ނިއުޒިލެންޓުގެ އޯކްލެންޑަށް ނިސްބަތްވާ އަންހެނަކު 1992 ވަނަ އަހަރު ޖެހި ޓެޓޫއަކުން އޭނާގެ ހަށިގަނޑަށް އެޗްއައިވީ ވައިރަސް އެތެރެވިގޮތުގެ ވާހަކަ ފެންމަތިވެއްޖެއެވެ.

މިހާރު އުމުރުން 57 އަހަރު ވެފައިވާ ލިން ޕޭރެންޓް ނަމަކަށް ކިޔާ އެ އަންހެން މީހާ 1992 ވަނަ އަހަރު އޭނާގެ ހަށިގަނޑުގައި ޓެޓޫއެއް ޖަހަން ނިންމީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއަށް ޓެޓޫ ޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެއްވެސް ވިސްނުމެއް ނެތި ކުރި އެކަމުން އޭނާގެ މުޅި ހަޔާތް ބަދަލުވެގެންދާނެ ކަމަށް އޭނާ ހީވެސް ނުކުރެއެވެ.

ކޮކާލެއްގެ ސޫރަ ހަށިގަނޑުގައި ޓެޓޫ ކުރުމަށް ފަހު ލިން އަނބުރާ ފަރަންސޭސިވިލާތަށް ދިޔައެވެ. ޓެޓޫއާ މެދު އޭނާ އެއްވެސް ވަރަކަށް ވިސްނުމެއް ނުބަހައްޓައެވެ.

އޭގެ މަދު ދުވަސްކޮޅެއް ފަހުން ލިން ވަރަށް ބޮޑަށް ހުން އައިސް ވަރުބަލިވާން ފެށިއެވެ. އަދި ކާހިތް މުޅިން ކެނޑި އޭނާ ދުވާލު ހަތަރުދަމު ނިދަން ފެށިއެވެ. އެއާއެކު ޑޮކްޓަރަށް ދައްކައި އެކި ޓެސްޓުތައް ހެދިއެވެ. އަލާމާތްތަކަށް ބަލައި އެންމެ ފުރަތަމަ ހީކުރެވުނީ ލިން އަށް ޖެހިފައި ވަނީ މެލޭރިއާ ކަމަށެވެ.

ނަމަވެސް އޭނާގެ ހަށިގަނޑަށް އެޗްއައިވީ ވައިރަސް އެތެރެވެފައިވާކަން އެނގުނީ މާފަހުންނެވެ. ލިންގެ ކުރީގެ ލޯބިވެރިންގެ ހަށިގަނޑުގައި އެޗްއައިވީ ނެތުމުން އޭނާއަށް ވިސްނުނީ، ވައިރަސް އޭނާގެ ހަށިގަނޑަށް އެތެރެވީ ޓެޓޫ ޖަހަން ބޭނުން ކުރި ކަށިގަނޑުން ކަމެވެ.

ޑޮކްޓަރުން އެންމެ ފުރަތަމަ ވިދާޅުވީ ލިން ދުނިޔޭގައި ހުންނާނީ އެންމެ 6 މަސް ކަމަށެވެ. ނަމަވެސް މިހާރު އެފަހުން 25 އަށް ވުރެ ގިނަ އަހަރު ވެފައިވާއިރު ލިން އަދިވެސް ދަނީ އޭނާގެ ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.