ޓީވީ ޝޯވްއެއްގެ ތެރެއިން ފެނުނު އަންހެނަކަށް ނުރައްކާތެރި ކެންސަރު ބަލި ޖެހި ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާކަން، އޭނާގެ ސަމާލުކަމަށް ގެނެސްދިން ޑޮކްޓަރަށް ގިނަ ބައެއްގެ ތައުރީފު ލިބިއްޖެއެވެ.

އެޗްޖީ ޓީވީން ދެއްކި ޕްރޮގްރާމެއްގައި ބައިވެރިވެ ވާހަކަދައްކަން ހުރި އެ އަންހެން މީހާއަށް ކެންސަރު ޖެހިފައިވާކަން، ޓީވީ ބަލަން ހުރި ސާޖަންއެއް ކަމަށްވާ، ޑރ. އެރިކް ވޮއިޓްއަށް އެނގުނީ އެ އަންހެން މީހާގެ ކަރުން އާދަޔާއި ޚިލާފު ނިޝާނެއް ފެނުމުންންނެވެ. އެއާއިއެކު އެ އަންހެން މީހާ ކެންސަރުގެ ނުރައްކަލަށް ހުށަހެޅިފައިވާކަން އެނގި ވަގުތުން އެކަން އޭނާގެ ސަމާލުކަމަށް ގެނައުމަށް ޑރ. އެރިކް ބޭނުންވިއެވެ. ނަމަވެސް އެ އަންހެންމީހާ އާއި ގުޅޭނެ އެއްވެސް ގޮތެއް ނެތުމުން ޑރ. އެރިކް ނިންމީ އަމިއްލަ ފޭސްބުކް ޕޭޖު މެދުވެރިކޮށް އެ ޚަބަރު އަންހެން މީހާއާއި ހަމައަށް ފޯރުވުމަށެވެ.

ޑރ. އެރިކްގެ ފޭސްބުކް ޕޯސްޓުގައި އެ އަންހެން މީހާގެ ފޮޓޯ އަކާއި އެކު އޭނާއަށް ދިމާވެފައިވާ ޙާލަތަކީ ނުރައްކާތެރި ހާލަތަކަށް ވެދާނެ ކަމަށް ބުނެފައި ވެއެވެ. އެހެންކަމުން އޭނާ އާއި ހަމައަށް އެ ހަބަރު ގެންގޮސްދިނުމަށް ފޭސްބުކުގައި ތިބި ރަހުމަތްތެރީންނާއި އެނޫންވެސް ފަރާތްތަކުގެ އަރިހުން ޑރ. އެރިކް ވަނީ އެދިފައެވެ.

ޑރ. އެރިކްގެ ޕޯސްޓު ކެންސަރު ޖެހިފއިވާ އަންހެން މީހާއަށް ފެނުނީ އެނާގެ އެކުވެރިއެއްގެ ފަރާތުންނެވެ. އެއާއި އެކު ހޮސްޕިޓަލަށް ގޮސް ކެންސަރު ޓެސްޓެއް ކުރުމުން، އޭނާއަށް ޖެހިފައިވަނީ ތައިރޮއިޑް ކެންސަރުކަން ވަނީ އެނގިފައެވެ. އެ އަންހެން މީހާ ބުނެފައިވަނީ، އޭނާއަށް ކެންސަރު ޖެހިފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށާއި، ނަމަވެސް ޑރ. އެރިކްގެ ޕޯސްޓު ފެނުމުގެ ކުރިން އެފަދަ ކަމެއް ކުރިމަތިވެފައި ވެދާނެ ކަމަށް ހީވެސް ނުކުރާ ކަމަށެވެ.

"މިއީ ވަރަށް ބޮޑު އިއްތިފާޤެއް އެ ޓީވީ ޝޯވް ގައި އަހަންނަށް ބައިވެރިވެވުމީ. އެ ދުވަހު ޑރ. އެރިކްއަށް އަހަރެންގެ ކަރުގައިވާ ނިޝާން ފެނިގެން އެކަން އަހަރެންގެ ސަމާލުކަމަށް ނުގެނައި ނަމަ އަހަންނަށް އެކަން އެނގޭއިރު އޮންނާނީ މާ ލަސްވެފައި ކަންނޭނގޭ،" ޝުކުރުވެރިކަމާއި އެކު އެ އަންހެން މީހާ ބުނެފައިވެއެވެ.

މިހާރު އޭނާއަށް ފަރުވާ ދިނުމަށްފަހު ހާލު ރަނގަޅުވަމުން އަންނައިރު، ޑރ. އެރިކް ވަނީ އޭނާގެ ޕޯސްޓް ޝެއަރކޮށް އެ އަންހެން މީހާގެ ސަމާލުކަމަށް އެކަން ގެނެސްދިނުމަށް މަސައްކަތްކުރި ހުރިހައި ފަރާތަކަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު