ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކުގެ ސަބަބުން ބުޅަލަށް ބަލި ޖެހޭތީ، ބުޅާ ތަކުގައި އޮޅުލާ ނުހެދުމަށް އިނގިރޭސިވިލާތުގެ ކަމާއި ބެހޭ އިދާރާތްތަކުން ގޮވާލައިފިއެވެ.

އިނގިރޭސިވިލާތުގެ އިދާރާތަކުން އެގޮތަށް ގޮވާލާފައިވަނީ ބުޅާ ގެންގުޅޭ ފަރާތްތަކުގެ ސަބަބުން ބުޅަލަށް ބަލި ޖެހިފައިވާކަން ހާމަވުމާއި ގުޅިގެންނެވެ.

އިނގިރޭސިވިލާތުގެ ބުޅަލުގެ އާބާދީ ސްކްރީން ކުރުމަށް ޔުނިވާސިޓީ އޮފް ގްލާސްގޯއިން ކުރިއަށް ގެންދާ ތަހުގީގުތަކުން، މިހާތަނަށް އިންސާނުންގެ ފަރާތުން ބުޅަލަށް ކޮވިޑް ފޯރިކަމުގެ ދެ ވޭދަނައެއް ވަނީ ފާހަގަ ކުރެވިފައެވެ.

ބްރިޓިޝް ވެޓްރިނަރީ އެސޯސިއޭޝަންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް، ޑެނިއެލާ ޑޯޒް ސަންޓޯސް ވިދާޅުވީ، އިންސާނުންގެ ފަރާތުން ޖަނަވާރުތަކަށް ބަލި ފެތުރުމުގެ މަދު ވޭދަނަތަކެއް ދުނިޔޭގެ އެކި ހިސާބުތަކުން ފާހަގަ ކުރެވިފައި ވާ ކަމަށެވެ.

"އެފަދަ ވަރަށް މަދު ވޭދަނަތަކެއް މުޅި ދުނިޔެއިން ވެސް ފެނިފައިވަނީ. ބެލެވޭ ގޮތުގައި އެގޮތަށް ބުޅަލަށް ބަލި ޖެހެނީ އެ ބައްޔަށް ފައްސިވެފައިވާ މީހެއްގެ ސަބަބުން" އޭނާ ވިދާޅުވިއެވެ.

އެގޮތަށް ބުޅާ ނުވަތަ އެފަދަ ޖަނަވާރުން ގެންގުޅޭ ފަރާތްތަކުން ބައްޔަށް ފައްސިވެއްޖެނަމަ، އެތަކެއްޗާއި ދުރުގައި އުޅުމަށާއި ސާފު ތާހިރު ކަމަށް ބެލުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ބުޅަލުގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެންނަނަމަ ވެޓަށް ގެންދިއުމުގެ ބަދަލުގައި، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެކަން ގެނައުމަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.

އިނގިރޭސިވިލާތުން އެފަދަ ގޮތަކަށް ބުނެފައިވީ ނަމަވެސް، އިންސާނުންގެ ފަރާތުން ބުޅަލަށް ބަލި ފެތުރޭ ކަމުގެ ހެއްކެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.