އިންޑިޔާގައި ކޮރޯނާ ވައިރަސްގެ ހާލަތު ގޯސްވެ، ވައިރަހަށް ފައްސިވާ މީހުންނާއި މި ވައިރަހުގެ މަރުވާ މީހުންގެ އަދަދު ވަނީ ކޮންޓުރޯލު ނުކުރެވޭ ހިސާބުގައެވެ.

ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކަށް އޮކްސިޖަން ލިބުމާއި އެނދުމަތި ކުރެވޭނެ ފަދައެއް ނެތި އެކަމަށް އެހީތެރިވެދިނުމަށް އިންޑިޔާއާއި އިންޑިޔާއިން ބޭރުން އެތައް ބަޔަކު އެހީތެރިވަމުންދާއިރު މި ލިސްޓުގައި ހިމެނޭ އެއްބަޔަކީ ބޮލީވުޑުގެ ފަންނާނުންނެވެ.

ބޮލީވުޑުގެ ގިނަ ފަންނާނުންތަކެއް ވެސް ދަނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށާއި ބޭނުންވާ މުހިންމު އާލާތްތައް ފޯރުކޮށްދެމުންނެވެ.

އެގޮތުން ކުރީގެ ކުރިކެޓް ކުޅުންތެރިޔާ އަދި މިހާރުގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ގޯތަމް ގަމްބީރު ކޮވިޑް ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އުފައްދާފައިވާ ފައުންޑޭޝަނަށް ބޮލީވުޑުގެ ''ކިލާޅީ'' އެކްޓަރ އަކްޝޭ ކުމާރު ވަނީ އެއް ކުރޯރް ރުޕީސްގެ ހަދިޔާކޮށްފައެވެ.

އަކްޝޭގެ މި އެހީއަށް ޝުކުރު އަދާކުރަމުން ގޯތަމް ކޮށްފައިވާ ޓުވީޓުގައި ލިޔެފައިވަނީ ކޯވިޑު ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށާއި އޮކްސިޖަނާއި އަދި އެހެނިހެން ވެސް މުހިންމު އާލާތްތައް ފޯރުކޮށްދިނުމަށް އަކްޝޭ ކުމާރު އެއް ކުރޯރް ރުޕީސް ހަދިޔާ ކޮށްފައިވާ ކަމަށާއި އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ގޯތަމްގެ މި ޓްވީޓަށް ޖަވާބުދެމުން އަކްޝޭ ބުނެފައިވަނީ މިއީ ދަތި އުދަނގޫ ވަގުތެއް ކަމަށާއި މިފަދަ ވަގުތެއްގައި އެހީތެރިވެދެވުނީތީ އުފާވާ ކަމަށާއި އެންމެން އެކުގައި މަސައްކަތްކޮށް މި ނުރައްކާތެރި ވަގުތުން ސަލާމަތްވެވޭނެ ކަމަށާއި އެންމެން ވެސް ރައްކާތެރިވެ ތިބުމަށެވެ.

އަކްޝޭގެ ސަޕޯޓަރުންްނާއި އެހެނިހެން މީހުން ވެސް އަކްޝޭގެ މި އެހީއަށް އޭނާއަށް ތަޢުރީފުކޮށް އެތައް ކޮމެންޓެއް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަމް

    ތައުރީފްކޮށް ޝުކުރުއަދާކުރީ އަކްޝޭކުމާރަށް. ހެއްދެވި ފަރާތަކަށް ނޫން... ސާބަސް ނޫސްވެރިން ކުރާ މަސައްކަތަށް..