އަހަރެންގެ މައިފުނަ ގޭގައި ހުންނަ ކޮތަރުކޮށިން މިއަދު ވެސް ޅަކޮތަރު ފެނޭތޯ ކަޅި ޖަހާ ނުލާ ބަލަން ހުރީމެވެ. އެތެރެ ފެންނަ ގޮތެއް ނުވިއެވެ. ކޮތަރު ކޮށި ހުންނަނީ އަތްފޯރާ ފަށަކުނޫނެވެ. އަދި ގޮނޑިއަކަށް ނުވަތަ ހަރުގަނޑަކަށް އަރައިގެން ނޫނީ ނުފެންނާނެއެވެ. ކޮތަރު ކޮށްޓަކީ އާދައިގެ ދޫނިކޮށްޓާ ތަފާތު ކޮށްޓެކެވެ. ހުންނަނީ ވަތްގަނޑު ގަނޑަށް ހަދާފައެވެ. ކޮތަރުތައް އޭގެ ތެރޭގައި ދިރިއުޅޭ ގޮތާ މެދު އަހަރެން ފިކުރުކުރަމެވެ.

އަހަރެންގެ ނިދާ އެނދު ހުންނަނީ ފަޑިލާފައެވެ. އާރާމު ކަފަ ގޮދަޑިއެއްގައި ނިދާއިރު ކޮތަރުތައް ނިދަނީ ކުޑަ ކުޑަ ކޮށްޓެއްގެ ތެރޭގައެވެ. އަދި އެކި ވަތްގަނޑު ތަކުގައެވެ. މުޅި ކޮށީގެ ބޭރުގައާއި އެތެރޭގައި ވެސް ފެންނަން އޮންނަނީ އޭގެ ނަޖިހެވެ. އެކަމަކު އަހަރެން ހައިރާން ވަނީ އެ ސޮރުމެން އުޅޭ އެކުވެރި ކަމެވެ. ހުރިހާ ކޮތަރުތަކަށް ޖާގަ ދީގެން އުޅޭ އުޅުމެވެ. ބިސް އަޅާ އަދި އެބިސް ފީކޮށް ވިއްސައެވެ.

އަހަރެންގެ އުމުރުން އޭރު ވާނީ އަށެއްކަ އަހަރެވެ. އަހަރެން ކާފައާ ސުވާލު ކުރަމެވެ. ކޮތަރުތައް އެހާ ކުޑަތަންކޮޅެއްގައި އުޅޭ ގޮތާ ބެހޭގޮތުންނެވެ. ކާފަގެ ޖަވާބަކީ އެއީ އެމީހުންގެ ގެއެވެ. އަހަރެމެން ފަދައިން އެމީހުން ވެސް އުޅެނީ އުފަލުގައެވެ. އުދުހެވެ. އެކަމަކު މާދުރަކަށް ނުދެއެވެ. ކޮށީގައި ތިބޭ ކޮތަރަށް ގަޑިން ގަޑިއަށް ކާން ލިބެއެވެ.

ކާފަ ހިންގާ ސައި ހޮޓާ ހުންނަނީ އޯކިޑް މަގުގައެވެ. އެތާނގެ ފުރާޅު ދަށުގައާއި އެހިސާބުގެ އިމާރާތްތަކުގެ ފުރާޅުތަކުގެ ދަށުގައި އެސޮރުމެން ދިރިއުޅެއެވެ. ހާލި ހަދައިގެން ބިސް އަޅައެވެ. ބިންމައްޗަށް ފައިބައި ކައިހަދައެވެ. އެންމެ އަޖާއިބު ވާ ކަމަކީ ހުރިހާ ކޮތަރެއް ވެސް ބައިބައި ގަނޑަށް އުދުހޭތީއެވެ. މަދު ފަހަރެއްގައި އެކަނި އުދުހޭ ކޮތަރެއް ފެނުނަސް އެކުގައި އެއް އާއިލާއެއް ހެން އެސޮރުމެން އުޅެއެވެ. ގޭގައި ހުރި ކޮށީގައި އުޅޭ ކޮތަރުތަކުގެ ފިޔަ ކޮށާފައި ހުއްޓަސް އެތާ އުޅޭ ކޮތަރުތައް މިނިވަން ކަމާ އެކުގައި އުދުހި އުޅެނީއެވެ. ވަރަށް މައްޗަށް ވެސް އުދުހި އުޅެއެވެ. އަހަރެންގެ ހިތުގައި ސުވާލު އުފެދެއެވެ.

ވެރިރަށް މާލޭގެ ދިރިއުޅުން ބަދަލު ވަމުން ދިޔައީ ހީނުކުރާހާ އަވަހަށެވެ. އަހަރެމެންގެ ގޭގައި ކުރިން ހުރި ގިފިލިތައް ފާޚާނާއަށް ބަދުވިއެވެ. ދޮރު މަތީގައި އޮތް ހުސްތަނުގައި ހުރި ބޮޑު ހިރުނދުގަސް ކަނޑާލިއެވެ. ޒަމާނީ ފެންވަރަށް އެއްބުރިއަށް ގެ ހެދުމަށެވެ. ޖޯލި ފަތިތަކާއި ކޮތަރު ކޮށްޓާއި ވައްލަ ކޮށި ވެސް ނަގައިފިއެވެ. ދޫނި ގެންގުޅުމާއި ގޯތި ތެރޭގައި ގަސްއިންދުމަށް ނިމުމެއް އައެވެ. ކާފައާއި މާމަ ވެސް ނިޔާވެއްޖެއެވެ. އެއްގެއެއްގައި ތަނަވަސް ކަމާ އެކު އުޅުނު މީހުންގެ ދިރިއުޅުން ބަދަލު ވާންފެށިއެވެ. މައްސަލަތައް ކުރިމަތިވެ އާއިލީ ގުޅުން ތަކަށް ބުރޫ އަރަން ފެށިއެވެ.

30 އަހަރު ފަސް

ގޯތި ބައި ކުރެވުނީ ވެސް ދިހަ އަހަރުންނެވެ. ކޯޓްގައި މައްސަލަ ދިގުލައިގެން ގޮސް އާއިލީ މީހުން ފޫހިވީ ފަހުންނެވެ. އަހަރެންގެ މަންމައަށް ލިބުނު ކުޑަތަންކޮޅުގައި އަހަރެންނާއި އެއްބަޑު އެއްބަފާ ފަސް ކުދިން ދިރިއުޅެން ޖެހުނީއެވެ. ކޮތަރު ކޮށްޓެއްހެން ވަތްގަނޑު ތަކަށް ހަދާލަން ޖެހުނީއެވެ. ލިބުނު ތަންކޮޅުގައި ހެދެނީ ދެކޮޓަރިއެވެ. އެއީ ފުދޭވަރެއް ނޫނެވެ. މަންމައާއި ބައްޕަ އޮންނަނީ ކުޑަ ކުޑަ ކޮޓަރިއެއްގައެވެ. އެއީ ކޮޓަރިއެކޭ ނުކިޔާނެއެވެ. ހަތަރުފޫޓް ހަފޫޓްގެ އެނދެއް ބެހެއްޓުމުންކޮޓަރި އޮންނަނީ ފުރިފައެވެ. ބޮޑުކޮޓަރީގައި އަހަރެމެން އެންމެނެވެ. އެންމެ ފާޚާނާއެކެވެ. އަންހެން ކުދިންގެ ތެރޭގައި ނިދުމީ އަހަރެންނަށް ފަސޭހަ ކަމެއް ނޫނެވެ. އަހަރެން ނިދަނީ ސިޓިންގރޫމޭ ކިޔާ ތަނުގައެވެ. އެތަނުގައި ކާމޭޒާ ދޮންނަ މެޝިނާ އުނދުނެއް ހުރެއެވެ. އެއީ ވެސް ކުޑަ ގޮޅިއެކެވެ. ކާން ހުންނަ މޭޒު ފަތްޖަހާލީމާ ގޮދަޑިއެއް ބާއްވާލެވެއެވެ. ދެން އިތުރު ޖާގައެއް ނޯވެއެވެ.

އާއިލީ މައްސަލަތައް ބޮޑުވާން ފެށިއެވެ. އަހަރެންނާއި އަންހެން ދެކޮއްކޮ ފިޔަވާ ދެންތިބި ދެކުދިން އުޅެނީ އަބަދުވެސް ބޭރުގައެވެ. ކިޔެވުމަކަށް ފަރުވާލެއް ނުހުރެއެވެ. ފާސްވާ ފަހަރާއި ނުވާފަހެރެވެ. ގޭތެރެ ހޫނު ކަމުންނޭ ބުނެ އެމީހުން ތިބެނީ މަގުމަތީގައެވެ. އުޅުމާއި ގުޅުމަށް ބަދަލު އަންނަން ފެށިއެވެ. އެކުދިންގެ ބަސްމަގު ވެސް ބަދަލުވާން ފެށިއެވެ. ނިދަން ގެއަށް ނުވަދެ ގޭދޮށުގައި އުޅޭ ވިޔާނުދާ ކުދިންނާ ގުޅިގެން އުޅެން ފެށިއެވެ.

ދިރިއުޅުން މުޅިން އެފުށް މިފުށަށް ޖެހިއްޖެއެވެ. މިއަދު ކުރެވެނީ ގޭގައި ހުރި ކޮތަރު ކޮށީގައި ކޮތަރުތައް އުޅުނު ގޮތުގެ ހަނދާނެވެ. ފާޚާނާ ކުރިއަސް ނިދިއަޔަސް ކެއަސް ހަމަ އެތަނެވެ. ގޯއްޗެއް ފްލެޓެއް ލިބޭތޯ މަންމައާއި ބައްޕަ ކުރި މަސައްކަތް ވީ ބޭކާރެވެ. އަހަރެންގެ ޚިޔާލަށް މިފަދަ ދުވަހެއް އަތުވެދާނެއޭ ހިތަކަށް ނާރައެވެ. އަހަރެން ކައިވެންޏެއް ކޮށްގެން ވަންނާނެ ތަނެއް ނެތެވެ.

ލިބޭ ފައިސާ ކޮޅުން މަންމަ އާއި ބައްޕަ އަދި ގޭގެ ޚަރަދު ބަރަދު ބަލަހައްޓަން ޖެހެވެ. ބައްޕަ މިހާރު އަދާކުރަނީ ތަނެއްގެ ވޮޗަރު ކަމެވެ. އެތަނުންލިބޭ ފައިސާކޮޅުން ގޭގެ ކަރަންޓާއި ފެން އަދި އެހެނިހެން ބިލް ދައްކާލެވެއެވެ. މަންމަމެންގެ ކުދި ކުދި ޚަރަދު އެއިން ފުއްދާލެވެއެވެ.

ޒަމާން ވަނީ ބަދަލުވެފައެވެ. ފޯނާ އިންޓަރ ނެޓާ ނުލާ ކޮއްކޮމެންނަށް ކިޔެވޭކަން ނެތެވެ. އެހުރިހާ ޚަރަދަށް ވެސް އަހަރެން ފުއްދާދެމެވެ. ނަމަވެސް މަސްނިމޭއިރު އަތުގައި ފޮރުވާނެ ފައިސާއެއް ނުހުރެއެވެ. ގޭގައި ހުންނަ ދޮންނަ މެޝިން ހަލާކުވިއަސް ޖެހެނީ މުސާރައިން ކަނޑާގޮތަށް ކޮންމެވެސް ސްކީމަކުން ދަރަންޏަށް މެޝިން ހޯދާށެވެ. މިއީ ހާދަހާވާ ހިތްދަތި ދިރިއުޅުމެކެވެ. އުފަލެއް އަރާމެއް ނެތް ދިރިއުޅުމެކެވެ.

އަހަރެންގެ ރަހުމަތްތެރި ވަލީދާ ބައްދަލު ނުވާތީ ފޯން ކޮށްލީމެވެ. ފޯނަކުން ނުގުޅެއެވެ. އޭގެ ދެދުވަސް ފަހުން އަނެއްކާ ގުޅާލީމެވެ. ދިމާވެއްޖެއެވެ. އޭނާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލި ޚަބަރު ދިނެވެ. މާލޭގައި ދަތިކަމާއި ވޭނުގައި ދިރިއުޅެން ބޭނުން ނުވެގެން އުފަން ރަށަށް ބަދަލުވީއެވެ. ވަލީދަކީ މޮޅު ދިވެހި ޓީޗަރެކެވެ. އެތައް ކުދިނެއްގެ އުސްތާޛެކެވެ. ލިޔުންތެރިއެކެވެ. ބަހުގެ އެކަޑަމީ އަށް ބޭނުންތެރި މުފައްކިރެކެވެ. އެތާނގެ މުބާރާތްތަކުގައި ފަނޑިޔާރުކަން ކުރާ މޮޅު މީހެކެވެ. ޅެންވެރިންގެ ދުވަހާއި ބަހުގެ ދުވަސްތައް ފާހަގަކުރާއިރު ވަލީދު ނެތިއްޔާ ފޯރިއެއް ނުހުނާނާނެއޭ އެތަނުގެ މުވައްޒަފުން އަބަދު ވެސް ބުނެ އުޅެއެވެ. އަހަރެންނާ ވަލީދު ކިޔެވީ އެކު އެކީގައެވެ. އަހަރެންނަކީ ވެސް ދިވެހި މުދައްރިސެކެވެ. ދެމީހުންގެ ޚިޔާލާ މިޒާޖުވެސް އެއްގޮތެވެ.

ވަލީދު ގެ ދިރިއުޅުން މިފަދަ ބޮޑު ބަދަލަކާއި ދިމާއަށް ދަތުރުކުރިގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. ވަލީދަކީ އުތުރުގެ މަސްވެރި ރަށެއްގެ ފޯރާ އާއިލާއެއްގެ މީހެކެވެ. ވަލީދުގެ ބައްޕަގެ ރަންޒަމާނުގައި ދުއްވި މަސްއޮޑިތައް ނުދުއްވި ހަލާކު ވެގެން ދިޔައީ ބައްޕަ ބަލިވުމުން އެތަކެތި ބަލަހައްޓާނެ މީހަކު ރަށުގައި ނެތުމުންނެވެ. ވަލީދުގެ އެއްބަޑު އެއްބަފާ ހުރިހާ ކުދިން ދިރިއުޅުން މާލެއަށް ބަދަލު ކުރީއެވެ. ހަމަ ވަލީދު ފަދައިންނެވެ. ވަލީދުގެ ދިރިއުޅުން ފޯރާ ފޮތިން ފޫގަޅައިގެން އުޅުނީ ބައްޕަގެ އެހީތެރިކަމާ އެކުގައެވެ. މާލޭގައި ދިރިއުޅޭ ތަނަށް ކުލި ދައްކާދިނުމަށް ބައްޕަ އޭރު އެހީ ވިއެވެ. ފަހުން އެކަން ނުވެގެން ވަލީދަށް ލިބޭ މުސާރައިން ދެކުދިންނާއި އަނބިމީހާ ބެލެހެއްޓޭ ގޮތް ނުވީއެވެ.

އަހަރެން ކައިވެނި ނުކޮށް ހުންނާތީ ވަލީދު ވަރަށް ވާހަކަ ދައްކައެވެ. ވަލީދަށް ވުރެ އަހަރެން އުފުލަން ޖެހޭ ބުރަ ބޮޑެވެ. ބައްޕައާއި މަންމަގެ އިތުރުން ކޮއްކޮމެން ބެލެހެއްޓުމެވެ.

އަހަރެންގެ ބައްޕަގެ ގޯއްޗެއް ގދ. ހޯނޑެއްދޫގައި އޮވެއެވެ. އެތަން މިހާރު ހުރީ ފަޅަށެވެ. އެއީ ކާފަގެ ފަރާތުން ވާރުތަވީ ތަނެކެވެ. އަހަރެންނަށް މިއަދު ވިސްނެނީ އެގޯތީގައި ހުރި އިމާރާތް މަރާމާތު ކޮށްގެން ރަށަށް ބަދަލުވާށެވެ. މީގެ ދެއަހަރު ކުރިން އަހަރެން އެރަށަށް ދިޔައީމެވެ. އޭރު ގޯތީގައި ހުރި ގޭގެ ފުރާޅުގެ ޓިނުތައް ދަބަރަށްވެ ވަނީ ހަލާކުވެފައެވެ. ނަމަވެސް ފާރުތައް ރަނގަޅެވެ. ގޭގެ އެތެރޭގައި ހުރީ ސިމެންތި ޖަހާފައެވެ. ގޯތި ނުލާހިކު ބޮޑެވެ. ކާފަ ނިޔާވުމުގެ ކުރިން ހުރީ ވަށާފާރު ވެސް ރާނާފައެވެ. އެއީ ހިތްވަރު ގަދަ މީހެކެވެ.

އާއިލީ ބައްދަލު ވުމަކަށް އަހަރެން އެދުނީމެވެ. ހަތަރު ކޮއްކޮ އާއި އަހަރެންނާއި ބައްޕައާއި މަންމަ އެވެ. ރޭގަނޑުގެ ވަގުތެވެ. ކައި ނިމިގެން ގޭ ކާމޭޒު ދޮށަށް ހުރިހާ ކުދިން އެއްކުރީމެވެ. އެ ކުޑަކުޑަ މޭޒުގައި އެއްފަހަރާ ތިބެވެނީ ތިންމީހުންނަށެވެ. ދެން އެގޮތް މިގޮތަށް އެކި ތަންތަނުގައި އިށީދެގެން ތިބީއެވެ. އަހަރެން ވަރަށް އަސަރާއެކު ވާހަކަ ދައްކަން ފެށީމެވެ. އަހަރެން މަންމަ ފަރާތު ކާފަ ކައިރީ އެދުވަހު ކުރި ސުވާލުން ފެށީމެވެ. ހުރިހާ ކޮތަރުތައް އެއް ކޮއްޓެއްގައި ދިރިއުޅެނީ ކިހިނެއް ހެއްޔެވެ؟ މިއަދު އަހަރެމެން މިވަނީ އެފަދަ ކޮށްޓެއްގައި ދިރި އުޅެން ޖެހިފައެވެ. އަހަރެންގެ ޚިޔާލު ހިއްސާ ކުރީމެވެ. މިކުޑަތަންކޮޅު ކުއްޔަށް ދީފައި ބައްޕަގެ ރަށަށް ހޯޑެއްދޫއަށް ބަދަލުވާށެވެ. ހުރިހާ ކުދިން އެއް ފަހަރާ ބުންޏެވެ. އެތާނގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ ކުރާނީ ކޮން މަސައްކަތެއް ހެއްޔެވެ؟ އެއީ ދިރުމެއް ނުވާ ތަނެކެވެ. އެކުދިން މާލެ ދޫކޮށް ރަށަށް ބަދަލުވާކަށް ބޭނުމެއް ނުވެއެވެ. މާލޭގައި ތިބި އެކުވެރިންނާއި ރައްޓެހިން ދޫކުރަން ބޭނުން ނުވަނީއެވެ. މާލޭގެ ރެސްޓޯރެންޓްތަކާއި ފިހާރަތައް ފެނި ރަށަށް ދާހިތް ނުވަނީއެވެ. ނަމަވެސް ބައްޕައާއި މަންމަ ތިބީ އަހަރެންނާއެކު ދާން ތައްޔާރަށެވެ.

އަހަރެން އެކުދިންނަށް ވިސްނާދިނީމެވެ. ބޭބެ ޓީޗަރުކަން ކުރަމުން ދަނޑު ހައްދާނަމެވެ. އިތުރު ވަގުތު ޓިއުޝަން ދޭން ކުޑަ ތަންކޮޅެއް ހަދާނީއެވެ. ކޮއްކޮމެންނަށް ކުޑަކުދިންނަށް ޓިއުޝަން ދެވިދާނެއެވެ. މަންމަ ވަނީ ގާރީ ކޯސް ހަދާފައެވެ. ބައްޕައަށް ދަނޑުތައް ބެލެހެއްޓިދާނެ އެވެ. މިއަނދިރި ހޫނުގަދަ އަރާމެއް އުފަލެއް ނެތް ދިރިއުޅުން އަބަދަކު ނޫޅެވޭނެއެވެ. ކޮއްކޮ މެން ވިސްނާލާށެވެ. ބޭބެ ވެސް މިހާރު އުމުރުން ސާޅީހާ ގާތް ކުރަނީއެވެ. ދިރިއުޅުމެއް ނުފެށި މިގޮތަށް މިހުރީ ހަމަ ކޮއްކޮމެންގެ ހައްގުގައެވެ. ހޯޑެއްދޫގައި ވެސް މިހާރު އޯލެވެލަށް ކިޔަވާދެއެވެ. ރަށްރަށުގެ ކުދިން ވެސް މަތީ ޘާނަވީން މޮޅު ނަތީޖާ ހޯދައެވެ. ކިޔެވުމަކީ ކޮންމެ ތަނެއްގައި ތިބެގެން ވެސް މިޒަމާނުގައި ކުރެވިދާނެކަމެކެވެ. މިހާރު ގިނަ ކުދިން ކިޔަވަނީ އޮންލައިން ކޮށެވެ. އިތުރަށް ކިޔަވަންޏާ ތިނަދޫ ކެމްޕަސް އެހެރީއެވެ. އެތަނަށް ވެސް ދެވިދާނެއެވެ.

ބޭބެ މިގޮތް ޚިޔާރު މިކުރީ ދެން އިތުރު ގޮތެއް ނެތުނީމައެވެ. ތިޔަ ކުދިންގެ މުސްތަގުބަލަށްޓަކައެވެ. މިއީ ދިރިއުޅުމެއް ނޫނެވެ. ކޮތަރު ތަކެއް ހެން އަހަރެމެން އިންސާނުންނަކަށް ދިރިއެއް ނޫޅެވޭނެއެވެ. އެސޮރުމެން ކޮށީގައި އަދި އަސްކަނިތައް ދަށުގައި އެސޮރުމެންގެ ގެދޮރު ބިނާކުރެއެވެ. ބޭނުން ވަގުތަކު ޖައްވުގައި އުދުހި އުފާ ހޯދައެވެ. ހޫނާއި ފިނީގެ ދިރިއުޅުން އެސޮރުމެން ތަހައްމަލު ކުރަނީ އުފަލާއެކުގައެވެ.

އަހަރެމެންނަށް މިފަދަ ދަތިހާލުގައި ނޫޅެވޭނެއެވެ. ޞިއްޙީ އިޖުތިމާއީ އެތައް ކަމެއް މިދަނީ ފެންމަތި ވަމުންނެވެ. ކޮއްކޮމެން ވެސް ހަޔާތެއް ފަށަން ވާނެއެވެ. މިނޫން ގޮތެއް ހޯދާން ޖެހެއެވެ. ބޭބެ ހަމަ ޔަގީނުން ވެސް ބޭނުމީ ރަށަށް ބަދަލު ވާށެވެ. އަހަރެންމެންގެ ކާފައާއި މާމަ އުޅުނު ހިތްގައިމު ދިރިއުޅުން އުޅޭށެވެ.

ކަނޑުގެ ސާފުވައިލިބޭހެން އިންޖީނުގެ ދުމާއި ގެދަބުޅިން ސަލާމަތްވެ ތާޒާކަމާ އެކު މަހާއި ތަރުކާރި ކާލައިގެން އާ ދިރިއުޅުމެއް ފަށާށެވެ. މާދަމާއަށް ވިސްނާށެވެ. މާދަމާ ހޭލާއިރު ކޮންމެ ކަމެއްވެސް ބަދަލު ވެދާނެއެވެ. މި ކޮތަރުކޮށްޓެއް ވަރުގެ ތަންކޮޅުން ނުކުމެ ހަމަ ނޭވާލާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިސަ

    💯

    18
  2. އަލީ ޝަރީފު

    ވަރަށް ރީތި ކުރު ވާހަކަ އެއް. ސާބަސް.

    17
  3. އައްޑޫ ޝަކުވާ ބޯޓް

    ވަރަށް ހަބޭސް!!!
    :... ޝިޔާމް.

    13