ދިވެހި ފުޓްބޯޅަ، ފުޓްބޯޅައަކަށް ހެދުމުގައި އައްޑޫ ކުޅުންތެރިންގެ ދައުރު ބޮޑެވެ. އެކަން ފުޓްބޯޅަ އާއިލާ ދަންނާނެއެވެ. މަޝްހޫރު ޑީއެންސީ ކްލަބާއި އުދުހޭ މުފީދުން ފެށިގެން މަޝްހޫރު ކުޅުންތެރިޔާ ބޮންޑާ، ބަކާ އަދި އައްމަޓީ އަކީ ކޮންމެ ދިވެއްސަކު ދަންނާނެ، ފަރިތަ ނަން ނަމެވެ. ގައުމީ ފުޓްބޯޅަ ޓީމް ހޯދާފައިވާ ރަންވަނަތަކާއި ކްލަބް ލެވެލްގައި ހޯދާފައިވާ ގިނަ ކާމިޔާބީ ތަކުގައި އައްޑޫ ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑެވެ.

އެހެން ކަމުން އައްޑޫއަކީ ގިނަ ފުޓްބޯޅަ ތަރިން އުފެދިގެން އައި އަތޮޅެއްކަން އެންމެން ވެސް ގަބޫލު ކުރާނެއެވެ. މީގެ ކުރިން ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިން ފިޔަވައި ފަހަކަށް އައިސްވެސް އައްޑޫއިން ގިނަ ކުޅުން ތެރެއިން އަންނަނީ މާލޭގެ ބޮޑެތި ކްލަބްތަކުގައި ކުޅެމުންނެވެ.

އައްޑޫސިޓީ އަށް އުފަން މުހައްމަދު ހާޒިމް ރިއްފަތު (މަޓާ) އަކީ ވެސް ނަން ވިދަމުން އަންނަ ޒުވާން ޑިފެންޑަރެކެވެ. ވަކި ބަޔަކު ދައްކާ ވާހަކައަކަށް، އިވޭ އަޑުތަކަކަށް ފަސްދީ އޭނާ އަންނަނީ ފުޓްބޯޅައިން އެންމެ މަތީގައި ފިޔަ ޖަހަމުން އަންނަ ތަރިއަކަށް ވުމުގެ އުއްމީދުގައި މަސައްކަތް ކުރަމުންނެވެ.

ފުޓްބޯޅަ ހަޔާތް!

ގްރޭޑް އެކަކުން ފެށިގެން މިހާ ހިސާބަތް އައިއިރު، ގިނަ މުބާރާތްތަކެއް ހާޒިމް އަށް ވަނީ ކުޅެވިފައެވެ. އެގޮތުން ބަލާއިރު، ސްކޫލް މުބާރާތްތަކާއި، ބޮޑު ފުޓްބޯޅައިގެ މުބާރާތްތަކާއި ފުޓްސަލް މުބާރާތްތައް ހިމެނެއެވެ. އޭގެ ތެރެއިން އޭނާ އެންމެ ގިނައިން ކުޅެފައިވަނީ ބޮޑު ފުޓްބޯޅައިގެ މުބާރާތްތަކެވެ.

ސްކޫލް މުބާރާތްތައް ނިންމާލުމަށްފަހު، އެންމެ ފުރަތަމަ ފުޓްބޯޅައިގެ އެތެރެއަށް އޭނާ އަށް ވަދެވުނީ 'މައިލޯ ސިޓީ' އިންނެވެ. އެގޮތުން 2015 ވަނަ އަހަރު ޖުނާ ކަޕް ކުޅުމަށްފަހު، 2017 ވަނަ އަހަރު ހާޝޭސް ސޮކަ ކަޕްގައި ވެސް އޭނާ ކުޅެފައިވަނީ މައިލޯ ސިޓީއަށެވެ.

ހާޒިމް އާއި އެކީ ސްކޫލް މުބާރާތުގައި ކުޅުނު ކުދިން-- ފޮޓޯ: ހާޒިމް

އޭގެ ފަހުން ހަމަ އެއަހަރު އައްޑޫ 19 އަހަރުން ދަށުގު ޓީމާއި 19 އަހަރުން ދަށުގެ ގައުމީ ޓީމާއި އެކީ ކުޅުނު މެޗުގައި އޭނާއަށް ވަނީ ރަނުގެ ފުރުސަތު ތަކެއް ލިބިފައެވެ. އެގޮތުން އެ މެޗުގައި އޭނާ ވަނީ ކެޕްޓަން ބޭންޑު ވެސް އަޅާފައެވެ. ހާޒިމް ބުނީ، އޭރުގެ ހުރި ކޯޗު، ވަންލީ ދަށުން އެ މެޗަށް ކުރި ފަރިތަކުރުން ތަކުގައި ވަރަށް ބައިވަރު ތަކެތި ދަސްވި ކަމަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރު މާލެއަށް ގޮސް އީގަލްސް އަށް އޭނާ ކުޅެން ފެށިއެވެ. އޭރު ޔޫތު މުބާރާތް ކުޅެ އޭނާގެ ޓީމުން ވަނީ ތަށި އުފުލާފައެވެ. އެ މުބާރާތުގައި އީގަލްސް ތަށި އުފުލި ނަމަވެސް އެންމެ މެޗަކަށް ފިޔަވައި ހުރިހާ މެޗެއްގައި އޭނާ ހުރީ ރިޒާވް ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭގެ ޖެހިގެން އައި 2018 ގްރީން ސްޓްރީޓްސް އަށް ކުޅެ ޗެމްޕިއަން ކަން ނެގި އިރު 2019 ވަނަ އަހަރު ވެސް ޔޫތު މުބާރާތް އޭނާ ގްރީން ސްޓްރީޓްސް އަށް ކުޅުނެވެ. އެފަހަރު ބަލިވެގެން ދިޔައީ ޓިސީ ސްޕޯޓްސް އާއި ކުޅެ ސިމީ އިންނެވެ.

ހާޒިމް ގްރީން ސްޓްރީޓްސް އަށް ކުޅުނު ފަހަރުގެ ފޮޓޯއެއް-- ފޮޓޯ: ހާޒިމް

ދެހާސް އަށާރަ ވަނަ އަހަރު ފުވައްމުލަކުގައި ބޭއްވި ފުޓްބޯޅަ މުބާރާތައް ބޭރުން ގެނައި ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ދިޔައެވެ. އެ މެބާރާތުގައި ރަނގަޅު ކުޅުމެއް ދައްކައި ކުޅުންތެރިންނާއި ކޯޗު ހިތް ހަމަ ޖެހޭ ވަރަށް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.

ހިތަދޫ އެފްސީ އާއި އެކު ވެސް އެ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު އަދި ޒޯން ބުރުގެ ތަށި ނަގައި ނިލަންދޫ އަށް ދިޔަ ސްކޮޑު ގައި ވެސް ހާޒިމް ވަނީ ހިމެނިފައެވެ.

އެ މުބާރާތަށް ފަހު އައްޑޫގައި "އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020" ބާއްވަން ރޭވި ފަހަރު އޭނާ މުބާރާތުގައި ނުކުޅެއެވެ. މުޅިން އާ އެކްސްޕީރިއެންސްއަކާއި އެކީ އޭނާ ހުރީ އެ މުބާރާތައް އައްޑޫއިން ނެގި ޓީމުގެ މެނޭޖަރަކަށެވެ. އެ މުބާރާތުގައި އެޓީމު ވަނީ އޭނާގެ މެނޭޖަރު ކަމުގެ ދަށުން ތަށި އުފުލާފައެވެ.

އައްޑޫ 19 އަހަރުން ދަށާއި ގައުމީ 19 އަހަރުން ދަށުގެ ޓީމާއި ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ހާޒިމް

މާލޭގެ ކްލަބްތަކަށް 2 އަހަރު ކުޅުމަށްފަހު އޭނާ އެންމެ ފަހުން ރަށަށް އައީއެވެ. ރަށަށް އައިސް ނުކުޅެ ހުރެއްޖެނަމަ، ކުރިން ދަސްވެފައި ހުރި އެއްޗެހި ހަނދާން ނެތިދާނެތީ އޭނާ "ސްޕްރިންޓް" އާއިލާއާއި އެކީ ފުޓްސަލް ކުޅެން ފެށިއެވެ. އެއީ އޭނާ ފުޓްސަލް އަށް ކުޅުން ފެށި ފަހަރެވެ. އޭގެ ފަހުން ކޮންމެ މުބާރާތެއް ގައި އޭނާ ސްޕްރިންޓްއަށް އަންނަނީ ކުޅެމުންނެވެ.

"ސްޕްރިންޓް ފެމިލީ އަކީ ވަރަށް ރަނގަޅު ފެމިލީއެއް. ފުޓްސަލް ކުޅެން ބޭނުންވާ ބަޔަކު އެތަނަށް ގޮއްސިއްޔާ އެމީހުން ބޭރެއް ނުކުރާނެ. އެބަޔަކު ލައިގެން ކުޅޭނީ އަބަދު ވެސް. އެގޮތަށް ދެވުނު ފަހަރަކު އެތަނުން ކުއްޖަކު އަންނާށޭ ބުނެގެން ދިޔައީ. އެއީ ވަރަށް ބަރާބަރު ބައެއް އުޅޭ ތަނެއް" ހާޒިމް ބުންޏެވެ.

އެދަނޑުގައި އުޅޭއިރު، އާއި މީގެ ކުރިން މުބާރާތްތަކަށް ބަލާއިރު، ހާޒިމް އަދިވެސް އެންމެ ކުޅޭ ހިތްވަނީ އޭނާ އާއި އެކީ ގްރޭޑް އެކަކުން ފެށިގެން ކުޅެމުން އަންނަ މުހައްމަދު ސަބާހު (ސަބަޓީ) އާއި އެކީއެވެ. ދެކުޅުންތެރިންގެ ކޮމްބިނޭޝަނަކީ އެހެން ބަޔަކަށް ފެނިއްޖެނަމަ އުނދަގުލުން ނަގައިގަނެވޭނެ ކޮމްބިނޭޝަނެކެވެ.

ވަގުތު ފުޓްސަލް ޗެލެންޖުން ވިދާލި މަޓާ އާއި ސަބަޓީ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެ ދަނޑުން ގިނަ އެއްޗެހިތަކެއް ދަސްވިއިރު، އެކަމުގައި އެންމެ އެހީތެރިކަމެއް ވެދިނީ "ދޮންބޮޑީ" އަދި "މިއްފާ". ދޮންބޮޑީ ހަމަ ވަރަށް ކިޔާ ދޭނޭ ކޮންމެ ދުވަހަކު ކުޅުން ނިންމާފައި ރަނގަޅު ކުރަން ޖެހޭ ކަންކަން. އަދި ގޯސްކަންކަން ވެސް ކިޔާދޭނެ" ހާޒިމް ބުންޏެވެ.

ވިދާލި މުބާރާތް!

ސްޕްރިންޓް ދަނޑުން ފުޓްސަލް ދަސްކުރުމަށް ފަހު އޭނާ އެންމެ ފުރަތަމަ މުބާރާތެއްގައި ކުޅެފައިވަނީ 2018 ވަނަ އަހަރު ބޭއްވި "ވަގުތު ފުޓްސަލް މުބާރާތް" ގައެވެ. އެ މުބާރާތުގައި އޭނާ ސްޕްރިންޓް ޓީމަށް ކުޅުނު ނަމަވެސް، ގިނަ މެޗްތަކުގައި އޭނާ ހުރީ ބެންޗުގައެވެ.

"އޭރު ދެން އަލަށް ފުޓްސަލް ފެށުމުން އެހާ ރަނގަޅަށް ނުކުޅެވޭތީ ބެންޗްގައި އިނީ. އެކަމަކު ބެންޗް ގައި ހުރިއިރުވެސް ވަރަށް ފޯރީގައި ހުރީ" ހާޒިމް ބުންޏެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ މުބާރާތަށް ސްޕްރިންޓުން ނެގި ޓީމަށް އޭނާ ހޮވުނެވެ. އެ މުބާރާތަށް ޕްރެކްޓިސް ކުރުމަށް ކުޅުނު މެޗުގައި ބޭރުގައި ތިބި ބަޔަކު އޭނާ އާއި ދިމާލަށް ހިތް ހަމަ ނުޖެހުމުގެ ބަސްތަކާއި މަލާމާތުގެ ބަސްތައް ރައްދު ކުރި ކަމަށް އޭނާ ބުންޏެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގައި މާލެ ގަމާއި އެކީ ކުޅުނު މެޗުގެ ކެޕްޓަނެއްގެ ގޮތުގައި މަޓާ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ބޭރުން ކޮންމެސް މީހަކު ބުނީ، ހާޒިމު އަކަށް ފުޓްސަލް ނުކުޅެވޭނެއޭ. ހާޒިމު އަށް ކުޅެވޭނީ ބޮޑު ފުޓްބޯޅައޭ. އޭގެ ފަހުން ވަކި ކިކެއް އައީ ކުރެވޭނެކަން ދައްކަން" ހާޒިމް ބުންޏެވެ.

އެ އަޒުމުގައި އޭނާ ހުރިއިރު، އެމުބާރާތް ފެށުނުއިރު ވެސް އޭނާ ހުރީ ބެންޗުގައެވެ. އެހެން ނަމަވެސް ޓީމަށް ބޭރުން ގެނައި ކުޅުންތެރިއަކަށް އަނިޔާ ވެގެން އޭނާ ދަނޑަށް އަރައި ދެއްކި މޮޅު ކުޅުމުން ފަހުން ކުޅުނު ހުރިހާ މެޗެއްގައި ފުރަތަމަ ފަސް ވަނައިގައި އޭނާ ހިމެނުނެވެ. އަދި އެ މުބާރާތުގައި އެ ޓީމަށް ކުޅެ ކެޕްޓަން ބޭންޑު އަޅަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ.

އޭގެ ފަހުން އެ މުބާރާތުގެ ހުރިހާ މެޗެއް އޭނާ ކުޅެފައިވަނީ ވަރަށް "ކިކުގައި" ކަމަށް އޭނާ ބުންޏެވެ. އޭނާ ކުރި ހިތްވަރާއި ބުރަ މަސައްކަތުން އެ މުބާރާތުގައި ކުޅުނު އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑް އޭނާ އަށް ލިބުނެވެ. އެއީ އޭނާ އުއްމީދު ނުކުރާ އެވޯޑެކެވެ.

ވަގުތު މުބާރާތުގެ މެޗެއްގެ ތެރެއިން މަޓާ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެވޯޑު ލިބުނުއިރު އޮތީ ގޭގައި. އެއްވެސް ވަރަކަށް އުއްމީދެއް ނުކުރަން ލިބޭނެ ކަމަކަށް. އޮއްވާ ސަބާހު ގުޅަނީ އެވޯޑު ލިބިއްޖެއޭ ކިޔާފައި. އޭރު ވެސް ގަބޫލެއް ނުކުރަން. ހީކުރީ މަލާމަތް ކުރަނީ ކަމަށް. ދެން ދަނޑަށް ދިއުމުން އެނގުނީ އަސްލު ލިބިއްޖެކަން" ހާޒިމް ބުންޏެވެ.

ހާއްސަ ޝުކުރެއް ކޯޗުންނަށް!

ފުޓްބޯޅަ އާއި ފުޓްސަލްގައި އޭނާ މިހިސާބަތް އައިއިރު، ގިނަ ކޯޗުން އޭނާ އެ ހިސާބަތް ގެންނަން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ހާޒިމް ފާހަގަ ކުރިއެވެ. އެގޮތުން ގްރޭޑް އެކަކުން (2005) ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް އަޒުމީ ކޮށްދިން މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ހަމަ އެއާއި އެކީ އީގަލްސްގެ ކޯޗާއި ޝާކިއްޓެ، ގްރީންގެ ކޯޗު އައްޔަ ކޮށްދިން ބުރަ މަސައްކަތްތައް ވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އައްޑޫ 19 އަހަރުން ދަށުގެ ޓިމާއި ގައުމީ 19 އަހަރުން ދަށުގެ ޓިމާއި އެއްކޮށް ކުޅުނު މެޗުގައި ވަންލީގެ ކޯޗުކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އޭގެ ފަހުން ހިތަދޫ އެފްސީ މިނިވަން ޗެމްޕިއަންޝިޕް ގައި އަދި ބޭރުމަތި ޓިމުގައި ކޯޗުކަން ކޮށްދިން ނަސަމާ އަށް ވެސް އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ. އަދި ސްޕްރިންޓަށް އެންމެ ފަހުން ކުޅުނު މުބާރާތުގައި އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި، އެޑަމްގެ ބުރަ މަސައްކަތް ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ހާޒިމްގެ މަސައްކަތުން ފެންނަން އޮތް ހަގީގަތަކީ ގަދައަޅައި ބުރަކޮށް މަސައްކަތް ކޮށްފިނަމަ ކާމިޔާބީ އޮތީ ދާދި ގާތުގައި ކަމެވެ.