މަންމަ އިންނަކީ ދަރިން ދެކެ އެންމެ ލޯބިވާ މީހުން ކަމަށް ވީނަމަވެސް ހުރިހާ ފަހަރަކު އެގޮތައް ކަންތަކެއް ނުވެއެވެ. މިއީ ވެސް އެފަދަ މިސާލެކެވެ. އެމެރިކާގެ ނިއުޔޯކްގެ އަންހެނަކު މިވަނީ އޭނާގެ އެއްމާބަނޑު ދެދަރިން މަރާލާފައެވެ.

އުމުރުން އެންމެ ހަހަފްތާވީ އެއްމާބަނޑު ދެކުދިން މަރާލަން އެކުދިންގެ މަންމަ އުމުރުން 23 އަހަރުގެ ޑަނެޒްޖާ މަސައްކަތް ކުރީ ގާތުން ކިރުދޭއިރު ވިހައެއް ދީގެންނެވެ. ނަމަވެސް އެގޮތައް ދެދަރިން މަރައި ނުދެލެވުން ދެން އޭނާ ދެދަރިންގެ ތެރެއިން އެއްކުއްޖަކު މަރާލާފައި ވަނީ ތޫނު އެއްޗަކުން ދަރިފުޅުގެ ބޮލަށް ހަމަލާ ދީގެންނެވެ. ދެވަނަ ކުއްޖާ މަރާލާފައި ވަނީ ނޭވާ ނުލެވޭ ގޮތައް ކުއްޖާގެ މޫނުގައި ބެޑްޝީޓެއް އޮޅައިގެންނެވެ.

ފުލުހުން މިހާރު ވަނީ ދެދަރިން މަރާލި މައްސަލައިގައި ޑަނެޒްޖާ ހައްޔަރު ކޮށްފައެވެ. އޭނާގެ މައްޗަށް ވަނީ ގަސްދުގައި ދެދަރިން މަރާލި މައްސަލައިގައި ދައުވާ ވެސް އުފުލާފައެވެ.

ހޮނިހިރު ދުވަހު މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވާއިރު ޑަނެޒްޖާ ވަނީ ދެދަރިން މަރާލި ކަމަށް އަމިއްލައަށް އިއުތިރާފު ވެފައެވެ. އޭނާ ބުނީ ދެދަރިން މަރާލީ އެކުދިން މާގިނައިން ރޯތީ އެވެ. "އެކުދިން މާގަދައަށް ރޯވަރުން އަހަރެންނަށް ނިދަން އުނދަގޫ ވާތީ މަރާލީ." އޭނާ ކޯޓުގައި ބުންޏެވެ. އޭނާ ކޯޓުގައި ބުނީ ދަރިން މަރާލުމާއިމެދު ވިސްނީ އޭނާ މިހާރު އެކުދިން ބޭނުން ނުވާތީއެވެ.

ޑަނެޒްޖާ ކޯޓުގައި ދެއްކި ވާހަކަތަކާއި ގުޅިގެން އޭނާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބަލަން މިހާރު ޕްރޮސެކިއުޓަރުން ވަނީ ނިންމާފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޭނާގެ ނަފްސާނީ ހާލަތާއި ގުޅޭ ރިޕޯޓްތައް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓަރުން ކޯޓުގައި ބުންޏެވެ.

ޑަނެޒްޖާ ދެކުދިން މަރާލިކަން އެނގުނީ އޭނާގެ ޚަބަރެއް ނުވެގެން އޭނާގެ ދައްތަ ފުލުހުންނަށް ރިޕޯޓް ކުރުމުން ޑަނެޒްޖާގެ އެޕާޓްމަންޓަށް ފުލުހުން ގޮސް ބެލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު