މިއީ ފިލްމީ ދާއިރާގެ އާ ނަމެއް ނޫނެވެ. އާ ތަރިއެއްވެސް ނޫނެވެ. މިހާރު އޭނާ ފިލްމީ ދާއިރާގެ ބައެއް ޕްރޮޖްކްޓްތަކުން ފެނިގެން ދެއެވެ. އެހެން ނަމަވެސް މާ ގިނައިން ނޫނެވެ. މަދުމަދުންނެވެ. ބޮޑެތި ރޯލްތަކުންވެސް ނޫނެވެ. ކުޑަކުޑަ ރޯލްތަކުންނެވެ. އޭނާ ރަސްމީ ވަޒީފާގައި ބިޒީވުމުން ފިލްމީ ދާއިރާއަށް ވަގުތު ނުދެވެނީ އެވެ. އޭނާގެ އަސްލު ވަޒީފާއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސޮނެވާ ލޯންޖްގެ ހޯސްޓެސްއެއްގެ ވަޒީފާ އެވެ. މިއީ އައިޝަތު ގުލްފާ (އައިޝާ) އެވެ.

އައިޝާ ފިލްމީ ދާއިރާއަށް ވަދެވުނީ، އެ ދާއިރާގައި އުޅޭ ބައެއް މީހުން ގެއަށް އައިސް އުޅުމުގެ ތެރެއިންނެވެ. އެއިރު އައިޝާ މެން ގޭގައި ޝޫޓިންގްތައް ކުރިއަށް ދިޔައެވެ. އެއިރު ފިލްމީ ދާއިރާގެ އެންމެ ހިޓް އެކަކު ކަމަށްވާ ވަލީދާ ވަލީދް މެން އެގެއަށް ގޮސް ފިލްމްތަކުގެ ޝޫޓިންގއަށް ކުރިއަށް ގެންދެއެވެ.

"ވަލީދާމެން މިހެން އައިސް ގޭތެރޭގައި ޝޫޓްކުރާއިރުވެސް އެނގޭ މިއީ ކޮން ކަހަލަ ކަމެއްކަން، އޭނާ ދާނެ އެހެން ދާއިރު އަހަރެން ގޮވައިގެންވެސް ބައެއް ފަހަރު" އައިޝާ އާއި ގުޅިފައިވާ ފިލްމީ ދާއިރާގެ އެންމެ ކުރީގެ ހަނދާންތައް އާކުރަމުން އޭނާ ބުންޏެވެ.

އައިޝާ އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ ފިލްމް ދޮންމަންމަ އިންނެވެ. އެ ފިލްމްގައި އޭނާއާއެކު އާސިމް އާއި ވަލީދާ އާއި ހަސަން މަނިކް ފެނިގެން ދެއެވެ. އެ ފިލްމްގައި އައިޝާގެ ރޯލަކީ ދަރިފުޅެއްގެ ބައެވެ.

އައިޝާ ފިލްމެއްގެ ޝޫޓިންގގައި

އެ ފިލްމަށްފަހު އޭނާ އަށް ފުރުސަތު ލިބެން ފެށީ ސީރީސްތަކުންނެވެ. ޓީވީއެމްގެ ޑްރާމާއެއް ކަމަށްވާ ހިތްއެދޭ ރާސްތާ އާއި ވަފާތެރި ނުވެވުނަސް ފަދަ ސީރީޒްތައް ހިމެނެއެވެ.

އައިޝާ ބުނީ، ޓީވީއެމްގެ ދެ ސީރީޒެއްގައި އޭނާ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި ގިނަ ހިލައާއި ހިތްއެދެނީ ފަދަ ފިލްމްތަކުންވެސް އޭނާ ފެނިގެން ދިޔައެވެ.އަދި އަމިއްލަ ރާގުގެ ގިނަ ލަވަތަކުންވެސް އޭނާ ފެނިގެން ގޮސްފައި ވެއެވެ.

އައިޝާ ވަނީ ހަތް ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އަދި ތިން ޑްރާމާއެއްގައި މަސައްކަތް ކޮށްފައި ވެއެވެ.

އޭނާ ފަހަކަށް އައިސް ކުޅެނީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމްތަކެވެ. އެ ކުންފުނީގެ ފިލްމްތަކުގެ ގެސްޓް ރޯލުން އޭނާ ފެނިގެން ދެއެވެ.

އައިޝާ އެންމެ ވަރުގަދައަށް ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުން ދިޔައިރު ދިވެހި ފިލްމްތައް ބަލަން ދިވެހިން ވަރަށް ފޯރިހުރެއެވެ. އަދި ފިލްމީ ތަރިންގެ އެކި ވާހަކަތައް އެއިރުވެސް ގެނެސްދެއެވެ. އެއިރުވެސް ތަރިންނަށް އޮތް ޑިމާންޑް ބަލަން ތަފާތު ހަރަކާތްތައް ހިންގާއިރު، އެއިރު އެކަން ބަލާ އެއް ގޮތަކީ ބެލުންތެރިންގެ މެދުގައި ވޯޓު ލުމެވެ. އެގޮތުން 2000 ވަނަ އަހަރު ފިލްމީ ދާއިރާއަށް އަލަށް ވަން ތަރިންގެ ތެރެއިން ބެލުންތެރިންގެ އެންމެ މަގްބޫލު ތަރިންގެ ލިސްޓުގައި އައިޝާގެ ނަން ހިމެނުނެވެ. އެއީ 2000 ވަނަ އަހަރު ތެރޭގައި ބެލުންތެރިންގެ ވޯޓަކުން ހޮވި ތަރިންނެވެ.

ފިލްމީ ތަރި އައިޝާ

އައިޝާ ބުނީ، އެ ލިސްޓަށް އޭނާގެ ނަން އައުމުން ވަރަށް އުފާވި ކަމަށެވެ. އަދި ބެލުންތެރިންނަށް އޭނާ އެނގެން ފެށި ހިސާބުން މީހުން އޭނާއަށް ފިލްމް ކުޅޭ ކުއްޖާ އޭ ކިޔާފައި ގޮވާ ކަމަށް އޭނާ ބުންޏެވެ.

"އެއިރު ރަށްރަށަށް ޝޫޓިންގއަށް ގޮސް އުޅޭއިރުވެސް ގޮވާނެ ފިލްމް ކުޅޭ ކުއްޖާއޭ ކިޔާފައި".

އެއިރުވެސް ފިލްމީ ދާއިރާގައި އުޅުނީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅެމުން!

އައިޝާއަކީ ވަރަށް ޅަ އުމުރުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުތް ހިތްވަރުގަދަ ޒުވާނެކެވެ. އެއިރު އަންހެނުން ވަޒީފާ އަދާކުރުން ރަނގަޅު ނޫން ދާއިރާއެއްގެ ގޮތުގައި އޮންނަ ފަތުރުވެރިކަމުގެ ދާއިރާގައި އޭނާ ފައިތިލަ ސާބިތުކޮށް އަދިވެސް އޭނާ މަސައްކަތް ކުރަމުން ދަނީ އެ ދާއިރާގައެވެ.

"އެއިރަށް ބަލާއިރު، އެހާ ގިނަ އަންހެން ކުދިންނެއްވެސް ނޫޅޭ، ދެން ރިސޯޓްގައި އުޅެމުން ބްރޭކް ނަގައިގެން ފިލްމް ޝޫޓިންގތަކަށް ދިޔައީ، ކޮންޓިނިއުސްކޮށް، ބައެއް ފަހަރު ހޭލާ ހުރެގެން އެކަން ކުރަމުން ގޮސް އަނެއް ދުވަހު ފުރައިގެން މި ދަނީ، އެގޮތަށް ގިނަ ފިލްމްތައް ކުޅެފައި ހުންނަނީ" އައިޝާ ކިޔައިދިނެވެ.

އައިޝާގެ ރަސްމީ ވަޒީފާއަކީ ފަތުރުވެރިކަމުގެ ދާއިރާ

ފުރުސަތު ލިބޭ، ވަގުތު ނުލިބޭ!

އައިޝާގެ ވާހަކަތަކުން އޭނާ ފިލްމީ ދާއިރާއާ ދުރަށް ދާނެ މީހެއް ނޫންހެން ހީވެއެވެ. އެއި އޭނާގެ ހިތް އެކަމަށް އެދެއެވެ. އެހެން ނަމަވެސް އޭނާއަށް ވަގުތު ނުލިބެނީ އެވެ. އޭނާއަށް މިހާރުވެސް ޑާކްރެއިންގެ ކޮންމެ ފިލްމެއްގެ ގެސްޓް އެޕެއަރެންސް ބައިން ފުރުސަތު ލިބޭއިރު، ބައެއް ފަހަރު ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އެކަމަށް ވަގުތު ނުދެއެވެ.

ފިލްމީ ތަރި އައިޝާ "ވަގުތު"އަަށް އިންޓަވިއު ދެނީ ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެހެން ނަމަވެސް ޑާކްރެއިންގެ ވެރިޔާ މޮގާ، އައިޝާގެ ޓައިމްއަށް ޝޫޓިންގއަށް ހަމަޖައްސާ ކަންކަން ކުރާތީ، ލިބޭ އެ ފުރުސަތުތަކުގެ ބޭނުން އޭނާ ހިފަ އެވެ.

"ބޮޑު ރޯލެއް ލިބުނަސް ކުޅެން ހިޔާލެއް ނުކުރަން، އެއީ ޓައިމް ދޯ، ފުދޭވަރަކަށް ޓައިމް ބޭނުންވާނެ، މިހާރު ބުނާނަމަ އެހާ ވޯތްއެއް ނޫން.، އެކަމަކު އަޅުގަނޑަށް މިހާރު މާ ހިތްހަމަޖެހޭ މިހާރު މި އުޅޭ ވަޒީފާގެ، ދެން ދަރިންނަށް ދޭން ޖެހޭ ޓައިމް"،

ފިލްމީ ދާއިރާއިން ފެނިދާނެ!

އައިޝާގެ ވާހަަކަތަކުން އޭނާ ފިލްމީ ދާއިރާގެ މަސައްކަތްތައް ނުކުރެވިގެން އުޅެނީ އޭނާ ވަޒީފާގައި ބިޒީވުމުންނެވެ. އެހެން ނަމަވެސް އޭނާ ފިލްމީ ދާއިރާއާ ދުރަށް ނުދެއެވެ. އޭނާގެ ވާހަަކަތަކުން އޭނާ އަދިވެސް ފިލްމީ ދާއިރާއިން ފެނިގެން ދިއުމުގެ ފުރުސަތު އޮތްކަން އެނގެއެވެ.

"ދެން ލިބޭ އެއްޗެހި ނުކުޅޭނެއެކޭ ނޫން، ބައެއް އިޝްތިހާރުތައްވެސް ކުޅެން، މިހާރުވެސް ދެ އިޝްތިހާރެއްގެ މަސައްކަތް ވާހަކަދެކެވިފައި ކުރިއަށް އޮތްތަނުގައި ފެންނާނެ".

ފިލްމީ ތަރި އައިޝާ އާއެކު"ވަގުތު" ނޫސްވެރިއެއް ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ފަތުރުވެރިކަމުގެ ދާއިރާއަށް އައިޝާ ވަނުން!

އޭނާ ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެވުނީ ވަޒީފާއަކަށް ފެންބޮވައިގަނެފައި ހުރި ދުވަސްވަރެއްގައި ލިބުނު ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ. އާއިލާއަށް އެހީތެރިވާން ޖެހިގެންނެވެ. އޭނާ ފުރަތަމަ ވަޒީފާއަކަށް ދިޔައީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ އޮޕަރޭޓަރަކަށެވެ. އެތަނުގައި އަހަރެއް ވަންދެން އޭނާ މަސައްކަތް ކުރިއެވެ. އޭގެ ފަހުން އޭނާ ވަނީ ސޮނެވާ ފުއްޓަށެވެ. އެތަނުގެ ސްޕާގައި އޭނާ ވަޒީފާ އަދާކުރިއެވެ.

"އަޅުގަނޑު ޖޮބެއް ބޭނުންވެފައި ހުރި ވަރުން ރައްޓެއްސެއް ކައިރީގައި ބުނިން ޖޮބެއް ނެތްހޭ ދެން، އޭނާ ބުނި އެބަ އިނޭ ރިސޯޓެއްގެ އޮޕަރޭޓަރަކަށް ދެން، އެއިރު އެޕްލައިކޮށްގެން ވަރަށް ފަސޭހައިން އެ ޖޮބް ލިބުނު، އެންމެ ފުރަތަމަ އަޅުގަނޑު ވަޒީފާ އަދާކުރީ އޮޕަރޭޓަރަކަށް އެއީ 1999 ހިސާބުގައި"

ސޮނެވާ ފުށި ރިސޯޓްގެ ސްޕާގައި މަސައްކަތް ކުރުމަށްފަހު އައިޝާ ދެން ބަދަލުވީ ސޮނެވާ ފުށީގެ އެއާޕޯޓް ރެޕަކަށެވެ. އެ ވަން ގޮތަށް އޭނާ އަދިވެސް ވަޒީފާ އަދާކުރަމުން އަންނަނީ ސޮނޭވާ އަށް އަންނަ ފަތުރުވެރިންނަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާ މީހެއްގެ ގޮތުގައެވެ.

މިހާރު ވިޔަފާރީގައި ދާއިރާގައިވެސް އައިޝާ!

އައިޝާ މިހާރު ވަނީ އޭނާގެ ބައެއް ގާތް މީހުންނާއެކު އަމިއްލަ ވިޔަފާރިއެއްވެސް ފަށާފައެވެ. އޭނާ ފެށި އެ ވިޔަފާރި އަކީ ކޮވިޑާއި ހެދި މާލެ ސިޓީ ފުރަބަންދު ކުރުމުން ފެށި ވިޔަފާރި އެކެވެ. އެއީ މާސްކް ފެހުމެވެ.

އޭނާ އެ މަސައްކަތް ކުރަނީ މާސްކް ފެހުމުން އެ ތަކެތި މާކެޓް ކުރުމާއި ވިއްކުމުގައެވެ. އެކަމުން ބޮޑު ނަފާއެއް އެ މީހުންނަށް ލިބެއެވެ. މާސްކަށް ޑިމާންޑްވެސް ބޮޑެވެ. އެގޮތުން މާލެއިން ބޭރުންނާއި، ބޭރު ގައުމުތަކުންވެސް އެ މީހުންގެ މާސްކަށް އޯޑަރު އަންނަ ކަން އައިޝާ ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝަހިންދާ

    މިކިއްކުރަން ދައްކާބައެއް. ޙުސްވިތޯ ޚަބަރު

    34
    3
  2. ވަޑި

    ސަލި

    4
    26
  3. ބުރާންތި

    ނުދަންނަން. ޢަޑއްވެސް ނާހަން

    25
    2
  4. ﷲގެ އަޅާ

    ދެން ދުނިޔެ ލިބިއްޖެ ސިސް . ދެން އުޙު ރަވީ ހަޔާތް ލިބިގަތުމަށް މަސައްކަތް ކު ރުން ބުއްދިވެ ރިި
    މޭ ﷲ ގައިޑް ޔޫ . އާމީން.

    20
    1
  5. މުއްލާ

    މީނަ ދެން ހެޔޮ ފިލްމު ނުކުޅުނަސް. މޫނުމަތިން އޮފުކެނޑި މުސްކުޅިވެއްޖެ،

    4
    3