އޭޕްރީލް 25 ވަނަ ދުވަހު ގެނެސްދިން ބައި

"ތީ މާ ރަނގަޅު ގޮތެއްނު. ދެ ޕާޓީ އެއްދުވަހަކަށް ހަދާލުން ތީ ހަމަ ވަރަށް ރަނގަޅު ހިޔާލެއް." ޞައްތާރު އެ ގޮތަށް އެއްބަސްވީ "ޕާޓީ"އަށް ކުރަންޖެހޭނެ ޚަރަދަށް ވިސްނާފައެވެ.

"އަހަންނަށްވެސް ތި ގޮތް ހަމަ އެންމެ ރަނގަޅު. ނިކާލް ކޮން ދުވަހަކަށް ނިންމަން ގަސްދުތިކުރަނީ؟" ފައިރޫޒް އެނގެން ބޭނުންވަނީ ތާރީޚެވެ.

"މަށެއް ނުބުނަމޭ ނިހާ ގާތު މަޑުކުރާކަށް. މަ މި ކިޔަނީ އަވަހަށް ފައިރޫޒްއާ އިންނާށޭ. މަ ނޫޅެން މީހަކާ އިންނާކަށް. މަ މީހަކާ އިންނަން އުޅޭ ވާހަކަ ނިހާ ގާތު ބުނީ ކާކުތަ؟ މަށެއް ހަމަ ގައިމު ވެސް ނުބުނަން. އިންޝާ ގާތުގައި ވެސް ނުބުނަން. ކާކު ދައްކައިގެން އުޅޭ ވާހަކައެއް." ނިކާލް ވަރަށް ވިސްނައިގެން އިނދެ ވާހަކަ ދެއްކިއެވެ. އޭނާ ހިތްހަމަނުޖެހިފައި ހުރިކަން ސިއްރުކުރަމުން ނިހާގެ މަކަރުވެރި ރޭވުމުން އޭނާ ބައްދާލަން އުޅުނު މަޅިގަނޑުން ސަލާމަތްވޭތޯ މަސައްކަތްކުރިއެވެ.

ނިހާއަށް ދޭނެ ޖަވާބެއް ނޭނގުމުން ލަދު ގަންނަ ގޮތްވިއެވެ. އެންމެންގެ ތެރޭގައި ބޮޑު ބޭޒާރެއް ވާން އުޅޭހެން ހީވުމުން ހާސްވިއެވެ. އޭނާ އިންޝާއަށް ބަލާލިއިރު އިންޝާ ވެސް އިނީ ގޮތް ހުސްވެފައެވެ. ނިކާލް ފާޅުގައި އެ ވާހަކަތަކަށް ރައްދު ދީ ދެކޮޅު ހަދާނެ ކަމަކަށް އެމީހުން ހިޔެއްނުކުރެއެވެ. އެހެންކަމުން އެމީހުން އެފަދަ ދަނޑިވަޅެއް އަތުވެއްޖެ ނަމަ ހަދާނެގޮތެއް ވެސް އަދި ދޭނެ ޖަވާބަކާމެދު ވެސް ވިސްނާފައެއް ނުވެއެވެ.

"ބުރޯ. މަށޭ އެވާހަކަ ދެއްކީ." ނަޒީލް ފުރުޞަތުގެ ބޭނުން ހިފައިލިއެވެ. "ދެން މާ ނޫންކަމަށް ހެދިގެން އުޅޭނެ ކަމެއް ނެތް އިނގޭ. މަގޭ ކައިރީގަ ބުނީމެއްނު އަންނަ މަހު ކާވެނި ކުރަން ބޭނުންވާ ވާހަކަ. ނިހާ ގާތު ބުނަން ވެއްޖޭ ދެ ކާވެނި އެއް ދުވަހަކަށް ހަދަން. އެހެންވެ މަ ނިހާއާ ވާހަކަ ދައްކައިގެން އެ ގޮތަށް ހަމަ ޖައްސާލީ. މީ ހަމަ ބުރޯއަށް މަ ދިން ސަޕްރައިޒެއް. މި ސަޕްރައިޒް ސަޅި ދޯ؟"

ނިކާލް ދަތްތަކަށް ބާރުކޮށްލިއެވެ. އޭނާ އަޑު ގަދަކޮށް ނިހާއާ ދިމާއަށް ހަޅޭލަވާ ގަންނަން ބޭނުންވިއެވެ. ނަމަވެސް އޭނާ ކެތްތެރިވީ ބޭރު ބަޔަކު އެތަނުގައި ތިބުމުންނެވެ. ނިހާއަކީ ވަރަށް މޮޅަށް ރޭވުންތައް ރާވަން ދަންނަ މީހެކޭ ނިކާލްގެ ހިތަށް އެރިއެވެ. ނިހާ އެވަނީ އިންޝާއެކޭ އެއްފަދައިން ނަޒީލް ވެސް އޭނާގެ ކޮޅަށް އަނބުރާލައިފައެވެ.

"އޭނ. ދެ ކައިވެނި އެއް ދުވަހަކުއޭ. ތިވީ ގޮތުން މަ ޖެހޭނީ އަލުން ބަލުން ހެދުން ވެސް ފަހާކަށްނު." އެންމެންގެ ލޯތައް ހުއްޓިގެން ދިޔައީ ކާގޭ ދޮރުމަތީ ބޯތަށްޓެއް ކިހިއްޔަށް ޖަހާލައިގެން ހުރި މަރުޖީނާ އަޑަށެވެ. މަރުޖީނާ ފުޅާ ހިނިތުންވުމެއްގައި ބުޑު އުކަމުން އައިސް ހުއްޓުނީ ނިކާލް ކައިރީގައެވެ.

"އެ ކޮން ކުއްޖެއްތަ؟ ސޯބިރާގެ ދޮން މަންޖެ ދޯ؟" މަރުޖީނާ ބޭނުންވީ ނިކާލް ކާވެނި ކުރަން އުޅޭ ކުއްޖެއްގެ ފަތިފުށް ހޯދާށެވެ.

"ނޫން. އެއީ...." ނިކާލަށް ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އެރިއެވެ.

"ދައްތައަށް ހީވޭތަ މިސޮރު މި ރަށު ކުއްޖަކާ ވައި އެޅޭނެހެން؟ އެޔަށްވުރެން އަހަރުމެންގެ ނިކާލް މާ ހިތް މޮޅުވާނެ. އެއީ މާލޭ ކުއްޖެކޯ. އޮންލައިންކޮށް ދިމާވި." ނަޒީލް މަރުޖީނާއާ ދިމާއަށް ބަލަން ހުރެ ވާހަކަ ދެއްކީ ފިސާރި ސާބިތުކަމާއެކުއެވެ.

"ކޮންތަނަކުން ނޭ؟" މަރުޖީނާއަށް ނަޒީލް ބުނި އެއްޗެއް ފަހުމު ނުވުމުން އަހާލިއެވެ. ނިހާއާ އިންޝާ ގާތަށް ހިނި އައި ކަމުގައި ވިޔަސް ޞަފިއްޔާ އާ ނިކާލް އަދި އިލްހާމްގެ މޫނުމަތިން ފެނުނީ ނުރުހުމުގެ ކުލަވަރެވެ. ޚާއްސަކޮށް އިލްހާމްގެ މޫނުމަތި ވަކިން ބޮޑަށް ބަނައެވެ. މިހާރު ވެސް މުޅި ރަށުގައި އިލްހާމްއޭ ކިޔައިގެން މަރުޖީނާ ދައްކާ ވާހަކަތައް މަދެއް ނޫނެވެ. ނިހާއަކީ އޭނާގެ ދަރިޔެކޭ ކިޔާ އަޑު ވެސް ރަށުތެރެއިން އިލްހާމަށް ވަނީ އިވިފައެވެ. އެއީ މަރުޖީނާ ފަތުރައިގެން އުޅޭ ވާހަކައެއްކަން އިލްހާމަށް ޔަޤީންވެއެވެ.

"މި ބުނީ އިންޓަރނެޓުން." ނަޒީލް ޖަވާބު ދިނެވެ.

"ހޫން ނޭނގޭނު. އަހަރުމެންގެ ޒަމާނުގަ ލޯބިވެރިންނަށް ލިޔެ އުޅެނީ ސިޓީ ވިއްޔާ. މިހާރު މި ވެރިން އިންޓަރނެޓަށް ވަދެގެން ނުގަންނަ ގަނޑެއް ވެސް ނޯވޭ ދޯ ޒުބޭދާ." މަރުޖީނާ ޒުބޭދާއަށް ދޯ ދެމުން ހިނިގަނޑެއް ޖަހާލިއެވެ. މަރުޖީނާގެ ސަކަ މިޒާޖުން ކޮޓަރިތެރޭ ތިބި އެންމެން ހެއްވާލި އިރުވެސް ނިކާލާއި އިލްހާމް އަދި ޞަފިއްޔާ މަސައްކަތް ކުރަމުން ދިޔައީ އެމީހުންގެ އެތެރެ ހަށީގައި އަނދަމުން ދިޔަ އަލިފާން ކޮންޓުރޯލު ކުރުމަށެވެ.

"މަރޫ. ކަމަކުތަ؟" ހުނުމުގެ އަޑު ތެރެއިން ޞަފިއްޔާގެ އަޑު އިވުނެވެ. ޞަފިއްޔާ ބޭނުންވީ ލަސްނުކޮށް މަރުޖީނާ އެތަނުން ފޮނުވައިލާށެވެ.

"އާނ. މި އުޅެނީ ބަތްތަވާ އުދާފަ ހުއްޓާ ގޭސް ހުސްވެގެން. މަށަށް ބަތް ކޮޅެއް ދީބަލަ. ނޭނގެ މީން އިރަކު ވެސް ގޭސް އަންނާނެ ކަމެއް. ހުސް ގޮހޮރަކާ ނުހުރެވޭނު."

"ދީޕިކާ ދޭބަލަ މަރޫ ގޮވައިން ބަދިގެ ފަރާތަށް. ހުންނާނެ ކުކުޅު ރިހަ ވެސް. ގެންދާތި އިނގޭ." ޞަފިއްޔާ ދީޕިކާއަށް އިޝާރާތް ކުރަމުން މަރުޖީނާއާ ވާހަކަ ދެއްކިއެވެ.

"އާނ ދެން މިހާރު ގޮސްލީ. ނިކާލް ތި ކުއްޖަކު ކާވެނީގެ ކުރިން މިރަށަށް ގެންނަން ވާނެ. ދައްތަމެންގޭގަ ބަހައްޓަން ވާނީ. އޭރުންތާ ބެލްކަނިން ބޯ ދިއްކޮށްލިޔަސް ފެންނާނީ." ނިކާލާއި ދިމާކޮށްލަމުން ވަރުގަދަ ހިނިގަނޑެއް ޖަހާލުމަށްފަހު މަރުޖީނާ ދީޕިކާގެ ފަހަތުން ބަދިގެ ފަރާތަށް ދިޔައެވެ.

"ދެން މިވީ ގޮތުން ކާޑު ޗާޕު ނުކުރިޔަސް ފަރުޖެހޭނެ ދޯ. މިގެއިން ނިކުންނަ އިރު މުޅި ރަށުގަ އޮންނާނީ މި ވާހަކަ ވިއްޔަ." ސައްތާރު ލާނެއް ހިނިގަނޑެއް ޖަހާލިއެވެ. އެޔާއެކު އެންމެން ވެސް ހޭން ފެށިއެވެ. މަރުޖީނާ ހަބަރު ފެތުރުމުގައި ކުޅަދާނަވަރު ނޭނގޭ އެކަކުވެސް އެތާކު ނެތެވެ.

ނިކާލަށް ކާގެތެރޭގައި ނަގަމުން ދިޔަ ފޯރީގެ އަސަރެއް ކުރާހެނެއް ހިޔެއް ނުވެއެވެ. އެޔަށްވުރެ ބޮޑަށް އޭނާ އިނީ ނިހާދެކެ ހިތްހަމަނުޖެހި ރުޅި އައިސްފައެވެ.

"2:30 ގަ މީޓިންނެއް ވެސް އެބައޮތް. ދާންވެސްވީ. ނިކާލް އެހެންވީމަ މި ފެށޭ މަހު ކާވެނި ކުރާ ގޮތަށް ނިންމީ މި." އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން ފައިރޫޒު ގޮޑިން ތެދުވެ ނިކާލަށް އިޝާރާތްކޮށް ބުނެލިއެވެ.

"އެންމެ ރަނގަޅު. ތިގޮތަށް ނިންމާ." ނިކާލް އިތުރަށް އެއްޗެއް ނުބުނެ ހިމޭނުން އިނީއެވެ. އެ މައްސަލަގަނޑު އެ ހިސާބުން އޮއްބާލުމުގެ ބޭނުމުގައި އަންނަން އޮތް މަހުގައި ދެ ކާވެނި އެއްކޮށް ކުރެވޭނެކަން އިލްހާމް އިއުލާނު ކުރިއެވެ. ފައިރޫޒް އާއިލާ އެންމެން އެކަމާ އުފާކޮށް އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކޮށް މަރުހަބާ ކިޔަމުން ގެންދިޔައެވެ. ޞަފިއްޔާމެން ވެސް މަސްނޫއީ ހިނިތުންވުމަކާއެކު އެ އުފަލުގައި ބައިވެރިވީ ނިހާއަށް ހިތުން ވަރަށް އެއްޗެހި ގޮވަމުންނެވެ.

ފައިރޫޒު އޮފީހަށް ދާން ލަސްވެގެން ނިކުމެގެން ދިޔުމާއެކު ނިކާލް ވެސް ތެދުވެ ނިހާއާ ދިމާއަށް ލޯ އަޅާލުމަށްފަހު ސިޑިން އަރައިގެން ދިޔައީ މައްޗަށެވެ. ސައްތާރުގެ ދެމަފިރިންނާއި އިލްހާމްގެ ދެމަފިރިން ގޯތި ތެރެއަށް ނުކުތީ ޖޯލިފަތީ އިށީނދެ ތިބެ ދުފާލުމުގެ ބޭނުމުގައެވެ. ދީޕިކާއަށް އެހީތެރިވުމުގައި އިންޝާއާއި ނިހާ އަވަދިނެތި އުޅުނުއިރު ނަޒީލް އިނީ ކާމެޒު ކައިރީ ޕިރިނީ ކާށެވެ.

ޕިރިނީ ތަށި ހުސްވުމާއެކު ތަށި ހިފައިގެން ނަޒީލް ބަދިގެޔަށް ވަންއިރު ނިހާއާ އިންޝާ ސިންކު ކައިރީ ތިއްބެވެ. އެމީހުންގެ ރޭވުން ނަޒީލްގެ އެހީއާއެކު ކާމިޔާބުވުމުން އެމީހުން ތިބީ އުފަލުން ފޮޅިފައެވެ. ނަޒީލް އުންމީދުކުރި ގޮތަށް އެ ނިންމުމުގެ ސަބަބުން ނިހާ ނަޒީލަށް ކުރާ އިތުބާރުގެ އިންސަންތަ މައްޗަށް ޖެހިލިއެވެ. އިންޝާގެ ހިތުގައި ނަޒީލްގެ މައްޗަށް އޮތް ގަދަރު އުފުލިގެން ދިޔައެވެ. އެ ދެމީހުން ވެސް ނަޒީލަށް ޝުކުރު އަދާކުރިއެވެ.

"މީ އެވަރުގެ ކަމެއް ނޫނެއްނު. ތި ދެމީހުނަށް ލިބުނު އަނިޔާގެ ބަދަލު އަހަންނަށް ނުދެވޭނެކަން އެނގޭ. އެކަމު ތި ދެމީހުންގެ އުފަލަށް ޓަކައި ކޮންމެފަދަ ގުރުބާނީއެއް ވާން ވެސް އަހަރެން ތައްޔާރު. ނިހާއަށް އަހަރެން ވައުދުވަން. ނިހާއަށް ނިކާލް ހާސިލްކޮށްދިނުމަށް މަށަށް ކޮށްދެވެން އޮތް ހުރި ހުރިހާކަމެއް ކޮށްދީ އެހީތެރިވާނަން."

އިންޝާ އުފަލުން ގޮސް ފެންކަޅިވީ ވަރުން ނަޒީލްގެ ގައިގާ ބައްދައިގަނެވުނެވެ. ނަޒީލް ހުރީ ނިކަން ހިތްހަމަޖެހިފައެވެ. އިންޝާގެ އިތުބާރު ހޯދުމުގައި ކާބިޔާބު ލިބެމުން އަންނާތީ އެތެރެ އެތެރެއިން ހީނލަހީނލައެވެ. ތެދުތެދަށް ބުނަންޏާ ނަޒީލް ކުޅެމުންދާ ނުރައްކާތެރި ކުޅިގަނޑުގެ ހިލަމެއް އިންޝާއަށް ނުވެއެވެ. ހަޤީޤަތަކީ ނަޒީލް އަދިވެސް ބަދަލު ނުވާކަމެވެ. ނަޒީލަކީ ހަމަ ކުރީގެ ވެސް ނަޒީލްކަމެވެ. ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލައިފައި އޮތަސް ތެދެއް ނުވާނޭ ބުނާ އުސޫލުން އޭނާގެ ހިތް އަދިވެސް އޮތީ ކަޅު ކޮށެވެ.

ނަޒީލަށް ނިހާގެ ކޮޓަރިއަށް ވަދެވުނީ އިބްރީސްގެ ބާރުންކަމަށް ބުނެ ނަޒީލް އޮޅުވާލި ނަމަވެސް އެއީ މުޅިޔަކުން ހަގީގަތެއް ނޫނެވެ. ދެރޭ މަތިން ނަޒީލަށް ނިހާގެ ކޮޓަރިއަށް ވަދެވުނުކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. ހަށިގަނޑު ތެރޭގައި އިބްރީސް އުޅުނުކަމުގައި ވިޔަސް ކުރެވުނު ހުރިހާ ކަމެއް ވެސް ކުރީ ހަމަ ބުއްދީގައި ހުރެގެންނެވެ. ނަޒީލްގެ ނަފްސުގެ މައްޗަށް އިބްރީސް ގަދަވެ، އޭނާއަށް ވާނުވާ ނޭނގޭ ހިސާބަށް ކަންތައް ދިޔައީ ދެވަނަ ރޭގައި އިންޝާ އައިސް ނިހާ ކޮޓަރިއަށް ވަން ފަހުންނެވެ. އޭގެ ފަހުން ހިނގާދިޔަ ކަންތައް ހިނގީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. އެހެނަސް ނަޒީލް ކުރި ހުރިހާ ކަމެއް ކުރީ އަމިއްލަ އިޚްތިޔާރަކާއި ނުލާކަމަށް ބުނެ، އިންޝާއަށާއި ނިހާއަށް އޮޅުވާލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

ބާބު 03 - ނަފުރަތުގެ އަލިފާން

ނިހާއަށް ލިބުނު އުފަލާއި އެއްވަރަށް ފިކުރު ވެސް ބޮޑު ވިއެވެ. ކާވެނި ލަސްކުރުމުގައި ކާމިޔާބުވި ކަމުގައި ވިޔަސް ވިސްނަންޖެހޭ ކަންތައްތައް ވަކި މަދެއްނުވިއެވެ. ހައްތަހާވީ ގިނައެވެ. އެންމެންގެ ހިތްތަކުގައި ނިހާގެ މައްޗަށް އުފެދުނު ނަފްރަތު މިހާރު އޮންނާނީ އިހުނަށްވުރެ ބޮޑުވެފައެވެ. ނިކާލް ވެސް އޭނާދެކެ ހާދަހާ ރުޅިއެއް އަންނާނެއެވެ. ކުރިއަށް ވުރެން ބޮޑަށް ފޫހި ވެސް ވާނެއެވެ. ކާގެއިން ނިކުމެގެން ދަމުން ނިކާލް ބަލާލި ގޮތުން ވެސް އެކަން އެނގުނެވެ. އެ ދެލޮލުގައި ވަނީ ނަފުރަތުގެ ވަރުގަދަ އަނގުރު އަލިފާން ގަނޑެއް ރޯވެފައެވެ. އޭގެ ގިނިން ނިހާ ފިހި ހަނާނުވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ނިކާލް ރުޅި އަރުވާލަން ޖެހުނީތީ ނިހާ ދެރަވި ނަމަވެސް، އޭނާއަށް އެ ގޮތަކަށް ކަންތައް ކުރުމަށް މަޖުބޫރުވީއެވެ. އެ ނޫން އިތުރު ގޮތެއް ނުވިސްނުނީއެވެ. އިތުރު އެއްވެސް ގޮތެއް އޮތްނަމަ އެ މަގު އިޙުތިޔާރެއް ނުކުރީހެވެ. ނިކާލް ހާސިލު ކުރެވިދާނެ ކަމުގެ ކުޑަވެސް އުއްމީދެއް އޮތް ދިމާލެއްވިއްޔާ އެދިމާއަކަށް ދާން ނިހާ ހުރީ ތައްޔާރަށެވެ. އަނެއްކާ ވެސް ސިހުރު ހަދައިގެން ނިކާލް ހާސިލުކުރަން ވެސް އޭނާގެ ހިތަށް އެރިއެވެ. އިބްރީސްގެ މަތިން ހަނދާންވުމާއެކު އެ ހިޔާލު ހިތުން ނެރެ އެއްލާލިއެވެ. ދެން އެފަދަ މޮޔަކަމެއް ނުކުރުމަށް އޭނާ އަޒުމު ކަނޑައެޅިއެވެ.

ނިކާލް އެކޭއެއްފަދައިން އިލްހާމްގެ ދެމަފިރިން ވެސް އޭނާދެކެ ފޫހިވާނެއެވެ. ރުޅިއަންނާނެއެވެ. އެރުޅީގައި އެމީހުން ނިހާ އެގެއިން ނެރެލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނިހާގެ ކާވެނި އަވަސް ކުރުމަށް އެދެމަފިރިން ދެން ކުރާނީ ކޮންކަމެއް ބާއެވެ؟ ހަމަ ޔަގީނުން ވެސް އެމީހުންނަކީ ދެއަތް އުރާލައިގެން ކުޅިބަލަން ތިބޭ ވައްތަރު ބައެއް ނޫންކަން ނިހާއަށް އެނގެއެވެ. ނިހާއަށް އޮތް ހަމައެކަނި ރާސްތާއަކީ އެމީހުން ރޭވުމެއް ރޭވުމުގެ ކުރިން ނިކާލް ހަމަޔަކަށް އެޅުވުމެވެ. ނިހާގެ ކޮޅަށް ނިކާލް އަނބުރާލުމެވެ. އޭރުން މަޑުމަޑުން ހުރިހާ ކަމެއް ވެސް ހަމަޔަކަށް އެޅިދާނެއެވެ.

ގޮށް މުއްކަވާ ބަހައްޓާފައި އަލަމާރީގެ ދޮރުފަތަށް ދެތިން އެތިފަހަރު އަރުވާލިއިރު ވެސް ނިކާލްގެ ރުޅިގަނޑު ފިނިވާ ގޮތެއް ނުވިއެވެ. އަތުގެ ނުފުށުން ހަންމަށައިގެން ގޮސް އަރަމުން ދިޔަ ދިލައިގެ އިހްސާސް ވެސް އޭނާއަށް ނުވާ ކަހަލައެވެ. އަލަމާރީގައި އެއް އަތް ވިއްދާލައިގެން އިސް ޖަހައިގެން ހުރެ، ނިކާލް ގޮށް މުށުގެ ހޫނު ހަމަލާތަކުގެ ޝިކާރައަކަށް އެލަކުޑި އަލަމާރީގެ ދޮރުފަތް ހަދަމުން ދިޔައެވެ. އެންމެން ދިޔުމުން ކޮޓަރިއަށް ވަންނަން އައިސް ދޮރުމަތީގައި މަޑު ޖެހިލައިގެން ހުރި ނިހާއަށް އެ އަޑު އިވުނެވެ. ވާނުވާ ނޭނގިފައި ނިކާލްގެ ކޮޓަރި ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓާ ނިހާއަށް ދެން އިވުނީ ނިކާލްގެ ހަޅޭކުގެ އަޑެވެ. ނިހާ ނިކަން ބާރަށް ގޮސް އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން އޭނާގެ ހިތުގައި އުފެދުނީ ބިރުވެރިކަމެވެ.

ނިހާ ދުވެފައި ގޮސް ނިކާލްގެ އަތުގެ ކުޑަހުޅާ ހިސާބުގައި ބާރަށް ހިފެހެއްޓިއެވެ. ނިކާލް ދެބުމަ ކައިރިކޮށްލަމުން އަތަށް ބަލާލަމުން ނިހާއަށް ބަލާލިއިރު ރުޅިގަދަވެގެން ގޮސް މުޅި މީހާ ތުރުތުރު އަޅައެވެ. ނިހާގެ ހިތް ބާރަށް ތެޅިގަތް ވަގުތު ނިކާލް އޭނާގެ އަތް ފޮޅުވާލުމާއެކު ނިހާ ދިޔައީ ވިއްސައިގެންނެވެ. އަރިއަޅާލައިގެން ދިޔަ ހަށިގަނޑު ސީދާކޮށް ހަމަޔަކަށް އަޅުވަމުން އަޖައިބުވެފައި ހުރެ ނިހާއަށް ބަލާލެވުނެވެ. ނިކާލް އައިސްފައިވާ ރުޅީގެ ސަބަބަކީ ނިހާކަން އެނގުމާއެކު ނިހާއަށް ހިންދިރުވައިލެވުނީ ޖެހިލުންވެފައި ހުރެއެވެ.

"ނުކުމޭ. ހަމަ މިހާރު މިތަނުން ނުކުމޭ." ނިކާލް ހަޅޭލަވައިގަތީ ރުޅި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ނިކާލްގެ ދެބުމަ ގޮށްޖެހި ދެލޯވަށްވެފައި ހުރުމުން ފެންނަނީ ނުރައްކާތެރި ގޮތަކަށެވެ. ހައިވެގެން ޝިކާރަކުރަން ނުކުމެ އުޅޭ ސިންގާއެއް ފަދައެވެ. ހަމަ ހީވަނީ ދެންމެދެންމެ ނިހާއާ ދިމާއަށް ފުންމައިގެންފާނެ ހެންނެވެ. ވަކި އަޅައި ނޮޅާލައިގެން ރޮލާ ކާލަފާނެހެންނެވެ. ދުވަހަކުވެސް ނިކާލް އެހާ ރުޅިގަދަވެފައި ހުއްޓާ ނިހާއަށް ފެނިފައެއް ނުވެއެވެ.

"ކިހިނެއްވެފައިތަ ތިހުންނަނީ." އަނެއްކާވެސް ނިކާލްގެ އަޑު ގަދަވިއެވެ. ނިހާއަށް ގުޑިލަން ވެސް ނުކެރިފައި ނިކާލްގެ މުށްކެވިފައިވާ ދެ އަތްތިލައަށް ބަލަހައްޓައިގެން ހުރެވުނެވެ. ނިކާލް ފުންމައިގެން އައިސް ނިހާގެ ހިކަނދި މަސްގަނޑުގައި ނިކަން ބާރަށް ހިފައި ދޮރާ ދިމާއަށް ހޫރުވާލީ ކޮޓަރިން ބޭރަށް ނުކުތުމަށް ބުނަމުންނެވެ.

"ސަބަބު ވެސް އެނގޭކަށް ބޭނުމެއް ނޫންތަ؟" ނިހާ ކޮޓަރިން ނުކުންނާކަށް ގަސްދެއް ނުކުރިއެވެ.

"ސަބަބޭ؟ ސަބަބެއް އޮވެގެންތަ ތިވަރަކަށް ދޮގު ހަދަނީ؟ ތި ދައްކާ އެއްވެސް ބަހަނާއެއް އަޑު އަހާކަށް މަ ބޭނުމެއް ނޫން. ނުކުންނާށޭ." ޝަހާދަތް އިނގިލި ކޮޓަރި ދޮރާ ދިމާއަށް ދިއްކުރަމުން ނިކާލް އަމުރުކުރިއެވެ. "ހަމަ މިހާރު މަގޭ ލޯމަތިން ދުރަށްދޭ."

ނިހާއަށް ސިހުން ލިބުނު ނަމަވެސް އޭނާ ބޭނުންވީ ނިކާލްއާ ކުރިމަތިލައި ދޮގުހަދަން ޖެހުނު ސަބަބު އޮޅުންފިލުވައިދޭށެވެ.

"ނިކްގެ މަންމަމެން ބޭނުންވީ އަންނަ ހަފުތާގައި މަގޭ ކާވެނިކުރުވަން." ނިކާލްގެ ދެލޮލަށް ނަޒަރު ސީދާ ކޮށްލައިގެން ހުރެ ނިހާ ވާހަކަދެއްކިއިރު އަޑުގައި ކުޑަ ހަރުކަށިކަމެއް ހުއްޓެވެ. "މަ ބޭނުމެއް ނުވޭ ނިކް ނޫން މީހަކާ އިންނާކަށް. މިއަދު މަ ދައްކާ ވާހަކަ ގަބޫލުނުކުރެވުނަސް ކޮންމެވެސް ދުވަހަކުން ނިކްއަށް ޤަބޫލުކުރެވޭނެ މަ މި ބުނާ އެއްޗެއްގެ ތެދުކަން. މަ ނިކްއަށް ސިހުރު ހަދައިގެން ލޯބީގެ ކުޅިގަނޑެއް ކުޅެން ނޫޅޭކަން. މަށަށް އެންމެ ހޮޔޮއެދޭ އެންމެ ގާތް އެކުވެރިޔާއަށް އަދިއަދަށް ދާންވެސް ވަފާތެރިކަން. އެ ދުވަހެއްގެ އިންތިޒާރުގައި ނިކްއަށް ހުސްވެގެން ހުންނަން މަ ބޭނުން. އޭގެކުރިން ފައިރޫޒްއާ ދެވާފަ މަ މިގެއިން ފޮނުވައެއް ނުލެވޭނެ. ނިކްއަށް މަމި ދައްކާ ވާހަކަ ވިސްނުނު ދުވަހަކުން، ކަމުގެ ހަޤީޤަތް ޤަބޫލުކުރެވުނު ދުވަހަކުން، މި ނިހާ ދެކެ ލޯތްބެއް ނުވެޔޭ ބުނެފިނަމަ ފައިރޫޒުގެ މިލްކަކަށް ވާން މަ މިހިރީ ތައްޔާރަށް. އެކަމު މިއަދު ތި ނަފްރަތާ ރުޅީގަ ކަނުވެފައި ހުރެގެން ނިކް ތި އެދޭ އެދުމަށް އިޖާބަދޭކަށް އަހަރެން ނެތިން. ނިކް ބުންޏަސް މަށެއް ފައިރޫޒަކާ ނީންނާނަން. މަ ލޯބިވާ މީހަކީ ތީ. ހަޔާތުގަ މިހިސާބަށް އައިއިރު ވެސް އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. ހެދި ކޮންމެ ގޮތަކަށް ރުހިގެން މިހުންނަނީ. އެކަމު ނިކްތީ މަގޭ ދިރިއުޅުން. މަގޭ މި ދިރިއުޅުމުގެ ބޭނުން. މިއަދު ދޮގުހަދަން ޖެހުނީ ވެސް ހަމަ އެހެންވެ. ނިކްއަށް އެއްޗެއް ވިސްނިގެން އެނބުރި އަހަރެންގެ ހަޔާތަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ހުންނަން ބޭނުންވާލެއް ބޮޑުކަމުން."

ނިހާގެ ވާހަކަތައް އަޑުއަހަން ހުރި ނިކާލްގެ ބާރުވެ ރޫގިނަވެފައިވާ ނިތްކުރި މައްޗަށް ލުއިވެގެން ދިޔަތަން ނިހާއަށް ފެނުނެވެ. އެ ވާހަކަތަކުން ނިކާލަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނުހެން ނިހާއަށް ހީވިއެވެ. ނަމަވެސް އެކަން އެގޮތުގައި ދެމިއޮތީ ފަޅި ސިކުންތަކަށެވެ.

"މަ ތި ދައްކާ އެއްވެސް ވާހަކަ އެއް ގަބޫލުކުރާކަށް ނެތިން." ދަތްކުނޑި ވިކައިލަމުން ނިކާލް ބުންޏެވެ. "ތި ފިލްމީ ޑައިލޮގްތައް ގޮސް ކޮންމެސް އެހެން މީހަކަށް އިވޭ ހިސާބުގަ ހުރެގެން ކިޔާ. ތީ މަގޭ ދެކެ ލޯބިވާ މީހެއް ކަމަކަށް މަ ގަބޫލެއް ނުކުރާނަން. ތި ބުނާހާ ލޯތްބެއް ވާނަމަ މަގޭ ލޯބި ހާސިލް ކުރަންށޭ ކިޔާފަ އެންމެ ފުރަތަމަ ވެސް ގޮސް ހަދާނީ ސިހުރު ހާހޫރައެއް ނޫން."

"މަ ދެކެ ނިކާލް ލޯބިވާކަން އެނގޭނަ މަ ސިހުރެއް ވެސް ނުހަދާނެ. ނިކް އެންމެ ފަހަރަކުވެސް މަށަށް އެކަން އެންގިންތަ؟ ބަޔާން ކުރިންތަ؟ ކިހާ ވަރަކަށް މަ ތެޅުވިންތަ؟ އެންމެ ފަހަރަކުވެސް މަގޭ މި ހިތުގަ އަޅާ ވޭނާ ދޭތެރޭ ވިސްނާލިންތަ؟ މަށާ ދޭތެރޭ ނިކް ބެހެއްޓި ގާތްކަމަށް ދީގެން ހުރީ ކޮން ނަމެއްކަން ނޭނގިފަ މަ އަނދިރީގަ ނުބަހައްޓަންތަ؟ މަށަށް އެކަން އެހެން ކުރެވިފަ އެއޮތީ. އެއީ މަށަށް ކުރެވުނު މޮޔަކަމެއް. ހެދުނު ގޯހެއް." ނިކާލްގެ ލޯބި ހޯދުމަށް ސިހުރުގެ މަގު އިޚުތިޔާރު ކުރެވުނީތީ މިއަދު ނިހާ ދެރަވެއެވެ. ހިތާމަކުރެއެވެ. އެތައް ފަހަރަކު އެގޮތަށް ކަންތައް ނުކުރެވުނު ނަމައޭ އޭނާގެ ހިތަށް އަރައެވެ. އެހެންނަމަ މިއަދު ނިހާއަށްވުރެ ވަކި އުފަލުގައި އުޅޭނެ މީހަކު މި ދުނިޔެމަތީގައި ނެތީހެވެ.

"ކީއްވެގެންތަ މަ ސިހުރު ހެދިކަމަށް އެއްބަސް ވެފަ ނިކްއަށް އެއްޗެއް ކާން ދިންކަމަށް އެއްބަސް ނުވާންވީ. އެޔެއް ނިކް ބުނެބަލަ؟ ނިކަން ވިސްނާލަބަލަ." ނިކާލް ނިހާއަށް ފުރަގަސް ދިނުމުން ނިހާ ގޮސް ނިކާލްގެ ކޮނޑުގައި އަތް ޖައްސާލަމުން ބުންޏެވެ. ނިކާލް ވަގުތުން ދުރަށް ޖެހިލިއެވެ.

ނިހާ މަސައްކަތްކުރަމުން އެ ދަނީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވިޔަސް ނިކާލަށް ވިސްނައިދެވޭތޯއެވެ. ނިކާލަށް އެއްޗެއް ވިސްނޭނެކަމަށް ނިހާ އުންމީދުކުރިއެވެ. އެންމެ ކުޑަމިނުން ނިހާގެ ހިތުގައި ނިކާލަށް ޓަކައި އޮތް ލޯބި ޤަބޫލުކުރާނެ ނަމަވެސް ކޮން ފަދަހެއްޔެވެ؟

"ތިގޮތަށް އެއްބަސް ވުމުގެ ފަހަތުގައި ވެސް ކޮންމެވެސް މޮޅު ރޭވުންގަނޑެއް އޮއްނާނެ." ނިކާލަށް ވިސްނުނީ އެންމެ ނުބައި ގޮތަށެވެ. "މަށަށް ސިހުރު ހަދައިގެން ތި ލޯބީގެ އަވައިގަ ޖައްސައިގެން އިންނަން ބޭނުންވާ ސަބަބެއްވެސް އޮންނާނެ. އަރާމު މުއްސަނދި ދިރިއުޅުމަކަށް ފެންބޮވައި ގަނެފައި ހުރީމަ ވެސް ތިކަން ތިގޮތަށް ކޮށްފާނެ. ތި މަކަރުވެރި ހިތާ ސިކުނޑީގަ އޮތް އެއްޗެއް މަށަށް އެނގޭނީ ކިހިނެއް؟"

"ނިކާލް." ނިހާގެ އަޑު ގަދަވިއެވެ.

"ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟" ނިހާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. " މަށަކީ ފައިސާއާ އަރާމު ދިރިއުޅުމަކަށް ލޯބި ކުރާ މީހެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ ހަމަ ނިކާލަށް. ނިކް ތިހެން ތި ބުނީ އެކަން ނޭނގޭތީތަ؟ މަގޭ ގޮތް ނޭނގިގެންތަ؟ ނޫނީ ބޭނުންވަނީ މަ ނިކް ދެކެ މިވާ ލޯބި ތިގޮތަށް ފަޟީހަތް ކުރަންތަ؟ ކޮން ރޭވުމެއްތަ؟ ލޯތްބަކީ ރާވައިގެން ވެވޭ އެއްޗެއްތަ؟"

"ހުއްޓަލާ." ނިކާލް ގެ އަޑު ނިހާއަށް ވުރެ ގަދައެވެ. "އާނ ނޭނގޭ. ތީކީ މަ ދަންނަ ނިހާ އެއް ނޫން. މަށަށް އެނގުނު ނިހާ އެއް ވެސް ނޫން. ތި ނިހާ ކޮށްފަ ނުކުރާނެ ކަމެއް ބުނާކަށް މަށަކަށް ނޭނގެ. ނިހާގެ އަމަލުތަކުން މިއަދު އަހަރެންނަށް ހުރިހާ ކަމަކާ ސުވާލު އުފެއްދޭ. މަށަށް ކުޑައިރުންސުރެ ދަސްވި ނިހާއާ ތި ނިހާއާ އުޑާ ބިމާހާ ތަފާތު."

"ނިކް. ވިސްނާލަބަލަ." ނިހާ ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ.

"އިތުރަށް އެންމެ ލަފްޒެއް ވެސް އަޑު އަހާކަށްބޭނުމެއް ނޫން." ނިކާލް ފަހަތަށް އެނބުރި ނިހާގެ ދެކޮނޑުގައި ހިފާ ފަހަތަށް ގެންގޮސް ފާރަށް ހިއްޕާލިއެވެ. "ތިހާ ފިލްމު ކުޅެން މޮޅުވާނެ ކަމަކަށް އަސްލުވެސް މަ ހިޔެއްނުކުރަން. މަޤުޞަދަކީ ފައިސާއަށް ނުވަންޏާ ތިއުޅެނީ ކޮންމެވެސް އެހެން އެދުމެއް އޮވެގެން."

"ނިކް. ހޮޔޮނުވާނެ. ޤަބޫލުކޮށްބަލަ. އަހަރެން ނިކްދެކެ ވަނީ ހަގީގީ ލޯތްބޭ." ނިހާ އިސް އުފުލާލަމުން ނިކާލްއާ ހަތަރުކަޅި ސީދާކޮށްލިއެވެ. ނިހާގެ ދެލޮލުން އުތުރި އަރަމުން ދިޔަ އާދޭހާއި ލޯބި ފެނިފައި ނިކާލްގެ ރުޅި ފިނިވާ ގޮތްވިއެވެ. އެހާ ގާތުގައި ތިބެވުމުން ދެމީހުންގެ ހިތުގެ ތެޅުމަށްވެސް ބަދަލުތަކެއް އަޔެވެ. އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައި ތިބެވުނެވެ. ނިހާގެ ކޮނޑުމަތީ އޮތް ނިކާލްގެ ދެއަތަށްދޫވެގެން ދިޔަ އިހްސާސް ކުރެވުމާއެކު ނިހާއަށް އިތުރު ހިތްވަރެއް ލިބުނެވެ. ނިހާގެ ދެފައިގެ އިނިގިލިތަކު މައްޗަށް ދެމިލާ ނިކާލްގެ ތުންފަތުގައި ބޮސްދިނެވެ.

ނިކާލްގެ މުޅި ހަށިގަނޑު ތެރޭގައި ފިނި ރާޅެއް ދުވެލި ކަހަލައެވެ. އޭނާއަށް ލިބުނު ސިހުމާއެކު ތެޅިގެންފައި ދުރަށް ޖެހިލެވުނެވެ. ނިހާއަށް ކުރެވުނު ކަންތައް ރޭކާލި ހިސާބުން މުޅި މޫނުމަތި ރަތްވެގެން ދިޔައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ނިކާލްގެ ބަރު އަޑު ނިހާގެ ކަންފަތުގައި ޖެހުމާއެކު ބޭއިހްތިޔާރުގައި އެ ލަދުވެތިކަން ވަންހަނާކޮށްލެވުނެވެ.

"ތީ ކަލޭ ބޭނުންވެގެން ތިއުޅޭ ކަމަކީ. ހަމަ މިހާރު މިތަނުން ނުކުމޭ." ނިކާލް ނިހާގެ އަތުގައި ހިފައި ދަމަމުން ގެންގޮސް ކޮޓަރީ ދޮރުން ބޭރަށް ނެރެ ބުރިކަށީގައި އަތް އަޅާ ކޮއްޕާލިއެވެ. ނިހާ އަނގަހުޅުވިފައި ހުއްޓާ ނިކާލް ދޮރުފަތް ޖެހިލެއް ބާރުކަމުން މުޅި ގޭގެ އެތެރެވެށްޓަށް އެ އަޑު ފެތުރިގެން ދިޔައެވެ. ހައިރާންވެ އަންތަރީސްވެފައި ނިކާލަށް ބަލަހައްޓައިގެން ހުރި ނިހާއަށް ކުއްލި ސިހުމެއް ލިބުނެވެ.

ނިކާލްގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. ކަނާތް އަތުން މޭގެ ވާތް ފަޅީގައި އަތް ޖައްސާ ބާރުކޮށްލައިގެން ހުރެ ނިކާލް ގޮސް އެނދުގައި އިށީނެވެ. ކުރިމަތީގައި ހުރި އަލަމާރީގެ ލޯގަނޑުން އަމިއްލަ ސޫރައިގެ ރިވެލި ފެނުމާއެކު ނިކާލްގެ އަތުގެ ބޮޑުވާ އިނގިލި ތުންފަތުގައި ޖައްސައި ކާއްތައިލެވުނެވެ. ދެންމެ ހިނގާދިޔަ ކަންތައް ހަނދާވެފައި ބަޔާން ކުރަން ދަތި އުފަލެއް ވެސް ވިއެވެ. އެހިޔާލަށް ގެއްލިފައި އިންދައި އެ ދެލޮލުގެ ތެރެއަށް ކަރުނަ ގިނަވާން ފެށިއެވެ. އޭނާ އަތުގެ އިނގިލިތަކުން ދެލޮލަށް ފިއްތާ ބާރުކޮށްލަމުން ގޮދަޑިމަތީ ހުރަހަށް ދެމިލިއެވެ.

"ނިހާދެކެ ރުޅި އަންނަން ބޭނުންވިޔަސް ހަޤީޤަތުގައި ރުޅިވެސް ނާދެވޭ. މިހެން އުޅެން ހާދަހާ އުނދަގޫވެޔޭ. އެ ސޫރަ ފެންނަ ހިސާބުގައި ހުންނަންވެސް އުނދަގޫވޭ. ހާދަހާ ލޯތްބެކޭ މިވަނީ. ހާދަހާ އުނދަގުލެއް ވެޔޭ. ބައެއް ފަހަރު ޤަބޫލުކުރެވޭ ނިހާ ލޯބިވާކަމަށް ވެސް. އެކަމު ދެން ހީވެދާނެ އެހަދަނީ މަކަރޭ ވެސް. އިތުބާރެއް ނުކުރެވޭ. މަންމާ ކިހާ ދުވަހަކު މިގޮތަށް އުޅެންޖެހޭނެތަ؟ މަންމަ ބުނާގޮތަށް މީ ސިހުރު ލޯބިނަމަ މި ލޯބި ހިތުން ފޮހެވިގެން ނުދަނީ ކީއްވެގެންތަ؟ ކިހިނެއްތަ މިހެން ދިރިއުޅޭނީ ވެސް. މީ ހަމަ ސިހުރުގެ ބާރުތަ؟ ކިހިނެއްތަ މިހާލުގައި ދުވަސްތައް ވޭތުކުރާނީ؟ ނޫޅެވޭނެ މަށަކަށް." ނިކާލް އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. އޭނާގެ ދިރިއުޅުން އެހާ ބޮޑުހާޖާނު ގަނޑަކަށް ވީތީ ގިނަ ޝިކާޔަތުތަކެއް އެހިތުގައި އުފެދިފައިވެއެވެ.

އިލްހާމް އަރާފައި ހުރި ރުޅީގެ ހުރިހާ ރޯޅިއެއް ބޭލީ ޞަފިއްޔާއަށެވެ. ނިހާގެ ދިފާޢުގައި ޞަފިއްޔާ އަބަދުވެސް ތެދުވާ ވާހަކަ ބުނެ އިލްހާމް އަޑުގަދަކުރަމުން ދިޔައިރު ވެސް ޞަފިއްޔާ އިނީ ހިމޭނުންނެވެ. އިލްހާމް ރުޅިއައުން ޙައްޤުކަން، ޚުދު ޞަފިއްޔާ ވެސް ޤަބޫލުކުރެއެވެ. އިލްހާމް ޞަފިއްޔާއަށް ވަރުބާލުވަމުން އެދަނީ ވޭތުވެދިޔަ ދުވަސްތަކުގައި ނިހާއަކީ ރަނގަޅު ކުއްޖެކޭ ބުނެ އޭނާގެ ދިފާއުގައި ޞަފިއްޔާ ވާހަކަ ދައްކާފައި ވާތީކަން ޞަފިއްޔާއަށް އެނގެއެވެ.

"އަދިވެސް ކަލޭ ބުނާތި. މަށޭ ނިހާއާ ދޭތެރޭ ގޯސްކޮށް ދެކެނީ. އޭނަ އެ ޖައްސާ ވައްތަރުތައް ބަލަން މަޑުމަޑުން މި ހުންނަނީ މަށަށް ކަމެއް ނުކުރެވޭނެތީއެއް ނޫން. ސިހުރު ހެދިކަން އެނގުނު ހިސާބުން ވެސް މަ ބޭނުންވިނަމަ އޭނަ މިގެއިން ނެރެލެވުނީސް. އެވަރުން ވެސް މަ ބެލީ ރީތިގޮތުގައި އޭނަ މިގެއިން ފޮނުވާލެވޭތޯ. އެކަމު އެ އަންހެނާ ހިތަކުނެތް މިގެއިން ދާކަށް. މިހާރު ނަޒީލްއާ އިންޝާ ވާ ވައްދައިގެން މިގޭގައި ވަޒަންވެރިވާނެ މޮޅު ގޮތެއް އެ ހޯދަނީ. ބޭނުމަކީ ކޮބައިކަން އެނގޭތަ؟ ހަމަ މަށަށްޖެއްސުމަށް. އެ ނޫން އެހެން އެއްވެސް ބޭނުމެއް އޮވެގެނެއް ނޫން. އޭނައަށް ހަމަހީވެގެން އެ އުޅެނީ ސަފީނާ މަރާލީ މަށޭ. އެކަމުގެ ބަދަލު ހިފާނަމޭ ހިތާ އެ އުޅެނީ. މިހެން ބުންޏަސް ޞަފިއްޔާ ކޮންމެސް މޮޅު އެއްޗެކޭ ބުނާތި." އިލްހާމް ބޭނުންވީ ޞަފިއްޔާގެ ހިތް ނިހާއާމެދު އިތުރަށް ގޯސްކުރުވާށެވެ.

ނިހާ އެ އުޅެނީ ސަފީނާގެ މަރުގެ އިލްޒާމް އިލްހާމްގެ ބޮލުގައި އަޅުވައި، އެކަމުގެ ބަދަލުހިފުމަށް ކަމަށް ބުނާ ބުނުމަށް ޞަފިއްޔާއަށް މިހާރު އިތުބާރު ކުރެވެއެވެ. ނިކާލްދެކެ ލޯބި ނުވާއިރު ސިހުރު ހަދައިން އެ މަޅީގައި ނިކާލް ޖައްސަން އުޅުނީ އިތުރު ކޮން ބޭނުމެއް އޮވެގެން ހެއްޔެވެ؟ ނިހާގެ މައްޗަށް އިތުރަށް ހިތްކަޅުވެ ނަފުރަތުން އެ ހިތް ފުރާލިއެވެ.

"މި ދެން ކޮންފަދަ އާފާތެއްތަ؟ އެންމެ އިރުކޮޅުކުވެސް މިގޭގަ އޭނަ ބަހައްޓާނެ ކަމެއް ނެތް. ނެރެލަންވީ." ޞަފިއްޔާ އިންތަނުން ތެދުވިއެވެ.

"މައިތިރިވޭ." އިލްހާމް ޞަފިއްޔާގެ އަތުގައި ހިފެހެއްޓިއެވެ. "މި އާއިލާ މުޅި ރަށަށް ފަޟީހަތް ކުރަން ސަފީނާއަށް ދިން ފުރުޞަތު ނިހާއަށް އެއްވެސް ހާލެއްގައިދީގެން ނުވާނެ. ނޫން. ނޫން. ނަމަނަމަ ދެވަނަ ފަހަރަށް ތި ގޯސް ހަދަން ނޫޅޭ. ތީ އޭނަ ބޭނުންވާ ގޮތޭ. ޞަފިއްޔާއަށް އަދި ވެސް އޭނާ ދަސްނުވޭ."

ޞަފިއްޔާ އެނދުގައި އިށީނެވެ.

"ރަނގަޅަކަށް ވިއްޔާ ކަލޭގެ އަނގަޔާ ހެދި މިއަދު ވެސް މިހެން މިވީ." ޞަފިއްޔާގެ މޫނަން ބަލާލަމުން އިލްހާމް ބުންޏެވެ.

"މަށެއް އެއްޗެއް ނުބުނަން. އޭނަ ހެނދުނު ބަދިގެތެރޭ އުޅެނިކޮށް މަ ބުނިހާވެސް އެއްޗަކީ މިއަދު އެމީހުން ކާން އަންނާނެ ވާހަކަ." ޞަފިއްޔާ ދޮގު ހެދީ އިލްހާމް އިތުރަށް ރުޅި އަތުވެދާނެ ކަމަށް ބިރުން ހުރެއެވެ.

"އާނ. އެހެން އެކަނި ކަލޭ ބުނާނީ. މަށަށް އޭރު ވެސް ހީވިއޭ ކަލޭ ކޮންމެސް އެއްޗެކޭ ކީ ހެން. ބަލަ އެމީހުން ކާން ގެންނަ ވާހަކަ މަށަށް ވެސް އޭނަ ކައިރީ ބުނެވޭނެ ދޯ. އެކަމު މަ އެއްޗެއް ނުބުނެ ހުރީ އޭނައަށް ނޭނގި އެމީހުން ގެންނަން ވެގެން. މިކަހަލަ އެތިފަހަރެއް އޭނަ ހަދާފާނެތީ. އަލިފުންޔާއަށް ކިޔާނުދިނީޔާ އެވަރުވެސް ކަލެޔަކަށް ނުވިސްނޭނެ ވިއްޔާ. ދެން އެއްޗެއް ނުބުނެ ހުރޭ. އޭނަ މިހާރު ހީކޮށްގެން ހުންނާނީ އަހަރުމެން ދެމީހުން އޭނައަށް ވަރަށް ވަރު ބާލާނެޔޭ. އެކަމު ބުނަން. ހަމަ އެނގޭ ކަމަށް ވެސް ހަދާނެ ކަމެއް ނެތް. ޞަފިއްޔާއަށް މިހާރު އެނގޭނު އަހަރުމެން ފޯރި އެރުވި ވަރަކަށް އޭނަގެ ފިޔަ އިތުރަށް ފަޅާނީކަން. އެހެންވީމަ މައިތިރި ވެގެން ހުރޭ. މަ ތި ކާވެނި ކޮންމެވެސް ގޮތަކުން އަވަސް ކުރުވާނަން." އިލްހާމްގެ ނުބައި ރޭވުމުގައި ޞަފިއްޔާ ބައިވެރިކުރުމުގެ ނިޔަތުގައި އިލްހާމް ބުންޏެވެ.

ރޭގަނޑުގެ ގިނަ ވަގުތު ތަކެއް އޮފީހުގައި ހޭދަކުރުމަށްފަހު ނަޒީލަށް ގެއާ ހަމައަށް ވާސިލު ވެވުނުއިރު ގަޑިން 10 ޖަހާ ބޮޑުވެއްޖެއެވެ. ގޯތި ތެރެއަށް ވަދެގެން ދަނިކޮށް ގަސްތަކުގެ ތެރެއިން މީހެއްގެ ހިލަމެއް ވީހެން ނަޒީލަށް ހީވިއެވެ. އޭނާ ހުއްޓިލަމުން ގަސްތަކުތެރެއަށް ނަޒަރު ހިންގާލިއިރު ޖެހެމުންދިޔަ މަޑު ވައިރޯޅިއާ އެއްވަރަށް ގަސްތަކުގެ ފަތްތައް ހެލެމުން ދިޔަކަން ނޫން އެހެން އެއްވެސް ކަމެއް ފާހަގައެއް ނުވިއެވެ. އާދަޔާ ހިލާފު އެއްވެސް ކަމެއް ފެންނަން ނެތުމުން އެއީ ވަހުމެއްކަން އެނގުނެވެ. އިބްރީސްގެ ހާދިޘާއަށް ފަހު އެކަނި ހުންނަ ވަގުތަކު ގަހަކުން ފަތެއް ހެލިލިޔަސް ނަޒީލްގެ ހިތް ވަހުމުން ފުރި ބިރު ގަންނަނީ މާ ވަރަކަށެވެ.

ގެއަށް ވަންނަން ދިޔައިރު ބައްޕަ ސަރައްކާލީގައި ހުންނަ ޖޯލިފަތީގައި އޮށޯވެލައިގެން އޮތުމުން ނަޒީލަށް މަޑު ޖެހިލެވުނެވެ. ބައްޕަ އިންތިޒާރު ކުރަމުން އެ ދަނީ އޭނާއަށް ކަންނޭގެއެވެ. ނަޒީލަށް ހީވީ ހަމަ ރަނގަޅަށެވެ. އިލްހާމް އެ އޮތީ ނަޒީލް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. މިއަދު މެންދުރު ނިހާއާ ބައިވެރިވެގެން ޑުރާމާ ކުޅެން ޖެހުނު ސަބަބެއް އޮޅުންފިލުވަން ބޭނުންވެފައެވެ. އިލްހާމަށް ނަޒީލް ފެނުމާއެކު އަތް ނަގާ އިޝާރާތް ކުރީ ޖޯލީގައި އިށީނުމަށް ބުނެލިއެވެ. ބައްޕައަށް ދޭނެ މޮޅު ޖަވާބަކާމެދު ވިސްނަމުން ނަޒީލް ޖޯލީގައި އިށީނދެ ހަމަޖެހިލިއެވެ.

"ނަޒީލް. އެ ގޮތްކުޑަ ނިހާއާ އެއްބައިވުމުގެ ބޭނުމަކީ ކޮބާ؟" އިލްހާމް ދިޔައީ ސީދާ މަޢުޟޫއަށެވެ. ބައްޕަ ވާހަކަ ދެއްކިލެއް މަޑުމައިތިރި ކަމުން، ބައްޕަ އެ އިނީ ހިތްހަމަނުޖެހިފައި ނޫންކަން ނަޒީލަށް އެނގުނެވެ.

"މަ އެއްބައި ނުވި ނަމަވެސް އެންމެ ފަހު ވަގުތު ތިކަމުގަ މަ ކަންނޭގެ އެމީހުން ބައްދާލާނީ. މިވަގުތު އެމީހުންގެ އިތުބާރު ހޯދުން ވެސް މަށަށް މުހިންމު. ބައްޕައަށް ވެސް އެނގޭނު މަށަށް ކުރެވުނު ކަމަކުން ކިރިޔާކަން މަގޭ ކައިވެނި ވެސް ސަލާމަތްވީ. އަދިވެސް އިންޝާ މަށަކަށް މުޅިޔަކުން އިތުބާރެއް ނުކުރޭ. އެ އިތުބާރު ހޯދުމުގެ ބޭނުމުގައި އެކަންކުރީ."

ނަޒީލް ވަރަށް ވިސްނުންތެރިކަމާއެކު އިލްހާމަށް ޤަބޫލުކުރެވޭ ކަހަލަ ސަބަބެއް ބުނެދެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އިލްހާމްގެ ތުންފަތުގެ އެއްފަރާތް މައްޗަށް ދެމިލި ގޮތުން ނަޒީލް ދެއްކި ވާހަކަތައް ޤަބޫލުކުރިހެނެއް ހިޔެއް ނުވެއެވެ.

"ބައްޕައަށް ވެސް އެނގެޔޭ ނަޒީލަށް އިންޝާގެ އިތުބާރު މިހާރު މުހިންމުވާނެ ވަރު. އެކަމު އަބަދުވެސް ބުނާ ވާހަކައެއްދޯ އަނބިމީހާ ކޮންޓުރޯލުގަ ބަހައްޓާނީ ފިރިމީހާއޭ. މިހާރު މަންޒަރު މި ފެންނަނީ ދިމާ އިދިކޮޅަށް." އިލްހާމް ބުންޏެވެ. "ދެން މައްސަލަ އެއް ނެތް. އިންޝާގެ އިތުބާރުތާ މުހިންމީ. އެކަމަކު ނިހާގެ އިތުބާރު ދަރިފުޅަށް އެހާ މުހިންމުތަ؟ ނިކާލަށް ސިހުރުހަދައިގެން ނިކާލްގެ ހިތް ބަދަލުކުރުވިކަން ނަޒީލަށް ވެސް ކަނޑައެޅިގެން އެނގޭނެ. އެވަރުގެ މީހަކު މިގޭގައި ބަހައްޓަން އެހީތެރިވުމުގެ ބޭނުމަކީ ކޮބާ؟ އެހެންމީހަކަށް ނުވިސްނުނަސް މަށަށް ތިވާގޮތް ވިސްނެޔޭ. ބަލަ މަގޭ ދަރިންގެ ގޮތް މަށަށް ވުރެން ބޮޑަށް އެނގޭނެ ވަކި އެހެން މީހަކު ހުންނާނެތަ؟ ނަޒީލްގެ ސިކުނޑިން އަދިވެސް އެ ހިޔާލު ނެރެ ނުލެވޭދޯ؟"

"ނޫން. ނޫން" ނަޒީލް ނިކަން ސާބިތުކަމާއެކު އަވަސް އަވަހަށް ބުނެލިގޮތުން އިލްހާމް ގަބޫލުކުރީ ނަޒީލް މިހާރު އެވިސްނުން ނުގެންގުޅޭ ކަމަށެވެ. އިންޝާގެ އިތުބާރު އެހާ މުހިންމު އިރު މާޒީގައި ކުރެވުނު ކުށް ތަކުރާރެއް ނުކުރާނެއެވެ.

"ބޭރުބަޔެއްގެ ކުރިމަތީގައި ހަމައެކަނި އިންޝާގެ އިތުބާރު ހޯދާށޭ ކިޔާފަ ނަޒީލް އެވަރު ބޮޑު ދޮގެއް ނުހަދާނެ. ނަޒީލްގެ އެހެން ކޮންމެސް މަޤުޞަދެއް ވެސް ތީގަ އޮންނާނެކަން ޔަޤީން." އިލްހާމް ވާހަކަ ދައްކަނީ ނިކަން މަޑުމަޑުން ލަސްލަހުންނެވެ. އެ މިޒާޖު އިލްހާމްއަކާ ނުވެސް ގުޅެއެވެ. ނަޒީލްމެންނަށް މުޅިންވެސް އިވިފައި ހުރީ ބައްޕަގެ ހަރުކަށި އަޑެވެ.

"އަނެއްކާ ނިހާއާއި ނިކާލްގެ ކާވެނި ކުރުވުމުގެ ވިސްނުމެއް ނަޒީލް ގެންގުޅެނީތަ؟" އިލްހާމް ސުވާލުކޮށްލިއެވެ.

ނަޒީލް ޖަވާބެއް ނުދީ އިރުކޮޅަކު ހިމޭނުން އިނެވެ. އޭނާ ނިހާއާ އެއްބައިވުމުގެ ފަހަތުގައި އޮތީ އެންމެ ސަބަބެއް ނޫނެވެ. އެތައް ބައިވަރު ސަބަބުތަކެކެވެ. ނަޒީލްގެ ފުރަތަމަ ބޭނުމަކީ އިންޝާއާއި ނިހާގެ އިތުބާރާ ރުހުން ހޯދުމެވެ. ދެވަނަ ބޭނުމަކީ ނިކާލާއި ނިހާ އަބަދުގެ އަބަދަށް ވަކިކުރުމެވެ. ތިންވަނަ ބޭނުމެއް ވެސް އޭނާގެ ހިތުތެރޭގައި އޮތެވެ.

"ނޫން ބައްޕާ. ނިހާއާއި ނިކާލް ގުޅުވުމުގެ އެއްވެސް ވިސްނުމެއް ނެތް. ތީކީ ދުވަހަކު ވެސް މަ ތާއީދު ކުރާނެ ކަމެއް ނޫން." ނަޒީލް ބުންޏެވެ. "ދޮގު ހަދަންޖެހުނު އިތުރު ސަބަބެއްވެސް އެބައޮތް. ބައްޕަ ތި ހީކުރާ ގޮތަށް އެ ދެމީހުންގެ ކާވެނި ކުރުމުގެ ވިސްނުމެއް ނެތް. މަ އެއްބައި ނުވި ނަމަވެސް ނިހާގެ ކާވެނި އަންނަ ހަފުތާއަށް ހަމަޖެހިގެނެއް ނުދާނެ ކަން އެންމެ ރަނގަޅަށް އެނގޭނީ ހަމަ ބައްޕައަށް. ކޮންމެވެސް މޮޅު އެއްޗެއް ހަދައިގެން އެ އަންހެނާ ކާވެނި ލަސް ކުރާނެ ކަން މީ ރޭގަނޑު ފަދައިން މަށަށް ޔަގީންވާ ކަމެއް. ނިކާލް އޭނަގެ މަޅީގައި ޖައްސުވަން ކުރެވެން އޮތް ހުރިހާކަމެއް އޭނަ ކުރާނެ. އެހެންވީމަ ނިހާއާ އެއްބައިވެލައިގެން އެ ދެމީހުންގެ އިތުބާރު ހޯދުން މަށަށް މުހިންމުވީ. އޭރުން މިހާރު ނިހާ ރާވާ ހުރިހާ ރޭވުމެއް އިންޝާގެ ފަރާތުން މަށަށް ވަގުތުންވަގުތަށް އެނގޭނެ. އެމީހުން މަށަށް އިތުބާރުކޮށްފައި ހުރިހާ ވާހަކައެއް ކިޔާދޭނެ. މަ އެމީހުންގެ ހުރިހާ ރޭވުމެއް ވުޖޫދަށް އައުމުގެ ކުރިން ނައްތައިލާނަން. ބައްޕަމެން ހަދަންވީގޮތަކީ ނިކާލްގެ ކާވެނީގެ ކަންތައް ހަމަޖައްސަންވީ. ނިހާ އެ ބުނި ގޮތަށް ނިކާލްގެ ކާވެންޏާއި ފައިރޫޒްގެ ކާވެނި އެއްދުވަހަކަށް ހަދަންވީ. އެއީ ކަންނޭގެ ނިހާގެ ކިބައިން ނިކާލް ސަލާމަތްކުރެވެން އޮތް ހަމައެކަނި ގޮތަކީ. ނިކާލްގެ ކާވެނި ހަމަޖެހިގެން ދިޔައީމަ ގޮތް ހުސްވެ ނިހާއަށް ވެސް ދެން އެއްޗެއް ވިސްނިދާނެ." ނަޒީލް ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން އިން އިލްހާމްގެ ތުންފަތްމަތިން ނުލަފާ ހިނިތުން ވުމެއް ފާޅުވެގެން ދިޔައެވެ. ނަޒީލް އެބުނީ މުޅިޔަކުން ދޮގު ވާހަކަ އެއް ނޫނެވެ. އަތެއް އޮތަކަސް ބަތެއް ނުކުވޭނެކަން މިހާރު އިލްހާމަށް އެނގެއެވެ. ވިސްނުމާ ބުއްދި އިސްކޮށްގެން ނޫނީ ނިހާގެ ކިބައިން ސަލާމަތްވެވޭކަށް ނެތެވެ.

އެވަގުތު ދޮރާ ދިމާއަށް އައި ނިހާގެ ކަންފަތުގައި ނަޒީލް ފަހުން ބުނި ޖުމްލަ ހަރުލިއެވެ. އެމީހުން ނިކާލްގެ ކާވެނި ކުރުމަށް ރާވަނީއެވެ. އޭނާއަށް މި އިވުނީ ރަނގަޅަށް ހެއްޔެވެ؟ ނިހާ ޚައިރާންވެފައި ހުރެ އެމީހުންގެ ވާހަކަތައް އަޑުއެހުމުގެ ނިޔަތުގައި ކުޑަދޮރުތަކާ ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. ހުޅުވާފައި ހުރި ކުޑަދޮރެއް ކައިރިޔަށް ލެފިލައި، ކުޑަކޮށް ބޯދިއްކޮށްލަމުން ބަލާލިއިރު ނިހާއަށް އެ ދެބަފައިންގެ ހަމަޖެހިލައިގެން ޖޯލިފަތީގައި ތިބިތަން ފެނުނެވެ. ނިހާ އެމީހުން ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑުއަހަން ހުރީ ނިކަން ސިއްރުސިއްރުން ބަލަމުންނެވެ.

އިލްހާމް ވިސްނަން އިނދެ އިނދެފައި، ދެ ތުންފަތް ފިއްތާ ބާރުކޮށްލަމުން ބޯ ޖަހައިލިއެވެ. އޭނާއަށް ނަޒީލްގެ ވިސްނުން ހުރިގޮތް ވަރަށް ކަމުދިޔައެވެ. އެފަދަ ވިސްނުމެއް ގެންގުޅޭކަން އެނގުމުން އުފާވެސް ވިއެވެ. ނަޒީލް ބުނި ގޮތަށް ކަންތައް ވެގެން ހިނގައްޖެނަމަ ހުރިހާ ކޮޅަކުން ކާމިޔާބު ވީއެވެ. ނިކާލް ދުވަހެއްގެ ކޮޅުން ވެސް ނުލިބޭނެކަން ނިހާއަށް ވިސްނިދާނެއެވެ. އަދި އެހެންމެ ނިހާގެ ކިބައިން މުޅި އުމުރަށް ނިކާލް މިންޖުކުރެވުނީއެވެ. އެކަމަކު ނިކާލްގެ ލޯބިވެރިޔެއް ނުހުންނައިރު އެއް މަސްދުވަސްތެރޭ ނިކާލްގެ ކާވެނި ހަމަޖައްސާނީ ކިހިނަކުން ހެއްޔެވެ؟ އިލްހާމް ދައްކާ މީހަކާ ނިކާލް ކާވެނިކޮށްފާނެބާއެވެ؟

"ނިކާލް އަހަރުމެން ދައްކާ މީހަކާ ނީންނާނެ. އަދި އަމުދުން މި ދަނޑިވަޅުގައި." އިލްހާމްގެ ކަންބޮޑުވުން ހާމަކޮށްލިއެވެ.

ނިހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާއަށް އިވުނީ ހަމަ ރަނގަޅަށެވެ. އެމީހުން އެ އުޅެނީ ނިކާލްގެ ކާވެނި ކުރުވާށެވެ. ނިކާލްގެ ކާވެނި ކުރުވަން އެ އުޅެނީ ކާކާ ހެއްޔެވެ؟

ސުކޫލު ދައުރުންސުރެ ނިކާލްގެ ލޯބިވެރިންގެ ލިސްޓް ދިގު ވާހަކަ ނަޒީލް ބުނީ އެހިސާބުންނެވެ. އެތަނުން ކުއްޖަކު ކާވެންޏަށް ހަމަޖެއްސިއްޖެނަމަ އެކަން ކާމިޔާބު ވެދާނެހެން ހީވާކަމުގައި ނަޒީލް ބުންޏެވެ .

"އެހެންވީމަ ތިކަން ނަޒީލްއާ ހަވާލު. ނަޒީލަށްތާ އޭނަ ހިތާވި މީހުންނާ އެމީހުންނާ ދޭތެރޭ ދެކޭ ގޮތާ އެއްޗެހި އެނގޭނީ. އަދި ހޯދޭނީ ވެސް." އިލްހާމް ހިތްހަމަޖެހިފައި އިނދެ ބުންޏެވެ.

"އެންމެ ރަނގަޅު. ދެން މި ދަނީ ނިލާލެވޭތޯ." ނަޒީލް ތެދުވިއެވެ.

ނަޒީލް ގޭތެރެއަށް ވަނުމާއެކު ނިހާ ދޮރުފޮތިގަނޑާ ނިވާވެލިއެވެ. ނަޒީލް ސިޑިއާ ދިމާއަށް ހިނގައިގަތުމާއެކު ނިހާ ސިއްރުސިއްރުން ބަލާލިއެވެ. އެ ބަލާލުމުގައި ވަނީ ނަފްރަތާއި ރުޅިވެރިކަމެވެ. ނަޒީލް އޭނައާ އެއްބައިވެލައިގެން އުޅުނު ނަމަވެސް އޭނާގެ ހިތް ދުވަހަކު ވެސް ރަނގަޅު ނުވާނެކަން ނިހާއަށް އަބަދުވެސް އެނގެއެވެ. ކުޑަކުޑަކޮށް އިތުބާރު ކުރެވުނު ނަމަވެސް ނިހާގެ ހިތަކުން ޝައްކެއް ނުފިލައެވެ. ވަރުގަދަ ބޮނޑިއެއް ނުލިބެނީސް ނަޒީލްގެ ހަޤީޤަތް އެނގުނުކަން އެއީ ހަމަ ނިހާގެ ނަސީބެވެ. ނިހާ ސިޑިއާ ދިމާއަށް ހިނގައިގަތީ ޖޯލިފަތީގައި ހަމަޖެހިލައިގެން އޮތް އިލްހާމަށް ލޯ އަޅާލުމަށްފަހުއެވެ. އިލްހާމްމެން ދެމަފިރިން ނިހާއާ ދިމާއަށް ތަރަތަރަ ނުލައްވައި ތިބީ ކީއްވެގެންކަން ވެސް މިހާރު ނިހާއަށް ވިސްނިއްޖިއެވެ. އެމީހުންގެ ބޭނުމަކީ ނިހާއަށް ސިއްރުން ނިކާލްގެ ކައިވެނި ހަމަޖެއްސުމެވެ. ނިހާ އެއްމިޔަކަނުން ހީނލިއެވެ.

"ނިކްއަށް އެހެންމީހަކަށް ނީނދެވެނޭ. މި ހަށީގައި ފުރާނަ ހުރިހާ ހިނދަކު ތިކަން ކާމިޔާބުވިޔަކަ ނުދޭނަން. ނަޒީލަށް އެކަންޏެއްނޫން މޮޅެތި ކަންކަންކުރަން އެނގޭނީ. ތި އުޅެނީ މި ނިހާގެ ނުބައިކަން ނުވިސްނިގެން." ނިހާ ހިތާހިތުން ކިޔައިލިއެވެ. (ނުނިމޭ)

ހަތަރުވަނަބައިގެ ތެރެއިން:- އިންޝާ ދޮރާ ދިމާއަށް ބަލަހައްޓައިގެން އޮއްވައި ކޮޓަރީގެ ފާރަށް އެޅުނު ހިޔަނި ފެނިފައި ތެޅިގަނެވުނެވެ. އޭނާއަށް އަވަހަށް ބަލާލެވުނީ ބާލުޚާނާ ދޮރާ ދިމާއަށެވެ. ދޮރު ހުޅުވައިފައި ހުރުމުން ލިބުނު ސިހުމަކާއެކު ފާރާ ދިމާއަށް ބަލާލިއިރު އެ ހިޔަނި ފެންނާކަށް ނެތެވެ. އެއީ އިންޝާއަށް ހީވި ގޮތެއް ހެއްޔެވެ؟ ނަޒީލަށް ވައިއަޑުން ގޮވަމުން އިންޝާ ދެލޯ މަރާބާރުކޮށްލިއެވެ. އެވަގުތު ކަންފަތް ބުޑުން އިވުނު ގިސްލުމުގެ އަޑުން މެޔަށް ފިނިވެގެން ދިޔައެވެ. އިންޝާއަށް ހަޅޭލަވައިގަނެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ×××××××××××××

    ނައިސް ނިހާ އެންޑް ނިކް ގުޅުވަބަ ދޯ..... ޕްލީސް

    13
    1
  2. ނިކް

    ނިކް ނިހީ މަރާލާނެ.

    1
    1
  3. Anonymous

    އިލްހާމު މަރަލަބަ