އޭޕްރީލް 24 ވަނަ ދުވަހު ގެނެސްދިން ބައި

"އަދިވެސް ތި ވިސްނަނީ އެކަމާތަ؟" އިންޝާގެ އަޑު ޖެހުމާއެކު ނަޒީލް ސިހުނެވެ. "މަ ތިރިޔަށް ދިޔައީ ފެން ޖަގު ހުސްވެފައި ހުރީމަ ފެން އަޅަން. ދިޔައިރު ދިޔައީ ހޮޅިބުރި ވެސް ދިއްލާފަ. އެކަމު ނަޒީލް ތިބުނީ ހޭލެވުނު އިރު ކޮޓަރި ހުރީ ނިއްވައި އަނދިރިކޮށްފައޭ. ގައިމު އަހަރެން އައިއިރު ވެސް ކޮޓަރި ހުރީ ދިއްލާފަ."

"ވެދާނެ އެއީ ހުވަފެނެއް ކަމަށް ވެސް." ނަޒީލްގެ ހިތުން ޝައްކު ފިލައިގެން ނުދިޔަކަމުގައި ވިޔަސް އެވަގުތަށް އޭނާ އެ ވާހަކަ އޮއްބާލިއެވެ. އިންޝާ ފަނޑު ހިނިތުންވުމަކުން ހިނިތުންވެލިއެވެ. ނަޒީލް ތެދުވެގެން އައިސް އިންޝާގެ ދެ އަތުގައި ހިފައިލަމުން ނިތްކުރިއަށް ބޮސްދިނެވެ.

"ލޯބިވޭ. ފާހާނާ އަށް ވަދެލާފަ އެބަ އަންނަން." އިންޝާގެ ދެއަތަށް ބާރަށް ފިތާލަމުން ނަޒީލް އެއް ލޯ މަރާލީ ލާނެތް ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކޮށްލަމުންނެވެ. އަދި އިންޝާގެ ކަންފަތް ދޮށުގައި ނަޒީލް ސިއްރުސިއްރުން ކޮންމެ ވެސް ވާހަކައެއް ބުނެލިއެވެ. އެޔާއެކު އިންޝާ ގަތް ލަދުން ހީގަނެވުނީ ނަޒީލްގެ ކޮނޑުގައި ބޮނޑިއެއް އަޅައި، ކޮށްޕާލަމުންނެވެ. ނަޒީލް ހެމުންހެމުން ގޮސް ފާޚާނާއަށް ވަނެއެވެ.

އިންޝާއާއި ނިހާއަށް އަނިޔާވެރިވުމުގައި ނަޒީލްގެ އެއްވެސް އިޚްތިޔާރެއް އަދި ނިޔަތެއް ވެސް ނެތްކަމަށް ބުނެ، ނަޒީލް ވަނީ މަޢާފަށް އެދިފައެވެ. އަދި އެކަން އެހެންވީ އިބްރީސްގެ ވަސްވާސްތަކާއި ބާރުގެ ޝިކާރައަކަށް އޭނާ ވުމުންކަމަށް ބުނުމުން އިންޝާ އެ ވާހަކަތައް ޤަބޫލުކުރިއެވެ. ނަމަވެސް ނިހާއާ މެދު ނަޒީލްގެ ހިތް ނިޔަތް ރަނގަޅު ވާނެ ކަމާމެދު އިންޝާއަށް ކުޑަވެސް އިތުބާރެއް ނެތެވެ. ނަޒީލަށް މަޢާފުކޮށް، އެ އުޅުން އިސްލާޙުކޮށް ގެއްލިފައިވާ އިތުބާރު ހޯދުމަށް ނަޒީލަށް ދެވަނަ ފުރުޞަތެއް އިންޝާ ދިނީ ނިހާގެ ވެސް އެދުމުގެ މަތިންނެވެ. މިއަދު އެފުރުޞަތު ނަޒީލަށް ދެވުނުކަމަށް ޓަކައި އިންޝާ އުފާކުރެއެވެ.

އިންޝާ ހެވިދިލިފައި ހުރެ ފާޚާނާ ދޮރާ ދިމާއަށް ބަލަމުން އެނދުގައި އިށީން ވަގުތު އެނދުކޮޅުގައި ހުރި މާޖަހާ ވަށި ފެނުނެވެ. ނަޒީލްގެ ވާހަކަތައް ހަނދާނަށް އައުމާއެކު އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. ކުރިން ދިމާވިފަދަ ބިރުވެރި ކަންތައްގަނޑެއް ފެށެން އުޅޭކަމުގެ ވަސްވާސްތައް ސިކުނޑިއަށް ވަންނަން ފެށުމާއެކު ދެއަތަށް ބޯ ހޫރުވާލެވުނެވެ. އެ އާއިލާ އިބްރީސްގެ ކިބައިން އަބަދުގެއަބަދަށް މިންޖުވެފައިވާކަން އިންޝާ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.

ޞަފިއްޔާ ހެނދުނުހެނދުނާ ތެދުވެ، އަވި އެރުމުގެ ކުރިން މުޅި ގޯތިތެރެ ކުނިކަހާ ނިންމާލިއެވެ. އޭނާ ގޭތެރެއަށް ވަދެ ނަޒަރު ހިންގާލިއިރު އެއްވެސް މީހެއްގެ ހިލަމެއް ނެތުމުން، އެކަކުވެސް ހޭލާ ނޫޅޭކަން އެނގުނެވެ. ދީޕިކާއަށް ދެތިން ފަހަރަކު ހަރު އަޑުން ގޮވާލިއެވެ. ޚަބަރެއް ނުވުމުން ދީޕިކާ ވެސް ހޭނުލަނީކަން ކަށަވަރުވިއެވެ. ޞަފިއްޔާ ބަދިގެއަށް ވަދެ ފެން ހޫނުކޮށްގެން ކޮފީއެއް ގިރާލިއެވެ. ފާރޮށި ޖޯޑަކާއެކު ކޮފީތަށި ބޯލުމަށްފަހު އޭނާ ދެން އަވަސްވެގަތީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށެވެ.

ދީޕިކާއަކީ ގޭތެރޭ މަސައްކަތްތަކުގައި އަތްގާތްކޮށްދީ އެހީތެރިވުމަށް ގެނެސްގެން ގެންގުޅޭ މީހެއް ނަމަވެސް ކެއްކުކުމުގައި ދީޕިކާގެ އެހީތެރިކަމެއް ލިބެނީ މަދު ފަހަރަކުއެވެ. މިހާރަކަށް އައިސް ދީޕިކާ ހޭލަނީ ވެސް ހޭލާނެ އިރަކުންނެވެ. އަމިއްލައަށް ފެނިގެން ކަމެއް ނުކުރާއިރު ކުރާކަމެއް ކޮށްފައި ހުންނަނީ ދެވަނަ ފަހަރަށް ކުރަންޖެހޭހައި ފަރުވާކުޑަކޮށެވެ. ދީޕިކާގެ އުޅުމަށް ބަދަލު އަންނަން ޖެހުނު ސަބަބު ޞަފިއްޔާއަށް އެނގެއެވެ. އޭނާ ރަށަށް ދާން ބޭނުންވާ ވާހަކަ ޞަފިއްޔާ ގާތުގައި ދެތިން ދުވަހަކު ދައްކާފައި ވެއެވެ. އާއިލާ ކައިރިޔަށް މަސް ދުވަހަށް ވިޔަސް ފޮނުވައި ދިނުމަށް އެދިފައި ވެއެވެ. އެ ވާހަކަތައް އިލްހާމްގެ ކަންފަތާ ހަމައަށް ފޯރުމުން އިލްހާމް އެކަމާ ދެކޮޅު ހެދިއެވެ. ދީޕިކާގެ އެދުމަށް ބީރު ކަންފަތެއްދީ ފުރަގަސްދިނެވެ. ދީޕިކާ މަސައްކަތަށް ފަރުވާ ކުޑަކުރަން ފެށީ އެހިސާބުންނެވެ.

ނިހާއަށް ބަދިގެއަށް ވަދެވުނުއިރު ޞަފިއްޔާ ހުރީ ރޮށި ފިހާށެވެ. މީހެއްގެ ހިލަމެއްވީހެން ހީވުމާއެކު ޞަފިއްޔާ އެނބުރި ބަދިގޭ ދޮރާ ދިމާއަށް ބަލާލިއެވެ. ނިހާ ހިނިތުންވެލިއެވެ. ވީ ފޫއްސެއް ބަޔާން ކުރަން ނޭނގޭ ހާލުގައި ސަފިއްޔާ އޭނާ ކުރަމުން ދިޔަ މަސައްކަތަށް ރުޖޫޢަވިއެވެ. ޞަފިއްޔާގެ އަމަލުތައް ހުރި ގޮތުން ނިހާއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާ ކޮފީތަށްޓެއް ގިރާލައިގެން މޭޒު ކައިރީ އިންދައި ޞަފިއްޔާ ގޮވާލިއެވެ. ނިހާ އިސް އުފުލާލައި ބަލާލުމާއެކު ޞަފިއްޔާ ދިން ހަބަރަކުން ކޮށިއަރާގޮތްވިއެވެ. އޭނާ އަވަސް އަވަހަށް ތަށްޓަކަށް ފެން އަޅައި އެއް ނޭވައިން ދަމާލިއެވެ.

"ނިހާ ހީކުރަނީ އުމުރު ދުވަހު މި ގޭގައި ތިގޮތަށް އުޅެވިދާނެކަމަށްތަ؟" ޞަފިއްޔާ ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައި ހުރެ ރުޅިވެރި ރާގެއްގައެވެ. "ފައިރޫޒްއާ ކާވެނި ކުރާނެ ދުވަހެއް ނިހާއަކަށް ނުނިންމުނެއްނު. އެކަންވެސް އެންމެ ފަހުން ކުރަން މި ޖެހުނީ މަށަށް. އަންނަ ހަފްތާގައި ކާވެނި ކުރަން ތައްޔާރަށް ހުރޭ."

"ނޫން." ނިހާގެ ދުލުކުރިޔާ ހަމައަށް އައީ އެންމެ ލަފްޒެކެވެ.

"ކޮން ނޫނެއްތަ؟" ޞަފިއްޔާ ގެ އަޑު ބާރުވިއެވެ. "ކަލޭ ސިހުރު ބޮނޑި ބަނދެގެން މަގޭ ދަރީގެ ދިރިއުޅުން ހަލާކުކުރަން އުޅުނީމަ ވެސް އަހަރުމެން ކަލެޔަށް ކިހާ ރަނގަޅަކަށްތަ މި ކަންތައް ކޮށްދެނީ. އެހެން ބަޔަކުނަމަ މިގެއިން ނެރެ އެއްލާލާނެތާ ކޮން ދުވަހެއް. އެކަމު ކަލޭ މިގޭގަ ބަހައްޓައިގެން ރަނގަޅު މީހަކު ހޯދައި ކާވެނި ކުރުވާފައި ފޮނުވަން މި އުޅެނީ. މީކީ އެއްވެސް ކަމަކަށް ޝުކުރުވެރި ވެސް ވާ އާދަމުގެ ދަރިއެއް ނޫނޭ. ރީތި ގޮތުގަ މިކަން ނިންމަން ވަގުތު ދިނީމަވެސް ފޫގަޅައިގެން ތީނީ އުމުރު ދުވަހު އަހަރުމެންގެ ތައްޕާހުގަ އުޅޭކަންނު. މީގަ ދެން އިތުރު އެހެން އެއް ގޮތެއް ވެސް ނޯންނާނެ. ކާވެނި އަންނަ ހަފުތާގައި ކުރެވޭނެ. ދެން ހަދާނެ އެއްޗެއް ހަދާ."

"އަހަރެން އަދި ކުޑަ ވަގުތު ކޮޅެއް ބޭނުން." ނިހާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

"ކިހާވަރަކަށްތަ ވަގުތު ދޭންވީ؟ ތިބުނާ ވަގުތެއް ދުވަހަކުވެސް ނާންނާނެ. އިތުރު ވަގުތުތަކެއް ހޯދައިގެން މަގޭ ނިކާލްގެ ދިރިއުޅުމަށް ވަންނަން ހިޔާލުވެސް ނުކުރާތި. އެކަހަލަ ހިޔާލެއް ކުރިޔަސް ކަލޭ ޖެހޭނީ މިގެއިން ނުކުމެގެން ދާން. ކަލެޔަށް މިހާރު ހަމަ އެންމެ ރަނގަޅު ވާނީ ފައިރޫޒްއާ އިނދެގެން މިގެއިން ދިޔައިއްޔާ. މިއަދު މެންދުރުގެ ކެއުމަށް ފައިރޫޒުގެ އާއިލާއަށް މަ އޮންނާނީ ދަޢުވަތުދީފައި. އަންނަ ހަފްތާގައި ކާވެނިކުރަން ބޭނުންވާ ވާހަކަ އެމީހުންނަށް އަންގާ. އަދި ބުނަން. ކަލޭ މި ކާވެންޏާ ދެކޮޅު ހެދުމުގެ ވިސްނުމެއް ގެންގުޅެންޏާ އެ ހިޔާލު ވެސް ދޫކޮށްލާ. ދެކޮޅުހެދުމުގެ އިޚްތިޔާރެއް ކަލެޔަކަށް މިހާރު ނޯންނާނެ. މި ކާވެނި ދެން އެއްވެސް ސަބަބަކާ ހުރެ ފަސްވިޔަސް އަދި ކެންސަލް ވިޔަސް ކަލޭ ހުންނާނީ މިގޭ ހަތަރު ފާރުން ބޭރުގައިކަން ހަނދާންކުރާތި."

ޞަފިއްޔާގެ ވާހަކައިން އޭނާއަކީ މިހާރު އެ ގޭގައި ހުރި "ވަގުތީ" މެހެމާނެއްކަން ނިހާއަށް ވިސްނުނެވެ. އިބްރާހިމްބެގެ ވާހަކަތަކަށްފަހު ނިހާއަށް އެގޭގައި ދިރިއުޅުމުގެ ހައްޤު ދެވިފައި އޮތީ ފައިރޫޒުއާ ކާވެނި ކުރުވުމުގެ މަޤުޞަދު ހާސިލުކުރުމުގެ ބޭނުމުގައިކަން ސާފުވެގެން ދިޔައެވެ. ފައިރޫޒް ގާތުގައި ކާވެނިކުރަން ބޭނުންނުވާ ވާހަކަ ބުނަން ނުކެރުންކަން އެއީ ނިހާގެ ނަސީބެވެ. ނިހާ ބުނާނެ އެއްޗެއް ކުރާނެކަމެއް ވެސް ނޭނގިފައި އިންދައި ދެލޮލަށް ކަރުނަ ގިނަވާން ފެށިއެވެ. ޞަފިއްޔާ ރޮށި ފިހެ އަވަދިވުމާއެކު ލައިގެންކާނެ އެއްޗެއް ތައްޔާރުކުރުމަށް ނިހާ ގާތު ބުންޏެވެ. ނިހާގެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ޞަފިއްޔާގެ ސަމާލުކަމަށް އަޔެވެ.

"މިހާރު ރޯވަރުގެ އެއްޗެއް މަށަށް ބުނެވިއްޖެތަ؟" ޞަފިއްޔާ ވާހަކަ ދެއްކި އަޑަށް ނިހާ ސިހިފައި ވަގުތުން ދެލޯ ފޮހެލިއެވެ. ހިންދިރުވާލިއެވެ. އޭނާ މިހާރު ދެރަވާލެއް ވެސް މާ އަވަހީއެވެ. ޖަޒުބާތުގައި ޖެހޭގޮތްވެ ރޮވެނީއެވެ. ހަޤީޤަތުގައި ނިހާ ރޯން ބޭނުން ނުވިޔަސް ނިކާލްއާ ވަކިވެދާނެހެން ހީވެފައި ކެތްތެރިކަން ކޮޅުން ލަނީއެވެ. އަދި ވަގުތު ފާއިތެއް ނުވެއެވެ. ނަމަވެސް ވަގުތު ކުޑަތަން ވެއްޖެއެވެ. ރިހަ ކެއްކުމުގެ މަސައްކަތުގައި އުޅެމުން ދެން ކަންތައްކުރާނެ ގޮތަކާމެދު އޭނާ ވިސްނަމުން ގެންދިޔައެވެ. ކާވެނި ލަސްކޮށްލާނެ މޮޅު ގޮތެއް ހިޔާލަށް ނައުމުން ބޮލުގައި ރިއްސަންފެށިއެވެ. އެކަމުގައި އޭނާއަށް ހިޔާލެއް ދޭނީ ވެސް ވަކި ކާކު ހެއްޔެވެ؟ އެވަގުތު ކުއްލިޔަކަށް އިންޝާ މަތިން ހަނދާންވިއެވެ. ނިހާއަށް އިތުބާރު ކުރާ ހެޔޮހިތުން އަނގައިން ބުނެ ވާހަކަ ދައްކާ މީހަކަށް މިހާރު ހުރީ ހަމައެކަނި އިންޝާއެވެ.

ނިހާ ހުރިހާ ވާހަކަތަކެއް ކިޔާދިނުމުން އިންޝާ މޮޅު ހިޔާލެއް ދިނެވެ. އޭރު އެމީހުންގެ ވާހަކަތައް ސިއްރުން އަޑުއަހަން މީހަކު ހުރިކަމެއް އެމީހުންނަކަށް ނޭނގެއެވެ. އިންޝާ ދިން ޚިޔާލާ އެއްގޮތަށް ކަންތައްކޮށްފިނަމަ ކާވެނި ފަސް ކުރެވިދާނެއެވެ. އޭރުން ނިކާލަށް ވިސްނާދޭން ވެސް އިތުރު ވަގުތު ލިބިގެން ދާނެޔޭ ނިހާގެ ހިތަށް އެރިއެވެ. ނިހާގެ މޫނުމަތި އުޖާލާވެގެން ދިޔަތަން އިންޝާއަށް ފެނުނެވެ. ދެވަނަ ސިކުންތުގައި ނިހާއަށް ކުޑަކޮށް ހެވުނެވެ.

"އެންމެންގެ ކުރިމަތީ ދޮގު ހަދަން ނިހާއަށް ކެރޭނެތަ؟" އިންޝާ އެހިއެވެ.

ނިހާ ބޮލުގެ އިޝާރާތުން އާނއެކޭ ބުންޏެވެ. މިހާރުވެސް އެންމެންގެ ނަޒަރުގައި ނިހާއަކީ ދޮގުވެރިއެކެވެ. މަކަރުވެރިއެކެވެ. ކަން ނުވެ ނަންވެ ބޭޒާރުވެފައިވާ ޖާހިލެކެވެ. ވީއިރު ދޮގެއް ހަދައިގެން ބަދަލުވާނެ ކަމެއް އޮއްނާނެ ހެއްޔެވެ؟ ނިހާއާ ދޭތެރޭ އެމީހުން ދެކޭގޮތް ބަދަލުވާނެ ހެއްޔެވެ؟ ނިކާލްގެ ރުޅި އިތުރަށް ގަދަވެ ނިހާއަށް ކުރާ ނަފުރަތު ބޮޑުވެގެން ދިޔަ ނަމަވެސް އެކަމަށް ނިހާ ކެތްތެރިވާނެއެވެ.

"ނިކް ހުއްޓައެއްނު ތިހެން ބުނަން ވެސް ޖެހޭނީ. އެކަމަކު ފައިރޫޒްމެންނާ އެއް ސުފުރާ މައްޗަށް އޭނަ އަރާނެތަ؟" ނިހާގެ ކާވެނީގެ ވާހަކަ ދައްކާ މަޖިލީހެއްގައި ނިކާލް ބައިވެރިވެދާނެ ކަމާމެދު ނިހާގެ ހިތުގައި ޝައްކު އުފެދުނެވެ.

" ހޫން. ވާނެ. ކީއްވެ ނުވާންވީ. ތިކަން މަށަށް ދޫކޮށްލާ." އިންޝާ ޔަޤީންކަން ދިނެވެ.

"އަޅޭ. ތީ ހަމަ ރަންގަނޑެއް. ލޯބިވޭ." އިންޝާ ގައިގައި ނިހާ ބައްދާލިއެވެ.

އިންޝާއާއި ނިހާ ރޭވިރޭވުން އަޑުއަހަން ހުރި ނަޒީލަށް އެ ހުރިހާ ވާހަކައެއް ވަރަށް ސާފުކޮށް އިވުނެވެ. އޭނާގެ ތުންފަތްމަތީގައި ދުވެލީ ކާމިޔާބު ހިނިތުންވުމެކެވެ. އިންޝާއާއި ނިހާގެ އިތުބާރު އަލުންއަނބުރާ ހޯދުމަށް މިއީ ރަނުގެ ފުރުޞަތެކެވެ. އެ ފުރުޞަތުގެ ބޭނުން، އޭނާއަށް އެންމެ ފައިދާވާނެ ގޮތަކަށް ހިފުމަށް އޭނާ ނިންމިއެވެ.

އިލްހާމްމެން ދެމަފިރިންގެ ދެމެދުގައި ބީރައްޓެހި ކަމުގެ ފާރެއް ވަނީ ލެވިފައެވެ. ދުވަހެއް ދުވަހަކަށް އެ ފާރު ބޯވެ ވަރުގަދަވަމުން ދާކަން އިލްހާމަށް ފާހަގަވި ނަމަވެސް އޭނާ ހުރީ އަންހެނެއްގެ ފައިބުޑަށް ވެއްޓި އާދޭސް ނުކުރަން ނިންމައިގެންނެވެ. ޞަފިއްޔާ ބޭނުންވަނީ އިލްހާމްގެ ފަރާތުން ހަމަ އެންމެ ސުވާލެއްގެ ޖަވާބެވެ. އިލްހާމްގެ އެ ބުނާ އަންހެން ދަރިޔަކީ ކާކު ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ޚުދު އިލްޙާމްއަކަށް ވެސް ނޭނގެއެވެ. ޖަވާބު ހޯދާކަށް އޭނާ ބޭނުމެއް ވެސް ނޫނެވެ. އެކަމަށް މަސައްކަތެއް ވެސް ނުކުރެއެވެ. އިލްހާމަށް އެނގިގެން އޭނާގެ ދަރިއަކަށް ބަލިވެއިން މީހަކީ ސަފީނާއެވެ. ސަފީނާގެ ބަނޑުގައި އޮތީ އަންހެން ކުއްޖެއްކަމެއް ވެސް ނުވަތަ ނޫންކަމެއް ވެސް ނޭނގެއެވެ. އެ ކުއްޖާ ވަނީ ދުނިޔެއަށް އައުމުގެ މާކުރިން ސަފީނާއާއެކު މި ދުނިޔެއާ ވަކިވެގެން ގޮސްފައެވެ. އަންހެންދަރިޔަކު ދުނިޔޭގައި ނުހުންނާނެކަމަށް ބުނެ އިލްހާމް ޖަވާބު ދެނީ ވެސް އެހެންވެގެންނެވެ. އެކަމަކު ޞަފިއްޔާއަށް އެ ޖަވާބު ކަމަކު ނުދެއެވެ. ޤަބޫލުކުރަން ދައްޗެވެ. ގަދަފައި ވިއްދާފައި އިބްރާހީމްބެ ކައިރިން އެސުވާލުގެ ޖަވާބު ހޯދުމަށް ޞަފިއްޔާ އުޅުނެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އިބްރާހިމްބެއާ ސުވާލެއްކޮށްފިނަމަ "ޞަފިއްޔާ އަކީ މަގޭ އަނތްބެއް ނޫނޭ" ބުނެ އިލްހާމް ދިން އިންޒާރަށްފަހު ޞަފިއްޔާއަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވީއެވެ. އެޔަށްފަހު އިލްހާމް ދެން ޞަފިއްޔާއަށް އެންގީ އޭނާގެ އަންހެންދަރިޔަކު ދުނިޔޭގައި ނުހުންނާނެ ކަމަށް އޭނާ ބުނާ ބަހަށް އިތުބާރުކޮށް މައިތިރިވެގެން ހުރުމަށެވެ.

އެ ދެމަފިރިންގެ ދެމެދުގައި އުފެދިފައިވާ ބީރައްޓެހިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުން ގޮސް ކަންތައްތައް ބޮއްސުންލާ ހިސާބަށް ހިނގައްޖެއެވެ. އިލްހާމް ފެނުނަސް ޞަފިއްޔާގެ މޫނުމަތިން ފޫހިކަން ފާޅުވާން ފެށިއެވެ. އެއް އެނދުގައި ނިދާ ދެ ބީރައްޓެހިންނަށް އެދެމަފިރިން ވެއްޖެއެވެ. ޞަފިއްޔާއާ އޮޅިގެން ވެސް އަނގައިން ބުނެވިއްޖެނަމަ އެކަން ނިމެނީ ބޮޑު ޒުވާބަކުންނެވެ. މި ހިސާބަށް ކަންތައްތައް ދިޔުމުން އިލްހާމް ޖެހިލުންވެ ކަންބޮޑުވާ ގޮތްވިއެވެ. ހަމައެޔާއެކު ނިކާލް ވެސް ބަސްމަދުވެފައި އޭނާއާ ދުރުކަމެއް ބަހައްޓާކަން އިހްސާސްވުމާއެކު އިލްހާމްގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވިއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އޭނާގެ އަނބިމީހާއާއި ދަރިފުޅެވެ. އިލްހާމަކީ ކިތަންމެ ހަރުހިލަ ހިތެއްގެ ވެރިޔަކަސް އެމީހުން ދެކެ އޭނާ ލޯބިވެއެވެ. އެދެމައިން އޭނާޔާ ބަހައްޓާ ދުރުކަމަކީ އިލްހާމްގެ ހިތުގައި އުފެދިގެން ދިޔަ ހުސްކަމަކަށް ވެގެން ދިޔައެވެ. އެ މަޢުޟޫއާ ގުޅޭ ގޮތުން ނިކާލްއާ އެއްވެސް ވާހަކައެއް ދައްކަން އިލްހާމް ބޭނުން ނުވާތީ އެކަމާ ބެހޭ ގޮތުން ޞަފިއްޔާއާ ވާހަކަ ދެއްކުމަށް އިލްހާމް ނިންމިއެވެ. އޭރުން ދެން ޞަފިއްޔާ ނިކާލަށް ވިސްނައިދީފާނެތާއެވެ.

މެންދުރަށް ކެއްކުމުގައި އަވަދިނެތި އުޅުމަށްފަހު ޞަފިއްޔާ އައިސް ކޮޓަރިއަށް ވަންއިރު އިލްހާމް އިނީ ޞަފިއްޔާގެ އިންތިޒާރުގައި އެނދުމަތީ އިށީނދެލައިގެންނެވެ.

"މަ މި ދައްކާ ވާހަކަ އަޑު އަހާލަން މިތާ އައިސް އިށީނދެބަލަ." އިލްހާމް ގޮދަޑީގައި އަތުންޖަހާލަމުން ބުނެލިއެވެ. ޞަފިއްޔާ އައިސް އިށީނީ އިލްހާމްއާ ދެތިންފޫޓު ދުރުގައެވެ.

"މި ދައްކާ ވާހަކަ ކަނުލާ އަޑު އަހާތި." އިލްހާމް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ. "މުޅިން ބޭކާރު ކަމަކާ ޞަފިއްޔާ މަށާ ނުރުހިފަ ތި ހުންނަނީ. ޞަފިއްޔާގެ ސަބަބުން ނިކާލް މަށަށްކުރާ އިޚްތިރާމް ކުޑަވެއްޖެ."

"އެއީ މަގޭ ސަބަބުން ވީ ކަމެއްތަ؟" ޞަފިއްޔާއަށް މަޑަކުން ނީދެވުނެވެ. "އޭނައަކީ ވެސް ތަޞައްވަރު ފުރިފަ ހުރި ބޮޑު ފިރިހެނެއް. އޭނައަށް ވެސް އެނގޭނެދޯ އޭނަގެ ބައްޕަ ދޮގުހަދާ އޮޅުވާލަންޏާ. ތިހެން ކަންތައް ކުރާހާ ހިނދަކު ތިޔަ ބުނާ އިޚްތިރާމާއި ޤަދަރެއް ނުކުރާނެދޯ؟"

"ރުޅި ނައިސް ހަމަޖެހިގެން މި ދައްކާ ވާހަކަ އަޑު އަހާބަލަ." އިލްހާމް ރުޅި އައި ނަމަވެސް ރުޅީގެ މައްޗަށް ބުއްދި އިސްކުރިއެވެ. ދެމީހުން ރުޅި އަންނަން ވެއްޖެނަމަ ކުރެވޭނީ ޒުވާބެކެވެ. މިވަގުތު އިލްހާމް ބޭނުންވަނީ ޒުވާބަކަށް ނުގޮސް ޞަފިއްޔާއަށް އެއްޗެއް ވިސްނައިދޭށެވެ.

"ހޫމް. އަޑުއަހާށޭ މީނީ." ފުރަތަމަ ފަހަރަށް އިލްހާމް ރީތިކޮށް ވާހަކައެއް ދައްކަން އުޅުމުން ޞަފިއްޔާ ހަމަޖެހެވޭތޯ މަސައްކަތް ކުރިއެވެ.

"އެ އަނބުޅޭ ބޭނުންވި ގޮތަށް ކަންތައްވަމުން މިދަނީ. އޭނަ ބޭނުންވީ މި އާއިލާ ތެރޭގައި އޮތް އެއްބައިވަންތަކަން ނަގާލަން. މަގޭ އާއިލާ މީހުން މަށަށް ނަފުރަތު ކުރާނެ އެތިފަހަރެއް ހަދަން އޭނަ ބޭނުންވީ. މަގޭ ދަރިޔަކު ހުރިކަމެއް އަދި ނެތްކަމެއް ވެސް މަށަކަށް އަސްލު ނޭނގެ. އޭނަ ހެދީ ދޮގެއްކަމެއް ތެދެއްކަމެއް ވެސް މަށަކަށް ނޭނގެ. ތެދު ދޮގު ބަލާކަށް މަށެއް ބޭނުމެއް ވެސް ނޫން. މަ ނުބުނަން މަށަކީ މާ ރަނގަޅު މާތް މީހެކޭ. ޒުވާން ދުވަސްވަރު މަށަށް އެޅިފައި އޮތް ޅައެއްޗަކުން މަގޭ ދަރިއެއް މި ދުނިޔޭގައި ނުހުންނާނޭ ބުނާކަށް ނޭނގޭ. އޭގެ މާނައަކީ މަށަކީ ގޯސް މީހެކޭ ނޫން. އެއީ އަދި މަށާ އަނގައިން ނުބުނެ މަ އެކަހެރި ކޮށްލަންވީ ސަބަބެއް ވެސް ނޫން. މަ މިހިރީ މަށަށް މާޒީގަ ކުރެވުނު ކުށްތަކަށް ޠަޢުބާވެގެން. މަށަށް ގޮތަކަށް އުޅެވުނަސް އުޅެވިފަ ހުންނާނީ ޞަފިއްޔާއާ އިނުމުގެ ކުރިން. މި ވާހަކަ މިގޮތަށް ނުދައްކަން މިހިރީ ވެސް ޞަފިއްޔާއަށް އަމިއްލައަށް އެއްޗެއް ވިސްނޭތޯ. ޞަފިއްޔާއަކީ މިވަރު ކަމެއް ވިސްނޭނެ މީހެއް. ނިކަން އަމިއްލައަށް ވިސްނާލަބަލަ." އިލްހާމް ދޮގުތައް ފުލުފުލު ހަދަމުން ވާހަކަ ދެއްކީ ޞަފިއްޔާއަށް އެއްޗެއް ވިސްނައި ދިނުމަށެވެ. އޭނާ ވިސްނައިދޭން ބޭނުންވީ އެހެން ބަނޑަކަށް އޭނާގެ ކުއްޖަކު ހުރިކަމުގައި ވިޔަސް އެއީ ޞަފިއްޔާއާ ގުޅުމުގެ މާކުރިން އޭނާއަށް އަރައިގަނެވުނު ފާފައެއްގެ ހިތި ނަތީޖާއެއް ކަމެވެ.

"މިއޮއް ހުރިހާ ދުވަހު ކީ ކުއްޖަކު ނުހުންނާނޭ. ދޮގު ކުރީ އިބްރާހިމްބެ. މަށަށް އޭރުވެސް އެނގުނޭ އިލްހާމްކަން ދޮގު ހަދަނީ." ޞަފިއްޔާގެ އަޑުގައި ފޫހިކަމެއް އެކުލެވިފައި ހުއްޓެވެ.

"އަދިވެސް މަށަކަށް ޔަޤީނެއް ނޫނޭ." އިލްހާމް ބުންޏެވެ. "މަ ދޮގުހެދީ ވެސް މަސްލަހަތައްޓަކައި. މަށަށް މާޒީގައި ކުރެވުނު ކަމެއްގެ އަގު ކަލޭމެން ދައްކަން މަ ބޭނުން ނުވާތީ. މަ ގަބޫލެއް ނުކުރަން އެފަދަ ކަމަކުން މަގޭ އަނބި ދަރިންނަށާއި، މި އާއިލާއަށް އޭގެ ސަޒާ ލިބެން ޖެހޭނެ ކަމަކަށް. މަ ބުނި އެއްޗެއް ބުނީ ކަލޭމެން އެންމެން ރައްކާތެރިކުރަން."

"ތިއެއް ނޫން އަނތްބަކު ފިރިޔެއް ކައިރިން އުއްމީދު ކުރާނެ ރައްކާތެރިކަމަކީ. ތީކީ ދަރިޔަކަށް ވެސް ރައްކާތެރިކަން ދޭންވީ ގޮތެއް ނޫން. ތިޔަ ބުނާ ރައްކާތެރިކަމުގައި އޮންނާނީ ދޮގާއި މަކަރާ ހީލަތް. ބިތު ފަންގި ނެގީމަ ދެން އެ ފެންނަ މަންޒަރުގައި ތި ބުނާ ރައްކާތެރިކަން ފެންނާކަށް ނޯންނާނެ. ދޮގުހެދީ ވެސް މީހުންގެ މޫނު މައްޗަށް ތިމާވަރު ރަނގަޅު މީހެއް ނެތްކަން ދައްކަން ވެގެން. ހަޤީޤަތުގައި ޔަޤީންކުރަން ދާނެ ދިމާލެއް ވެސް ނޭނގިފަ ތި ހުންނަނީ. އެހާވެސް ވިޔާނުދާކޮށް އުޅެވިފަ ހުރީ. ނިކަން ބުނެބަލަ. ދަރިޔަކު ހުއްޓަސް ހުންނާނީ މިވެނި މީހަކަށޭ. އޭރުން ތި ދަރިއެއްގެ ހަޤީޤަތެއް ވެސް އެނގިދާނު. ކާކުގެ ދަރިއެއް އެއީ؟" ޞަފިއްޔާ ހީވަނީ މައްސަލައެއްގެ ތަޙްޤީޤު ހިންގަން އުޅޭހެންނެވެ. އިލްހާމް ހީކުރީ ދަރިޔަކު ހުންނާނެ ކަމަށް އެއްބަސްވުމުން ޞަފިއްޔާގެ ސިކުނޑިން އެ ދަރިއެއްގެ ކަންތައް ނެރެ އެއްލާލެވޭނެ ކަމަށެވެ. އެހެނަސް ޞަފިއްޔާ އެހުރީ ހުރިހާ ހަޤީޤަތެއް ހޯދަން ދިމާކޮށްފައެވެ. އިލްހާމް ހީކުރިހާ ފަސޭހައިން ބޯދަމައިގެނެވޭ ވަރަށް ވުރެން ޞަފިއްޔާ ބޯހަރުވެފައި ސުވާލު ގިނަވެއްޖެއެވެ.

"މަށަކަށް ނޭނގެ،" އިލްހާމް ރުންކުރުވާ ގޮތްވިއެވެ.

"އެހެންވީމަ މާޒީގައި ކުރެވިފައި ތިއޮތީ އެންމެ ފާފައެއް ނޫނެއްނު. މަށާ އިނުމުގެ ކުރިން ތީން އެއްވެސް ވާހަކައެއް ކިޔާދީފައެއް ނުވޭ. ފުރަތަމަވެސް ލޯބިވީ މަދެކެކަމަށް ބުނީ. އެއީ ވެސް ހުސްދޮގެއްނު. އޭރު ދޮގު ހެދިމީހަކު މިހާރު ވެސް ތެދެއް ނުހަދާނެ. އޭރު ފާފަކުރި މީހަކު މިހާރު ވަކި މައިތިރިވެގެން ހުންނާނެތަ؟"

ޞަފިއްޔާގެ ވާހަކަ އެ ހިސާބަށް ދިޔައިރު އިލްހާމް އިނީ ހުޅު ފަޅައިގެން ދާވަރުވެފައެވެ. ޞަފިއްޔާއާ ރީތިކޮށް ވާހަކަ ދައްކަން އުޅުމަކީ ބޭކާރުކަމެއްކަން އިލްހާމަށް ވިސްނިއްޖެއެވެ.

"މަ ބޭނުމީ އެންމެ ސުވާލެއްގެ ޖަވާބު. އެ ސުވާލުގެ ޖަވާބު ލިބުނީމަ އިލްހާމަށް އަހަރެން މާފުކުރާނަން. އެއީ ކާކުގެ ދަރިއެއް؟" ޞަފިއްޔާ އެހިއެވެ.

"ކަލޭ ތީ މާ ތާހިރުކޮށް އުޅުނު މީހެއްތަ؟" އިލްހާމަށް ކެތްނުވެގެން ހަޅޭލަވައިގަތީ އެނދުން ތެދުވެ ޞަފިއްޔާއާ ދިމާއަށް އަތް ދިއްކުރަމުންނެވެ. "މަށެއް ކަލޭގެ މާފެއް ބޭނުމެއްނޫން. ކަލެޔާ ރީތިކޮށް ވާހަކަދައްކަން އުޅެވުނުކަން އެއީ މަގޭ މޮޔަކަން."

"މަށަށް އެނގެޔޭ ރީތިކޮށް ވާހަކަ ދައްކައިގެން ކޮށްފަހުރި ފާފަތައް ފޮރުވަން މަސައްކަތްކުރަންކަން ތި އުޅުނީ." ޞަފިއްޔާ ވެސް ކޮޅަށް ތެދުވަމުން ބާރަށް ބުންޏެވެ. "އެކަމު ބުނަން. އެއީ ކާކުގެ ދަރިޔެއްކަން މަށަށް ނޭނގޭހާ ހިނދަކު މަށެއް ވެސް ހަމަ ނޭވާއެއް ނުލާނަން. މިފަހަރު ހުއްޓަލާނީ އެއީ ކާކުކަން ހޯދާފަ."

"އާނ! ކަލޭތީ ފާފައެއް ނުކުރާ މީހެއް. މަށާ ދިމާވިއިރު ކަލޭތީ ނުކަނޑާހުރި ދަވާދު ދަޅެއްވިއްޔާ." އިލްހާމް ރުޅިގަދަވެގެން ޞަފިއްޔާއަށް މަލާމަތްކޮށް ލަދުގަންނަވާލުމުގެ ގޮތުން ބުނެލިއެވެ.

"ވަރިހަމައެއްނު. މަށަށް އެނގޭހާ ވެސް އެއްޗަކީ މަށަކީ ތިކަހަލަ ދޮގުވެރި މަކަރުވެރިއެއް ނޫންކަން." ޞަފިއްޔާ ނުރުހުމުގެ ނަޒަރަކުން އިލްހާމަށް ބަލާލަމުން ކޮޓަރިން ނުކުމެގެން ދިޔައިރު އިލްހާމްގެ މޫނުމަތިން ފެނުނީ މަސްހުނި އިހުސާސްތަކެކެވެ. ރުޅިއާއި ހައިރާންކަމުގެ އިތުރަށް ކަންބޮޑުވުމެވެ. ޞަފިއްޔާ ބަލާލާފައި ދިޔަ ގޮތުން އެ ހިތުގައި އިލްހާމްގެ މައްޗަށް އުފެދުނު ލޯބި ފަނޑުވަމުންދާހެން އިލްހާމަށް ހީވީއެވެ. އިލްހާމް ކަންބޮޑުވެފައި ހުރެ ދެއަތުން މޫނުގެ ދެފަރާތުން އަތްކާތައިލަމުން އެނދުގައި އިށީނދެ ވިސްނަންފެށިއެވެ. ޞަފިއްޔާއަށް އެ ބަދަލު އަންނަން ޖެހުނު ސަބަބު އޭނާއަށް އެނގެއެވެ. އޭނާ ވަގުތުން ފޯނުނަގައި ނަންބަރު ތަކަކަށް ފިއްތައިލަމުން ކަންފަތުގައި ފޯނު ޖެއްސިއެވެ.

ކޮޓަރިން ބޭރަށް ނުކުތުމާއެކު ޞަފިއްޔާގެ ރުޅިގަނޑު ފިނިވެގެން ދިޔައެވެ. އިލްހާމް ދޮގުހަދަމުން ދާކަން އެނގުނީންސުރެ ޞަފިއްޔާގެ ހިތުގައި އިލްހާމްގެ މައްޗަށް އަޖައިބެއް ކަހަލަ ފޫހިކަމެއް އުފެދިފައިވެއެވެ. އިލްހާމްގެ ސޫރަ ފެނުނަސް އެ ހިތުގައި އަށަގަނެގެން ދަނީ ރުޅިއަށްވުރެ ބޮޑަށް ފޫހިކަމެވެ. އެކަމާ ޚުދު ޞަފިއްޔާ ވެސް ޚައިރާންވެއެވެ. އެމީހެއްދެކެ ހިތާއި ފުރާނައިން ލޯބިވެ، އުމުރުގެ ބޮޑުބައި އެކީގައި ހޭދަކުރެވުނު މީހާދެކެވީ ލޯބި އޮޔާލީ ކޮންތާކަށް ހެއްޔެވެ؟ ޞަފިއްޔާއަށް ނުވެސް އެނގި ހުއްޓާ އެ ލޯބި ކަފުންވި ކަހަލައެވެ. އިލްހާމަށް ކުރި ޤަދަރާއި އިތުބާރު ނެތި ފަނާވެ ހިނގައްޖެއެވެ.

މެންދުރުގެ ކެއުމަށް ލިބުނު ދަޢުވަތަށް ފައިރޫޒުމެން ސުނޯހައުސްއަށް އައީ ގަޑިން މެންދުރުން އަނބުރާ އެކެއް ޖަހާ ބޮޑުވި ފަހުންނެވެ. އުފާވެރި ހިނިތުންވުމަކާއެކު އެމީހުންނަށް މަރުހަބާކީ ނިހާއެވެ. އިންޝާ ވަރަށް ކިޔައިގެން ނިކާލް ވެސް މެންދުރުގެ ކެއުމުގައި ބައިވެރިވިއެވެ. ނިހާގެ ކާވެނި ކުރެވޭނެ ތާރީޚެއް މިއަދު ކަނޑައެޅިގެން ދާނެކަން މަންމަގެ ފަރާތުން ނިކާލަށް އެނގިފައި އޮތުމުން ނިކާލް އޮތީ ތިރިޔަށް އަންނަ ހިތް ނުވެފައެވެ. ނަމަވެސް އިންޝާ ކުރުނުކުރުމުން ނިކާލަށް ޖެހުނީ ކެއުމުގައި ބައިވެރިވާށެވެ. ދެ އާއިލާގެ މެމްބަރުން ކެއުމަށް އިންސާފުކުރަމުން ދިޔައީ ތަފާތު އެކިއެކި ވާހަކަތައް ދައްކަމުންނެވެ. ކަންދިމާކުރި ގޮތުން ނިކާލަށް އިށީނދެ އިނދެވުނީ ނިހާގެ ކުރިމަތީ ހުރި ގޮނޑީގައެވެ. ފައިރޫޒްގެ މަންމައާއި ބައްޕަ ނިހާ ކަހަލަ އަޚްލާޤު ރަނގަޅު ހުލްޤުހެޔޮ ޅީދަރިއެއް ލިބެން އުޅޭތީ އެކަމާ އުފަލުން އުޅޭކަން އެނގުމުން ނިކާލްގެ ހިތަށް އުނދަގޫވިއެވެ. ފައިރޫޒް ނިހާއާ ދިމާއަށް ބަލަމުންދާ ޖާޒުބީ އަސަރުގަދަގޮތަކުން ކެތްކުރަން ދަތިވިއެވެ. ނިހާގެ ތުންފަތްމަތިން އުފާވެރިކަމުގެ ހިނިތުންވުން ފެންނާތީ ނިކާލް އިނީ އަރުތެރެއިން އެއްޗެއް ދިރުވަން ވެސް އުނދަގޫވެފައެވެ. ނިހާގެ ހަނދެއްފަދަ ސާދާ މޫނުމަތިން ހިތްހަމަޖެހުމުގެ ލިސާންތައް ފެންނަމުން ދާތީ ނިކާލްގެ ނުތަނަވަސްކަން ހައްތަހާވީ ބޮޑެވެ. ނިކާލްގެ ބަސް ޤަބޫލުކޮށް ކާވެނީގެ ގޮތުން ފައިރޫޒްއާ ގުޅެން ނިހާ ހުރިހާ ގޮތަކުން ތައްޔާރުވީބާއެވެ؟ އޭނާ އެކަމާ ވިސްނަން ބޭނުން ނުވިޔަސް ނުވިސްނާ ނީނދެވުނެވެ.

"ޒުބޭދާ. ޞައްތާރު" ޞަފިއްޔާ ފައިރޫޒްގެ މަންމައާ ބައްޕައަށް ގޮވާލަމުން ބުންޏެވެ. "ނިހާ ކާވެނިކުރާނެ ތާރީޚެއް ނިންމައިފި. ދެން މިކަން ލަސްކުރާނެ ކަމެއް ނެތެއްނު. ނިހާ ވެސް ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ކާވެނީގެ ކަންތައް ނިންމާލަން."

މަންމަ ދައްކަންފެށި ވާހަކައަކުން ނިކާލް އިސްއުފުލާލަމުން ނިހާއަށް ބަލާލިއިރު ނިހާ ވެސް އިނީ ނިކާލަށް ބަލާށެވެ. ފައިރޫޒް ވަރަށް އުފަލުން ހުރެ ނިހާ ގާތު ތެދެއްތޯ އަހައިލިއެވެ. ނިހާ ލަދުން އިނދެ ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. ޞަފިއްޔާއަށް ހަމަޖެހުމެއް ލިބުނުއިރު އިލްހާމް އިނީ ނިހާގެ މޫނުމަތިން ފެންނަމުން ދާ ކުލަވަރު ތަރުޖަމާކުރާށެވެ. ނިހާ އެހާ ފަސޭހައިން ކާވެނީގެ ތާރީޚެއް ނިންމަނީ ހެއްޔެވެ؟

"ނިހާ ކޮން ތާރީޚެއް ތަ ނިންމީ؟" ފައިރޫޒް އިނީ ކެތްމަދުވެފައެވެ.

"އަންނަ ހަފުތާގައި." ޞަފިއްޔާ ޖަވާބު ދިނުމުގައި އަވަސްވެ ގަތީ ނިހާ ގޯހެއް ހަދާފާނެކަމަށް ސިކުނޑިން ސިގުނަލްތަކެއް ދިނުމުންނެވެ.

"ނޫން. އަންނަ ހަފްތާއަކު ނޫނޭ." ނިހާ ހަމަޖެހިލާފައި ބުނެލުމާއެކު ޞަފިއްޔާގެ މޫނުގެ ކުލަ ފަނޑުވިއެވެ.

"މާފުކުރޭ ދައްތާ. އަންނަ ހަފްތާގައި ކާވެނިކުރަން ނިންމައިގެން އަސްލު ހުރީ." ނިހާ ވާހަކަ ދެއްކީ ފައިރޫޒަށް ނަޒަރު ސީދާކޮށްލައިގެން އިނދެއެވެ. "އެކަމަކު ނިކް ބުނެފި ލަސްކޮށްލަން. ނިކްވެސް ވަރަށް އަވަހަށް ކާވެނި ކުރަން ބޭނުންވާތީ، ދެ ކާވެނި އެއްދުވަހަކަށް ހަދާލަން ބޭނުންވަނީ. އެހެންވީމަ ނިކް ކާވެނި ކުރާ ދުވަހެއްގައި ކާވެނިކުރަން އަހަރެން ވެސް ނިންމައިފިން. ފައިރުއަށް އެގޮތް އެންމެ ރަނގަޅުތަ؟"

އެ ހަބަރު ވެގެންދިޔައީ ނިކާލްގެ ކަންފަތް ބުޑުގައި ބޮމެއް ގޮއްވާލުމުން އަރާފަދަ ވަރުގަދަ ލޮޅުމަކާއި ސިހުމެއް ގެނުވި ހަބަރަކަށެވެ. ނިހާގެ ދޮގުވެރިކަން ފެނި އޭނާ އިނީ ބުނާނެ އެއްޗެއް ނޭނގި އަނގަ ހުޅުވިފައެވެ. ޞަފިއްޔާއާއި އިލްހާމް ވެސް ތިބީ ނިހާގެ މަކަރުވެރިކަން ފެނި އާޝޯޙުވެފައެވެ. ނިހާ ކާވެނި ލަސްކުރަން ނިކާލްގެ ބޮލަށް އެ މަހާލީ ކޮންފަދަ ވަރުގަދަ މަޅިއެއް ހެއްޔެވެ؟ (ނުނިމޭ)

ތިންވަނަބައިގެ ތެރެއިން:- ނިހާ ދުވެފައި ގޮސް ނިކާލްގެ އަތުގެ ކުޑަހުޅާ ހިސާބުގައި ބާރަށް ހިފެހެއްޓިއެވެ. ނިކާލް ދެބުމަ ކައިރިކޮށްލަމުން އަތަށް ބަލާލަމުން ނިހާއަށް ބަލާލިއިރު ރުޅިގަދަވެގެން ގޮސް މުޅި މީހާ ތުރުތުރު އަޅައެވެ. ނިހާގެ ހިތް ބާރަށް ތެޅިގަތް ވަގުތު ނިކާލް އޭނާގެ އަތް ފޮޅުވާލުމާއެކު ނިހާ ދިޔައީ ވިއްސައިގެންނެވެ.

"ނުކުމޭ. ހަމަ މިހާރު މިތަނުން ނުކުމޭ." ނިކާލް ހަޅޭލަވައިގަތީ ރުޅި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިމާލ

    ވ ވައި މި ވާގޮތް

    10
    4
  2. ސައޫ

    ދެން ވާހަކައިގެ ބަތަލާ ދަން ޖެހިގެން މަރުވީމަ ވާހަކަ ނިމުނީނު

    4
    4
    • މޮޔަ

      ނިހާ އަކީ ތި ކިޔާ ކަހަލަ ކަމެއްކުރާ ވަރަށްވުރެ މާ ހިތްވަރު ގަދަ ކުއްޖެއް

      4
      2