ލޯބިވެރިޔާއަށް އަނިޔާކުރުމުގެ މައްސަލައެއްގައި ކުރީގެ ބޮލީވުޑްގެ ފިލްމުތަކުން ބޮޑު މަޝްހޫރުކަމެއް ހޯދައިފައިވާ އަރްމާން ކޯލީ ހައްޔަރުކޮށްފިއެވެ.

އަރްމާން ހައްޔަރު ކުރީ އޭނާގެ ލޯބިވެރިޔާ ނީރު ރަންދަވާއަށް އެކި ވަރުގެ އަނިޔާތަށް ކޮށްފައިވާކަމުގެ ތުހުމަތެއްގައެވެ.

އަރްމާން ކުރި އަނިޔާތަކުގެ ސަބަބުން އޭނާގެ ލޯބިވެރިޔާ ނީރުގެ ބޮލަށާއި ބުރަކަށްޓަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ނީރު ބެލި ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުން ނަފްސާނީ ގޮތުންވެސް ނީރަށް ވަނީ ގެއްލުން ލިބިފައެވެ.

ނީރު ރަންދަވާ އާއި ހަވާލާދީ އިންޑިއާގެ ފުލުހުން ބުނީ އަރްމާން، ނީރުއަށް ހަމަލާދިނީ އައިސްފައި ހުރި ރުޅީގެ ސަބަބުން ކަމަށެވެ. އަދި އޭނާ ރުޅި އައީ އޭނާ ކުއްޔަށްދީފައިވާ "ގޯ ވިލާއިން" ލިބެންވާ ވަރަށް ފައިސާ ނުލިބުމުންނާއި އެތަން ކުއްޔަށް ނެގި ފަރާތުން ބަރާބަރަށް ފައިސާ ހަވާލު ނުކުރާތީ ކަމަށް ވެސް ބުންޏެވެ.

އަރްމާން އަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑް އޮތް ތަރިއެކެވެ. އެގޮތުން މީގެ ކުރިން އޭނާ ރައްޓެހިވި ކުއްޖަކަށްވެސް އަނިޔާ ކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު އޭނާއަކީ ބާރާއި ނުފޫޒު ބޭނުންކޮށްގެން ބިރުދެއްކި މައްސަލައެއްގައިވެސް ހައްޔަރުކޮށް ކަފާރަތުގެ ދަށުން ދޫކޮށްލައިފައިވާ ފަންނާނެކެވެ.

އަރްމާން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ 1990ގެ އަހަރުތަކުގައެވެ.