ކުޑައިރު އަހަރެންގެ ކަކުލުގައި ލީ ލަކުނު މިއަދު ވެސް އެބަހުއްޓެވެ. އޭރު ގިނަކުދިންގެ ދެކަކޫ ކޮޅު އޮންނަނީ އަބަދު މެށިފައެވެ. މަގުތަކުގައި ފެންހެދި ފެންގަޑުތަކަށް ކައްސާލައިގެން ވެއްޓެނީ ވެސް މަދަކުން ނޫނެވެ. ބޭހަކީ ގިނަފަހަރަށް ފުށާ ތެލެވެ. މާބޮޑު ވަރުވެ ނުބައިވާހެން ހީވީމާ ކޮންމެވެސް ދިވެހި ބޭހެއް ޖަހާލާނެއެވެ. ނުވަތަ ސެކްރެޓަރިން ޕައުޑަރ ކިޔާ ޑޮކްޓަރީ ބޭހެއް އަޅައެވެ. އެއީ ފާރު ހިއްކާ ކުނޑިބޭހެކެވެ. އަދި ކަފައާއި މަލަން އަޅާ ބައްދައެވެ. ބައެއް ކުދިންނަށް ވަރަށް ބޮޑެތި އަނިޔާ ލިބެއެވެ. އަތް ފައި ބިދިގެން އޮއްޓުއަޅައިގެން ވެސް އުޅެއެވެ.

އަހަރެންގެ ކަކުލާއި ކަށިމަތީގައި ލަކުހުއްޓަސް އޭރު ހިތުގައި ނުފިލާވަރުގެ ލަކުނެތް ނެތެވެ. ވަރަށް ޅައިރު އޮފީހެއްގެ ވަޒީފާ އަދާކުރަން ފަށައި ފީމެވެ. މުސާރަ ލިބި އަމިއްލަ ބައިސްކަލެއް ގަނެވޭވަރު ވެއްޖެއެވެ. ރަށުތެރޭގައި ބުރުޖަހަން ދިއުމާއި ދުއްވާލަން ދިއުމީ ބޮޑު އުފަލަކަށް ވިއެވެ.

އެންމެ ގާތް އެކުވެރި ވަހީދަކީ އަހަރެންގެ ހުރިހާ ސިއްރެއް އެނގޭ މީހާއެވެ. އޭނާ އަހަރެންނަށް ވުރެ ފަސްއަހަރު ދޮށްޓެވެ. އޭނާގެ ނަސީބު ރަނގަޅުކަމުން މާލޭގައި ހުރި ޠައިބާ އިސްކޫލު އުވާލުމުން މަޖީދިއްޔާ އިސްކޫލަށް ވަނުމުގެ ފުރުސަތު ލިބުނެވެ.

އަހަރެންނަކީ ސަނަދު ނަގާ ކިލާހަކަށް ގޮސްގެން ވަޒީފާ އެއް ލިބުނު މީހެކެވެ. ވަހީދު އޭރު އުޅެނީ ގްރޭޑް 9 ގައެވެ. އަހަރެމެން ދެމީހުންގެ ގެ ހުންނަނީ އެއްފުޅަށް ވެގެންނެވެ. ވަހީދުގެ ކޮއްކޮމެންނަށް އިނގިރޭސި ކިޔަވައިދޭން އޭނާ ކޮންމެ ރެއަކު ޓިއުޝަން ދޭން ފަށައިފިއެވެ. އަހަރެން ވެސް އެކުލާހުގައި ބައިވެރިވީމެވެ. ވަހީދުގެ އަންހެން ކޮއްކޮއެއްގެ ރަހުމަތްތެރިކަމުގައި އެކުލާހުގައި ބައިވެރިވާ ދެކުއްޖަކު ވެސް ތިބެއެވެ. އެތަނުން އެއްކުއްޖަކީ ވަރަށް ރީތި ކުއްޖެކެވެ. އައްޑު އަތޮޅު ކުއްޖެކެވެ. އޭނާގެ އުމުރުވެސް އަހަރެންނަށް ވުރެ ދޮށްޓެއް ނުވާނެއެވެ.

އޭނާ އާއި ރައްޓެހި ވުމުގެ ނިޔަތުގައި އޭނާ އުޅޭ ގެ ހޯދައިގެން އެގޭދޮށުން އަހަރެން ބުރުޖަހަން ފަށައިފީމެވެ. އޮފީސް ނިމިގެން ވެސް އާދެވެނީ އެ ގެ ހުންނަ މަގުންނެވެ. އޮފީހަށް ދެވެނީ ވެސް އެ ގެ ހުންނަ މަގުންނެވެ. ބައެއް ފަހަރަށް އޭނާ ފެނެއެވެ. އެވަގުތު ނޭނގޭ އިހުސާސް އެއް ވެއެވެ. އަތްފައި ފިނިވެ ތުރުތުރެއް އަޅައެވެ. ހިތް އަވަސް ވެއެވެ. ޓިއުޝަން ކްލާހުގައި އިންނަ އިރުވެސް އޭނާ އަށް ވަރަށް ބެލެއެވެ. އެކަމުން އޭނާއަށް އުނދަގޫވާ ހެން ވެސް ހީވެއެވެ. އަދި ވަހީދުގެ ކޮއްކޮއަށް މިކަން އެނގިގެން އެވާހަކަ ދައްކައެވެ.

އެންމެއަވަހަށް ކުރިމަތީގައި އޮތީ ބޮޑު ޢީދެވެ. ބުކްޝޮޕަކުން ޢީދު ކާޑެއް ގަނެލީމެވެ. އެދުވަސް ވަރު ޢީދު ކާޑު ދިވެހި ބަހުން ވެސް ލިޔެ ޗާޕްކޮށް ނެރެ ހަދައެވެ. ކާޑުގައި އޭނާގެ ނަންޖަހާލީމެވެ. އަދި ރީތި ސިޓީ އުރައެއްގައި ބަންދުކޮށްލުމަށްފަހު ޢީދު ވިލޭރެއަށް ތައްޔާރު ވެލީމެވެ. ޢީދު ވިލޭރޭ ރަހުމަތްތެރި ވަހީދަކާއި އެކު އެކާޑު ހިފައިގެން އެގެއަށް ދިޔައިމެވެ.

ބޭރުގައި ހުރެ ސަލާން ގޮވާލުމަށް ފަހު މަޑުކޮށްލި ތަނުން މީހަކު ނުކުމެއްޖެއެވެ. އޭނާ ގާތު ފާތުމަތަށް ގޮވާލަ ދިނުމަށް އެދުނީމެވެ. އިރުކޮޅަކުން އޭނާ ނުކުމެއްޖެއެވެ. ބަހެއް ނުބުނެ އެކާޑު ދިއްކޮށްލުމުން ހިފައިގެން ވަނީ އެތެރެއަށެވެ. މޫނު މަތީގައި އުފާވެރިކަމެއް ވެސް އަދި ރުޅިވެރި ކަމެއް ވެސް ފެންނާކަށް ނެތެވެ. މާބޮޑަށް އަހަރެންގެ މޫނަކަށް އޭނާ ނުބަލައެވެ. އޭރު ފާތުމަތު އުޅެމުން ދިޔައީ ވަރަށް ނިކަމަތި ކޮށް ހުރި ގެއެއްގައެވެ. މާލޭގެ މަޝްހޫރު ގެއެއްގެ ގޯތީގެ ބިއްދޮށުގައި އޮތް ހުސްތަނުގައި އެކި ބިސީތަކަށް ފަނުން ހަދާފައި ހުރި ބައެއް ގައެވެ.

ފާތުމަތު މުހައްމަދު އަކީ އައްޑު އަތޮޅު ރަށެއްގެ ކުއްޖެކެވެ. އޭނާގެ ބައްޕަ އަކީ ބަލި މީހެކެވެ. އޭނާގެ ބޭބެމެން ކުރާ މަސައްކަތުން ކައިބޮއިގެން އުޅޭނީއެވެ. މާލެއަށް ހިޖުރަކުރި ސަބަބަކީ ކިޔެވުމެވެ. އޭނާއަކީ ހެޔޮވަރު ގެ އިސްކޮޅެއް ހުރި ދޮން ކުއްޖެވެ. އަޅާ އުޅެނީ ޕާކިސްތާނު ހެދުމެވެ. އެއީ ހަރުވާޅާ އެކު ހުންނަ ދޯޕައްޓާ އެޅި ހެދުމެވެ. ހިނގުމުގައި ވެސް ލަދުރަކި ގޮތެއް ހުރެއެވެ.

ފާތުމަތު ކުރިން އުޅުނު ގެއިން ދެން ބަދަލުވީ އަހަރެމެންގެއާއި މާދުރުނޫން ހިސާބެއްގައި ހުރި ގެއަކަށެވެ. އެއީ އޭނާގެ ބޭބެ މާލޭ ކުއްޖަކާއި ކައިވެނި ކުރުމުން އެގޭގައި ތިބެވޭނެގޮތް ވުމުންނެވެ. އެއަހަރު ތެރޭގައި އައި ހުރިހާ މުނާސަބަތެއްގައި ވެސް އަހަރެން އޭނާ އަށް ކާޑު ދިނީމެވެ. ހެޔޮ އެދުމުގެ ކާޑެވެ. އެކާޑުގައި ލޯބިވާ ވާހަކަ ނުލިޔަމެވެ.

ޓިއުޝަން ކިލާހުގައި ދިމާވި ކަމެއްގައި ފާތުމަތު އަހަރެންދެކެ ރުޅި އައިކަން އެނގިގެން ސިޓީއެއް ލިޔުނީމެވެ. މިސީޓީ ލިޔުމުގައި އަހަރެންގެ އެކުވެރި ވަހީދުގެ ވަރަށް ބޮޑު އެހީ ތެރިކަމެއް ލިބުނެވެ. އެއީ އަހަރެން ލޯބީގެ ސިޓީ އެއް ލިޔުނު ފުރަތަމަ ފަހަރެވެ. ސިޓީ ލިޔުމީ އެދުވަސް ވަރުގެ އާދައެކެވެ. ކޮންމެ ގެއެއްގައި ފޯނެއް ނުހުރެއެވެ. ސިޓީ ގެންގޮސް ދިނީ އަހަރެންނެވެ.

ދުވަސް ކޮޅެއް ވިތަނާ ފާތުމަތު ޓިއުޝަން ކްލާހަށް އައުން ހުއްޓިއްޖެއެވެ. އެއް ހަފުތާ ވެއްޖެއެވެ. ދެން ލިބުނު ޚަބަރަކީ މާލޭގައި ވަޑާންގެއެއް ހިންގާ މީހަކާއި ފާތުމަތުގެ ކައިވެނި ކުރެވުނު ވާހަކައެވެ. އޭނާ ދެން ގެއްލުނީ އެވެ. އޭނާ ފެނޭތޯ ކައިވެނި ކުރިމީހާ އުޅޭ ގޭދޮށުން ވެސް ބުރު ޖަހަމެވެ. ފާތުމަތެއް ނުފެނެއެވެ. މަހެއްހާ ދުވަސް ފަހުން އެއްދުވަހަކު މަގުމަތިން ފެނުނެވެ. އޭނާ އަހަރެން ފެނުމުން ޖެހީ އިސްދަށަށެވެ. ސަބަބެއް ނޭނގެއެވެ.

ފާތުމަތު ކައިވަނި ކުރީ އޭނާ އަށް ވުރެ 25 އަހަރު ދޮށީ މީހަކާއެވެ. ލަފާ ކުރެވޭ ގޮތުގައި އެސަބަބާއި ހުރެ އިސްދަށަށް ޖެހީއެވެ. ދުވަސް ކޮޅެއް ފަހުން ދެން ލިބުނީ ވަރިވި ޚަބަރެވެ. އެކައިވެންޏަކީ އޭނާގެ ބައްޕަގެ މަޖުބޫރު ކުރުމުގެ މަތިން ކުރެވުނު ކައިވެންޏެކެވެ. އުޅެންޖެހޭ ނިކަމެތިކަން ފުދުންތެރި ދިރިއުޅުމަކަށް ބަދަލު ކުރާންވެގެންނެވެ. ނަމަވެސް ލޯތްބަކީ އެގޮތަށް މަޖުބޫރު ކޮށްގެން ވާނޭކަމެއް ނޫނެވެ.

އަނެއްކާ ފާތުމަތު ޓިއުޝަން ނަގަން އަންނަން ފަށައިފިއެވެ.

އަހަރެން ހިތަށް އެރިއެވެ. މިއީ ރަނގަޅު ފުރުސަތެކެވެ. ކާޑެއް ތައްޔާރު ކޮށް ލޯބި ހުށަހެޅީމެވެ. ޖާވާބެއް ނުލިބެއެވެ. ދެން ފެންނަން ފެށިމަންޒަރަކީ އޭނާ ގެއަށް ގެންގޮސް ދޭން އަހަރެންގެ އެކުވެރި ރަހުމަތްތެރި ވަހީދު ދާތަނެވެ. ރޭނގަޑު ޓިއުޝަން ނިމޭލެއް ލަސް ވާތީ އެކަނި އޭނާއަށް ދާން ނުކުރޭތީ ވަހީދު ގެންގޮސް ދެނީއެވެ. އޭރު ވަހީދު އުޅެނީ ކުއްޖަކާ ރައްޓެހި ވެގެންނެވެ. އެކުއްޖާގެ ގެވެސް ހުންނަނީ ފާތުމަތު އުޅޭ ގެއާއި ދުރަކުނޫނެވެ.

އަހަރެންނާއި ވަހީދު އެކުގައި ދުއްވަން ދިއުމާއި މަޖާ ވާހަކަ ދެއްކުމުގައި ކޮންމެ ރެއަކު ވެސް ތިބެމެވެ. ނިދަން އޮށޯންނަނީ ދެމީހުން ހުސްގަޔާ ފިނިކޮށްލަން ގޭދޮރާށި ދޮށުގައި ތިބެލާފައެވެ.

ވަހީދަކީ މަޖީދިއްޔާގެ ކެޑޭޑްޓްގެ އިސް މީހެކެވެ. މިފަހަރު މަޖީދިއްޔާގެ އަހަރީ ޕްރޭޑްގެ ކޮމާންޑަރަކީ ވަހީދެވެ. އަހަރެންގެ އަތުގައި އޮތް ފޮޓޯ ނަގާ ކުޑަ ކެމެރާއަށް ފިލްމެއް ލައްވައިފީމެވެ. ވަހީދުގެ އެދުމުގެ މަތިންނެވެ. އެދުވަހުގެ ޕެރޭޑް ފޮޓޯ ނެގީމެވެ. އެ ދުވަހުގެ ޕެރޭޑް ބަލަން ފާތުމަތު ވެސް ހުއްޓެވެ.

މަހެއް ހާ ދުވަސް ފަހެވެ. ޓިއުޝަން ނެތް ރެއެކެވެ. ރޭނގަޑު އޮފީހުގައި އިތުރުގަޑީގެ މަސައްކަތް ނިންމާލުމަށް ފަހު އައިސް ގެއަށް ވެދެ ހެދުން ބަދަލު ކޮށްލީމެވެ. އޭރު ގަޑިން ދިހައެއް ޖަހައިފިއެވެ. އަހަރެން ވަހީދު ހޯދުމަށް އެގެއަށް ދިޔައީމެވެ. އޭނާ ނިދާކޮޓަރި އާއި ކައިރިއަށް ގޮސް ތޭރި ތަކުން އެތެރެ ބަލައިލީމެވެ. ފެންނާކަށް ނެތެވެ. ގޭގެ އެތެރެ ގޭތެރޭގައި ހުންނަ އުނދޯލި ހެއްލޭތަން ފެންނާތީ އެތަނަށް ދިޔައީމެވެ. އުނދޯލިގައި އާންމުކޮށް އެގަނޑީގައި އިންނާނީ އޭނާގެ މަންމަ އެވެ. ދޮރުމައްޗަށް ހުއްޓި ވަހީދުކޮބައިތޯ އަހާލުމުގެ ކުރިން ބަލައިލީމެވެ. އެ އުނދޯލީގައި ތިބީ ވަހީދާއި ފާތުންނެވެ. ދެމީހުން ތިބީ އަތުގައި ހިފާލައިގެންނެވެ. އަހަރެން ފެނުމުން އަތުން ދޫކޮށްލިއެވެ. ވަހީދު ޖެހީ އިސްދަށަށެވެ. އަހަރެންނަށް އެމަންޒަރު ބަލާކަށް ފަސޭހައެއް ނުވިއެވެ. ބާރަށް ހިނގާފައި ނުކުމެގެން ދިޔައީއެވެ. އަހަރެން ހީކުރީ ވަހީދު އަހަރެން ފަހަތުން އަންނާނެ ކަމަށެވެ. އެހެނެއް ނުވިއެވެ. އެއީ ނަސީބެކެވެ.

އެރޭ ކުރިވަރުގެ އަސަރެއް ދުވަހަކުވެސް އަހަރެންގެ ލޯބީގެ ހަޔާތުގައި ނުކުރެއެވެ. ވަރަށް ގިނަ އިރު ރޯން އޮތީމެވެ. ބާލީހުގައި ބާރަށް ބައްދައިގެން ރުއީއެވެ. ނިދުނީ ވެސް ވަރަށް ދަންވި ފަހުންނެވެ. ވަހީދު އަހަރެންނަށް އޮޅުވާލީއެވެ. ގެއަށް ލައިދިނުމަށް ކޮންމެ ރެއަކު ދިޔަ ދިއުން ލޯބީގެ ގުޅުމަކަށް ބަދަލު ވީއެވެ. ވަހީދުގެ ކުރީގެ ލޯބި ވެރިޔާއަށް ބޭވަފާތެރިވީއެވެ. އެންމެ ގާތް އެކުވެރި ހުރިހާ ކަމެއް ހިއްސާކުރަމުން ދިޔަ މީހާއަށް ވެސް އިހުތިރާމް ނުކުރީއެވެ.

އަނެއް ދުވަހު އޮފީހަށް ދާން ފެންވަރަން ފާޚާނާގައި ހުރި އިރުވެސް ފެންނަނީ ރޭ އުނދޯލީގައި އަހަރެން ގެ އެންމެ ގާތް ރަހުމަތް ތެރިޔާއާއި އަހަރެން ލޯބި ވާން ހިތުގައި އެޅި ކުއްޖާއާ އެކުގައި ތިބި މަންޒަރެވެ. ފެންވަރަން ހުރި އިރުވެސް ގިސްލާ ރޮވެއެވެ. އޮފިހަށް ދާން ނުކުމެ އެގެ ފެނުމުން އަދި މާ އަސަރު ކުރިއެވެ. މިވާހަކަ އަހަރެން އެކަކާ ވެސް ހިއްސާ ނުކުރަމެވެ.

ޖެހިގެން އައި ދުވަހުގެރޭ ވަހީދާ މަގުމަތިން އެގޭ ދޮށުން ބައްދަލު ކުރީމެވެ. އޭނާ ފާތުމަތުއާ ލޯބީގެ ގޮތުން ރައްޓެހި ވެގެން އުޅޭ ކަމަށް އެއްބަސް ވިއެވެ. އަހަރެންނަށް ނާންގާ މަޑު ކުރީ ދެރަވެދާނެތީ ކަމަށް ބުންޏެވެ. އަހަރެން ބުނީމެވެ. އަހަރެން ވަހީދަށް ހާދަ އިތުބާރެއް ކުރީމެވެ. ތިޔަވަރު ކަމެއް ކޮށްފާނެކަމަށް ހިއެއް ނުކުރަމެވެ.

ވަހީދުގެ ވާހަކަ ވަރަށްރީއްޗެވެ. ފާތުމަތު ލޮލުން ބޮލުން އެދިގެން ވަހީދާ ރައްޓެހި ވީއެވެ. ވަހީދު ބޭނުން ވެގެންނެއް ނޫނެވެ. އަދި އަހަރެންނާ ރައްޓެހި ނުވީ އޭނާ ބޭނުން ނުވާތީ ނޫންހޭ ވެސް ބުންޏެވެ. އެރެއަށް ފަހު އަހަރެންނާ ވަހީދާ ބައްދަލެއް ނުވެއެވެ. ހޯދާން ދިޔައަސް ވަހީދު އޮންނަނީ އޭނާ ގޮވައިގެން ކޮޓަރިއަށް ވަދެއެވެ. ގޭ މީހަކު ގޮވާލިއަސް އޭނާ ނުނިކުމެއެވެ.

އެއްދުވަހެއްގެ ހަވީރެއެވެ. ވަހީދުގެ އަންހެން ކޮއްކޮ ޒުނޭރާ އަހަރެން ހޯދާން ގެއަށް އަތުވެއްޖެއެވެ. އެރޭ ވަހީދުގެ ކައިވެނި ކުރެވޭތީ ދައުވަތު ދިނުމަށެވެ. ކޮންމެހެންވެސް އައުމަށް އެދުނެވެ. ޒުނޭރާއަށް އަހަރެން ފާތުމަތާ ރައްޓެހި ވާން އުޅުނުކަން ފާތުމަތުގެ ފަރާތުން ކުރިން އޮތީ އެނގިފައެވެ. އެކަމާ އެދުވަސް ވަރު ޒުނޭރާ ވައްބަހުން ދިމާކޮށްހެދިއެވެ.

އިރު އޮއްސިއްޖެއެވެ. ހިތުގެ ވިންދު ދަނީ އަވަސް ވަމުނެވެ. އަހަރެން އިނީ އޮފީހުގައެވެ. އަށެއް ޖަހާއިރު އޮފީސް ނިމޭނެއެވެ. ހަދާނެ ގޮތަކާ މެދު ފިކުރު ކުރެވެނީ އެވެ. އެގެއަށް މިރޭ އަހަރެން ނުދާނަމަ އެގޭމީހުން ވަރަށް ދެރަވާނެވެ. އެގޭމީހުން އަހަރެންދެކެ ވަރަށް ލޯބި ވެއެވެ. މީރު ކާއެއްޗެއް ހެދިޔަސް ގޮވާނެއެވެ. ވަކިން ޚާއްޞަކޮށް ވަހީދުގެ ބައްޕަ އެވެ. ހުކުރު ދުވަސް ދުވަހު ހުކުރުން ފައިބައިގެން އަންނައިރު ފެނިއްޖެއްޔާ އަތުގައި ހިފައިގެން ގެއަށް ވައްދައި ކާންދޭނެއެވެ.

މިރޭ އެގެއަށް ދާން ބޭނުމެއް ނުވެއެވެ. އެގޭ މީހުން އަހަރެން ހޯދަން އަންނާނެވެ. އެއީ ކަށަވަރު ކަމެކެވެ. ކައިވެނި އޮތީ އަށްގަޑި ބައިގައެވެ. އޮފީހުން ނުކުމެ ބައިސިކަލަށް އަރައިފީމެވެ. ޚިޔާލެއް ފިކުރެއް ނެތި ދުއްވަނީ އެވެ. މާލޭގެ އިރުމަތީ ފަރާތާ ދިމާއަށެވެ. މަޑު ކޮށްލެވުނީ ލޮނުޒިޔާރަތް ކޮޅަށެވެ. ޕާކުގެ ވަށައިގެން ޖަހާފައި ހުރި މުޑި ބުރި ތަކުން މުޑި ބުރިއެއްގައި ފައިވިއްދާލީމެވެ. ރޭޑިއޯ އިން އަންނަނީ މީހުން އެދިގެން ފޮނުވާ ރީތި ލަވަތަކެވެ. މިރޭ ޚާއްޞަ ކޮށްފައިވާނީ ދިވެހި ލަވައަށެވެ. އެދޭ މީހުން ގިނަ ކަމުން ކިޔާ ލިސްޓް ނުހަނު ދިގެވެ. މިފަހަރުގެ ލަވަ ވަރަށް މިރެއާއި ގުޅެއެވެ. ލޯބީ ގައި ބޭވަފާތެރި ވުމުގެ ހިތިކަމުގެ ވާހަކަ ޝާޢިރު ގެނެސްދީފައި ވަނީ ވަރަށް ފޮނިކޮށެވެ.

ތާޅަފިލިން ފޮނުވަމުން ދިޔަ ލަވަތައް ނިމިއްޖެއެވެ. މިހާރު އަންނަނީ އެންމެ ފަހުގެ ޕްރޮގްރަމް އެވެ. ވަކިވުމުގެ ކުރިންނެވެ. ސޯސާލް ޕެހެލޭ މުޖޭ ތުމްސެ ޕިޔާރުތާ ..... ފަދަ ލަވަތެކެވެ. ތާޅަފިލީގެ އަޑުވެސް ކެޑިއްޖެއެވެ. ރޭޑިއޯ ގެ ޕްރޮގްރާމްތައް ނިމުނީއެވެ. އެގާރަ ޖަހާ ބޮޑުވަންދެން އެތަނުގައި އަހަރެން އިނީމެވެ.

އަނެއް ދުވަހު ހެނދު އަހަރެން ސައިބޯން އިންދާ މަންމަ ބުންޏެވެ. ރޭގައި ވަހީދުގެ ކައިވެނީގެ ސައިބޯން ދަރިފުޅު ވަރަށް ހޯދިއެވެ. އެގޭ މީހުން ދެތިން ފަހަރު ބަލާ އައެވެ. އެގެއަށް ނުދިޔައީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ޖަވާބެއް ނުދެމެވެ. މިހާރު ކަރުނައެއް ނާދެއެވެ. ކަރުނަ ހިކި ލަކުނަށް ވެއްޖެއެވެ. އެކުވެރިކަމާއި ރަހުމަތް ތެރިކަމުގައި ސިއްކަ ޖެހުނީއެވެ. އޭނާ ފެނުމުން ހިނިތުން ވެލަމެވެ. އޭނާ ވަރަށް ވާހަކަ ދައްކަން އުޅެއެވެ. ކުރުކޮށްލަނީއެވެ. ހާލު ރަނގަޅުކަމަށް ބުނެއެވެ.

ކުޑައިރު ލަކުނުލީ ކަކޫ ކޮޅުގައެވެ. ޒުވާންއިރު ލަކުނުލީ ހިތުގައެވެ. އަބަދަށްޓަކައި އެލަކުނާއި އެއަސަރު ހިތުގައި ބިންވަޅު ނެގިފައިވެއެވެ.