އޭޕްރީލް 26 ވަނަ ދުވަހު ގެނެސްދިން ބައި

ބާބު 04 - ފުރަތަމަ ލޯބި

އިންޝާއަށް ސިހިފައި ދެލޯ ހުޅުވައިލެވުނީ މީހަކު ދޮރުގައި ޓަކިދޭ އަޑަށެވެ. ނަޒީލްގެ މޭމަތީގައި ބޯ އަޅާލަމުން އޭނާ ކޮޓަރި ދޮރާ ދިމާއަށް އަލުން އެ އަޑު އިވޭނެ ކަމަށް ސަމާލުވެ އޮވެގެންނެވެ. ދަންވަރުގެ ވަގުތުކަމުން ދޮރު ހުޅުވަން ދިޔުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އިންޝާ ދޮރާ ދިމާއަށް ބަލަހައްޓައިގެން އޮއްވައި ކޮޓަރީގެ ފާރަށް އެޅުނު ހިޔަނި ފެނިފައި ތެޅިގަނެވުނެވެ. އޭނާއަށް އަވަހަށް ބަލާލެވުނީ ބާލުޚާނާ ދޮރާ ދިމާއަށެވެ. ދޮރު ހުޅުވައިފައި ހުރުމުން ލިބުނު ސިހުމާއެކު ފާރާ ދިމާއަށް ބަލާލިއިރު އެ ހިޔަނި ފެންނާކަށް ނެތެވެ. އެއީ އިންޝާއަށް ހީވި ގޮތެއް ހެއްޔެވެ؟ ނަޒީލަށް ވައިއަޑުން ގޮވަމުން އިންޝާ ދެލޯ މަރާބާރުކޮށްލިއެވެ. އެވަގުތު ކަންފަތް ބުޑުން އިވުނު ގިސްލުމުގެ އަޑުން މެޔަށް ފިނިވެގެން ދިޔައެވެ. އިންޝާއަށް ހަޅޭލަވައިގަނެވުނެވެ. ނަޒީލް ފުންމައިގެން ތެދުވިއެވެ. ނަޒީލްގެ ހަތަރެސް ފައި ކޮޅަށް ޖެހުނެވެ. އިންޝާ ރޮމުން ނަޒީލްގެ ގައިގާ އޮޅުލައިގަތް އިރު ހިތް ހީވަނީ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ.

"ކިހިނެއްވީ؟ އިންޝާ ހަމަޖެހިބަލަ." އިންޝާގެ ދަތްދޮޅީގައި ހިފައި މައްޗަށް އުފުލާލަމުން ނަޒީލް ބުންޏެވެ.

"ކޮންމެވެސް މީހަކު ކޮޓަރީގައި އެބައުޅޭ." އިންޝާގެ އަޑު ތުރުތުރު އަޅައެވެ.

ނަޒީލްގެ ހަނދާނަށް އައީ ކުރީ ރޭގެ ހާދިޘާއެވެ. އޭނާ ކޮޓަރީގެ ހަތަރު ފަރާތަށް އަވަސްއަވަހަށް ނަޒަރު ހިންގާލިއެވެ. ނަޒީލްގެ ލޮލަކު އެއްވެސް މީހެއް އަޅައެއް ނުގަތެވެ. ނަޒީލް ލޯތްބާއެކު އިންޝާގެ ބޮލުގައި ފިރުމަމުން ކޮޓަރީގައި އެ ދެމީހުން ނޫން އެހެން އެއްވެސް މީހަކު ނެތް ކަމަށް ބުންޏެވެ. އިންޝާ ދެއަތަށް ބޯ ހޫރުވަމުން ހިންދެމިލިއެވެ. ބާލުޚާނާ ދޮރާ ދިމާއަށް ބަލާލިއިރު ދޮރު ހުރީ ލައްޕާފައެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހުއްޓުމަކަށް އަޔެވެ. އެއީ ހަމަ ވަހުމެއް ހެއްޔެވެ؟

"ކިހިނެއްވީ؟" އިންޝާގެ މޫނުގެ ކުލަވަރަށް އައި ބަދަލު ފެނިފައި ނަޒީލް ސުވާލުކުރިއެވެ.

އިންޝާ ވިސްނުމަކަށް ގެއްލިފައި އިރުގަނޑަކު އިނުމަށްފަހު، ކުއްލިއަކަށް އުނަގަނޑުގައި އަތް ޖައްސައިލިއެވެ. އެވަރުން ވެސް ހިތްހަމަނުޖެހިގެން އޭނާ ލައިގެން ހުރި ޓީޝާޓު ހިއްލައި ބަލައިލިއެވެ. އުނަގަނޑުގައި އޮތް ތަވީދު ފެނުމާއެކު އޭނާއަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. އެ ތަވީދު އޮއްވައި އެއްވެސް ކަހަލަ ބިރުވެރިކަމެއް މެދުވެރި ނުވާނެކަން ހަނދާނަށް އައުމާއެކު އިންޝާއަށް ހަމަޖެހިލެވުނެވެ.

"މުޅި ގައިގަ ތަވީދު އަޅައިގެން އޮތަސް ވާކަމެއް ހަރާމެއްނު. މަށަށް ފެންނަނީ ބޮލުގަވެސް ތަވީދެއް އަޅަން." ނަޒީލް ސަމާސާކޮށްލީ އިންޝާ ހަމަޔަކަށް އެޅުވުމުގެ ބޭނުމުގައެވެ.

"ހިޔަނިވެސް ފެނުނޭ .ބެލްކަނި ދޮރުވެސް ހުރީ ހުޅުވާފައި. ބިރުން އޮތީމަ ލޮލަށް ފެނުނު ގޮތް ކަންނޭނގެ." އިންޝާ ތުންފިއްތާލިއެވެ.

"އެހެންވީމަ ލޯ މަތީގަ ވެސް ތަވީދެއް އަޅަންވީ." ނަޒީލް ހިނިގަނޑެއް ޖަހައިލިއެވެ.

"ނަޒީލް ގަނޑާ އެއްވެސް މަޖަލެއް ނޫން އިނގޭ." ނަޒީލް ގައިގާ އިންޝާ ތަޅައިގަތެވެ. "ދެން... ފެނުނީމައޭ މިބުނީ ފެނުނޭ."

ނަޒީލް ހެމުންހެމުން އިންޝާގެ ދެއަތުގައި ހިފައިލިއިރު އެ މޫނުން ސަމާސައިގެ ކުލަވަރު ފަނޑުވެއްޖެއެވެ.

"ތި ކަހަލަ އެއްޗެހި ފެންނާނެ. ފާޑުފާޑު އެއްޗެހި އަޅައިގެން އުޅެންޏާ. މަ އެހެންވެގެން ބުނަނީ ތި ނާޅާށޭ. ތިދެން މި ޒަމާނުގެ ކުދިން ކުރާކަހަލަ ކަމެއް ވެސް ނޫނެއްނު. ދީނީ ގޮތުންވެސް ރަނގަޅު ކަމެއް ނޫން ކަންނޭނގެ." އިންޝާ ކައިރީ އެ ތަވީދެއް ނޭޅުމަށް އެތަކެއް ފަހަރަކު ނަޒީލް ބުނެފައިވެއެވެ.

ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިވުމަށް ތަވީދުފަދަ ތަކެތި އެޅުން އެއީ އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައިވާ ކަމެއް ނޫނެވެ. ދީނުގައި އޮންނަނީ ހެނދުނާ ހަވީރުގެ ޒިކުރުތަކާ ދުޢާތައް ކިޔުމެވެ. ތަވީދު ހަށިގަނޑުގައި އެޅުމަކީ ރަނގަޅުކަމެއް ނޫން ކަން، ޚުދު އިންޝާ ވެސް ޤަބޫލުކުރެއެވެ. ނަމަވެސް އެ ތަވީދު އެޅީ އޭނާގެ މައިންބަފައިންގެ އެދުމުގެ މަތިންނެވެ.

އިބްރީސްގެ ފަރާތުން އިންޝާއަށް ކުރިމަތިލާން ޖެހުނު ބިރުވެރި ހާދިޘާއަށްފަހު އިންޝާއަށް ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކުރިއެވެ. އޭނާއަށް ހަމަނިދި ނުލިބުމާއި، އަބަދުހެން ސިހިސިހި ހުރުންފަދަ ކަންކަން މެދުވެރިވިއެވެ. އެކަން އިންޝާގެ މައިންބަފައިންނަށް އެނގުމުން، އިންޝާއަށް ލުޔެއް ހޯދައިދިނުމުގެ މަޤުސަދުގައި ތަވީދެއް ތައްޔާރުކޮށްފައި ފޮނުވީއެވެ. އަދި އެ ތަވީދު އުނަގަނޑުގައި އަބަދުވެސް އަޅާފައި ބޭއްވުމުން އިންޝާއަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަން ވެސް އިންޝާގެ މައިންބަފައިން ދިނެވެ. އެ ތަވީދު އެޅުމަށްފަހު އިންޝާއަށް ހަމަޖެހުމެއް ލިބުނުހެން ހީވިފަހުން، އެ ނަގަން އޭނާ ބޭނުން ނުވީއެވެ.

ހެނދުނުގެ ވަގުތެވެ. ނިހާ ބަދިގެ ފަރާތަށް ދިޔުމުގެ ބޭނުމުގައި ފެންޑާ ތެރެއަށް ވަދެގެން އަންނަނިކޮށް އިލްހާމްގެ ދެމަފިރިން ލޮލުގައި އަޅައިގަތެވެ. ސޯފާގައި އެމީހުން މާ އޮލަ ވާހަކަ އެއްގައި ތިބި ތަން ފެނި، ނިހާ ކުޑަކޮށް މަޑުޖެހިލިއެވެ. ޞަފިއްޔާގެ މޫނުމަތިން ފޫހިކަން ފާޅުވާން ހުއްޓެއް ކަމަކު، އިލްހާމް ދައްކަމުންދާ ވާހަކައަށް އޭނާގެ ފުރިހަމަ ސަމާލުކަންދީގެން އިންކަން ނިހާއަށް ފާހަގަ ކުރެވުނެވެ. އެއްލި ކަޅިޔަކުން ޞަފިއްޔާއަށް ނިހާ ފެނުނު ހިސާބުން އޭނާގެ މޫނުމަތި އިތުރަށް ބަނަވެގެން ދިޔައެވެ. އިލްހާމަށް ވެސް ނިހާ ފެނުނީ ހަމަ އެވަގުތުއެވެ. ނިހާ ފެނުނު ހިސާބުން އެ ދެމީހުން ދައްކަމުން ދިޔަ ވާހަކަ ހުއްޓާލައިފިއެވެ. އެ މީހުން ސައްލާކުރަމުން އެ ދަނީ ނިކާލްގެ ކާވެންޏާ ބެހޭ ގޮތުންކަން ނިހާއަށް ޔަޤީންވީ އެހިސާބުންނެވެ. ނިހާ އަވަސް ފިޔަވަޅުމަތީ ބަދިގެއާ ދިމާއަށް މިސްރާބު ޖެހީ ސަފިއްޔާމެން ލޯއަޅަން ފެށުމުންނެވެ.

"ޞަފިއްޔާ ނިކަން ނިކާލްއާ ވާހަކަ ދައްކައިގެން އެ ސޮރު ކައިވެންޏަށް އެއްބަސް ކުރުވަބަލަ." ނިހާ ގޮސް ބަދިގެ ތެރެއަށް ވަނުމާއެކު އިލްހާމް ބުންޏެވެ.

"އޭނަ އަހަރުމެން ބުނެގެން އަހަރުމެން ދައްކާ މީހަކާ އިންނާނެތަ؟ އޭނައަކީ ނަޒީލެއް ނޫނެ. މި ދަނޑިވަޅުގަ އަދި އަމުދުން އޭނަ ތިކަހަލަ ކަމެއްކުރަން އެއްބަހެއް ނުވާނެ." ޞަފިއްޔާ ޖަވާބުގައި ބުންޏެވެ.

"ޞަފިއްޔާ ބުނީމަ އެސޮރު ޤަބޫލުވާނެ. އޭނަގެ ހިޔާލު ހުރިގޮތެއް ހޯދަން ވާހަކަ ދެއްކުމަކުން ކޮބާތަ މައްސަލަޔަކީ؟" އިލްހާމް ވާހަކަ ދައްކަނީ ބަދިގެ ފަރާތަށް ބަލަމުންނެވެ. އެތަނުގައި ދައްކަމުންދާ ވާހަކައިގެ ޒައްރެއްގެ މިންވަރު ވެސް ނިހާގެ ކަންފަތާ ހަމައަށް ފޯރާކަށް އޭނާ ބޭނުމެއް ނޫނެވެ.

"ކާކުގެ ދަރިޔަކާ އެ ސޮރު ދެވަން ތި އުޅެނީ." ނިކާލްގެ ކާވެނި ކުރުވުން، އެއީ ނިހާގެ ކިބައިން ނިކާލް ސަލާމަތްކުރުމަށް ހެދޭނެ އެންމެ ރަނގަޅު ގޮތްކަމަށް ޞަފިއްޔާ ވެސް ޤަބޫލުކުރެއެވެ.

"ތިކަން ނަޒީލް ހަމަޖައްސާނެ. ކޮންމެ މީހެއްގެ ދަރިޔަކަސް މަށަށް ވަރިހަމަ. މިވަގުތު ނިކާލްގެ ކާވެނިކުރުވައިގެން ނޫނީ ނިހާގެ ކިބައިން އެސޮރު ސަލާމަތެއް.." ނިހާ ބަދިގެއިން ނުކުތްތަން ފެނިފައި އިލްހާމްގެ އަނގަ ބަންދުވިއެވެ. މިފަހަރު ވެސް ނިހާއަށް އެކަން ފާހަގަވިއެވެ.

ޖިމްތެރޭގައި ހުރި ލޯގަނޑެއް ކުރިމަތީ ބަރެއް ހިފާލައިގެން އަތުގެ މަސްތައް ވަރުގަދަ ކުރުމަށް ހުރި ނިކާލްގެ ސަމާލުކަން ދަމައިގަތީ ދޮރުފަތުގައި މީހަކު ޖަހާލި އަޑެވެ. އަތުތެރޭ އޮތް ބަރު މަޑުމަޑުން ތިރިކޮށްލުމަށް ފަހު ބިންމަތީ ބާއްވާލިއެވެ. އޭނާ ފަސް އެނބުރި ބަލާލިއިރު ކަޅުކުލައިގެ ޖުއްބާ ހެދުމަކުން ނިވާވެގެން ހުރި އަންހެން ކުއްޖެއް ބޭރުގައި ހުއްޓައި ފެނުނެވެ. ކޮނޑުމަތީ އޮތް ތުވާލިކޮޅުން މޫނުމަތި ފޮހެމުން ނިކާލަށް ބޭރަށް ނުކުމެވުނުއިރު ހިސާބަކަށް މާނޭވާ ވެސް ލެވެއެވެ.

ނިކާލް ވަރަށް ފަރުވާތެރިކަމާއެކު އެ އަންހެން ކުއްޖާގެ ފައިކޮޅުން ފެށިގެން ބޮލާ ހަމައަށް ބަލާލިއެވެ. ގަޔަށް ދޫ ކަޅު ޖުއްބާ ހެދުމަކާއި ބޮޑު ބުރުގާއެއް އަޅައިގެން ހުރި އެ އަންހެން ކުއްޖާގެ ދޮން މޫނުކޮޅު ނޫން އެހެން އެއްވެސް ތަނެއް ނުފެނެއެވެ. ހެދުން ދިގުކަމުން ފަސްބައި ބިންމަތީ ޖެހިފައި ހުރި އިރު އަތަށް ހުރީ ކަޅު އަންގިއެއް މަހާލާފައެވެ. ނިކާލަށް އެއީ އޭނާ ދަންނަ ކުއްޖެއްހެން ހީވިއިރު އެ ކުއްޖާގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރު ފެންނާން ހުއްޓެވެ.

"ކީއްކުރާ ކުއްޖެއް؟ ކާކު ހޯދަން؟" ނިކާލް ސުވާލުކުރިއެވެ. ކަޅިޖަހާނުލާ އެ އަންހެން ކުއްޖާ ބަލަމުން ގެންދިޔައީ ނިކާލްގެ ދެލޮލަށެވެ. އެ ދެލޮލުގެ ތެރެއިން އެއްޗެއް ހޯދަން މަސައްކަތްކުރާ ކަހަލައެވެ.

"ނިކް ދޯ؟ ހާދަހާ ބަދަލުވެއްޖޭ؟" އެ ކުއްޖާގެ ހިމަހިމަ ތޫލި އަޑު އިވިގެން ދިޔައެވެ. އެވަގުތު ނިކާލަށް އެއީ ކާކުކަން އެނގުމާއެކު ދެ ބުމަ އުފުލިގެން ދިޔައެވެ.

"ރޫނާ." ނިކާލަށް ބުނެވުނެވެ.

"ސުބްހާނަﷲ." އަނގަމަތީ އަތް އަޅާލަމުން ހައިރާންވެފައި ހުރެ ރޫނާއަށް ބުނެވުނެވެ. "ޤަބޫލުވެސް ނުކުރެވޭ. މާޝާﷲ މިހާރު ހާދަހާ ވަރުގަދައޭ. ތީ ހަމަ މަ ދަންނަ ނިކާލްތަ؟"

"ސުބްހާނަﷲ." އަނގަމަތީ ދެ އަތް އަޅަމުން ނިކާލް ވެސް ތުއި އަޑެއް ނެރެ ރޫނާ ޖެއްސި ވައްތަރު ޖައްސަމުން ބުނެލިއެވެ. "ގަބޫލު ވެސް ނުކުރެވޭ. ހާދަ ވަރަކަށޭ މިހާރު ފޮރުވިފަ ތި ހުންނަނީ. ތީ ހަމަ މަ ދަންނަ ރޫނާތަ؟"

ނިކާލް ޖެއްސިވައްތަރުން ރޫނާ ގާތަށް ހިނިއައެވެ. 05 އަހަރު ފަހުން ނިކާލް ފެނުނުއިރު ވެސް ނިކާލްގެ މިޒާޖަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަދިވެސް ހަމަ އެ ސަކަ މިޒާޖެވެ. ޖެއްސުންކުރުމުގެ އާދަ ނުކެނޑެއެވެ. ބޮޑެތި ބަދަލުތަކެއް އައިސްފައި ހުރީ ނިކާލްގެ ހަށިގަނޑަށެވެ. ކުރީގައި ހިމަތޮޅި ހަށިގަނޑެއްގެ ވެރިޔަކަސް މިހާރު ޖަހާލައިފައި ހުރި ވަރުގަދަ މަސްތަކާ ރީތި ފިރިހެންވަންތަ ހަށިގަނޑު ފެނި ރޫނާ ވެސް އަނގަހުޅުވޭ ގޮތްވިއެވެ. ކުރިން ނިކާލަކީ ކަސްރަތުކުރުމަށް އެއްވެސް ލޯތްބެއް ކުރި މީހެއް ނޫނެވެ. އޭރު ކަސްރަތުކުރުމަށް ދެވިހިފައި އެކަމައިގެން އެންމެ ފޯރީގައި އުޅުނު މީހަކީ ނަޒީލެވެ. ނިކާލް ފެނުނު ވަގުތު ރޫނާއަށް އޮޅުން އެރީ ވެސް އެހެންވެއެވެ. އެ ދެބެން ވަކިކުރާ ކަޅުތިލަ ހޯދަން ނިކާލްގެ ދެލޮލުގެ ތެރެއަށް ފީނަން ޖެހުނު ސަބަބަކީ ވެސް އެއީއެވެ.

ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލައިގެން ރުނާއަށް ހުރެވުނެވެ. އަންނާރު އޮއްތަކެއްފަދަ ރީތި ދަތްތައް ފެނުމާއެކު ނިކާލްގެ ހަނދާނަށް އައީ މާޒީއެވެ. ދެމީހުން އެކުގައި އުޅުނު ދުވަސް ތަކެވެ. ސުކޫލު ދުވަސްވަރެވެ.

"ރޫ.ރޫ...." ނިކާލް ތުން އޫކޮށްލަމުން ގޮވާލީ މާޒީ ހަނދާން ވެގެންނެވެ. ރޫނާއާ ބައްދަލުވުމުން ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ނިކާލަށް ލިބިގެން ދިޔައެވެ. ކުރިޔަށްވުރެން ރޫނާ ހާސްބައި ރީއްޗެވެ. އެންމެ ޒަމާނީ ފެޝަނާއި ސުޓައިލަށް ލޯބިކުރި ރޫނާ މިއަދު ފެންނަން ހުރީ އެންމެ ނިވާކަންބޮޑު ހެދުމުގައެވެ. ހެދުން އެޅުމުގައި އެކި ތަފާތު ގޮތް ގެންގުޅުނަސް އެ ހުރިހާ ގޮތެއް ވެސް ރޫނާގެ އެ ރީތި ހަށިގަނޑާ ގުޅޭނެކަން މިއަދު ސާބިތުވެއްޖެއެވެ. ކުރިޔާ އަޅާބަލާއިރު، މިހާރު ރޫނާއަށް އައިސްފައިވާ ބަދަލު ނިކާލަށް މާ ބޮޑަށް ވެސް ކަމުގޮސްފިއެވެ.

"ނިކާލް އަދިވެސް ބޮޑުވާކަށް ނޫޅޭދޯ؟" ނިކާލްގެ ހަށިގަނޑު ބިޔަ ނަމަވެސް އަމަލުތަކުގައި ހުރި ޅަ ގޮތް ރޫނާއަށް ފާހަގަވިއެވެ.

"ރޫ.ރޫ މަ ބޮޑުވުމުގެ ކުރިން ދޫކޮށްލައިފައި ދިޔައީމަ ވީ ގޮތް މީ..." ނިކާލް އެއްލޯ މަރާލިއެވެ. ރޫނާ އުކުޅުވަޅުގައި އަތް ވިއްދާލަމުން ލޯ އަޅާލިއެވެ.

"ހެހެހެ. ތިޔެއް ނޫނޭ." ނިކާލް މައުޟޫބަދަލުކޮށްލިއެވެ. "ކޮން ދަތުރެއްތަ؟ ރަށަށް ތިއައީ މާލެ މަތިން ފޫހިވީމަތަ؟ ކޮބާ ފިރިމީހާ؟ ދަރިން ތިބޭތަ؟ އަނެއްކާ މީހަކާ އިނދެގެންތަ އުޅެނީ؟"

"ހޫމް. ފުލުފުލުގަ ސުވާލު..." ރޫނާ ޝަހާދަތް އިނގިލި ކޯތާފަތްމަތީ ޖައްސާލަމުން ބުންޏެވެ. "ތި ތަނުން ކޮން ސުވާލަކަށް ފުރަތަމަ ޖަވާބު ދޭންވީ.... ފުރަތަމަ ސުވާލަށް ދޯ؟ ރަށަށް ހަމަ ޖައްސާލީ. މަންމަ ގުޅާފަ އަންނަން ކިޔާވަރުން. ދެތިން ދުވަސް ވެއްޖެ މިކޮޅަށް އައިފަހުން. ގެއިން ނުނިކުންނާތީ މިގެޔަށް ވަދެލާނެ އަވަދި ނުވީ. އަނެއްކޮޅުން ނިކް ތިހާ ހަމަޖެހިގެން މަށާ ވާހަކަ ދައްކާނެކަމަކަށް ހިޔެއް ނުކުރަން. މަ ހީކުރީ ނިކް ހުންނާނީ މަގޭ ދެކެ ވަރަށް ރުޅިއައިސްފައި ކަމަށް. ދެން މިއަދު ހިތަށް އެރީ މި ގޯތި މީހުންގެ ހާލު ބަލާލަން ވެއްޖޭ. ގެޔަށް ވަދެގެން އައިއިރު ޖިމްގަ މީހަކު އުޅޭތީ އަސްލު ނަޒީލްކަމަށް މިގޮވީ. ނިކްކަން އެނގުނުނަމަ ނުވެސް ކެރޭނެ."

"އެހެންވީމަ ނަޒީލް ހޯދަން ދޯ ތި އަޔީ؟" ނިކާލް އެހިއެވެ.

އިލްހާމާއި ޞަފިއްޔާއަށް ބަލަމުންބަލަމުން ނިހާ ބޭރަށް ނުކުތީ ނިކާލްއާ ބައްދަލުކުރާށެވެ. ނިކާލް އަންހެން ކުއްޖަކާ މާ ވަރަކަށް ހީހީފައި ވާހަކަ ދައްކަން ހުރި މަންޒަރު ފެނުމާއެކު ނިހާއަށް ހުއްޓިލެވުނެވެ. އެތައް ދުވަހަކަށްފަހު ނިކާލްގެ މޫނުމަތިން ހިތްހަމަޖެހުމާއި އުފާވެރިކަން ފެނުމުން ނިހާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އެ ހިނިތުންވުން ގެއްލިގެން ދިޔައީ ހިތަށް އެރި އެއްޗެއްގެ ސަބަބުންނެވެ. އެއީ ނިކާލްގެ ކާވެނިކުރުވަން އުޅޭ ކުއްޖާ ހެއްޔެވެ؟ އެއީ ކާކުބާވައެވެ؟ ކޮންމެ ގޮތެއް ވިޔަސް އެ ކުއްޖަކީ ނިކާލް ދަންނަ ކުއްޖެއްކަން ޔަޤީންވެއެވެ. ކަޅު ހެދުމެއް ލައިގެން ފުރަގަސްދީގެން ހުރި އެ އަންހެން ކުއްޖާ ބަލާލުމުގެ ޝައުޤުވެރިކަމެއް ނިހާގެ ހިތުގައި އުފެދުނެވެ. ނިހާ ބާރަށް ހިނގާލައިފައި އެ ދިމާއަށް ދިޔައެވެ.

ރޫނާ ހުނުން މައިތިރިކުރުމަށް އަނގަމަތީ އަތް އަޅާލަމުން އެނބުރިލިއިރު ނިހާ ހުރީ ވަރަށް ގާތުގައެވެ. ފުރަތަމަ ނަޒަރުން ވެސް ނިހާއަށް އެއީ ރޫނާކަން އެނގުނެވެ. ނިހާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހިވީ ކަރަންޓު ނަރެއް ގެނެސް ގައިގައި ޖެއްސި ހެންނެވެ. އޭނާއާއި ނިކާލްގެ ގުޅުން އެހާ ނާޒުކު ފައްތަރެއްގައި އޮއްވައި، ނިކާލްގެ ކުރީގެ ލޯބިވެރިޔާ ފެނުމުން އެ ހިތަށް ނުބައި ގޮތެއްވިއެވެ. ރޫނާގެ ރީތިކަން ފެނި ނިހާގެ ހިތް ހަސަދައިން ފުރައިލިއެވެ.

ރޫނާ ފެނުމުން ނިކާލަށް ލިބުނު ހިތްހަމަޖެހުން ގެއްލުނީ ނިހާ އެތަނަށް އައިސް ހުއްޓުނުތަން ފެނުމުންނެވެ. ނިކާލް ކިތަންމެ ފޫހިވެފައި ހުއްޓެއް ކަމަކު ނިހާގެ މޫނަށް އައި ހުރިހާ ބަދަލެއް އޭނާއަށް ފާހަގަވިއެވެ. ފޫހިވާން މަސައްކަތް ކުރިޔަސް ނިހާގެ ކޮންމެ ހަރަކާތެއް ވެސް އެހާމެ ޝައުޤުވެރިއެވެ. އެ މޫނުމަތީގެ ކުލަވަރު ބަދަލުވެލާ ގޮތުން ވެސް ނިކާލްގެ ހިތަށް ހަމަޖެހުން ލިއްބައިދެއެވެ.

ރޫނާގެ އަނގައިން ނުކުތް މަޑު ހަޅޭކުގެ އަޑާއެކު އޭނާ ނިހާ ގައިގާ ބައްދައިލިއެވެ.

"އަދިވެސް ބަދަލެއް ނާދޭ." ރޫނާ ނިހާގެ ދެއަތުގައި ހިފައިލަމުން ބުންޏެވެ. "ހަމަ އެ ލޫޅާފަތިކަން. ކާވެންޏަށް ތައްޔާރު ވަނީ ދޯ؟ އަޑު އަހައިފީމޭ އެ ވާހަކަ. ވަރަށް ވަރަށް ބޮޑަށް މަރުހަބާ. ފައިރޫޒްއާ..."

"ރޫނާ މިގެޔަށް ތި އައީ ކީއްކުރަން؟" ރޫނާގެ ވާހަކަ މެދުކަނޑާލަމުން ނިހާއަށް ސުވާލުކޮށް ލެވުނީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. ނިހާގެ އަޑުގައި ހުރި ބީރައްޓެހިކަން ރޫނާއަށް ފާހަގަވިއެވެ. ކުރެވުނު ސުވާލު ކަމުނުދާކަން ނިހާއަށް ރޭކާލީ ރޫނާ ބަލާލި ގޮތުންނެވެ. ނިކާލަށް އަވަސް ނަޒަރެއް ބަދަލުކޮށްލަމުން ނިހާ ގަދަކަމުން ހިނިތުންވެލިއެވެ.

"މި ބުނީ. މި ބުނީ މިހާ ހެނދުނާ ކަމަކުހޭ؟" ނިހާ ސުވާލު ބަދަލުކޮށްލިއެވެ.

"ނޫނޭ ވަކި ކަމަކު ނޫން. ތި މީހުންނާ ބައްދަލުކޮށްލަން މި އައީ. ތި ދެމީހުން ވެސް ކާވެނި ކުރާ ޚަބަރު ލިބުނީމަ ހިތަށް އެރީ ގެޔަށް އައިސް މަރުހަބާ ކިޔާލަން. އަންނަމަހުގެ ކޮން ތާރީޚެއްގަ ނިންމަނީ؟" ރޫނާ އެހިއެވެ.

ނިހާއަށް އަނެއްކާވެސް ބެލުނީ ނުރުހުންވެފައި ހުރި ނިކާލަށެވެ.

"އެ ކޮޅު ތިބަލަނީ ކީއްވެގެންތަ؟ ތާރީޚް ނިންމަނީ ނިކްތަ؟" ނިހާ މާ ވަރަކަށް ނިކާލަށް ބަލާކަން ރޫނާއަށް ފާހަގަވެގެން އަހާލިއެވެ. ނިހާ އެތަނަށް އައި ވަގުތުން ފެށިގެން ނިކާލްގެ އަނގަގަނޑު މައިތިރިވެ، މިޒާޖު ކުއްލިއަކަށް ބަދަލުވެއްޖެކަން ރޫނާއަށް ފާހަގަކުރެވުނެވެ. އެޔާއެކު އެ ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ރޫނާއަށް އިހްސާސް ކުރެވުނެވެ. ދެމީހުންގެ މެދުގައި މައްސަލައެއް ޖެހި ހިތްހަމަނުޖެހިފައި ކަންނޭނގެއެވެ.

"އަދި ވަކި ތާރީޚެއް ނުނިންމަން. އަންނަ މަހު ކުރީ ކޮޅަށް މިކިޔަނީ." ނިހާ އަވަހަށް ބުނެލިއެވެ.

"ވެޑިން ޑްރެސް ފަހައިފިންތަ؟ ކޮންކުލައެއްތަ؟ ޕާޓީ އޮތީ ކޮންތާކު؟" ރޫނާގެ ސުވާލުތައް ހުހެއްނުވިއެވެ. އަހަރުތަކެއްފަހުން ސުކޫލު ދައުރުގެ ދެ އެކުވެރިންނާ ދިމާވުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. ޙާއްސަކޮށް ނިކާލްގެ ހިތުގައި އޭނާގެ މައްޗަށް ރުޅިވެރިކަމެއް ނެތްކަން އެނގުމުން އަރާފައި ހުރި ފޯރި ވަކިން ގަދައެވެ.

"އަދި ނޭނގެ." ނިހާއަށް އެ ސުވާލުތަކަށް ޖަވާބުދޭން އުނދަގޫވިއެވެ.

"ނޭނގެއޭ." ރޫނާ ހައިރާންވިއެވެ. "ސާބަސް. ތީ އަންހެން ކުއްޖެއްގެ ހަޔާތުގައި އަންނާނެ އެންމެ މުހިންމު އެއް ދުވަސް. ނިހާ އެހާ އުފާވެފަ ހުންނަ ހެނެއް ވެސް ހިޔެއްނުވޭ. ކާވެންޏަށް ނެތެއްނު މާ ދުވަހެއް ވެސް. މިހާ ވަގުތު ކުޑަތަންވީ އިރު އެއްވެސް ކަމެއް ހަމަވެސް ނުޖައްސަނީތަ؟ އަނެއްކާ ދެ ފަރާތުގެ އާއިލާއިން އެދިގެން ކުރާ ކައިވެންޏަކީ ތަ؟"

ނިހާ އެތަނުން ދަންދެން އެއްޗެއް ނުބުނަން ނިކާލް ހުރީ ނިންމައިގެންނެވެ. އެކަމަކު ރޫނާ އެންމެފަހުން ކުރި ސުވާލަށް ނިކާލް ޖަވާބު ދޭ ހިތްވިއެވެ.

"ކޮންތާކު. ހަމަ ލޯބިން ކުރާ ކާވެންޏެއް. ފައިރުއާ ދެމީހުން ހިތާވެ ލޯބިވެގެން ކުރާ ކާވެންޏެއް. މިހާރުގެ ލޯބިވެރިން މާ އަވަސް އަރުވާލައިގެން ކަންތައްތަކެއް ނުނިންމާނޭ." ނިކާލް ވާހަކަ ދެއްކީ ޖެއްސުމުގެ ރާގަކަށެވެ.

"ނިކާލް ތިހުރީ ހުރިހާ ކަމެއް ނިންމައިގެންވިއްޔާ. އެންމެ ކުޑަމިނުން އިންނަން އުޅޭ ކުއްޖާގެ ފޮޓޯގަނޑެއްހާ ހިސާބު ވެސް ނުދައްކާ." ނިހާ ވެސް އަނގައިން ދެރަނުވާންވެގެން ބުނެލިއެވެ.

"އާނ.. ތެދެކޭދޯ؟ ނިކާލްވެސް އިންނަނީނު. އަދި ހަނދާން ވެސް ނެތިފަ މިހުރީ. ނިކްއަށް ވެސް ފަށްފަށުން މަރުހަބާ. ދެން އިސާހިތަކު ބޮޑު ވެދާނެ. ކޮބާތަ ތި އިންނަން އުޅޭ ކުއްޖާ. ދައްކާލަބަ ފޮޓޯއެއް." ރޫނާ ނިކާލަށް ބަލާލަމުން ހެމުންހެމުން ބުންޏެވެ.

"އަސްލު މަ ނޫޅެމޭ މީހަކާ އިންނާކަށް. ނިހާ ކިޔާ ވަރުން ކުއްޖަކު ހޯދަނީ މި. އެއް ދުވަހަކަށް ނިންމާލެވޭނީ އޭރަށްނު. ރޫނާ ހުސްތަ؟ މަށާ އިންނަން ވީނު." ނިކާލްގެ ސުވާލު އަމާޒުވީ ރޫނާއަށް ކަމުގައި ވިޔަސް، އޭނާ ބަލަމުން ގެން ދިޔައީ ނިހާގެ ދެލޮލަށެވެ. ނިހާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްގެން ހުއްޓެއްކަމަކު، ނިކާލްގެ ސުވާލު އިވުނު ވަގުތު އޭނާގެ ހިތަށް ހީވީ ކުޑަ ހަންޖަރެއް ހަރާލިހެންނެވެ.

"ހޫމް.. ކޮންމެހެން މަށާ ފޮށޭނެ ކަމެއް ނެތް." ރޫނާ ނިކާލްއާ ދިމާއަށް އަތް މަޅާލީ ހެމުންނެވެ. "ދެން ސަކަރާތް ނުޖަހައި ދައްކަބަލަ."

"އަސްލުވެސް މަ ހަމަ ހުސްހަށިބައި." ނިކާލް ބުންޏެވެ. ނިކާލްގެ ދެލޮލުން ރޫނާއަށް ސަމާސާ ކުލަވަރެއް ނުފެނުނެވެ. ނިކާލްގެ ސަމާސާތައް އަޑުއަހަން ނިހާއަށް އުނދަގޫވިއެވެ. ނިހާގެހިތް ހަމައަކަށް އަޅުވަމުން މޫނުމަތިގައިވާ ނުތަނަވަސްކަން ފޮރުވޭތޯ ބެލިއެވެ.

"ނުވާނެ ދެން. އަޑުއެހީމޭ އޮންލައިންކޮށް ދިމާވި ކުއްޖެއް ގެންގުޅޭ ވާހަކަ. އަނެއްކާ އެއީ ދޮގެއްތަ؟" ސަމާސާ ކުލަވަރު ފަނޑުކުރަމުން ރޫނާ ސުވާލު ކުރިއެވެ.

"އެއީ ތެދެއް." ނިހާ ޖަވާބުދިން އަޑަށް ރޫނާ އެނބުރި ބަލާލިއެވެ. "އޭނަގެ ވަގުކަން ރޫނާއަށް އަދި ވެސް ނޭނގޭދޯ؟ މާލެގަ އެބުނާ މަންޖެއެއް ހުންނަނީ ވެސް. ނިކާލްގެ ހަޔާތުގަ ލޯބިވާނެ ކުއްޖަކު ނުހުންނަ އިރެއް ހިނގައިދާނެތަ؟ ކޮންމެ ކަމެއް ވެސް މަޖަލަކަށް ނޫނީ ސަމާސާއަކަށް ހަދައިގެން އުޅޭނީ. ދެން އަހަރުމެންނަށް ދައްކަން ބޭނުން ނެތިއްޔާ އެހެން ބުނީމަ ނިމުނީނު. ބޭކާރު ބަހަނާ ތަކެއް ނުދައްކާ. ދޯ ރޫނާ؟"

ނިހާ ރޫނާއަށް ދޯ ދިނީ ނިކާލްގެ މޫނަށް ބަލާލަމުންނެވެ.

"ދެއްކޭނީ ހުރެގެންދޯ؟ ރޫ.ރޫ ގެ ޖަވާބަކަށް މި އިންތިޒާރު ކުރަނީ." ނިކާލް ވައްކަޅިން ނިހާއަށް ބަލަމުން ބުނެލިއެވެ.

ރޫނާއަށް ފަހަރަކު މީހެއްގެ މޫނަށް ބަލަން ފެށުނީ ވާނުވާ ނޭނގިގެންނެވެ. ޤަބޫލުކުރަންވީ އެތަނުން ކާކު ދައްކާ ވާހަކައެއް ކަމެއް ރޫނާއަކަށް ނޭނގުނެވެ. ދެމީހުންގެ ހަރަކާތްތަކަށް ބަލާ އަޅާކިޔާއިރު ރޫނާއަށް ނިހާގެ ވާހަކަތަކަށް ބަރޯސާވެވުނެވެ. ނިކާލަކީ ސަމާސާ ބޮޑު މީހެއްކަން ހަނދާން ނައްތާލައިގެން ނުވާނެތާއެވެ.

"އަޅާނުލާ. އޭނަ ކޮންމެ ކަމެއް ވެސް ހަދާނީ މަޖަލަކަށް. ހިނގާބަލަ އެތެރެއަށް. ދައްތަމެން ވެސް އެތެރޭގަ އެބަ ތިއްބޭ." ނިހާ ބޭނުންވީ އެ ހިސާބުން އެ ވާހަކަތަކުގައި ފުލުސްޓޮޕް ޖަހާށެވެ. އިތުރަށް އެވާހަކަ ދައްކަން ހަދައިން ނުކުންނާނީ ނުރަނގަޅު ނަތީޖާއެއްހެން ނިހާއަށް ހީވެއެވެ.

"އާނ. މީ ފިސާރި ފޮނި ފިރިހެނެކޭ. ނަޒީލާއި ސޮފިއްތަ އެބަ އުޅޭތަ؟ ނަޒީލް އަންހެނުން. ކޮންނަމެއްތަ ކިޔަނީ އިންޝާ ދޯ. ނިހާއާއެކު އުޅުނު. އެ އެންމެންނާ ބައްދަލުކޮށްލައިފަ މިއަދު ގެޔަށް ދާނީ." ރޫނާ ވާހަކަ ދައްކާ ނުނިމެނީސް، ރޫނާ އަތުގައި ހިފައި ދަމަމުން ނިހާ ހިނގައިގަތެވެ.

"ރޫ.ރޫ އަހަރެން ވަރަށް އަވަހަށް ޖަވާބެއް ބޭނުން." ނިކާލް ބާރަށް ބުންޏެވެ. ރޫނާ އެނބުރި ނިކާލަށް ބަލަމުން ޖެހޭނީ ވިސްނާލަންކަމަށް ބުނީ ހެމުންހެމުންނެވެ. ނިހާ މަޑުނުކޮށް އެ ދިޔަގޮތަށް ގޮސް ގޭތެރެއަށް ވަދެގެން ދިޔައެވެ. އެމީހުން ދިޔަ މަންޒަރު ބަލަން ހުރި ނިކާލްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނިހާ ނުތަނަވަސްވުމުން އެ މޫނުކޮޅު ފެންނަލެއް ވަރަށް ވެސް ލޯތްބެވެ. އެ ހިޔާލުގައި ހުރެ އޭނާ އެނބުރި ގޮސް ވަނީ ޖިމަށެވެ.

ރޫނާއަށް ގޭތެރެއަށް ވަދެވުނީ އެންމެ ރަނގަޅު ދަނޑިވަޅުގައެވެ. ފެންޑާގައި ނަޒީލާއި އިންޝާގެ އިތުރުން އިލްހާމާއި ޞަފިއްޔާ ވެސް ތިއްބެއެވެ. އެންމެންވެސް އުފާވެރި ހިނިތުންވުމަކާއެކު ރޫނާއާ ވާހަކަ ދައްކާ ހާލުއަހުވާލު އޮޅުން ފިލުވިއެވެ. ރޫނާއާ ބައްދަލުވެ ވާހަކަ ދައްކާލެވުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ނަޒީލަށެވެ. ނަޒީލް ލޮލުގެ އިޝާރާތުން އިލްހާމަށް ރޫނާ ދައްކާލުމުން ބައްޕަގެ މޫނުމަތިން މާ އެދެވޭ ކުލަވަރެއް ނަޒީލަކަށް ނުފެނުނެވެ. ނަޒީލް ބުނި އެއްޗެއް ނޭގުނީ ބައްޕައަށް ކަންނޭނގެއެވެ. ތަޤުދީރުގެ ރޭވުން އެމީހުންނާ އެއްކޮޅަށް ރޭވިފައިވާކަން ނަޒީލަށް އިޙްސާސްވިއެވެ. އެއްވެސް މީހެއްގެ ލަފަޔާ މަޝްވަރާ ބޭނުން ނެތް ކަމަށް ނިންމައި، ނިކާލްގެ ކާވެނި ރޫނާއާ ކުރާ ގޮތަށް ހަމަޖެއްސުމަށް ނަޒީލް ހިތާހިތުން ނިންމިއެވެ. އަދި ބައްޕައާ އެ ވާހަކަ ދައްކާލާ ހިތުން ރޫނާ ދާނެ އިރަކަށް ކެތްތެރިކަމެއް ނެތި ނަޒީލް އިންތިޒާރުކުރިއެވެ.

ރޫނާ އެންމެންނާ ހީ ސަމާސަކުރަމުން ދިޔައިރު ނިހާ އިންނަނީ އެ ސަކަރާތުގައި ބައިވެރިވާ ހިތް ނުވެފައެވެ. ރޫނާ ގެއަށް ވަން ވަގުތުން ފެށިގެން ނަޒީލް މާ ވަރަކަށް ރޫނާއަށް ބަލާކަން ނިހާއަށް ފާހަގަވިއެވެ. ނަޒީލްގެ މޫނުމަތިން އެ ހިތުގައި އޮތް އެއްޗެއް ދެނެގަންނަން ނިހާ މަސައްކަތްކުރިއެވެ. އެހެން ހުއްޓާ ނަޒީލް ލޮލުގެ އިޝާރާތުން އިލްހާމަށް ކޮށްލި އިޝާރާތް ވެސް ނިހާގެ ލޮލުގައި އަޅައިގަތެވެ. ނަޒީލް ފަރުދާގެ ފުރަގަހުގައި ކުޅެމުންދާ ކުޅިގަނޑު އެނގުމުން ނިހާ ރުޅި އަންނަ ގޮތްވިއެވެ. ހާދަހާ ދެ ފުށް ދެ ގޮތް ފިރިހެނެކޭ ނިހާގެ ހިތަށް އެރިއެވެ. އެއީ ހަމަ ފައްކާ ދެފުށް ކެހެރި ރޯލެކެވެ. އޭނާއަށް ނިކާލް ހޯދަދޭނެކަމުގެ ވަޢުދުވެފައި، ސިއްރުން އެ އުޅެނީ ނިކާލްގެ ކާވެނި ރޫނާއާ ކުރުވަން ހެއްޔެވެ؟ ހަމަހިލާ އެމީހުންގެ ރޭވުން ކާމިޔާބު ވިޔަކަ ނުދޭނަމެވެ. ނިހާ ހިތުގެ އަޑިން އަޒުމު ކަނޑައެޅިއެވެ.

ރޫނާ ގެއަށް ދާން ނުކުތީ އެހެން ދުވަހަކުން އަންނާނެކަމަށް ނިކާލް ގާތު ބުނުމަށްފަހުއެވެ. ނިކާލް ރޫނާއާއެކު ގޭޓާ ހަމައަށް ދިޔައެވެ. އޭރު ދެ ކިހިލި ފަތްދަށަށް އަތްޖަހާ ހަށަންބަނދެލައިގެން މަރުޖީނާ އެމީހުންނާ ދިމާއަށް ބަލަން ހުއްޓެވެ. މަރުޖީނާ ބަލަންހުރި ގޮތުން ނިކާލް ރޫނާ ގާތު ފަހުން ބައްދަލުވާނެކަމަށް ބުނެފައި އެތެރެއަށް ވަދެގެން ދިޔައީއެވެ. ބަލާކަށް ނުހުރެ މަރުޖީނާ ރޫނާއާ ދިމާއަށް ދިޔައީ އަވިއްސެން ހެނެވެ.

"ސާބަސް ދަރިފުޅާ. ސާބަސް." މަރުޖީނާ ފުޅާ ހިނިތުންވުމަކާއެކު ރޫނާގެ ބުރަކަށި މަތީ ފިރުމަން ފެށިއެވެ. "މަންމައަށް އޭރުވެސް އެނގުނޭ ދަރިފުޅު ފެންނައިރަށް ނިކާލް އެ އިންޓަރުނެޓުން ދިމާވި ކުއްޖާ މަތިން ހަނދާން ނެތޭނެކަން. ކިހާ ދުވަހެއްތަ ދަރިފުޅު ގާތުވެސް ނިކާލްއާ އަލުން ގުޅެން އުޅޭށޭ ކިޔާތާ. ރަށަށް އައި ގޮތަށް އެވަރަށް ކީމަވެސް ހަމަހިލާ ގެއިންވެސް ނުނިކުންނަން ވިއްޔާ އޮތީ. ނިކާލް ހުންނާނީ ރުޅި އައިސްފައޭ ކިޔާފަ އެ ގެޔަށްވެސް ނުވަންނަން ނަދުރު ބުނެގެން ހުރީ. މަންމަ ބުނީ އަޅެ ދޮގެއްތަ؟ ނިކާލް ހަމަ އެހުރީ ދަރިފުޅު ނުފެނިގެންނޭ. ދަރިފުޅު ފެނުނީމަ ކިހާ ހެވިފަ އެސޮރު އެ ހުރީ. ހަމަ ރަނގަޅަށް މަގޭ ދަރިޔަށް ހިތް ގުރުބާންކޮށްގެން އެހުރީ. އެހެންނޫނަސް ފުރަތަމަ ލޯބިވިއްޔާ. ހަނދާން ނައްތާލެވޭނީ ވެސް ކިހިނަކުންތަ؟"

"މަންމާ. ތި ހީކުރާހާ ކަހަލަ އެއްޗެއް ނިކް ހިތަކުނެތޭ. އަދި އަހަރެންގެ ހިތަކުވެސް ނެތް." ރޫނާ ކަންބޮޑުވެފައި އޭނާގެ މަންމައަށް ބަލާލިއެވެ. "މަންމަ ބުނި ގޮތަށް ނިކް އުޅެނީ މީހަކާ އިންނަން. އެކަން އަދިވެސް އޮތީ އެގޮތަށް."

ރޫނާ ރަށަށް އައި ދުވަހުން ފެށިގެން މަރުޖީނާ ރޫނާގެ ބޮލުގައި ކޮށަމުން ދިޔައީ ނިކާލާ ބައްދަލު ކުރުމަށް އެދިއެވެ. އެ ދެމީހުންގެ މެދުގައި ޖެހިފައިވާ ކުނި ސާފުކޮށް ނިކާލާ އަލުން ރައްޓެހިވުމަށެވެ. ނަމަވެސް ރޫނާ ހުރީ ނިކާލްގެ ކުރި މައްޗަށް ދާން ލަދުންނެވެ. ނިކާލަށް ދެވުނު ލަނޑު ހިތަށް އަރާފައި ފެންނަ ހިސާބަށް ދާން ވެސް ޖެހިލުންވެފައެވެ.

ރޫނާއާއި ނިކާލް ލޯބީގެ ގޮތުން ގުޅުނީ 05 އަހަރު ކުރިންންނެވެ. އެއީ އެމީހުން ގްރޭޑް 10 އެއްގައި ކިޔަވަމުން ދިޔަ ދުވަސްވަރުއެވެ. އަހަރު ދުވަހު އެކުގައި އުޅުމަށްފަހު މަތީތަޢުލީމު ޙާސިލުކުރުމަށް ރޫނާ މާލެ ދިޔައިރު ވެސް ދެމީހުންގެ ގުޅުމަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް ރޫނާ މާލެ ދިޔަ ގޮތަށް ބަހަބަރުވީއެވެ. ނިކާލްގެ ލޯބީގައި ކޮޅުފައިން ޖެހުމަށްފަހު އެހެންމީހަކާ ލޯބީގެ ގޮތުން ގުޅުނީއެވެ. އެއީ ރޫނާއަށް އެޅުނު ވަރަށް ބޮޑު ޅަ އެއްޗެއްކަން ވިސްނުނީ މާ ފަހުންނެވެ. އޭނާ ނިކާލްގެ ގާތުން މާފަށް އެދެން ބޭނުންވިއެވެ. ނަމަވެސް އެ ހިޔާލު ދޫކޮށް ނިކާލްގެ ހަނދާންތައް ހިތުން ނެރެލައި، ދިރިއުޅުމައިގެން ކުރިޔަށް ދިޔައީއެވެ.

ރޫނާ ރަށަށް އައިސް ނިކާލްގެ ކުރިމައްޗަށް އަރަން ނުކެރިފައި ހުއްޓައި، އިއްޔެ މަންމަ އައިސް ދިނީ ނިކާލްގެ ކާވެނީގެ ޚަބަރެވެ. އެހެންކަމުން ރޫނާ އެގެޔަށް ދިޔައީ ނިކާލް ވެސް އޭނާ މަތިން ހަނދާން ނައްތާލައިފިކަން ޔަޤީންވުމުން މަރުހަބާ ކިޔާށެވެ. ރޫނާގެ ހިތުގައި އިތުރު އެއްވެސް އެދުމެއް ނެތެވެ.

"އަދި ރަނގަޅުވާނެ. ފުރަތަމަ ދުވަހު އެސޮރު ދޮރާ ހަމައަށްވެސް އެ އައީނު. އެއީ ވަރަށް ރަނގަޅު ފާލެއް. ދެވަނަ ދުވަހަކުން ގެޔަށްވެސް އަންނާނެ. ތިން ވަނަ ދުވަހު ކޮޓަރިޔަށް ވެސް.." މަރުޖީނާ ލާނެއް ހިނިގަނޑެއް ޖަހާލިއެވެ.

"ދެން މަންމާ....." ރޫނާ ލަދުގަތްވަރުން ތަންކޮޅެއް ބާރަށް ބުނެވުނެވެ.

"ހޫމް. ތިޔެއްނޫނޭ. އެސޮރު އިންނަން އުޅޭ ކުއްޖާ. އެއީ ކާކުކަން އެނގިއްޖެތަ؟" މަރުޖީނާ ޝައުގުވެރިކަމާއެކު އެހިއެވެ.

މަންމަ މީހުންގެ ފަތިފުށް ބަލާ ވާހަކަ ހޯދަން ޝައުޤު ހުންނަވަރުން ރޫނާ ގާތަށް ހިނިއައެވެ. ކިތަންމެ ދުވަހެއް ވިޔަސް މަންމަގެ އެ އާދަތަކެއް ބަދަލެއް ނުވާނެއެވެ.

"ނޭނގެ މަންމާ. އެ މީހުން ނުދައްކާ ނިކާލްގެ ކާވެނީގެ ވާހަކައެއް. އަހަރެން އެޔެއް ބަލާކަށް ވެސް ބޭނުމެއްނޫން." ރޫނާ ގެއާ ދިމާއަށް ހިނގައިގަތެވެ.

"އަދި މީނަ ފޮނުވައިގެން އެއްޗެއް ހޯދަން އުޅޭނެ ކަމެއް ނެތް." ޗޮކެއް ކަނޑާލަމުން މަރުޖީނާ ބުނެލިއެވެ.

"ރޫނާ ވާނެ އެގެޔަށް ގިނަގިނައިން ދާން." ރޫނާ ފަހަތުން ހިނގައިގަންނަމުން މަރުޖީނާ ބުނެލިއެވެ.

"ދެން މަންމާ" ރޫނާ ހުއްޓެމުން ބުންޏެވެ. "ކީއްކުރަންތަ އޭނަ ކާވެނި ހަމަޖެހިފަ އޮއްވައި މަ އެ ދޭތެރެއަށް ވައްދަން ތިއުޅެނީ."

"މަންމަ ނުކިޔަމޭ ރޫނާ ގޮސް އެމީހުންގެ ދިރިއުޅުން ހަލާކުކުރާކަށް. މަންމަ މި ބުނީ ނިކާލްއާ ގާތް ރައްޓެހިކަމެއް ބާއްވާށޭ. ފަހަރެއްގައި އެ އިންނަން އުޅޭ ކުއްޖާއަށްވުރެ ބޮޑަށް ރޫނާވެސް ކަމުގޮސްދާނެން ނޫންތަ؟ ނިކާލްގެ ހިތުގައި ވަޅުޖެހިފައި އޮތް ލޯބި ދިރިގެން ރޫނާގެ ކާވެންޏަށް އެދިދާނެ. އެހެން ވެއްޖިއްޔާ ނަސީބު އަތުގައި ހިފީ. ރޫނާ ގޮސް އެމީހުންގެ ކާވެނި ރޫޅާލައި އެ ދޭތެރެއަށް ވަންނާކަށް މަންމަވެސް ނުބުނާނެއްނު." މަރުޖީނާގެ ވިސްނުން ހާމަކުރިއެވެ.

ރޫނާ އިތުރަށް އެއްޗެއް ނުބުނެ ހިމޭންކަން އިޙްތިޔާރުކުރިއެވެ. މަންމައަކީ އަބަދުވެސް މުއްސަނދިކަމަށް ލޯބި ކުރާ އަންހެނެކެވެ. ރޫނާގެ ކާވެނި ނިކާލްއާ ކުރުވަން މަންމަ ބާރު އަޅަނީ އެހެން ދެވަނަ ދެކަމަކު ނޫނެވެ. ނިކާލްގެ ކާވެނި ރޫޅާލުމުގެ ޝައުޤުވެރިކަމެއް ނެތްކަމުގައި ބުންޏަސް މަންމަގެ ނިޔަތަކީ އެއީކަން ރޫނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ބާބު 05 - އިންޒާރު

"އެ މަރުޖީނާގެ ދަރިޔަކާ ނިކާލް ދެވަން ހިތަށް އަރުވައިގެން ވެސް ނުވާނެ. މިހާރުވެސް މުޅި ރަށުގަ މަގޭ ނުބައި ވާހަކަ ދައްކަމުން ދުވާ އަންހެނެއް އެއީ." ނަޒީލްގެ ވިސްނުން ހާމަކުރުމާއެކު އިލްހާމް އެކަމާ ވަގުތުން ދެކޮޅު ހެދިއެވެ. "މަށެއް ޤަބޫލެއްނޫން ރޫނާއާ ނިކާލް ކާވެނިކުރުވާކަށް."

"މަ ޤަބޫލު. މަންމަ ނިކާލްއާ ތި ވާހަކަ ދައްކާނަން." ޞަފިއްޔާގެ ހިޔާލު މުޅިން ތަފާތެވެ.

އިލްހާމް ފުންނޭވާއެއް ދޫކޮށްލަމުން ޞަފިއްޔާއަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ.

"މިއުޅެނީ މިރަށުގަ އަންހެންކުދިން މަދުވެގެނެއްނޫނޭ. ނިކާލްއާ އިންނަން ބޭނުންވެފަ އެތައް ކުދިންނެއް ތިބޭނެ. މަރުޖީނާ ކަހަލަ މީހެއްގެ ދަނބިދަރިއަކަށް ނިކާލް ހަދާކަށް މަށެއް އެއްވެސް ހާލެއްގައި ޤަބޫލެއް ނޫން." އިލްހާމްގެ އަޑުގައި ހަރުކަށިކަން އެކުލެވިފައިވެއެވެ.

"ރޫނާއަކީ މަރުޖީނާގެ ދަރިޔަކަސް މަރުޖީނާގެ އެ ހުންނަ ގޮތެއް އަދި އުޅުމެއް ވެސް ރޫނާގެ ނުހުންނާނެ. ޤަބޫލުނުވާންވީ ސަބަބެއް ނެތް. ނިކާލާއި ނިކާލްގެ ބައްޕަވެސް ކިހާ ތަފާތުތަ؟" ޞަފިއްޔާ ވައްބަހުން އިލްހާމަށް ރައްދުދިނެވެ.

"ޞަފިއްޔާ... ކޮންމެ ކަމަކާ ޖަދަލުކުރަން ނޫޅެބަލަ. މަރުޖީނާގެ ގޮތް ނޭނގެނީތަ ހަމަ." އިލްހާމް ނުރުހުމާއެކު ބުނެލިއެވެ.

"ނިކާލްގެ ކާވެނި ކުރުވަން މިއުޅެނީ މަރުޖީނާއާތަ؟" އިލްހާމް ބުނާ ކޮންމެ އެއްޗަކަށް ދޭތިބުނެ ރައްދު ދިނުމުގައި ޞަފިއްޔާ އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހެއެވެ.

ޞަފިއްޔާއާ އިލްހާމް ކޮޓަރީގައި ތިބެ އެކަކު އަނެކަކަށް ބަހުގެ ހޫނު ހަމަލާތައް ދެމުން ދިޔައެވެ. އެމީހުންގެ ކުރިމަތީގައި ނަޒީލް ހުއްޓިލައިގެން ހުރީ އެ ޒުވާބު ނިމޭނެ އިރަކަށް ކެތްކޮށްލައިގެންނެވެ. ނަމަވެސް އިރުން އިރަށް އަޑު ގަދަވުމުން ގޮސް ނަޒީލްގެ ކެތްތެރިކަން ކޮޅުންލިއެވެ. މަންމައާ ބައްޕައަށް ހަރު އަޑު ގޮވާލުމާއެކު ދެމީހުން އެއްފަހަރާ ނަޒީލަށް ބަލާލިއެވެ.

"ބައްޕަމެން ތީ ކުޑަކުދިންތަ؟" ނަޒީލް ހިތްހަމަނުޖެހިފައި ބުންޏެވެ. "ދެމީހުންގެ ކަމަކީ އަބަދު ޒުވާބުކުރުން. އެއްކަމެއްގަ ވެސް ދެމީހުން އެއްގަލަށް ނާރާތި."

"ނަޒީލްގެ ބައްޕަ ހިތްހަމަޖެހޭނީ މަށާ ޒުވާބު ކުރެވުނީމަ." ޞަފިއްޔާ އިލްހާމް ކުށްވެރިކޮށްލިއެވެ.

"ބައްޕަ އެކަންޏެއް ނޫނޭ. މަންމަ ވެސް ގޮތެއް ދުލެއްނުކުރޭ. ދެމީހުންވެސް ހަމަހަމަ." ނަޒީލް ދެ ޖީބަށް އަތްޖަހައިލަމުން ބުންޏެވެ. "ތިކަމުގައި ދެ މީހުންނަށްވެސް ގޮތެއް ނުނިންމޭނެ. އެހެންވީމަ މަ ގޮތެއް ނިންމައިފިން. ނިކާލްގެ ކާވެނީގެ ވާހަކަ މަންމަ ނިކާލްއާ ދައްކާ. ނިކާލް ޤަބޫލުކަމަށްވަންޏާ ކާވެނި ކުރުވާނީ ރޫނާއާ. އެއްވެސް މީހެއްގެ ރުހުމެއް ބޭނުމެއްނޫން. ނިކާލް ރުހެންޏާ ނިމުނީ."

"އާނ. މަގޭ ރުހުމެއް މުހިއްމެއް ނުވާނެ. ކަލެޔަށް ކަމުދާނީ ކަލޭ އަމާ ބުނާގޮތް. މަދެން މީ އެއްވެސް މީހެއް ނޫން." އިލްހާމް އެނދުން ތެދުވަމުން ބާރަށް ބުންޏެވެ. "މަގޭ ކައިރީ ތި ކައިވެނީގެ އެއްވެސް ވާހަކައެއް، އެކަކު ވެސް މީގެފަހުން ދައްކައިގެން ނުވާނެ. ކަލޭމެން ހާވާ ހަޑިއެއް ހާވާ. މަ ބައްސަން ހަދާނެ ކަމެއް ނެތް."

އިލްހާމް ނަޒީލާ ދިމާއަށް ބަލާލަމުން ބާރަށް ހިނގައިލައިފައި ގޮސް ކޮޓަރިން ނުކުތީ ބާރަކަށް ދޮރުޖަހާފައެވެ. ނަޒީލް ދެއަތަށް ބޯ ހޫރުވައިލަމުން ޞަފިއްޔާ ގާތު އިށީނެވެ. ޞަފިއްޔާ ފަލަމަސްގަނޑުގައި އުޅަނބޮށި ޖައްސައިލައިގެން ދެ އަތުގެ ތެރެއަށް މޫނުލައިގެން އިސްޖެހިފައި އިނެވެ. ރުޅިގަދަވެގެން ޒުވާބު ކުރި ޞަފިއްޔާގެ ދެލޮލުން މިހާރު އަންނަމުން ދަނީ ހޫނު ކަރުނައެވެ. ނަޒީލް އޭނާގެ މަންމަގެ ބުރިކަށީގައި ފިރުމާލަމުން ހުއްޓާލުމަށް އެދުނީ އޯގާތެރިކަމާއެކުއެވެ.

"ދަރިފުޅާ. މަންމައަކަށް ނޭނގެ މިވާ ގޮތެއް. ބައްޕަދެކެ ފޫހިވަނީ. އިންތިހާއަށް ފޫހިވަނީ. މަންމައަކަށް ހިޔެއްނުވޭ މި ގުޅުން މާ ގިނަ ދުވަހަކު ދެމި އޮންނާނެހެނެއް ވެސް. މިހެން އުޅެން ވެއްޖެނަމަ މަންމަ މޮޔަވެދާނެ. ބައްޕައާ ވަކިވާން ޖެހުނަސް މަންމައަށް އެދުވަހަކުން މާފުކުރާތި." ޞަފިއްޔާ މަޑުމޮޅި ރާގެއްގައި ވާހަކަ ދައްކަމުން ދިޔައިރު އިރުއިރު ކޮޅުން ނޭފަތް ދަމާލައެވެ.

"މަންމާ. ތިޔަ ކަހަލަ ވާހަކަ ނުދައްކާ. އަދި ހުރިހާކަމެއް ވެސް ހަމަޔަކަށް އެޅޭނެ." ނަޒީލް ދެރަވިއެވެ. އޭނާ މަންމަ ގަޔާ ކައިރިކޮށްލައިގެން އިނދެ ނަސޭޙަތްތެރިވީ ކެތްތެރިވުމަށެވެ. މަންމައާއި ބައްޕަ ވަކިން އުޅޭތަން ދުށުމަށް ހިތަށް ކެތްނުވާނެކަމުގައި އޭނާ ތަކުރާރުކޮށް ބުންޏެވެ.

"މަންމަ ތި ދެ ދަރިންނާއެކުގައި އުޅެން ބޭނުންވާތީ ކެތްކުރެވޭތޯ މި ބަލަނީ." ޞަފިއްޔާ ދެއަތުން ކަރުނަތައް ފޮހެލިއެވެ. "ދެން ދޭ ދަރިފުޅު. މެންދުރު ވަގުތުވަނީ. ނަމާދަށް ދާން ތައްޔާރުވާން ދޭ. މަންމަ ކޮންމެ ވެސް ވަގުތަކުން ނިކާލްއާ ކާވެނީގެ ވާހަކަ ދައްކާނަން."

ނަޒީލް ހިނިތުންވެލަމުން ކޮޅަށް ތެދުވެލިއެވެ. އަދި ޞަފިއްޔާ ކުރިމަތީ ހުއްޓިލަމުން ދެކަކޫ މައްޗަށް ތިރިވެލިއެވެ.

"މަންމަ ލޮލުން އެންމެ ކަރުނަތިއްކެއް ވެސް ވައްޓައިލައިގެން ނުވާނެ." ނަޒީލްގެ ދެއަތުން ޞަފިއްޔާގެ ލޮލުން ފޭބި ކަރުނަ ފޮހެދިނީ ލޯތްބާއެކުއެވެ. ޞަފިއްޔާ ހީނލަމުން ބޯ ޖަހައިލިއެވެ.

ދެވަނަ ފަންގިފިލާގައި ހުރި އިލްހާމްގެ ކޮޓަރިން ނުކުމެ، ނަޒީލް ތިރިޔަށް ދިޔައިރު އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. މަންމައާއި ބައްޕަގެ ދެމެދު ޖެހުނު މައްސަލަތައް ގޯސްވެ ވަރިފަށަށް އަރާފައިވާކަން އޭނާއަށް އެނގުނީ އަލަށެވެ. ދެމީހުން ޒުވާބުކޮށް ހެދި ނަމަވެސް ބައްޕައާ ވަކިވުމުގެ ހިޔާލު މަންމަ ގެންގުޅޭ ކަމެއް ކުރިޔަކުން އެނގިފައެއް ނުވެއެވެ. ބައްޕަގެ ގޯސް އާދަތަކެއް ހުރުމުން މަންމަ ފޫހިވީ ކަންނޭނގެއެވެ. ދަރިން ބޮޑުވެ ފުރާފުރިހަމަވެ، ތަޞައްރަފު ފުދިފައި ތިއްބެއް ކަމަކު މަންމައާއި ބައްޕަ ވަކިވާކަށް ނަޒީލްގެ ހިތެއް ނޭދެއެވެ. އޭގެކުރިން ބައްޕަމެންގެ ގުޅުން ރަނގަޅުކުރަން އޭނާ ކޮންމެވެސް ކަމެއް ކުރަން އެބަޖެހެއެވެ. އެކަމަކު ކުރެވޭނީ ވެސް ވަކި ކީއްހެއްޔެވެ؟ އެއްވަރުގެ ގޮތްދޫނުކުރާ ބޯހަރު ދެމީހުންނެވެ. އޭނާ އެ ހިޔާލުގައި ހުރެ ކޮޓަރިއާ ދިމާއަށް ދަނިކޮށް ނިހާ އައިސް އޭނާގެ ކުރި މައްޗަށް ހުއްޓުމާއެކު ސިހުނެވެ.

"މަ ކުރާ ސުވާލުގެ ޖަވާބު ދީބަލަ. ކަލޭގެ އަސްލު ބޭނުމަކީ ކޮބައިތަ؟" ނިހާ ކޮށްލި ސުވާލުން ނަޒީލް ޚައިރާންވިއެވެ. ނިހާގެ މޫނަށް ފުން ނަޒަރެއް ދިނުމުން ހިތްހަމަނުޖެހިފައި ހުރިހެން ހީވިއެވެ. ނަޒީލްގެ ހަޤީޤަތް ނިހާއަށް އެނގިއްޖެކަމަށް ނަޒީލަށް ވަގުތުން ޝައްކުވިއެވެ.

"ކީކޭ ތިބުނީ." ނަޒީލް ބޭނުންވީ ޔަޤީންކުރާށެވެ.

"ތި މޫނުމަތި އަޅައިގެން އުޅޭނެކަމެއް ނެތް. ރޫނާއާ ނިކާލްގެ ކާވެނިކުރުވަން ކަލޭ ބޭނުންވާކަން މަށަށް އެނގޭ. އެހެންވެ މި އަހަނީ މަށަށް ވައުދުވެފައި މާ ރަނގަޅު މީހަކަށްވެގެން އުޅުމުގެ ބޭނުމަކީ ކޮބައިހޭ؟" ނިހާ ސީދާ ސީދަލަށް ސާފުވާނެ ގޮތަށް ކިޔާލަދިނެވެ. ނިހާއަށް ހުރިހާ ހަޤީޤަތެއް އެނގިއްޖެކަން ޔަޤީންވުމުން ނަޒީލްގެ ތުންފަތް މައްޗަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ.

"އަދި އެނގޭނެ. ނިހާ ރުޅި އައިމަ އަދި މާ ލޯބި." ނަޒީލް ކުޑަކޮށް ގުދުވެލަމުން ނިހާގެ ކަންފަތް ބުޑުގައި ވައިއަޑުން ބުނެލިއެވެ. ފަހު ޖުމްލައާއެކު ނަޒީލްގެ ނިޔަތް ރަނގަޅު ނޫންކަން ނިހާއަށް އެނގުނެވެ. ދެ ޖީބަށް އަތްޖަހައިލަމުން ނަޒީލް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

"މަށަކަށް ހިޔެއްނުވޭ ކަލެޔަށް ކުޑަވެސް ބަދަލެއް އައި ހެނެއް. ތި ފޮރުވައިގެން އުޅޭ ހަޤީޤަތް އިންޝާއަށް ބުނެދޭނަން. ކަލޭގެ އެއްވެސް ރޭވުމެއް ކާމިޔާބު ވިޔަކަ ނުދޭނަން." ނިހާ އަޑަށް ބާރުލަމުން އޭނާގެ ނިންމުން އިއްވާލައިފައި ކޮޓަރިއަށް ވަނެވެ.

ނަޒީލް ހުރީ އޭނާގެ ކޮޓަރި ދޮރުމަތީގައި ހުއްޓިލައިގެންނެވެ. ނިހާ ދެންމެ ބުނި އެއްޗަކާމެދު ވިސްނާލެވުނެވެ. އިންޝާއަށް ނިހާ ބުނެދޭން އޮތީ ކޮން ހަޤީޤަތެއް ހެއްޔެވެ؟ ނިހާއަށް ނިކާލް ހޯދައި ދޭނެކަމަށް ވައުދުވެފައި ނިކާލްގެ ކާވެނި ރޫނާއާ ކުރުވަން ރޭވި ވާހަކަ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އޭނާ އެކަމާ ހާސްވާކަށް ނުޖެހެވެ. އޭނާގެ ހުރި ހަމައެކަނި ކޮއްކޮގެ ދިރިއުޅުން ސަލާމަތްކުރަން ކުރި ކަމެއްކަމުގައި ބުނެލާނީއެވެ. ނަޒީލް ހަމަޖެހިލަމުން ކޮޓަރިއަށް ވަނީ އިންޝާއަށް ގޮވާލަމުންނެވެ. އިންޝާ ކޮޓަރީގައި ނެތުމުން ބޭރަށް ނުކުމެ ފަރާތް ފަރާތަށް ބަލައިލިއެވެ. އޭނާ ދުރު ފިޔަވަޅުތަކެއް އަޅަމުން ގޮސް ނިހާ ކޮޓަރި ދޮރާ ހަމަވުމާއެކު ހުއްޓުނެވެ. ދެން އެއްޗެއް ވިސްނަން ހުރެފައި ދޮރު ހުޅުވާލައިފައި އެ ކޮޓަރި ތެރެއަށް ވަނެވެ.

އެނދުމަތީ އިށީނދެ އިން ނިހާއަށް ނަޒީލް ފެނުމާއެކު ފުންމައިގެން ތެދުވެވުނެވެ. ނަޒީލް ދޮރު ލައްޕާލަމުން ނިހާއާ ދިމާއަށް ހިނގައިގަތެވެ. ނިހާގެ ދެލޯ ބޮޑުކުރުމަކުން ފަހަތަށް ފިޔަވަޅުތަކެއް އަޅާލިއެވެ.

"ހަމަ މިހާރު މި ކޮޓަރިން ނުކުމޭ. ނޫނީ ހަޅޭލަވައިގަންނާނަން." ނިހާ އަތުގެ އިޝާރާތުން ކޮޓަރި ދޮރު ދައްކަމުން ބުނެލިއެވެ.

"މައިތިރިވޭ." ނަޒީލް އަތް ހިއްލާލަމުން ހުއްޓުނެވެ. "ކަލޭ ގަޔަށް އަރަން ބޭނުންވާނަމަ މަ މިތަނަށް ވަންނާނީ މިގަޑިޔަކު ނޫން. ތިކަހަލަ ވިސްނުމެއް ނެތް. މި އައީ ވާހަކައެއް ބުނަން. ތި މުޑުދާރު ވިސްނުން ހަޤީޤަތަކަށް ހަދައިގެން އިންޝާ ގާތު ފާޑުފާޑު ވާހަކަ ދައްކަން ހިޔާލުވެސް ނުކުރާތި. މަށެއް އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަލެޔާ ބެހޭކަށް. އެ ވާހަކަ ބުނެލަން ވެގެން މިއައީ."

"އެންމެ ޝަރުތެއްގެ މަތިން." ނަޒީލް ކޮޓަރިން ނުކުންނަން ހިނގައިގަތުމާއެކު ނިހާގެ އަޑުއިވުނެވެ. އޭނާ އެނބުރި ބަލާލިއިރު ނިހާ ހުރީ ހަށަންބަދެލައިގެން ނިކަން ހެވިފައެވެ. ކުރިން އެ މޫނުމަތިން ފެނުނު ނުތަނަވަސްކަމާއި ރުޅިވެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް އެމޫނަކުން މިހާރު ފެންނާކަށް ނެތެވެ.

"މަ މިއައީ ކަލޭގެ ޝަރުތު އަޑުއަހާ ކަލެޔާ ސައްލާ ކުރާކަށް ނޫން. ކަލެޔަށް ނުބައިކޮށް ވިސްނިފައި އޮތީމަ. އެވާހަކަ ބުނެލަން." ނަޒީލް އާދައިގެ ގޮތަކަށް ބުނެލިއެވެ.

ނިހާ ޖަހާލީ ވަރުގަދަ ހިނިގަނޑެކެވެ. ނަޒީލްގެ ނިޔަތް ކިތަންމެ މުޑުދާރަސް، އޭނައަކީ ވަރަށް ބޮޑު ފިނޑިއެކެވެ. ނަޒީލްގެ ބޮލުގައި ތުހުމަތެއް އަޅުވައިގެން އިންޝާގެ ހިތް އޭނާގެ މައްޗަށް ކިލަނބު ވެދާނެތީ އޭނާ ބިރުގަނެވެ. ރަށަށް ބޭޒާރުވެދާނެތީ އެޔަށްވުރެ ބިރުގަނެއެވެ. ނުބައި އާދައެއް ހަރުލާފައި ހުއްޓެއް ކަމަކު އޭނާ އިންޝާއާ ވަކިވާކަށް ބޭނުމެއް ނުވެއެވެ. މިހާރުވެސް ބިރުން އެ އުޅެނީ އިންޝާ ގާތު ނިހާ ވާހަކައެއް ދައްކާފާނެތީއެވެ. ނިހާ ބޭނުންވީ އެ ބިރުގެ ނާޖާއިޒް ފައިދާ ނަގާލާށެވެ.

"މަ އިންޝާ ގާތު އެއްވެސް ވާހަކައެއް ނުބުނާނީ ކަލޭ މަ މި ކުރާ ޝަރުތު ޤަބޫލުކުރިއްޔާ. އެ ޝަރުތަކީ ތި މީހުން ތި ކުރުވަން ރާވަމުންދާ ނިކާލްގެ ކާވެނި ހުއްޓުވުން." ނިހާ ވަރަށް ހަމަޖެހިލައިފައި ޝަރުޠު ހާމަކޮށްލިއެވެ.

"ކީކޭ ހިތަށް އަރައިގެން ތި ތެޅެނީ." ނަޒީލްގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވިއެވެ. "މަށަށް ބިރު ދައްކާގެން ކަލޭ ބޭނުންވާ ކަންތައް ކުރުވާނަމޭ ހިތާތަ ތިއުޅެނީ؟ ބިރެއް ނުގަނޭ. މަ އެއްވެސް ޝަރުތެއް ޤަބޫލުކުރާކަށް ނެތިން. ކަލޭ ވިސްނާ ގޮތަކަށް ވިސްނާފަ ހަދާ އެއްޗެއް ހަދާ. ނިކާލް ކާވެނި ކުރަން ހުރިއްޔާ އޭނަގެ ކާވެނި ކުރެވޭނެ. ކަލޭ އެކަމާ ހިތްޕުޅާ ނުވަންޏާ ނިކާލް ހުއްޓުވާ. މަށަށް ގޮތް ކިޔާދޭން ނޫޅޭ."

"އަދި ވިސްނާލާ. މަ ދައްކާ ކޮންމެ ވާހަކައެއް އިންޝާ ޤަބޫލުކުރާނެ." ނިހާ ބޭނުންވީ ނަޒީލްގެ ހިތަށް ބިރުވެރިކަން ވައްދާށެވެ.

"ކަލެޔަށް ޖެހޭނީ ދޮގު ހަދަން. އެންމެ ގާތް އެކުވެރިޔާއޭ ކިޔާގެން އޭނާގެ ދިރިއުޅުން ހަލާކުކުރަން ބޭނުންވަންޏާ އެކަންވެސް ކުރަންވީ. މަގޭ އެއްވެސް މައްސަލައެއް ނެތް. ފިރިމީހާގެ ވާހަކަ ދޮގުކޮށްފަ ކަލޭ ދައްކާ ވާހަކަ ޤަބޫލުކޮށްގެން އިންޝާއަށް ވެސް ވަކި ވާނެ މޮޅެއް ނޯންނާނެ." ނަޒީލް ދަތްވިކާލަމުން ބުނެލިއެވެ. ދޮގެއް ހަދައިގެން އިންޝާގެ ދިރިއުޅުން ހަލާކުވާނެފަދަ ކަމެއް ކުރާކަށް ނިހާއަށް ނުކެރޭނޭ ނަޒީލްގެ ހިތްބުނެއެވެ.

"މަ އެބަ އުޅޭތަ ދޮގެއް ހަދަން؟ ކަލޭގެ ތިހިރަ ވަޙުޝީކަން ދުވަހަކު ވެސް ނުކެނޑޭނެ. އެކަމަކު ކަލޭ އަދި މިދަނޑިވަޅުގަ އެކަހަލަ މޮޔަކަމެއް ނުކުރާނެ. އޭގެ މާނައަކީ ފަހުން ނުކުރާނެއެކޭ ނޫން. މަ އަދި ސަލާމަތްވިޔަސް ކަލޭގެ ޝިކާރައަކަށް ކޮންމެވެސް އެހެން އަންހެނެއްގެ ޖިސްމު ހަދާނެ. މީ ހަޤީގަތެއް ނެތް ތޯތޯ ވާހަކަ އެއްނޫން. އެކަމު ދެން މައްސަލައެއް ނެތް. މަ ނެތިން ކަލޭ ތި އޮރިޔާން ވެފަ ހުރި ވަރަށް ވުރެން ބޮޑަށް އޮރިޔާން ކުރާކަށް. އެކަމަކު ބުނަން. ކަލޭ ތިހިރީ އިންޝާ ކައިރީ ވަރަށް ބޮޑު ދޮގެއް ހަދާފަ. މަގޭ ގަޔަށް އަރަން މަސައްކަތްކުރީ ޖިންނީގެ ބާރުންކަމަށް ބުނެ އޮޅުވާލި އޮޅުވާލުން އެއީ ވަރަށް ބޮޑު ދޮގެއް. މަށަށް އެނގޭ ދެރޭ މަތިންވެސް ކަލޭ މަގޭ ކޮޓަރިއަށް ވަނީ ހަމަހޭގައި ހުރެގެންކަން. މިހުރިހާ އެއްޗެއް އެނގޭއިރު ވެސް އިންޝާގެ އުފަލަށްޓަކައި ކަލޭ އިސްލާޙުވާނެކަމަށް ބަލާފައި މާފުކޮށް ދެވަނަ ފުރުޞަތެއް ދޭށޭ ބުނީވެސް ޚުދު އަހަރެން. މަ ބުނި ބުނުމަކަށް މާފު ދިނީ. އެކަމު މިހާރު ތި އުޅުން ހުރި ގޮތުންނާ އަދިވެސް ކަލޭ ބަދަލުވާން ހިޔާލު ވެސް ނުކުރާތީ ކަލެޔަށް ފުރުސަތެއް ދޭން ބާރު އެޅުނީތީ ވެސް މަ މިއަދު ލަދުގަނޭ. ކަލެޔަކަށް ފުރުސަތެއް ކީއްކުރަން އިންޝާ ކަހަލަ މާތް ކުއްޖެއްވެސް ހައްޤެއްނޫން. އެހެންވީމަ މި ބުނި އެއްޗަކާ މެދު ފުންކޮށް ވިސްނާލާ." ނަޒީލްގެ ހިޔާލު ބަދަލުކޮށްލެވޭތޯ ނިހާ އިންޒާރުތައް ދިނެވެ. އެ އިންޒާރުތަކުން ނަޒީލްގެ ވިސްނުން ބަދަލުކޮށް ރާވަމުންދާ ރޭވުންތަކުން އެއްކިބާވާނެކަމަށް ނިހާ އުންމީދުކުރިއެވެ. ނަމަވެސް ނިހާއަށް ކުރެވުނީ ކުށްހީއެކެވެ.

"ސާބިތުނުކުރެވޭ ކަހަލަ ކަންތަކުގެ ވާހަކަ ނުދައްކަބަލަ. ތި ވާހަކަ އިންޝާ ޤަބޫލުކޮށްފާނެ. އެކަމަކު ނިކާލަށް ތި ހަބަރު އިވިއްޖެއާ ކަލޭދެކެ ހާދަ ރުޅިއެއް އަންނާނޭ. އޭނާ ތިދައްކާ ވާހަކައަށް އިތުބާރު ކުރާނެބާ؟ މަށަށް ހީވަނީ ކަލެޔަށް އިތުރަށް ނަފްރަތު ހެން ކުރާނީ. އެހެންވީމަ ކަލޭ މިކަމާމެދު ވިސްނާލާ. އެވެސް ފުންކޮށް." ނަޒީލް ހުރީ ގޮތްދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ނިހާ ދެމުންދިޔަ އިންޒާރަށް އޭނާ ގޮންޖަހަމުން ގެންދިޔައީ ސާބިތުކަމާއެކުއެވެ. ނިހާގެ މޫނުމަތީގެ ކުލަވަރު އޮއްސުނު މަންޒަރު ފެނި ނަޒީލަށް ހިތްހަމަޖެހުން ލިބުނެވެ.

"އެހެންވީމަ މަ ކަންކުރަންވީ ގޮތް ކިޔާދޭން ނޫޅޭ." ނަޒީލް އެއްމިޔަކަނުން ހީނލިއެވެ. ނިހާ އެއްޗެއް ބުނުމަށް ފުރުޞަތުދީގެން ނަޒީލް ހިމޭނުން ހުއްޓެވެ. ނިހާގެ އަނގައިން އިތުރު އެއްޗެއް ބޭރުނުވާނެ ހެން ހީވުމުން އޭނާ ހިނގައިގަތެވެ.

"ޕޮލިހުންނަށް ސާބިތުކުރެވޭނެދޯ؟" އަނެއްކާ ވެސް ނިހާގެ އަޑަށް ނަޒީލަށް ހުއްޓެން މަޖުބޫރުވިއެވެ. "އެ މައްސަލަ އަދިވެސް އޮތީ ޕޮލިހުގައޭ. އެމީހުން ހެތްކާއި ޤަރީނާ ހޯދުމުގައި އަވަދިނެތި އެ އުޅެނީ. މަ ކޮށްލަންޖެހޭނެ ހަމަ އެކަނި ކަމަކީ ގޮސް މަގޭ ބަޔާން ބަދަލުކޮށްލުން."

"ކިހާ ބޮޑު **** މީ." ނަޒީލް ގާތަށް ރުޅިއައެވެ. އޭނާ ބާރަށް ހިނގާލައިފައި ގޮސް ނިހާގެ އަނގަޔަށް ފިއްތާ ބާރުކޮށްލަމުން މެދުހަށީގައި ބައްދައިގަތީ ގަޔާލައި ފިއްތާލަމުންނެވެ. ނިހާގެ ދެ އަތުން ނަޒީލްގެ މޭމަތީގައި އަޅާ ކޮއްޕާލަމުން މޫނުމަތީގައި ތަޅައިގަތެވެ. ނަޒީލްގެ އަތަށް އިހުނަށްވުރެ ބާރުކޮށްލުމާއެކު ނިހާގެ ކޯކަށިގަނޑުން އަޅަމުން ދިޔަ ވޭނުން ލޮލުން ކަރުނަ ހިލުވާލިއެވެ.

"މާ ކަންތައް ވާ މީހަކަށް ވެގެން ނުތެޅިބަލަ." ނަޒީލްގެ މޫނު ނިހާގެ މޫނާ ކައިރިކޮށްލަމުން ބުންޏެވެ. "މަށަށް ކަންކަން ކުރަން ނުކެރިގެންނެއް ނޫޅެން. ކަލޭ ގަޔަށް އަރަންވެސް ކެރިދާނެ. އެހެންވީމަ މަށަށް ފާޑުފާޑުގެ އިންޒާރުތައް ދޭނެކަމެއްނެތް. ކަލޭ ކުރިން ޕޮލިހުންނަށް ތެދުތެދަށް ކިޔާނުދިނީ ކީއްވެގެންތަ؟ ސަބަބަކީ އެކަމުން ކަލެޔަށް ވާނެ ފައިދާއެއް ނެތީމަ. އެހެންވީމަ ދެންވެސް ކަލޭ އެވާހަކައެއް ނުދައްކާނެ. އެހެންނޫނަސް ކަލެޔަށް ޖިންސީ ގޯނާއެއްވިކަމުގެ ހެތްކެއްނެތި ކަލޭ ދައްކާ ވާހަކަ އެމީހުން ޤަބޫލުކުރިޔަސް މިގެޔަކު ކަލޭ ދައްކާ ވާހަކަ ޤަބޫލުކުރާނެ މީހެއް ނޫޅޭނެ."

ނަޒީލް ނިހާގެ އަނގަޔަށް ފިތާ ތަދުކޮށްލަމުން ފަހަތަށް އަޅާ ކޮއްޕާލީ އެއްވެސް ރަހުމެއްނެތިއެވެ. ނިހާގެ އަނގައިން އަޑެއް ބޭރުކޮށްލަމުން އަނގަމަތީ އަތް އަޅާލެވުނެވެ. އޭނާގެ ދެއަތުން ކޮލުގެ ދެފަރާތުގައި ހިފަހައްޓައިލައިގެން އިރުގަނޑަކު މަޑުން ހުރުމަށްފަހު ނަޒީލާ ދިމާއަށް އަޔެވެ.

"ވަރަށް ރަނގަޅު ވާހަކައެއް." ނަޒީލްގެ އަތުގައި ހިފައި މައްޗަށް އުފުލައިލަމުން ނިހާ ބުންޏެވެ. "މި އަތްތިލައިން މަށަށް ދިން އަނިޔާވެސް މެޑިކަލް ރިޕޯޓުން ފެންނަން ނެތުން އެއީ ވަރަށް ބޮޑު މައްސަލައެއް. އެ ރިޕޯޓު ވަނީ ބަދަލުކޮށްފައިކަން އެމީހުންނަށް އެނގިއްޖެނަމަ ތަހުޤީޤު ހިންގޭނެ އިތުރު ކަމެއް ފެނިފައި އެއޮތީ. ކޮޓަރިން އެއްވެސް މީހެއްގެ ހެތްކެއް ފެންނަން ނެތުމާއި، ރިޕޯޓް ބަދަލުކޮށްފައި އޮތުމާއި، ބެލްކަނީގެ ޕޭޕަރ ކުލިޕް، މާނިޢުގެ ބަޔާން މީ ހުސް ހެކި."

ފައިރޫޒްގެ ފަރާތުން އެ ވޭދަނައިގެ ވަރަށް ގިނަ މަޢުލޫމާތުތަކެއް ނިހާއަށް ވަނީ ލިބިފައެވެ. މިހާރު ތަޙުޤީޤު ގޮސްފައިވާ ހިސާބާއި ލިބިފައިހުރި ހެކިތަކުގެ އިތުރަށް އެމީހުން އަނެއްކާވެސް މާނިޢުގެ ބަޔާން ނެގުމަށް ތައްޔާރުވަމުން އަންނަކަން ވެސް ނިހާއަށް އެނގެއެވެ. މާނިޢު ރަށުގައި ނެތުމުން މައްސަލަ ވަގުތީ ގޮތުން މަޑުޖެހިފައި އޮތް ނަމަވެސް ފިހިގަނޑަކުން ފެނުނު އިނގިލީގެ ނިޝާން ސާފުކުރެވޭތޯ އެމީހުންދަނީ މަސައްކަތްކުރަމުންނެވެ. ނިހާއަށް އެ ހުރިހާކަމެއް އެނގިފައި އޮތުމުން ނަޒީލް ބިރު ގަންނުވާލުމުގެ މަޤުޞަދުގައި އެ ވާހަކަތައް ފަށަފަށައިގެން އޭނާ ކިޔާދިނެވެ.

"ކީކޭ ކިޔަން ތިއުޅެނީ." ނަޒީލް އަތްފޮޅުވާލަމުން ބުންޏެވެ.

"މި ކިޔަނީ އެ މައްސަލައިގަ ކަލޭ ބެދޭވަރަށް މަށަށް ހެކި ދެއްކޭނޭ." ނިހާ ބާރަށް ހިނގާލައި ގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ. "މި ކޮޓަރިން ނުކުމޭ. ވިސްނާނެ ވަރަކަށް ވިސްނާ. ކަލޭގެ ސަބަބުން މަށަށް ނިކާލް ނުލިބިއްޖެނަމަ ކުރިޔަށް އޮތް އަހަރުތައް ކަލޭ ހޭދަކުރާނީ ޖަލުގެ ތޭރިތަކުގެ ފަހަތުގައި ކުޑަ ގޮޅިއެއްގައި ކަން ހަނދާން ކުރާތި."

ނަޒީލް ދެން އަނގަޔަކުން ނުބުންޏެވެ. ހުއްޓުން އަރާފައި ނިހާއަށް ބަލަހައްޓައިގެން ނަޒީލަށް ހުރެވުނީއެވެ. ހަޤީޤަތުގައި އޭނާއަށް ބުނާނެ އެއްޗެއް ވިސްނުމަށް ވެސް ނައީއެވެ. ނިހާގެ މެޑިކޯ ލީގަލް ރިޕޯޓު ބަދަލުކޮށްފައިވަނީ ބައްޕައެވެ. ބައްޕަ އެ ގޮތަށް ކަންތައްކުރީ ނިހާ ބަޔާން ބަދަލުކުރާ ދުވަހަކުންވެސް ނިހާއަށް ކުރިއެރޭނެ ހުރިހާ މަގެއް ބަންދު ކުރުމުގެ މަގްޞަދުގައެވެ. ރިޕޯޓު ބަދަލުވެފައިވާ ކަމުގެ ކުޑަވެސް ހިލަމެއް ޕޮލިހުންނަށް ވެއްޖެނަމަ، އެކަން އެމީހުން ތަޙުޤީޤުކުރަން ފަށާނެއެވެ. އޭރުން ބައްޕަ ޑޮކްޓަރަށް ރިޝްވަތުދީގެން ބޮޑު ޖަރީމާއެއް ހިންގައިފައިވާކަން މުޅި ދުނިޔެއަށް ހާމަވެގެންދާނެއެވެ.

"ނުކުންނާށޭ." ނަޒީލް ހުއްޓުން އަރާފައި ހުރުމުން ނިހާ ހަޅޭލަވައިގަތެވެ. އެ ވަގުތު ފާހާނާ ދޮރު ހުޅުވިގެން ދިޔަ އަޑަށް ދެ މީހުނަށްވެސް ލިބުނީ ސިހުމެކެވެ. ނަޒީލް ފާހާނައާ ދިމާއަށް ބަލާލުމާއެކު ދެ ލޯ ބޮޑުވެގެންދިޔަ ތަން ނިހާއަށް ފެނުނެވެ. އެ މޫނު މައްޗަށް އައި ބަދަލުން ފާހާނާގައި މީހަކު ހުރިކަން ނިހާއަށް ޔަޤީންވިއެވެ. (ނުނިމޭ)

ފަސްވަނަބައިގެ ތެރެއިން:-

"ފައިރުއަށް ހަޤީޤަތް އެނގޭ ދުވަހަކުން ހާދަ ދެރަވާނެދޯ؟" ނިހާ ދެރަވެލާފައި ބުންޏެވެ. ހަޤީޤަތުގައި ވެސް ނިހާ އިނީ ދެރަވެފައެވެ. ފައިރޫޒްގެ އާއިލާއާ ބައްދަލުކުރަން ޖެހޭ ކޮންމެ ފަހަރަކު އޭނާއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވެއެވެ.

"އެދުވަހުން ނިހާ ހިތަށް އަރާނެ އަވަހަށް ބުނެވުން ނަމައޭ." އިންޝާ ބުންޏެވެ. "ނުބުނެ ހުއްޓާ ފަޅާއަރާފިއްޔާ އެމީހުންގެ ނަޒަރުގައި ނިހާ ވާނީ ވަރަށް ވިޔާނުދާ މީހަކަށް."

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒީކ

    ހާދަ ދެރައޭ ނިހާއަށް ވާ ގޮތް. ހުރިހާ ދިމާލަކުން ހިތާމަ. ނިކާލް ކަންތައް ކުރާގޮތް އެއްމެ ދެރަަނީ

    7
    1
  2. pis

    ފާޚާނާ ތެރޭގައި އެހުރީ ނިކާލް ކަންނޭނގެ! ނޫނީ އިންޝާ އަށް ވެސް ވެދާނެ! އަނެއްބައިގެ އިންތިޒާރުގައި!

    10
    • މީން

      ނިކާލްއަށް ވާނަމަ