުންވަނީ ތާރީޚް. އޭރުން ބައްޕަމެން ގާތުގައިވެސް ބުނެވޭނީ. އެމީހުން އެ ތިބެނީ އަހަރުމެން ގޮތެއް ނުނިންމައިގެން ލަސްވެފަ. ނިހާ ގޮތެއް ނުނިންމާ ލަސްކުރަންޏާ ބައްޕައާއި އިލްހާމްބެ ތާރީޚެއް ކަނޑައަޅާކަށް ވެސް ފަހަކަށް ނުޖެހޭނެ. އޭރުން ދެން މަށަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ އިނގޭ. އެހެންވީމަ ޖަވާބެއް ވަރަށް އަވަހަށް ބޭނުން"

ފައިރޫޒް އެތަނުން ދިޔައީ ކާވެންޏަށް ތާރީޚެއް ކަނޑައެޅުމަށް ނިހާ ގާތު ތަކުރާރުކޮށް އެދުމަށްފަހުގައެވެ. ފައިރޫޒް އެބުނީކީ މުޅިޔަކުން ދޮގު ވާހަކައެއް ނޫނެވެ. ކާވެނި ކުރާނެ ވަކި ތާރީޚެއް ނުނިންމާ ހުއްޓައި އިލްހާމް އެކަންވެސް ހަމަޖައްސަފާނެއެވެ. މިހާރު ޞަފިއްޔާވެސް އުޅެނީ ނިހާގެ ކާވެނި ލަސްވެގެންނެވެ. ސިހުރު ހެދިކަން އެނގުނު ހިސާބުން ނިހާ އެގެއިން ފޮނުވާލުމަށް އެންމެ ބޮޑަށް ބާރު އަޅާ އެކަކަކީ ޞަފިއްޔާއެވެ. އޭނާއަށް ނިކާލްގެ މާފު ނުލިބި ލަސްވަނީ ވެސް ޞަފިއްޔާގެ ސަބަބުންނޭ ނިހާގެ ހިތަށް އަރައެވެ. ނިހާއަކީ ވިޔާނުދާ ކުއްޖެއް ކަމަށް ނިކާލަށް ޞަފިއްޔާ ވިސްނައިދެނީ ކަންނޭގެއެވެ.

ނިހާއަށް ކުރެވެމުން ދިޔަ ހިޔާލުތަކުގެ ސަބަބުން ގޯތި ތެރެއަށް ވަދެގެން ދިޔައިރު ބޮލު ތެރޭގައި ނުފިލާ ރިހުމެއް ހުއްޓެވެ. ފައިރޫޒް ގާތުގައި ތެދު ހާމަ ނުކުރެވުނީތީ އޭނާ ދެރަވިއެވެ. ފައިރޫޒަށް ހުރިހާ ހަޤީޤަތެއް ކިޔާދެވުނު ނަމައޭ ނިހާގެ ހިތަށް އެރިއެވެ. އޭރުންވެސް ވިސްނާ ފިކުރު ކުރަންޖެހޭ ކަންތައްތަކުން އެއްކަމެއް އުނިވާނެ ނޫން ހެއްޔެވެ؟ ނިކާލް އޭނާއާއެކު ހުރިނަމަ މިހާރު ހުރިހާކަމެއް ހަމަޔަކަށް އެޅުނީސްކަން ޔަޤީނެވެ. ގޯތީގެ ދެކުނު ފަރާތުގައި ހަތަރު ފަރާތުން ބިއްލޫރި ޖަހައި މަތި ހިޔާކޮށްފައި ހުންނަ ޖިމްގައި ނިކާލް ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ނިހާއަށް ފެނުނެވެ. ގޭތެރެއިން އިތުރުމީހަކު ފެންނަން ހުރިތޯ ބަލާލުމަށްފަހު އެއްވެސް މީހަކު ފެންނަން ނެތުމުން ނިހާ އެ ދިމާއަށް ހިނގައިގަތެވެ.

ކަސްރަތުކުރުމާއި ދުރުގައި ދުވަސްތަކެއް އުޅުމަށްފަހު ނިކާލް ޖިމްގެ ބޭނުންކުރަން ފެށީ މާ ބޮޑަށް ފިކުރު ކުރެވެން ފެށުމުންނެވެ. ނިހާއާ މެދު ވިސްނައި ބޯ ގޮއްވަން ބޭނުން ނުވާތީއެވެ. ނިކާލަކީ ވަޒީފާ އަދާކުރާ މީހަކަށް ނުވާތީ ގިނަ ވަގުތު ކަމެއްނެތިފައި ހުންނަން ޖެހުމުން ކުރެވޭ ފިކުރުތައް ގިނަވެއެވެ. ނަމަވެސް އޭނާ ޖިމަށް އައުމަކުން މުޅިޔަކުން އެހިޔާލުތަކާ ދުރުވެވޭ ގޮތެއް ނުވިއެވެ. އެއްލި ކަޅިއަކުން ނިހާ އަންނަތަން ފެނުމާއެކު ނިކާލްގެ ހިތުވިންދު އަވަސްވެލިއެވެ. ނިކާލް އަވަސް އަވަހަށް ނިހާ ނުފެންނަކަމަށް ހަދާލަމުން ތުނބުން ފުމެންފެށިއެވެ. ހެޑްސެޓް ދެކަންފަތަށް ޖަހާލަމުން ލަވަޔެއް ޖަހާލިއެވެ. ދުވާ މެޝިނުމަތީގައި މަޑު ދުވެލީގައި ދުވަން ފެށިއެވެ. އޭނާ އިރުއިރު ކޮޅާ ވައްކަޅިން ނިހާ ކޮބައިތޯ ބަލާލައެވެ. ނިހާ މަޑު ހިނގުމެއްގައި އައިސް ބިއްލޫރި ދޮރުފަތް ހުޅުވާލައިފައި އެތެރެއަށް ވަނެވެ. ނިކާލްގެ ފަހަތުގައި ހުރި ބެންޗު މަތީގައި ނިހާ އިށީނެވެ. ދުވެލި ހަލުވިކޮށްލަމުން ނިކާލް ބާރަށް ދުވަން ފެށިއެވެ. ކުރިމަތީގައި ހުރި ލޯގަނޑުން ހިނިތުންވެފައި އިން ނިހާ ފެންނަމުން ދާތީ ނިކާލަށް އުނދަގޫވިއެވެ. ނިހާ އައިސް އޭނާ ފެންނަ ހިސާބުގައި އެ އިންނަނީ ޖެއްސުންކުރަން ވެގެންހެން ހީވިއެވެ. އޭނާ ފެންނަ ހިސާބަށް ނައުމަށް ތަކުރާރުކޮށް ބުނުމުންވެސް އައިސް އެ އިންނަނީ ޖެއްސުންކުރުން ނޫން އިތުރު ކޮން ބޭނުމެއް އޮވެގެން ހެއްޔެވެ؟ ނިކާލް ރުޅި ގަދަވާގޮތްވުމުން މެޝިނު ހުއްޓާލުމަށްފަހު ނިހާއަށް ކަޅިއަޅާލިއެވެ.

ނިހާ ކަޅި ޖަހާނުލައި ނިކާލަށް ބަލަން އިނެވެ. ފަލަމަސް ގަނޑުގެ މެދަކާ ހަމައަށް ބާރުކޮށް ހުރި ކުރު ސޯޓަކާއި ގަޔަށް ދޫ ބެނިޔަމްގައި ނިކާލް ފެންނަނީ ނިކަން ނަލަކޮށެވެ. އޭނާގެ މުޅިގައިން ލޮނު ދާހިއްލުވާ ލައިފައި ހުރިއިރު މޫނުމަތީގެ އެކި ހިސާބުތަކުގައި ދާތިކިތައް ވިދަމުން ދިޔައެވެ. އަބަދުވެސް ތުނިކޮށް ބަހައްޓައިފައި ހުންނަ ތުނބުޅި ދިގުވެފައި ހުރުމުން ރީތިވުމަށް ސަމާލުކަން ނުދޭ މިންވަރު ހާމަވެއެވެ. ނަމަވެސް ނިހާއަށް ނިކާލް ވަރަށް ފުރިހަމައެވެ. ރީއްޗެވެ. ޝައުޤުވެރިކަމާއެކު ނިކާލަށް ބަލަން އިން ނިހާގެ ހިތަށް އަރަމުން ދިޔައެވެ. ނިކާލް ގޮސް ތުވާލި ކޮޅު ނަގައި މޫނުމަތީގައިވާ ދާތިކިތައް ފޮހެލިއެވެ. ނިހާ ފެންނަ ކަމަށްވެސް ނުހަދާ ފެންފުޅި ނަގާ ތުމުގައި ޖަހައިގެން ހުރެ ބޭރަށް ނުކުތެވެ. ފަހަތުން ނިހާ ވެސް ބޭރަށް ނުކުތެވެ. ނިކާލަށް ގޮވައިލިއެވެ.

ކަންފަތަށް ޖަހާފައިހުރި ހެޑްސެޓުން އިވެމުން ދިޔަ އިނގިރޭސި ލަވައިގެ އަޑުގަދަ ނަމަވެސް ނިހާގެ އަޑު ނިކާލަށް ސާފުކޮށް އިވުނެވެ. ނިކާލް ވަގުތުން ހުއްޓުނުއިރު އެވަގުތުގެ އިންތިޒާރުގައި ހުރިހެން ހީވިއެވެ. ނިހާ އެދުނީ ވާހަކައެއް ދައްކާލުމަށް މަޑުކޮށްލުމަށެވެ.

"ނިހާ މިހާރު ތި ވާހަކަތައް ކިތަންމެ ފަހަރަކު ދައްކައިފީމެއްނު. ކިތަންމެ ވަރަކަށް ތި ވާހަކަތައް ދެއްކި ނަމަވެސް މަގޭ ވިސްނުމެއް ބަދަލެއް ނުވާނެ. ހަޤީޤަތެއް ބަދަލެއް ނުވާނެ. ނުވެސް ކުރެވޭނެ. ކުޑައިރުންސުރެ އެންމެ ގާތް އެކުވެރިޔެއް ގޮތުގައި ހުރެ ނިހާ މަށަށް ސިހުރު ނުހަދާކަމަކަށް ވެސް ނުވާނެ." ނިކާލް ފަހަތަށް އެނބުރި ބަލާވެސްނުލާ ހުރެ ބުންޏެވެ.

"އެ ވާހަކައެއް ނޫން." ނިހާ އައިސް ނިކާލްގެ ގާތުގައި ހުއްޓުނެވެ.

"ދެން ކޮން ވާހަކައެއް." ނިކާލް ފަރުވާކުޑަ ގޮތަކަށް އެހިއެވެ. އެހެނަސް ލަވައިގެ އަޑު މަޑުކޮށްލަމުން ނިހާގެ ވާހަކަތައް އަޑު އެހުމަށް ސަމާލުވެލި ގޮތުން ނިކާލް ހުރީ އެ ވާހަކަ އަޑު އަހާހިތުންކަން އެނގުނެވެ.

"ފައިރޫޒް ބޭނުންވޭ ވަރަށް އަވަހަށް ކާވެނިކުރަން." ނިހާ ބުންޏެވެ. "މަށަކަށް ނުކެރުނު ކާވެނިކުރަން ބޭނުންނުވާ ވާހަކަ ބުނާކަށް. އަހަރެން ކިހިނެއް ހަދަންވީ. އަހަރެން..."

"ދެން ތިކަމުގަ މަށަށް ކީއްކުރެވޭނީ؟" ނިހާ ދައްކަމުން ދިޔަ ވާހަކަ ހުއްޓުވަމުން ނިކާލް ބުނެލިއެވެ. ނިކާލަށް އެވާހަކަތައް އަޑުއަހަން އުނދަގޫވިހެން ނިހާއަށް ހީވިއެވެ.

"އަންނަ ހަފުތާގައި ކާވެނިކުރަން ބޭނުންވާ ވާހަކަ ބުނަންވީތަ؟" ނިހާ ބޭނުންވީ ނިކާލްގެ ހިތަށް އުނދަގޫ ކުރާށެވެ. ނިކާލް އެ ކާވެންޏާ އުޒުރުވެރިވެ އެއްޗެއް ބުނެލާ އަޑު އަހާލާށެވެ. ނިކާލަށް ނިހާއާ ނުލާ ނޫޅެވޭނެކަން ވިސްނައިދޭށެވެ. ލޯބިވާ މީހަކު އެހެން މީހެއްގެ ހައްޤަކަށް ވުމަކީ އެކެއްގެ ހިތަށްވެސް ކެތްވާނެކަމެއް ނޫނެވެ. ނިކާލް ގޮތް ދޫކޮށްފައި ހަތިޔާރު ބަހައްޓާނެނަމަ ކޮންފަދަ ހެއްޔެވެ؟

ނިހާ ކާވެނީގެ ވާހަކަ ދެއްކި މަޤުޞަދު ނިކާލަށް ވިސްނުނެވެ. އޭނާ ދެބުމަ ގޮށްޖަހާލަމުން ނިހާއަށް ބަލާލީ ޖަޒުބާތުތައް ފޮރުވަމުންނެވެ.

"ތިކަން ލަސްކުރާނެ ކަމެއްނެތް. އަވަހަށް ކާވެނިކޮށްގެން މިގެއިންދޭ. ފަށްފަށުން މަރުހަބާ." ނިކާލްގެ ހިތް ނިހާގެ ލޯތްބަށް އެދުނު ނަމަވެސް އޭނާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

ނިހާ ހައިރާންވިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭގިފައި ހުރެވުނެވެ.

"ކިހިނެއްވީ؟" ނިކާލް އެއްމިޔަކަނުން ހީލީ ގަސްތުގައެވެ. "ނިހާ ކޮންމެ އެއްޗެއް ކިޔަސް މަ ތި ކާވެންޏެއް ނުހުއްޓުވާނަން. އެހެންނޫނަސް ތި ކާވެންޏަށް އެއްބަސްވީ ވެސް މަގޭ ކައިރީ އަހާފައެއް ނޫނެއްނު. ކާވެނި ކުރާނެ ތާރީޚް މަގޭ ކައިރީ އެހުމުގެ މާނައެއް ނެތް. ނިހާ ކޮންމެ ތާރީޚެއްގައި ކާވެނިކުރިޔަސް މަށަށް ހެޔޮ. ބޮޑަށް ރަނގަޅީ ވީހާވެސް އަވަހަކަށް ކާވެނިކޮށްގެން ދިޔައިއްޔާ. އޭރުން ކަންނޭގެ މަށަށްވެސް ހަމަޖެހުމެއް ލިބޭނީ."

"ނިކާލް މަދެކެ ހަމަ އެހާ ފޫހިވޭތަ؟" ނިހާއަށް ރޮވޭ ގޮތްވިއެވެ. "ތިހާ ބޮޑަށް ތި ބަދަލުވީ ކީއްވެގެން؟ އަހަރެން ސިހުރު ހެދުމަށް މަސައްކަތްކުރީމަތަ؟ އެވަރުގެ ކަމަކަށް ތިހާވަރު ކުރާކަށް ނުވާނެ. އަހަރެންގެ ކުށް ޤަބޫލުކޮށްފަ އެތައް ފަހަރަކު މައާފަށް ވެސް އެދެފިން. އެއްވެސް އެއްޗެއް ކާން ނުދޭކަމަށް ވެސް އެތައް ފަހަރަކު ބުނެފިން. ޤަބޫލުނުކުރަނީ ކީއްވެގެންތަ؟"

ނިހާގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފެނުމާއެކު ނިކާލް ދުރު ބަލާލިއެވެ.

"އެވަރު ކަމެކޭ؟ ނިހާއަށް ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟ އެވަރު ކަމެކޭ ތިބުނީ ސިހުރުގެ ކުޅިގަނޑު ނިހާއަށް ފެނުނުލެއް އަދިވެސް ކުޑައީތަ؟ މީހަކު މަރާލާފަ އައިސް ވެސް ބުނަންވީނު އެވަރުކަމެކޭ. ތި ސުވާލު ތިކުރީ ޖަވާބު ނޭނގިގެނެނެއް ނޫން. ހަގީގަތަކީ މިހާރު މަށަށް ނިހާއަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރެވޭކަން. ސާފުވެއްޖެ؟" ހަރުކަށި ރާގެއްގައި ވާހަކަ ދައްކަމުން ނިކާލް އަރިމަތީ ހުރި ބިއްލޫރި ފާރުގައި އަތް ވިއްދާލިއެވެ.

"އަހަރެން ނިކާލްގެ އިތުބާރު ހޯދަން ކުރަންވީ ކޮންކަމެއް؟ ނިކާލް ބުނި ކޮންމެ ކަމެއްވެސް ކުރަން އަހަރެން މިހުރީ ތައްޔާރަށް." ނިހާގެ އަޑު ހުރީ ކުރަކިވެފައެވެ.

"ގެއްލިއްޖެ އިތުބާރަކީ އަނބުރާ ހޯދޭނެ އެއްޗެއްނޫން. މަ ބުނާ ގޮތެއް ހަދަން ހުރިއްޔާ ނިހާ ވީހާވެސް އަވަހަކަށް ފައިރޫޒްއާ އިނދޭ. މީސް މީހުންނަށް ކުރާ ވަޢުދަކީ ކުޅޭ ކުޅިވަރަކަށް ނުހަދާ ފައިރޫޒަށްވީ ވަޢުދު ފުއްދޭތޯ ބަލާ. އޭރުން ހަމަ ގައިމުވެސް ނިހާއަށް ހަޔާތުގައި ކޮންމެސް އެކަކަށް ވަފާތެރިވެވުނީނު." ނިކާލް ޖަވާބު ދެމުންދާލެއް ހަލުވިކަމުން ހިތަށް އަސަރެއް ކުރާ ހެނެއް ހިޔެއްނުވެއެވެ. ނިހާ ދައްކާ ވާހަކަތައް އަޑުއެހުމަށް އެތަނުގައި ހުންނާކަށް ނިކާލް ބޭނުމެއް ނުވިއެވެ. ދުރު ފިޔަވަޅުތަކެއް އަޅަމުން ނިކާލް ގޮސް ގެޔަށް ވަން މަންޒަރު ނިހާގެ ފުސްވެފައިވާ ދެލޮލުން ބަލަން ހުއްޓެވެ.

ނިހާ އެންމެ ބޮޑަށް ދެރަވީ ފައިރޫޒްއާ އިނުމަށް ނިކާލް ބުނުމުންނެވެ. އެކަމުން ނިހާއަށް ދޭހަވީ ދުވަހެއްގެ ކޮޅުންވެސް ނިކާލް އޭނާއަށް މާފުކުރަން ބޭނުން ނުވާކަމެވެ. ނިކާލްގެ ނަޒަރުގައި ނިހާއަކީ ކުށްވެރިއެކެވެ. ބޭވަފާތެރިއެކެވެ. ނިކާލްގެ ހިތް ފުނޑުފުނޑު ކޮށްލި ހިޔާނާތްތެރިއެކެވެ. އޭނާއަކީ ބަދުނަސީބުވެރިއެކެވެ. އެއްވެސް މީހެއްގެ ލޯބި ލިބުން އޭނާގެ ތަޤުދީރުގައި ލިޔެވިފައި ނުވަނީ ކަންނޭގެއެވެ. ނިކާލްގެ އިތުބާރު ހޯދުމަށް ކުރެވޭނެ ކަމެއްނެތެވެ. ނިކާލް ނިހާ ދެކެ ވަނީ ސިހުރު ލޯބިނޫންކަމަށް ޤަބޫލުކުރާނެ ނަމައެވެ. ނިހާގެ ދެލޮލަށް އިހުނަށްވުރެ ގިނައިން ކަރުނަތައް ޖަމާވިއެވެ. ދެލޮލަށް ކެތް ނުވާވަރަށް ކަރުނަތައް ބަރާވިއެވެ. އެޔާއެކު ކޯތާފަތް މައްޗަށް ކަރުނަތައް ފައިބަން ފެށުމާއެކު ނިހާ ކަރުނަތައް ފޮހެން މަސައްކަތްކުރިއެވެ. ކަރުނަތައް ހިފެހެއްޓުން އުނދަގޫކަމަކަށް ވިއެވެ. ގިސްލުމުގެ އަޑު ގަދަވާން ފެށުމުން ދެއަތުން އަނގަމަތީ އަތް އަޅާލަމުން ކައިރީގައި ހުރި ގޮނޑިއަށް އޭނާ ޖެހިގަތެވެ.

ނިކާލް ކުޑަދޮރު ކައިރީގައި ހުރެގެން ސިއްރުން ނިހާއަށް ބެލިއެވެ. ނިހާ ގިސްލަމުން ކަރުނަ ފޮހެމުން ދިޔަ މަންޒަރު ފެނުމުން ނިކާލްގެ ދެލޮލަށް ކަރުނަ ގިނަވިއެވެ. ނިހާގެ ހާލަށް ހަމްދަރުދީވެވުނެވެ. ނިކާލްގެ ދުލުން ކޮންމެ އެއްޗެއް ބުނި ނަމަވެސް އޭނާ ނިހާދެކެ ލޯބިވެއެވެ. ނިހާ ސިހުރުހަދާފައި އެއްޗެއް ކާން ނުދެމޭ ބުނާ ބުނުމަށް، ބައެއް ފަހަރަށް ނިކާލަށް އިތުބާރު ކުރެވެއެވެ. ނިހާ ބުނާ ވާހަކަތަކުގެ ތެދުކަން އެ ދެލޮލުން ހާމަވެއެވެ. އެޔާއެކު ނިހާ ދޮގެއް ނުހަދާނެކަމަށް އޭނާގެ ސިކުނޑި ވިސްނައިދެއެވެ. އޭނާ ނިހާދެކެ ވަނީ ސިހުރުގެ ބާރުން އުފަންވެފައިވާ ލޯތްބެއް ނޫންކަމުގައި ހިތްވެސް ބުނަމުން ދެއެވެ. ނަމަވެސް ތަވީދުގެ ހަޤީޤަތް ނިހާ ފޮރުވުމަށް ކުޅުނު ޑްރާމާ ހަނދާންވުމާއެކު ހިޔާލު ބަދަލުވަނީއެވެ. އިތުބާރުކުރަން އުނދަގޫވަނީއެވެ. ނިހާ ދައްކާ ވާހަކަތައް ޤަބޫލުކުރަން ސިކުނޑި ދެކޮޅު ހަދަނީއެވެ. އެދުވަހު ވެސް ނިހާ ހާދަހާ ވަރަކަށް ކަރުނަ ބާލަމުން ރުޔެވެ. ނަމަވެސް އެ ކަރުނަތައް އެންމެ ފަހުވަގުތު ވީ އަސްލެއްނެތް އެއްޗަކަށެވެ.

"ނިހާ ސިހުރުހަދަން އުޅުނުކަމަށް އެއްބަސްވަނީ ކީއްވެގެންބާ؟" އެއީ ނިކާލްގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ.

ކޮނޑުމަތީގައި މީހަކު އަތް ބާއްވާލުމާއެކު ނިކާލް ސިހުނެވެ. އޭނާ އަވަސް އަވަހަށް އެސްފިޔަ ޖަހާލަމުން ކަރުނަތައް ހިންދާލިއެވެ. ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން އެނބުރި ބަލާލިއިރު ހުރީ މަންމައެވެ. ނިކާލްގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ.

"ކޮން ކަމެއް މަންމައަށް ފޮރުވަން ތި ހިނިތުންވަނީ." ޞަފިއްޔާ ކުޑަދޮރުން ބޭރު ބަލާލަމުން ވާހަކަ ދެއްކިއެވެ. "މަންމައަށް ތިހެން އޮޅުވައިނުލެވޭނެ. ދަރިފުޅު ފިކުރު ކުރާވަރު މަންމައަށް އެނގޭ."

ނިކާލްގެ ހިނިތުންވުން ފިލައިގޮސް މޫނުގެ ކުލަ އޮއްސުނެވެ. މަންމައަށް ހަޤީޤަތް އެނގޭއިރު މަސްނޫއީ ހިނިތުންވުމެއް ދެއްކުމުގެ މާނައެއް ނެތެވެ.

"މަންމާ. ހަމަހިތަށް އަރަނީ ނިހާ އެ ހަދަނީ ދޮގެއްނޫނޭ." ނިކާލް މާޔޫސްވެފައި ހުރެ ބުންޏެވެ. "ނިހާ ދޮގު ހަދަން ބޭނުންވާނަމަ ސިހުރު ހަދަން އުޅުނުކަމަށް އެއްބަސްވާންވީ ކީއްވެގެން. އޭނަ ފާޅުގައި އެއްބަސްވޭ ސިހުރުހަދަން އުޅުނުކަމަށް. އެއްބަސްނުވަނީ އަހަރެންނަށް އެއްޗެއް ކާންދިންކަމަށް."

ނިކާލްގެ ވިސްނުން ބަދަލުވާން އުޅޭހެން ހީވުމުން ޞަފިއްޔާ ކަންބޮޑުވިއެވެ. އިރެއްގައި ނިހާއާ ނިކާލްގެ ގުޅުމަށް ޞަފިއްޔާ ރުހުނަސް މިއަދު އެދެމީހުން ގުޅޭކަށް އޭނާ ބޭނުމެއް ނޫނެވެ. ނިހާގެ ކޮޓަރިއަށް ފިރިހެނަކު ވެއްދިކަން އެނގުނު ހިސާބުން ޞަފިއްޔާގެ ވިސްނުންވަނީ ބަދަލުވެފައެވެ. ނިހާ ސިހުރު ހަދައިގެން ނިކާލް އެ މަޅީގައި ޖައްސަން އުޅުނީތީ ޞަފިއްޔާގެ ހިތްވަނީ ނިހާގެ މައްޗަށް ކަޅުވެފައެވެ.

"ދަރިފުޅާ. ސިކުނޑިން ވިސްނާ." ޞަފިއްޔާ ވިސްނައިދޭ ކަހަލަ ރާގެއްގައި ބުންޏެވެ. "ތަވީދުގެ ހަޤީޤަތް ފަޅާއަރާފައި އޮތީމަ ސިހުރު ނުހަދަމޭ ނިހާ ނުބުނާނެދޯ؟ އެހެންވީމަ މަޖުބޫރުވެގެން އެއްބަސްވަނީ އެ. މަންމައަށް ވިސްނޭ ދަރިފުޅަށް އުނދަގޫވާނެވަރު. ކެތްކުރަން އުނދަގޫވިޔަސް ދަރިފުޅު ޖެހޭނެ ކެތްތެރިވާން. ދަރިފުޅު ތިވާ ލޯބި އޮންނާނީ ދުވަސްކޮޅެއްގައިކަން ހަނދާނުގައި ބަހައްޓާތި. ސިހުރުގެ ބާރުން އުފެދޭ ލޯތްބެއް މާ ގިނަ ދުވަހަކު ދެމިއެއް ނޯންނާނެ. އެހެންވީމަ ދުވަސްކޮޅަކުން ދަރިފުޅު ހަމަޔަކަށް އެޅިދާނެ. ތި ލޯބި ހިތުން ފޮހެވިގެން ހިނގައިދާނެ. ދަރިފުޅު ވިސްނަންވީ ސިކުނޑިން. ހިތަކުން ނޫން."

ދުވަހަކުވެސް ނިކާލްގެ ހިތުން ލޯބި ފިލައިގެން ނުގޮސްފިނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ނިހާދެކެ އެވާ ލޯތްބަކީ ހަޤީޤީ ލޯބިކަން އެނގޭއިރު ނިހާ އެހެން މީހެއްގެ ހައްޤަކަށްވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭރުން އޮންނާނީ މާބޮޑަށް ލަސްވެ ވަގުތު ފާއިތުވެފައެވެ. ނިކާލް އެހެން ހިތަށް އަރާފައި ބިރުގަތެވެ. އޭރުން މުޅި އުމުރަށް އޭނާއަށް ޖެހޭނީ ހިތާމަކުރާށެވެ.

ބާބު 02 - ދަންމަޅި

ބިރުވެރި ހުވަފެނެއް ފެނިގެން ސިހިފައި ނަޒީލަށް ހޭލެވުނެވެ. ކޮޓަރި ތެރެއިން ފެނުނު އަނދިކަމުން އޭނާ އިތުރަށް ބިރުގަތެވެ. އަނދިރިކަން ދެލޮލަށް ހޭނިލުމާއެކު އެނދު ކައިރީގައި މީހަކު ކޮޅަށް ހުރިހެން ނަޒީލަށް ހީވިއެވެ. ދެލޯ އުނގުޅާލަމުން އޭނާ އިންޝާއަށް ގޮވާލީ އެނދުގައި އިންޝާ ނެތްކަން އެނގުމުންނެވެ. އެޔާއެކު އޭނާގެ ނިތްކުރި މަތީގައި އެއްޗަކުން ޖެހުމާއެކު ވީތަދުން ބުރާންތިވެގެން ދިޔައެވެ. އޭނާގެ މަޑުމަޑު ހަޅޭކުގެ އަޑާއެކު ބާރަށް ނިތްކުރިމަތީ އަތް ޖައްސާލެވުނުއިރު ދުނިޔެ އެނބުރެމުންދާ ކަހަލަ އިޙްސާސެއް ކުރެވުނެވެ. މޫނުމަތިން ކުދި ކޮކާ ބުރަންފެށިއެވެ. އޭނާ ދެލޯ ހުޅުވަން މަސައްކަތްކުރި ނަމަވެސް މަޑުމަޑުން ދެލޯ މެރެމުން ގޮސް މެރުނެވެ.

ނަޒީލަށް ހެނދުނު ހޭލެވުނުއިރުވ ެސް ނިތްކުރިމަތިން ތަދުގެ އިޙްސާސްވެއެވެ. އޭނާގެ އިނގިލިތައް ނިތުގައި ކާއްތައިލިއިރު ހުރީ ތަންގަނޑެއް ދުޅަވެ އަރާފައެވެ. ވަގުތުން ރޭގައި ހިނގި ހާދިޘާ ނަޒީލްގެ ހަނދާނަށް އަޔެވެ. އެވަރުގެ ކަމެއް އިންޝާ ނުކުރާނެކަން އޭނާއަށް ޔަޤީންވެއެވެ. ވީއިރު ރޭގައި ކޮޓަރި ތެރޭގައި އުޅުނީ ކާކު ހެއްޔެވެ؟ ވައްކަންކުރަން ގެޔަށް މީހަކު ވަދެ ހުއްޓާ ނަޒީލަށް ހޭލެވުމުން އެމީހާ ހަމާލާދީފައި ދުވެ ފިލީ ހެއްޔެވެ؟ ނަޒީލް އެކަމާ ވިސްނަން އޮއްވައި އިންޝާ ފާޚާނާ ދޮރު ހުޅުވާލައިފައި ނުކުތެވެ.

"ރޭގަ މިކޮޓަރިއަށް މީހަކު ވަންތަ؟" ނަޒީލް ސުވާލު ކުރިއެވެ.

"ކިހިނެއްވީ؟" އިންޝާ ޖަވާބު ދިނުމުގެ ބަދަލުގައި ކުރީ ސުވާލެކެވެ.

ނަޒީލް ރޭގެ ހާދިޘާ ކިޔައިދިނެވެ. އިންޝާ ދެބުމަ ކައިރިކޮށްލިއެވެ.

"ތީ ހުވަފެނެއް." އިންޝާ ލޯގަނޑު ކުރިމަތީ ހުއްޓިލަމުން ބުންޏެވެ. "އަހަރެން ރޭގަ ތިރިޔަށް ގޮސް އައި އިރު އެނދުގެ ކޮޅުގަ ތިހިރަ ވާސް އޮތީ ބިންމަތީގައި. ކޮޓަރިވެސް ހުރީ ދިއްލާ އަޅާފައި."

ނަޒީލަށް ބަލާލެވުނީ އެނދުކޮޅުގައި ހުރި މާޖަހާ ލަކުޑި ވަށިގަނޑަށެވެ. ދެން އަތް ޖައްސާލެވުނީ ނިތުގައެވެ. އެ މާވަށިގަނޑު ވެއްޓި ޖެހޭ ގޮތަކުން އަނިޔާވުމަކީ އެކަށިގެންވާކަމެކެވެ. އެހެނަސް މީހާ ހޭދެބައިވެގެން ހިނގައިދާނެބާއެވެ؟ ފެނުނީ ހުވަފެނެއް ކަމާމެދު ނަޒީލްގެ ހިތުގައި ޝައްކު އުފެދުނެވެ. ރޭގައި ދެލޯ މެރެމުން ދިޔަ ވަގުތު، އެމީހަކު ކޮޓަރި ދޮރާ ދިމާއަށް ދުވެފައި ދިޔަހެން ވެސް ނަޒީލަށް ހީވިއެވެ. އެއީ ކާކު ހެއްޔެވެ؟ (ނުނިމޭ)

ދެވަނަބައިގެ ތެރެއިން:- އިލްހާމްމެން ދެމަފިރިންގެ ދެމެދުގައި ބީރައްޓެހި ކަމުގެ ފާރެއް ވަނީ ލެވިފައެވެ. ދުވަހެއް ދުވަހަކަށް އެ ފާރު ބޯވެ ވަރުގަދަވަމުން ދާކަން އިލްހާމަށް ފާހަގަވި ނަމަވެސް އޭނާ ހުރީ އަންހެނެއްގެ ފައިބުޑަށް ވެއްޓި އާދޭސް ނުކުރަން ނިންމައިގެންނެވެ. ޞަފިއްޔާ ބޭނުންވަނީ އިލްހާމްގެ ފަރާތުން ހަމަ އެންމެ ސުވާލެއްގެ ޖަވާބެވެ. އިލްހާމްގެ އެ ބުނާ އަންހެން ދަރިޔަކީ ކާކު ހެއްޔެވެ؟

ނޯޓު:- މި ވާހަކަ ގެނެސްދޭނީ ކޮންމެ ރެޔެއްގެ 09:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވަރަށް

    ނިހާ މަރާނުލައްޗޭ

    8
    1
  2. ނޭގެ

    ނިހާ މަރުވެފާވާނަމަ ތިވަރަށް ސަކަރާތްވީ

    8
    1
  3. ..

    ނިހާ މަރުވީތަ

    • ޙިމާ

      ނޯ.. ނަޒީލް މަރުވީ

  4. PIS

    NIHAA EH NUN KAHNEYGE MARUVYKY... NIHAA FAIROOZ KAIRI AH FONUVAALAAFA EHN ULHEMUN NIKAAL AH EHEN KUJJEH DHEKE LOWBI VEVUNY KANNEYGE

  5. ::::

    ނިކާލް އެ މަރާލީ އިލްހާމް

  6. ::::

    ނިކާލް އެ މަރާލީ އިލްހާމް ހެން ހީވަނީ