ހަނދާން ހުންނަން ފެށީއްސުރެ ގެއަށް ބޯޓު ދަތުރުކުރަން މީހުން ނާންނަ ޒަމާނެއް ނާދެއެވެ. ގެއަށް ވަދެނިކުމެ އުޅުނު ބޯޓު ދަތުރުކުރާ މީހުން އެ މީހުންގެ ފޮނި ތަޖުރިބާތައް ހިއްސާ ކުރާ އަޑު ވަރަށް ކުޑަ އިރު އޭނާގެ ކަންފަތުގައި ޖެހެން ފަށައިފިއެވެ. ބައެއް ފަަހަރު އެ މީހުން ދައްކަނީ ބޭރު ކަރަތަކުގެ ވާހަކައެވެ. ރާއްޖެއިން ނުފެންނަ މާ ތަފާތު ތަންތަނުގެ ވާހަކައެވެ. އަނެއްބައިފަހަރު ދައްކަނީ މާސިންގާ ކަނޑުގައި، ބިޔަ ރާޅުތަކުގެ ތެރޭގައި ކުރެވުނު އާދަޔާޚިލާފު ތަޖުރިބާތަކުގެ ވާހަކައެވެެ. އެ ވާހަކަތަކަށް ސަމާލުކަން ދީ ޝައުގުވެރިކަމާއި އެކު އަޑު އަހަންވެސް ހުރެވުނެވެ. އެކި ކަރަކަރަ އަށް ދަތުރުކުރާ ވާހަކަ އާއި ދަތުރުމަތީގެ ވާހަކަ އަކީ މާ ސަޅި ވާހަކައަކަށް ވެސް ވެއްޖެއެވެ.

އޭނާގެ ކާފަ އަކީ މަސްވެރިއެކެވެ. ދެފަރާތު ކާފައިންނަކީ ވެސް މަސްވެރިކަން ކުރާ ކަނޑަށް ފަރިތަ ބައެކެވެ. އެހެންވީމަ ކަނޑުދަތުރުފަތުރާއި އޭނާގެ އާއިލާ އާއި މެދު އޮތީ ޖީލުތަކަަކަށް ދެމިގެންގޮސްފައެވެ. މީގެ އިތުރުން ލޯބިވާ ބައްޕަ އަކީ ބޯޓު ދަތުރުކުރާ މީހަކަށް ވުމުން، އެ މަސައްކަތަކީ ހިތުގައި ޚާއްސަ ލޯތްބެއް ދެވުނު މަސަައްކަތަކަށް ވެސް އޮތީވެފައެވެ. އޭރު މާލޭގައި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގައި ބައްޕަ މަސައްކަތް ކުރި އިރު، އެ ބޯޓު ފަހަރުތަކަށް އަރާލުމަކީ ނިކަން އުފާވާ ކަމަކަށް އޮންނަނީ ވެފައެވެ. މާލެ އަންނަ ބޮޑެތި ބޯޓުފަހަރުތަކަށް އެރުމާއި، އޭގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމަކީ އޭނާ މާ ގަޔާވާ ކަމަކަށް ވެސް ވިއެވެ.

މެމްބަރު ރާއި ކުޑަ އިރާއި، ޒުވާން އިރުގެ ބައެއް ފޮޓޯތައް: ފޮޓޯ މީސްމީޑިއާ

އެ ކުޑަކުއްޖާ އަކީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއިއެވެ. އެކަމަކު މިއަދު ރާއިގެ ވާހަކަ ފަށާނީ އޭނާގެ ސިޔާސީ ވާހަކައަކުން ނޫނެވެ. މިއަދު ރާއިގެ ވާހަކަ ފަށާހިތްވަނީ އޭނާގެ ހިތުގައި ޚާއްސަ ގަދަރެއް އެ ދާއިރާ އަކަށް ދެވިފައިވާ ޝިޕިން އިންޑަސްޓްރީގައި އޭނާ ކުރި މަސައްކަތުންނެވެ.

ކުޑައިރުއްސުރެ މާލޭގައި ތައުލީމް ހާސިލްކުރަމުން އައި ރާއި ސާނަވީ ތައުލީމް ފުރިހަމަކުރުމަށް ފަހު އިތުރަށް ތައުލީމް ހާސިލްކޮށްފައި ވަނީ ޝިޕިން އެންޑް ލޮޖިސްޓިކްސްގެ ދާއިރާއިންނެވެ. އެ ދާއިރާއިން ޑިގްރީ ހާސިލްކޮށްގެން ބޯޓްދަތުރުކުރުމުގެ ދާއިރާއިން ކުރިއަށް ދާން ޚިޔާލު ކުރީ އެ މަސައްކަތަށް ހުރި ޝައުވެރިކަމާއި، ބޯޓު ދަތުރުކުރުމުގެ މަސައްކަތާއި ދޯޅުބަޔަަކަށް އެނާގެ ދެފަރާތުގެ އާއިލާވެސް ވުމުން ކަމަށް ރާއި ފާހަގަކުރެއެވެ.

"ދެ ފަރާތު އާއިލާގައިވެސް އެބަތިބި ބޯޓު ދަތުރުކުރާ މީހުން. އަޅުގަނޑު ވަޒީފާ އެއް އަދާކުރީ އެމްއެންއެސްއެލްގައި ސްކޫލް ނިންމާފައި. އެއީ އެތަން ބަންދު ކުރުމުގެ ކުރިން. ފެށީ ލޮޖިސްޓިކް އޮފިސަރ ކަމުން. ނިމުނު ހުރީ ލޮޖިސްޓިކް މެނޭޖަރކަމުގައި. އެއީ ހަނދާންވާގޮތުން އެއީ 2007 ހިސާބުގައި. އެ ހިސާބުގައި އެތަނުގައި މަސައްކަތް ކުރީ. އެތަނަށް ވަތް އިރުވެސް ހުރީ ދާއިރާ އަށް ރޯފިލާފައި." އޭނާ ވިދާޅުވިއެވެ.

ރާއި ވަގުތަށް ބަސްތީގަތުން ދެއްވަނީ: ފޮޓޯ ވަގުތު

މަސައްކަތަށް ނުކުވެ ރާއި އަށް އެންމެ ފުރަތަަމަ ކުރެވުނު އެއް ތަޖުރިބާ އަކީ 2000ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގި ރީތި ރަށް ޕްރޮޖެކްޓެވެ. މީގެ އިތުރުން ހެރެތެރެ، ޝަންގރިއްލާ ފަދަ މަޝްރޫޢުތައް ކުރިއަށްދިޔަ އިރު އެ މަސއްކަތުގައި މަޝްއޫލުވެ އުޅުމުގެ ފުރުސަތު ރާއި އަށް ލިބުނެވެ. އެހެންކަމުން ލޮޖިސްޓިކްސް ދާއިރާގެ ފުރަތަމަ ފިޔަވަޅުވެސް ރާއި އަށް އެޅުނީ ނިކަން ހަރުދަނާކޮށެވެ. އޭނާ އަށް ވަނީ މި ދާއިރާގެ ހަރު ކުލައިގެ މީހުންނާއި އެކު މި މަސައްކަތް ކުރުމުގެ ފުރުސަތު ވަރަށް ރަނގަޅަށް ފަހިވެފައެވެ.

އެމްއެންއެސްއެލް އިން ވަކިވުމަށް ފަހު 2009ގައި ރާއ މަސައްކަތް ފެށީ އަމިއްލަ ފައިމައްޗަށް ތެދުވެ އެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. އޭރު މި ދާއިރާއިން ތައުލީމް ހާސިލްކޮށްގެން ތިބި މީހުން އިނގިލިން ގުނާލެވޭހާ މަދެވެ. އެކަމަކު ޒަމާން ބަދަލުވެ ބަވަނަވެގެން އައި ދުނިޔެ އާއި އެކު ޝިޕިން އިންޑަސްޓްރީ އަކީ ވާދަވެރިކަން ބޮޑު، އާރު ހުރި އިންޑަސްޓްރީ އަކަށް މިވަނީ ވެފައެވެ. މިއަދު އޭނާ އަކީ ރާއްޖޭގެ ޝިޕިން އިންޑަސްޓްރީ ދެނެ ފަރިތަ ނަމެކެވެ. އިހު އެ މަސައްކަތް ކޮށް އުޅުނީ ހަމައެކަނި ރާއްޖޭގެ އެތެރެވަރީގައި ކަމަށް ވީނަމަވެސް މިއަދު މި އިންޑަސްޓްރީގެ އިންތައް ވަނީ ތައްމިނަށް ހުޅުވިފައެވެ. ދުނިޔޭޭގެ އެކި ހިސާބުތަކުގައި މި މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު އެބައޮތެވެ. އޮމާންކަމާއި އެކު މެދު ނުކެނޑި މިދާއިރާގައި ކުރަމުންދާ މަސައްކަތާއި މެދު ރާއި ހުރީ ފިސާރި ހިތްހަމަޖެހިގެންނެވެ.

ރާއި ބައެއް ސިޔާަސީ މީހުންނާއި އެކު ނަގާފައިވާ ފޮޓޯތައް: ފޮޓޯ މީސްމީޑިއާ

ދެން އޮތީ ރާއިގެ ހަޔާތުގެ ދެކެފަރިތަ ބާބެކެވެ. ދެން ދައްކަން މިއުޅެނީ ސިޔާސީ ރާއީގެ ވާހަކައެވެ. ރާއްޖެ މިއަދު މި ދެކޭ ޑިމޮކްރަސީގެ ފުރަތަމަ ބޮޅު އެޅުނީ ރާއްޖޭގެ ޑިމޮކްރެސީގެ ހަޔާތުގެ ފުރަތަމަ އިންތިޚާބީ ރައީސް މުހައްމަދު ނަޝީދު އާއި އެކުގައެވެ. އޭރުން ފެށިގެން މިއަދާއި ހަމައަށް ރާއިގެ ފިކުރަކަށް ކުލައަކަށް ބަދަލެއް ނާދެއެވެ. ރަން ރީނދޫ ދިދައިގެ ހިޔަލުގައި އޭނާ ކުރި ދަތުރު މެކުހަށް ޖެހީ 2019 ވަނަ އަހަރު ބޭއްވި މަޖިލީސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި މަކުނުދޫ ދާއިރާ އަށް ވާދަކުރަން އަތުކުރި އޮޅާލި ހިސާބުންނެވެ.

"ރާއްޖޭގައި ހިނގާ ކަންކަމާއި މެދު ވަރަށް ވިސްނަން. 2008 އިން ފެށިގެން ޝައުގުވެރިކަން ހުރި ސިޔާސީ ދާއިރާ އަށް. މެމްބަރަކަށް ވާން އުޅުނީ ހަމަ ހުރެފައެއް ނޫން. މީޑިއާ އަށް ނޭނގުނަސް މަސައްކަތްތަކެއް ކުރިން އެ ދާއިރާގައި. އަޅުގަނޑު ހުރިން އެމްޑީޕީގެ ވެރިކަން ވައްޓާލީއްސުރެންވެސް. ސީދާ މިކަމަށް މެމްބަރުކަމަށޭ ކިޔާފައި އެހެންނެއް ނުން މަސައްކަތް ކުރީ. ދާއިރާގެ ރައްޔިތުންނަށް އެނގޭނެ އެކަން. ދާއިރާގެ މީހުންނަކީ ވަރަށް ބޮޑު ހިއްވަރެއް." އޭނާ ވިދާޅުވިއެވެ.

ރާއި ގަބޫލުކުރާގޮތުން މެމްބަރު ކަމަކީ ވަޒީފާއެކެވެ. އެއީ ރައްޔިތުންގެ ވަޒީފާއެކެވެ. އޭނާ ޤަބޫލުކުރާގޮތުން އޭނާ އަކީ ރައްޔިތުންގެ ހާދިމެކެވެ. އޭނާގެ މަސައްކަތްތައް މިނާނީ ވެސް ރައްޔިތުން ކަަމަށް އޭނާ ބުނެއެވެ. ގިނަ ބަޔަކަށް ރާއި އެނގުނީ 19 ވަނަ މަޖިލީހަށް އައްޔަންވި މެމްބަރުންގެ ލައިން އަތުރާލާ، މަކުނުދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ދައްކާލި ހިސާބުންނެވެ.

މަޖިލީހަށް އައިސް މެމްބަރުކަމުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއި އަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. އޭނާ އަކީ ސިޔާސީ މަޝްރަހާއި ރާއްޖޭގެ އިޖުތިމާއީ އޮއިވަރާއި މެދު އޭރެއްގައި އެންމެ ފޯރި ގަދަކޮށް ދެކެވޭ ވާހަކަތަކާއި މެދު ފަސްނުޖެހި ވާހަކަދައްކާ މީހެކެވެ. މިފަދަ ވާހަކަތަކުން އޭނާގެ ޖެހިލުން ކުޑަކަމާއި ކެރުންތެރިކަމާއި މެދު އެއްބައެއްގެ ތައުރީފު ލިބޭ އިރު ޚިޔާލުތަފާތުވާ މީހުން ގިނަވެ ހޫނުފެނަށް ވެއްޓޭ ފަހަރު ފަހަރުވެސް މަދެއް ނޫނެވެ. އެހެންނަމަވެސް އެފަދަ ފާޑުކިޔުންތަކަށް ރާއިގެ ފަރުވާލެއްް ނެެތެވެ. ސިޔާސީ ދާއިރާ އަށް އޭނާ ނުކުމެ ހުރީ މި ދާއިރާ އަކީ ފާޑުކިޔުންތައް އަމާޒުވާނެ ދާއިރާ އެއްކަން ދަނެގެން، ހަންބޯވެގެންނެވެ.

ރާއި އާއި އޭނާގެ ކާފަ : ފޮޓޯ މީސްމީޑިއާ

ސިޔާސީ ވާހަކަ މިހިސާބުން ކުރުކޮށްލާނަމެވެ. އެކަމަކު ރާއި އާއި މެދު އެއްވާހަކައެއް ދައްކާނުލާ މި ލިޔުން ކުރުކޮށްލައިފި ނަމަ އެކަން ވާނީ ރާއި އާއި މެދު ވެވޭ ބޭއިންސާފަކަށެވެ. ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގައި މުހިންމު މީހުން ތިބޭނެއެވެ. އެބައެއްގެ އިރުޝާދާއި ލަފާއަށް ބަރޯސާވާ ބަޔަކުވެސް ތިބޭނެއެވެ. ރާއިގެ ހަޔާތުގައި އެ އާރުކާޓީއަކީ އޭނާގެ ލޯބިވާ ކާފައެވެ. މަންމަ ފަރާތު ކާފަ އަކީ ރާއިގެ ހުރިހާ ކަމެއްގައި އޭނާގެ ތަނބުކަމުގައި ވެގެން އޭނާ އަށް މަގުދައްކާދިން ލާމަސީލު ކާފައެކެވެ. އޭނާ އާއި ކާފަ އާއި މެދު އޮތީ ގާތް ރަހުމަތްތެރިކަމެވެ. ކާފަގެ ވާހަކަތަކުން ރާއި އަށް މިހާރުވެސް ހަނދާން ވަނީ އެ އޯގާތެރިކަމާއި، ހިތްހެޔޮކަމެވެ.

"ކާފަ ނިޔާވިތާ އަދިވީ ދެ ވަރަކަށް އަހަރުު. އެންމެ ފަހުގެ ވޯޓުވެސް ލައިދިނީ އަޅުގަނޑަށް ކާފަ. ކާފައަކީ ވަރަށް މަސައްކަތްތެރި މީހެއް. ކާފަ އަޅުގަނޑަށް ވަރަށް ނަސޭހަތްދޭނެ. ބުނާނެ ދަރިފުޅާ އޭ ނަމަނަމަ އިހުލާސްތެރިކަން ގެއްލުވާ ނުލައްޗޭ. އަޅުގަނޑު އަބަދުވެސް ހަނދާން ހުންނާނެ ކާފަގެ ބަސްތައް." ރާއި ވިދާޅުވިއެވެ.

ރާއި އޭނާގެ އާއިލާ އާއި އެކު އޭނާ ނަގާފައިވާ ބައެއް ފޮޓޯތައް: ފޮޓޯ މީސްމީޑިއާ

މަޖިލިސް މެމްބަރުކަމަށް ވަޑައިގަތުމުގެ ކުރިންނާއި މިހާރު ވެސް ރާއި އަށް އުޅެން ޖެހިފައި ވަނީ ވަރަށް އަވަދިނެތިއެވެ. އެހެންކަމުން އޭނާ އަށް މާ ބޮޑު ހުސް ވަގުތެއް ނުލިބެއެވެ. އެހެން ނަމަވެސް ލިބޭ ކުޑަ ވަގުތު ކޮޅުގައި ރާއި ވަރަށް ޝައުގުވެރިކަމާ އެކު ކުރާ ކަމެއް އޮވެއެވެ. އެއީ މަސް ޓޭންކު ގެންގުޅުމެވެ. އަދި ރާއިގެ ހުރިހާ މަސައްކަތެއްގައި އޭނާގެ އަނބިމީހާ އާއި އާއިލާގެ އިތުރުން ދާއިރާގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ނުލާ ސިޔާސީ ދާއިރާގަައި ހަރުލާފައި ނުހުރެވޭނެކަމަށް ރާއި ގަބޫލު ކުރައްވައެވެ.

ނިންމާލަމުން ރާއި އާއި ކޮށްލަން ޖެހުނު ސުވާލަކީ ސިޔާސީ ގޮތުން މަޤާމަކަށް އައްޔަންވާ ކޮންމެ މީހަކާއި ވެސް އެންމެ ފަސޭހައިން ކުރެވޭ އެއް ސުވާލެވެ. "ދެވަނަ ދައުރަކަށް ކުރިމަތިލާފާނަންތޯ؟"އެވެ. އެ ސުވާލުގެ ޖަވާބު ރާއީ ދެއްވީ ވަރަށް ކުރުކޮށެވެ. އޭނާ ވިދާޅުވީ އަދި އެކަމާއި މެދު ނުވިސްނަވާ ކަމަށެވެ. މިވަގުތު ވިސްނުން ހުންނެވީ އިންތިޚާބީ ދައުރުގެ ތެރޭގައި ކުރެވެން ހުންނެވި ކަންތައްތަކެއް ކޮށްދެއްވުމަށް ކަމަށް ރާއި ވިދާޅުވިއެވެ. އަދި ކާފަގެ އިރުޝާދުގެ މަތީގައި ހިނގާ ކާފަ ފަޙުރުވެރިވާނެ ފަދަ މަސައްކަތްތަކެއް ކުރުމަކީ ރާއި ކުރައްވާ ފޮނި އުންމީދެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙަގީގަތް

    މިފަ ހަރު ކައުންސިލް އިންތި ހާބުގައި ކުމުންދޫގެ ވޯޓް ފޮށި ރާއީ އޮޅުވާލި ވާ ހަކަ ވެސް ލިޔެލަބަލަ. ދައިރާ އަށް އެއްވެސް ކަމެއް ކޮށްދޭ މީ ހެއް ނޫންތީ. އިންޝާﷲ ދެން ނު ހޮވޭނެ

    53
    2
  2. ރޯއީ

    ރާއި ރަނގަޅު ގަދަޔަށް ޒުވާބު ކުރާ ތާ ކަށް ، މެންބަރ ކަމަށް ކަމަކު ނުދޭ.

    51
    1
  3. ރާއްޖެ

    ކޮވިޑައި ބެހޭ ގޮތުން މަޖިލީހުގައި ދެއްކި މޮޔަ ވާހަކަ ހަނދާންވީ.

    59
    2
  4. ކޮތަރު

    އަހަރެން ހަނދާންވީ މަޖިލީހުގެ ޖަލްސާތަކުގައި ގޮވާ ކުފުރުބަސްތައް.

    49
    1
  5. ވަގުތު ބަލާ މީހާ

    ރައްޔިތުން ބޭނުމެއްނުވޭ ރާޢީގެ 2ވަނަ ދައުރަކަށް ހޮވާކަށް، 3ރަށުގެ ވެސް ގިނަ ރައްޔިތުން ބުނަނީ ރާޢީ ބޭނުމެއް ނޫނޭ،

    48
    4
  6. ކާލި

    ރާއީގެ މައްސަލައަކީ ޖަޒުބާތުގައި ޖެހި ހައްދުން ނެއްޓުން، އަހުލާޤާއި ސުލޫކުން ބޭރުވުން ! ކިތަންމެ މީހާ މޮޅަސް ރީތި އަހުލާޤް ސުލޫކު ނެތިއްޔާ މީހާގެ މޮޅުކަން ފަނާވެދާނެ އޮއްސިދާނެ !

    65
  7. ތިން ރަށް

    ރާޢި ކިތަންމެ ތަގަޅަސް ތި ގެންގުޅޭ ތިންތަށު މީހުންގެ ބަނޑެއް ނުފުރޭނެ. ކިތަންމެ ވަރަކަށް ހަރަދު ކުރިޔަސް އެއްޗެއް ދޭކަމަކަށް ނުވާނެ. ދުނިޔެވީ އެއްޗިސްސައިގެން މޮޔަވެފަ ތިބި ބައެއް.

    15
    9
  8. އެން.

    ސެންޗުރިއަން ގަ އުޅޭ މީސް މިހުންކުރެން އަހާލަބަލަ މި ކާކުތޯ. n

    22
    2
  9. އެމަންޖެ

    އަހަންނަކީ މަކުނުދޫ ދާއިރާ މީހެއް 2019 ގަވެސް ކަލެޔަކައް ވޯޓެއް ނުދެން ދެންވެސް ނުދޭނަން ، ކަލެޔަކީ މާރަނގަޅު މީހެއްނޫން ރައްޔިތުންނައް އަބަދުވެސް އުޅެނީ އަމިއްލަ ޖީބައް ބަރުކުރެވޭތޯ.

    23
  10. ބިންގޯ

    ކޮވިޑައި ބެހޭ ގޮތުން މަޖިލީހުގައި ދެއްކި މޮޔަ ވާހަކަ ހަނދާންވީ. ކޮވިޑް ގެ ހާލަތު މަޖިލީހުގަ ދައްކަން ފެނޭ.

    19
  11. ކޮވިޑް

    މިކަލޭގެ ދުލުވިހަ

    24
    2
  12. Anonymous

    މީނަގެ ބަދަލުގައި ގަމީހެއް ހޮވިނަމަވެސް ރަގަޅުވީސް

    24
    2
  13. އާދަނޫ

    ޑރ.ރާއީ(ކޮވިޑް އަށް ހާއްސަ)

    22
    2
  14. ކޮސްވެއްޖެ.

    މީތަ ކޮވިޑު ކަލޭގެ. މަޖުލީހުގައި މޮޔަގޮވިސޮރު. މިވަރުގެ ރާއީން ނުޔިބިއްޔާ ރައްޔަތުންނަށް ވާ ފައިދާ މާބޮޑުވާނެ.

    12
  15. ފާތުމަ.

    މޒިހާގެ އުމުރާ ތިވާހަކަތަކާ ދިނައެއްނުވޭ.2007 ގައި މެނޭޖަރަކަށް ވީ އިރު ކިޔަވާނިމުނީ 2006 ގަ.