ބޮލީވުޑުގެ އެންމެ ކާމިޔާބު އެންމެ މަޝްހޫރު އެކްޓަރ އަމީތާބުގެ ފިރިހެން ދަރިފުޅު އެކްޓަރ އަބީޝެކް އޭނާގެ ކޮލެޖުގެ ކިޔެވުން މެދު ކަނޑާލާ އެނބުރި ގެއަށް އަންނަން ޖެހުނު ކަމަށް އަބީޝެކް ބުނެފިއެވެ.

1990 ގެ އަހަރުތަކުގެ ތެރޭގައި އަމީތާބު ބައްޗަންގެ ކޮމްޕެނީ އޭބީސީއެލްއަށް ފައިސާގެ ގޮތުން ކުރިމަތިވި ބޮޑު ގެއްލުމުގެ ސަބަބުން ކޮލެޖުގެ ކިޔެވުން ހުއްޓާލައިފައި އެނބުރި ގެއަށް އައީ އަމީތާބަށް އެހީތެރިވުމުގެ ގޮތުން ކަމަށް އަބީޝެކް ބުނެފިއެވެ. އަމީތާބަށް މި ކުރިމަތިވި ބޮޑު ގެއްލުމުން އަރައިގަތުމަށް އެހީތެރިވެދިނުމަށެވެ.

ބޮސްޓަން ޔުނިވަރސިޓީގައި ލިބަރަލް އާޓްސް ކިޔަވަމުން ދިޔަ އަބީޝެކްއަށް އެއްވެސް އެހީއެއް ވެދެވެން ނެތް ނަމަވެސް އޭނާ ބޭނުންވީ އެފަދަ އުދަނގޫ އަދި ދަތި ވަގުތެއްގައި އޭނާގެ ބައްޕަގެ ގާތުގައި ހުރުމަށް ކަމަށް ވެސް އަބީޝެކް ފާހަގަ ކޮށްފައިވެއެވެ. ކޮލެޖުގެ ކިޔެވުން ދޫކޮށްލުމަށްފަހު ކޮމްޕެނީގައި އަމީތާބާއި އެކު މަސައްކަތް ކުރަން އަބީޝެކް އުޅުނެވެ.

ބޮލީވުޑުގެ ހުރިހާ ޑައިރެކްޓަރުންނާައި ޕްރޮޑިއުސަރުން މިއަދު އެމީހެއްގެ ޝެޑިއުލް ހުސްވޭތޯ ބަލަބަލައި އުޅޭ އަމީތާބު ބައްޗަން އެ ދުވަސްވަރު ވަނީ މަސައްކަތެއް ހޯދުމަށް ޔޭޝް ޗޯޕްރާއާއި ބައްދަލުކޮށްފައިކަމަށް ވެސް އަބޭޝެކް ބުނެފައިވެއެވެ. އަމީތާބުގެ އެއްވެސް ފިލުމެއް ނުވަތަ ކުންފުނިން އެއްވެސް ފައިދާއެއް ނުލިބޭ ކަމަށް އަމީތާބު ބުނެފައިވާކަަމަށް އަބީޝެކް ފާހަގަކޮށްފައިވެއެވެ.

ކުޅުނު ހުރިހާ ފިލުމެއް ވެސް ނާކާމިޔާބުވެ ފިލުމު ލިބުން ހުއްޓި އާމްދަނީ ލިބޭނެ އެއްވެސް ފަދައެއް ނެތިގެން ޔޭޝް ޗޯޕްރާގެ ގާތަށް ދިޔުމުން ''މޮހައްބަތޭން'' ފިލުމުގެ މަސައްކަތް އަމީތާބާއި އެކު ފެށުނެވެ. އަދި ކޯން ބަނޭގާ ކަރޯރް ޕަތީ ވެސް ފެށުނެވެ. އޭގެފަހުން އަމީތާބުގެ ނަން ދިޔައީ ބޮލީވުޑުގައި ފަވާލެވިގެންނެވެ.