ފިލުމު ''ކިކް'' ގެ ބަތަލާ ޖެކުއެލިން ފެނާންޑަޒްއަކީ އެކުޓު ކުރުމުގެ އިތުރުން ފެޝަނަށް ލޯބިކުރުމުގައި ވެސް ފާހަގަ ކޮށްލެވޭ ފަންނާނެކެެވެ. ތަންތަނަށް ދަތުރު ކުރުމުގައި އާއި އެއާޕޯޓަށް ދިޔުމުގައި އާއި ގެއިން ބޭރަށް ނިކުތުމުގައި ވެސް ހެދުން އެޅުމުގައި ބަލާލަން ހިތްގައިމު ފެޝަނެއް ގެންގުޅޭ ފަންނާނެކެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޖެކުއެލިން ލާފައިވާ ކުލަކުލައިން ފަރުމާ ކޮށްފައިވާ ހެދުމާއި އަރައިގެން ހުރި ހުދު ކުލައިގެ ސްނިކާޒްއާ އެކު ހިފައިގެން ހުރި ކުޑަކުޑަ އަތް ދަބަހަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދަަބަސް ކުޑަ ނަމަވެސް ދަބަހުގެ އަގުބޮޑު ކަމުންނެވެ.

ފިޔާތޮށި ކުލައިގެ މިނީ ހެމްސް ކެލީ މި އަތްދަަބަހުގެ އަގަކީ 8000 ޑޮލަރެވެ. މިއަށްވުރެ ވެސް މި ދަބަހުގެ އަގުބޮޑުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. ސަބަބަކަށް ވަނީ ހެމްސް ކެލީ މިނީ ދަބަހުގެ އެންމެ ދަށް އަގަކީ ވެސް 8000 ޑޮލަރު ކަމަށްވާތީއެެވެ.

މި ކުޑަ އަތްދަބަހަކީ ތަޅުދަނޑިއާއި ލިޕްސްޓިކްއާއި އަދި ފޯނެއް ލެވޭވަރުގެ ކުޑަ ދަބަހެކެވެ. ޖެކުއެލިންއަކީ އަތް ދަބަހަށް ލޯބިކުރާ ފަންނާނެކެވެ. އޭނާގެ ވާޑްރޯބްގައި އެންމެ މޮޅު އެންމެ މަޝްހޫރު ބުރޭންޑުތަކުގެ އަތް ދަބަސް ހުންނަ ކަމަށް އިންޑިއާގެ ނޫހެއްގައިވެއެވެ.

ޖެކުއެލިންގެ ފިލުމީ މަސައްކަތަށް ބަލާއިރު، އޭނާގެ ކުރިއަށް ހުރި ފިލުމުތަކުގެ ތެރޭގައި ހިމެނެނީ ބޫތު ޕޮލިސް، އެޓޭކް، ބައްޗަން ޕާންޑޭ، ރާމު ސޭޓްއާއި ކިކް 2 އެވެ. މީގެއިތުރުން ސަލްމާން ޚާންގެ ފިލުމު ''ރާދޭ'' އިން ވެސް ޖެކުއެލިންގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެއެވެ.