އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން ގެސްޓުހައުސްތަކާއި ސިޓީ ހޮޓާތަކުގައި ނުތިބެވޭ ގޮތަށް ފިޔަވަޅުތައް ވަނީ އިއްޔެ ހަރުކަށި ކޮށްފައެވެ. އެއާއި އެކީ މީސްމީޑިއާ މިވަނީ މީމްސްތަކުން ފުރާލާފައެވެ. އެއީ ރާއްޖެ އަންނަން ބޭނުން ވެފައިވާ ފަތުރުވެރިންނަށް ޖޯކު ޖެހުމުގެ ބޭނުމުގައި ބަޔަކު މީހުން ކޮށްފައިވާ ކަމެކެވެ.

އެގޮތުން ޓުވިޓާގައި ގިނަ ބަޔަކު ވަނީ އިންޑިއާ ފަތުރުވެރިންނާއި ފިލްމީ ތަރިން ރާއްޖެ ނާދެވިގެން "ރޯނެ" ކަމަށް ސިފަކޮށް މީމްތައް ހަދާފައެވެ. އެގޮތަށް މީމްސް ތަކެއް މީސްމީޑީއާގައި ފެނުނު ނަމަވެސް އެންމެ ހެއްވާ ކަމަކީ އެކަމުގައި އިންޑިއާގެ ބައެއް ރައްޔިތުން ވެސް ހިމެނޭ ކަމެވެ.

މިގޮތަށް ގިނަ ބަޔަކު އިންޑިއާގެ ފަތުރުވެރިންނަށް މަލާމަތް ކުރަމުން އަންނައިރު، މަޝްހޫރު ރަންބިރް ކަޕޫރާއި އާލިއާ ބާތް ކޮވިޑް-19 އިން ރަނގަޅުވުމާއި އެކު ރާއްޖެ އައި ކަން ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ގިނަ ދުވަސްތަކެއް ނުކޮށް އެމީހުން ވެސް ވަނީ އަނބުރާ އިންޑިއާއަށް ފުރާފައެވެ.

އިންޑިއާ ފަތުރުވެރިން ރާއްޖެ އައުން މަނާ ކޮށްފައިވަނީ އެގައުމުގައި ހަލުވި ކަމާއި އެކީ ބަލި ފެތުރި، ގިނަ ގައުމުތަކުން އިންޑިއާއަކީ ދަތުރު ކުރުން ރައްކާތެރި ނޫން ގައުމެއްގެ ގޮތުގައި ނިންމާފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކޮށްލެވެއެވެ. އެގައުމުން ކޮންމެ ދުވަހަކު ގޮތަކަށް 20،000 ވުރެ ގިނަ މީހުން ފައްސިވަމުން އަންނައިރު، ބައްޔަށް ފައްސިވާ މީހުންނަށް ފަރުވާ ނުދެވޭކަން ވެސް ފާހަގަ ކޮށްލެވެއެވެ.