އޭނާގެ އޮތީ އެންމެ މަޤްޞަދެކެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ "ދޯހަޅިކަން" ފެނި އެ ކަން ރައްޔިތުންނަށް ސާފުކޮށްދިނުމެވެ. ސަރުކާރު ޒިންމާދާރު ކުރުމެވެ. އިތުރު ބޭނުމެއް ނެތް ކަމުގައި އޭނާ ބުނެއެވެ. އެއީ ނޫސްވެރިޔެއް ނޫނޭ ވެސް ބަޔަކު ބުނެއެވެ. އެއީ އެކްޓިވިސްޓްއެކޭ ވެސް ބުނެއެވެ. އޭނާ ބުނަން އޮތީ އެއީ ސަރުކާރު ޒިންމާދާރު ކުރަން ނުކުމެ ހުރި ހަރަކާތްތެރި ނޫސްވެރިއެކެވެ.

އަހްމަދު އަޒާން މިހާތަނަށް ކުރަމުން އައީ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތުތައް އިސްލާހު ކުރަން ކުރި މަސައްކަތެއްގެ ގޮތުގައި އޭނާ ދެކެއެވެ. ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ދިފާއީ ސިޔާސަތަކުގެ އިތުރުން ޚާރިޖީ ސިޔާސަތުތަކުގައި ބުރަދަނެއް ނެތް ކަން އޭނާއަށް ފެނެއެވެ. އެކަން ހާމަ ކުރުމަކީ އަޒާންގެ ޒިންމާއެއް ކަމުގައި އޭނާ ޤަބޫލު ކުރެއެވެ.

އަޒާން އެންމެ ފުރަތަމަ ފެނިގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. އޭރުގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި އަޒާން އަމާޒުކުރި ސުވާލަކުން އެންމެންގެ ސަމާލުކަން އޭނާއަށް އައެވެ.

ނޫސްވެރިޔާއަށް މައިކް ލިބުމުން ހާމަކުރި ނޫހުގެ ނަމަކީ އޭގެ ކުރިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި އާންމުކޮށް އިވޭ ނޫހެއްގެ ނަމެއް ނޫނެވެ. "ދިޔަރެސް" އެވެ. އޭރު އަޒާނަކީ އެ ނޫހުގެ ސީދާ ކާކު ވެސް ގިނަ ބަޔަކަށް ސާފުވެފައެއް ނުވެއެވެ. އަޒާންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ ވެސް އިޤްތިޞާދީ އަދި މާލީ ސިޔާސަތުތަކުގެ މައްޗަށެވެ. ދިފާއީ، ދާޚިލީ، އަދި ޚާރިޖީ ސިޔާސަތުތަކަށް ވެސް ސުވާލު ކުރެއެވެ.

ދިޔަރެސްގެ ނޫސްވެރިޔާ އަހުމަދު އަޒާން "ވަގުތު" އަށް ދިން ޚާއްސަ ބަސްދީގަތުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ދިޔަރެސް އުފެއްދީ ސަރުކާރު ޒިންމާދާރު ކުރަން، އެހެން ބޭނުމެއް ނެތް!

އަޒަރުބައިޖާން އިން އިންޓަނޭޝަނަލް ރިލޭޝަންސް ނުވަތަ ޚާރިޖީ ގުޅުންތަކުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ފަހު ރާއްޖެ އައިސް މާ ގިނަ ދުވަސްތަކެއް ނުވަ "ދިޔަރެސް" ގެ ނަމުގައި ނޫހެއް އަޒާންއާއި އޭނާގެ ގާތް ތިން އެކުވެރިން ގުޅިގެން އުފެއްދިއެވެ. އެ ނޫސް އުފެއްދުމުގެ ވިސްނުމާ ހަމައަށް އައި ގޮތް އަޒާން ވަނީ "ވަގުތު" އަށް ޚިއްސާ ކޮށްދީފައެވެ.

"ދިޔަރެސް ނޫސް މި އުފެއްދީ ހަތަރު އެކުވެރިން ގުޅިގެން، ދެން ތިބި އެކުވެރިން މި މަސައްކަތް ކުރަނީ ވެސް އެހެން ވަޒީފާތައް ވެސް އަދާ ކުރަމުން. އެހެންވެގެން ފުރަތަމަ ވިސްނީ ވެސް ހުސް ވަގުތުތަކުގައި ލިޔާ ގޮތަށް ކުރިއަށް ދާން. އަޅުގަނޑުމެން އެންމެންގެ ޖީބުން ޚަރަދުތަކެއް ކޮށްގެން ފުރަތަމަ ނޫސް ފަށައިގެން ގެންދިޔައީ ވެސް،" އަޒާން ކިޔައިދިނެވެ.

އަޒާން ބުނެދިން ގޮތުގައި، މި ސަރުކާރުގައި ވަރަށް ގިނަ ގޯސްތައް ހިނގަމުންދެއެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ އިންޑިއާގެ ނުފޫޒު ރާއްޖޭގެ ދާޚިލީ މަސްރަހުގެ ތެރެއަށް ވަދެގެން އަންނަ އައުމެވެ. އިންޑިއާގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބި ތިބުމެވެ. މި ކަންކަމުގައި ސަރުކާރު ޒިންމާދާރު ކުރުމަށް ހަމައެކަނި "ޓްވީޓާ" ގައި ޚިޔާލު ފާޅު ކުރުން "ނުފުދޭ" ކަމުގައި ވިސްނުނެވެ.

"އެއް ވިސްނުމަކަށް މި އޮތީ ސިޔާސީ ޕާޓީއަކާ ގުޅިގެން ސިޔާސީ މަސައްކަތް ކުރުން. އެހެން ބަލާއިރު ހަޤީޤަތުގައި އެ ޕްލެޓްފޯމެއް ނެތް ޒުވާނުންނަކަށް. އަޅުގަނޑުމެން ޤަބޫލު ކުރާ ފަދަ ފުރުސަތުތަކެއް ސިޔާސީ މައިދާނަކު ނެތް. އެހެންވެގެން އަޅުގަނޑުމެންނަށް ވިސްނުނީ އެންމެ ރަނގަޅު ގޮތަކީ ނޫހެއް އުފެއްދުންކަމަށް. ސަރުކާރު ޒިންމާދާރު ކުރުމަށް." އަޒާން ކިޔައިދިނެވެ.

ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން ޕްރެސް ކޮންަފަރެންސްއެއްގައި - ފޮޓޯ: ސަން

މައުލޫމާތު ހޯދުމުގެ ހަރަކާތްތެރިއަކަށް، އިންޑިއާގެ މައްސަލައިގެ ފުނަށް!

އަޒާން ބުނި ގޮތުގައި މައުލޫމާތު ލިބިގަތުމާއި ހޯދުމުގެ ހައްޤުގެ ބޭނުން ކުރަން ފެށީ ދިޔަރެސް ނޫސް އުފެއްދުމުގެ ވެސް ކުރިންނެވެ. މީގެ ކުރިން އައްޑޫ ސިޓީގެ އޭރުގެ ޑެޕިއުޓީ މޭޔަރު ހުޅުދޫއިން ހިތަދޫއަށް ދަތުރުކުރަން ނަގާފައިވާ ލޯންޗުގެ ޚަރަދުތައް ހޯދަން ހުށަހެޅިއެވެ. ފަހުން ރައީސް ޞާލިޙްއާއި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ދަތުރުތަކުގެ ޚަރަދުގެ ތަފްސީލް ހޯދަން ހުށަހަޅައި އެ މައުލޫމާތުތައް ހޯދިއެވެ.

"ދިޔަރެސް" ނޫސް އުފެއްދި ފަހުން ވެސް އަޒާން ގެންދިޔައީ މި ޙައްޤުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަސައްކަތް ކުރަމުންނެވެ. އެންމެ ބޮޑު އަމާޒެއް ދިނީ ވެސް އިންޑިއާގެ މައްސަލައަށެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަކުރުމަށް މައްސަލަ ހުށަހެޅިއެވެ. އެކަމަކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް މައްސަލަ ނިންމީ ސަރުކާރުން ބޭނުންވާ ގޮތަށް އެއީ ހާމަ ކުރަން ޖެހޭ މައުލޫމާތެއް ނޫން ކަމުގައެވެ. އެއީ ޤައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތެއް ކަމުގައެވެ.

މި މައްސަލަ "ދިޔަރެސް" ގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވެއެވެ. އަޒާން ޤަބޫލު ކުރާ ގޮތުގައި ދިވެހި ފަސްގަނޑުގައި ބޭރުގެ ސިފައިން ތިބިނަމަ، ތިބި އަދަދު ދިވެހި ރައްޔިތުންނަށް އެނގެން ޖެހެއެވެ. އެއީ ފޮރުވިގެން ވާނެ މައުލޫމާތެއް ނޫނެވެ.

"ވަރަށް ގިނަ ގައުމުތަކުގައި ބޭރުގެ ސިފައިން ތިބޭ. އެ ގައުމުތަކުގައި ވެސް ސިފައިން ތިބި އަދަދު ރައްޔިތުންނަށް އެނގޭނެ. ސިފައިންގެ އަދަދު ހާމަ ނުކުރެވެން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. އަދި ޤައުމީ ސަލާމަތަށް ނުރައްކާތެރިވާ ކަމެއް ނަމަ އެ ނުރައްކާތެރިވާނެ ގޮތް ބުނެދެވެން ވާނެ. ނުރައްކާވާ ކަމަށް ހަމަ ބުނެފަ ވަކި މައުލޫމާތެއް ސިއްރު ކުރުން އެއީ އޮންނަ ގޮތެއް ނޫން،" އަޒާން ބުންޏެވެ.

ރައީސް ޔާމީނަށް ތާއީދު ކުރާތީ އަމާޒުވާ ފާޑުކިއުންތަކަށް އަޒާންގެ ޖަވާބު

އަޒާން މި ކަން ފޮރުވާކަށް ބޭނުމެއް ވެސް ނުވެއެވެ. ނޫސްވެރިޔަކު ދެކޭ ގޮތް ފޮރުވުން އަޒާނަށް އަދި މާ ގޯހެވެ. އަޒާން ބުނާ ގޮތުގައި ރައީސް ޔާމީންގެ ސިޔާސަތުތަކަށް އޭނާ ތާއީދުކުރެއެވެ. ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮންނަނީ ދެ ވިސްނުން ކަމުގައި ފާހަގަކޮށް އަޒާން ބުނަނީ އެ ދެ ވިސްނުމުގެ ތެރެއިން އޭނާއަށް ކަމުދަނީ ޕީޕީއެމްގެ ސިޔާސަތުތައް ކަމުގައެވެ.

"އަޅުގަނޑަކީ ވަރަށް ހާމަކޮށް އުޅޭ މީހެއް. ރާއްޖޭގައި ވަރަށް މަދުވާނެ ސިޔާސީ ގޮތުން އެ ނޫސްވެރިއަކު ދެކޭ ގޮތް ހާމަ ކުރަން ކެރޭ ނޫސްވެރިން. އަޅުގަނޑުގެ ފިކުރު ވަރަށް ހާމަ. ފޮރުވައިގެން އަޅުގަނޑުގެ ވިސްނުން ގެންގުޅެނީއެއް ނޫން. އެ ކަން ފޮރުވައިގެން، ވަކި އަތަކަށް ނުޖެހޭ ކަމަށް ދެއްކިގެން ވެސް ވަރަށް ގިނަ ނޫސްވެރިން އުޅޭނެ. އެ ގޮތް އަޅުގަނޑަށް މާ ގޯސް." އަޒާން ބުންޏެވެ.

ދިޔަރެސްގެ މުސްތަޤްބަލް ދެކެނީ އުޖާލާކޮށް

މުސްތަޤްބަލުގައި ނޫސްވެރިޔެއްގެ ގޮތުގައި ނުފެނިދާނެ ދުވަސް އައިސްދާނެ ކަމަށް އަޒާން ބުންޏެވެ. އޭނާގެ ނޫސްވެރިކަމުގެ ޙަޔާތް މާ ދިގު ކަމުގައި އޭނާ ނުދެކެއެވެ. އެހެންވިޔަސް ނޫސްވެރިކަމާ ދުރުވުމުގެ ވިސްނުން މި ވަގުތަށް ނެތް ކަމުގައި ވެސް ބުންޏެވެ. އަދި އަމިއްލައަށް ނޫސްވެރިއެއްގެ ގޮތުގައި މުސްތަޤްބަލުގައި ނުފެނުނަސް "ދިޔަރެސް" އަށް އެހީތެރިވެ އެ ނޫސް އެންމެ އުހަށް ގެންދިއުމަށް މަސައްކަތް ކޮށްދޭނެ ކަމަށް އަޒާން ބުންޏެވެ.

ވަރަށް ކަންނެތް ނޫސްވެރިކަމެއް ރާއްޖޭގައި އޮންނަ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް އަޒާން ފެނިގެން ދަނީ ވަރަށް ހަރަކާތްތެރި، ގިނަ މައުލޫމާތުތަކެއް ހޯދަން މަސައްކަތް ކުރާ ނޫސްވެރިއެއްގެ ގޮތުގައެވެ. ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އޮޅުން އަރާ މައުލޫމާތު އެމަނިކުފާނު އަޒާން ކައިރިން އޮޅުން ފިލުވަން ޖެހޭ ހިސާބަށް ގޮސްފައި އޮތުމުން އަޒާންގެ މަސައްކަތުގެ ފެންވަރު ހުރި ހިސާބު ވަޒަން ކޮށްލެވެއެވެ.

ކަށަވަރުވާ ކަމަކީ އަޒާނަކީ ތަފާތު ނޫސްވެރިއެކެވެ. އޭނާގެ ސުވާލުތަކާއި މަސައްކަތްތައް ވެސް ތަފާތެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އައިހަމް

    އަހަންނަށް އަޒާން ފާހަގަވީ މި ކޮވިޑު-19 ދުވަސްވަރު ޕްރެސްތަކުން. ތަފާތު ސުވާލުތައް ކުރޭ. ޓުވިޓާގަ ވަރައް ބޮޑައް އެކްޓިވިސްޓު ގޮތައް އުޅެނީ. އެކަމަކު ރައީސްގެ ނޫސްކޮންފަރެންސުތަކުގަ ވަރައް ޕްރޮފެސަނަލް ކޮއް އޭނަ ވާހަކަ ދައްކަނީ

    46
    3
  2. އަބޫ

    ވޮނަބީ މީކާއިލް ނަސީމް އޮފް ޕީޕީއެމް..

    5
    40
  3. ގަންދީ

    ފިތުނަ ހެދުމުގައި އެެއްވަނަ

    9
    58
  4. އަބްދުﷲ

    މުޅި ޕޕމ އިން ނުކުރާ ވަރަށް މަސައްކަތް ދިޔަރެސް ނޫހުން ކުރާކަން އމޑޕ އިންވެސް ފާހަގ ކުރޭ

    40
    3
  5. ސަލި

    ހާމަކޮށް އުލެން ވާނީ ވަކިއަތަކަށް ފައްސި ވެގެން އޭރުން ނޫސް ވެރިއެއް ކަމށް ވާނީ.....
    ލިޔާ އެއްޗެއް ސައްހަވާނީ
    ބަލާލަން ކެރަޭނެބާ ޔާނު ގޯހެއް ހެދިތޯ
    ގަޓުހުންނަން ވާނެތާ ނޫސް ވެރިއެއް ވީޢްޔަ

    11
    19
    • Anonymous

      ރައީސް ޔާމީން ހެދި ގޯހެއް ދެއްކޭނެ މީހަކު މިގައުމުގައި އަދި އެހެން ތާކުވެސް ނުހުންނާނެ. ގޯހެއް ހެދިކަމަށް ކަލޭމެން ތިދެކޭ ކަމަކީ ދިވެހިން މިގައުމުގެ ވަޒީފާތަކަށް ލުމަށް އިންޑިޔާ މީހުންނަށް ވަޒީފާ ނުދިނުން. އިންޑިޔާގެ ފޭކް ޕްރޮޑަކްޓުގެ ބަދަލުގައި، ނެދަލެންޑްސް، ޖާމަނީ، އިޓަލީ ޕްރޮޑަކްޓްތަށް ހުށަހެޅީ ޕްރޮޕޯސަލްތަކަށް އިސްކަންދިނުން.
      މިގައުމު ދުއް ގައުމީ ބަތަލެއް ރައީސް ޔާމީނަކީ... 7000 ފްލެޓް އަޅައިފި. 2500 ފްލެޓް "ވިނަރެސް" ގެ ނަމުގައި ވިއްކަން އެތައްޔާރުވަނީ. މިއީވެސް ރައީސް ޔާމީން ދިވެހިންނަށް ބޭންކްތަކުން %5 އިންޓެރެސްޓުގައި ގަނެވޭގޮތަށް ހަދައިދެއްވަން ފައިސާއާއި ބިން ހަމަޖެއްސެވި ޕްރޮޖެކްޓްތައް.. ރައްޔިތުންގެ ހަދައާ މޑޕ ފަދަ ގުންޑާ ބަޔަކަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނޫނަމަ ދިވެހި ގައުމު މި ދުވަސްވަރުވެސް އޮތީހީ ރައްކާތެރިކަމާއެކު.. ފާގަތިކަންމަތީ.... ދިވެހި ރައްޔިތުންގެ ވެރިމީހާ ޖަލުގައި ބާއްވާފައި، އިންޑިޔާއާއި އިޒްރޭލުގެ އަޅު ބަޔަކު ވެރިކަމަށް ގެނައީ، ޕާކިސްތާނަށް ހަމަލާދީ ޕާކިސްތާން، ޑީނިއުކްލިއަރައިޒް ކުރަން ރާއްޖެ ބޭނުންކުރުމުގެ ސްޓްރެޓެޖިކް ޕްލޭންގައި.

      16
      4
      • ދޮގުބޮނޑި

        60 ފަޅުރަށް އަދީބު ވިއްކި އިރު ވާނުވާ ނޭނގުން އޭނަ ވީ އެންމެ ބޮޑު ގޯހަކީ އެންމެ ބޮޑު ހިޔާނާތަކީ. އަމިއްލަ ސެކިއުރިޓީ ރިޕޯޓު ނުލިބޭކަންވެސް ނޭނގުނު އާދަމްގެ ދަރިއަކަށްވުން ވީ ހިޔާނާތަކީ. ރޯދަ މަސް މީ.

        1
        7
  6. ހަސަން ނަސީރު

    ހަގީގަތަކީ ރާއްޖޭގަ ރަނގަޅު ނޫސްވެރިންނެއް ނޫޅޭ، ދޮގު ހަބަރު ފަތުރައިގެން ނަމަވެސް ބަލަނީ ނޫސް ވިއްކޭތޯ، މީގެން އެއްވެސް ނޫހަކުން ރަނގަޅު ހަބަރެއް ނުފެނޭ، ރާއްޖޭގެ ނޫސްވެރިކަން އުޅެނީ ވަރަށް ފަހަތުގަ

    16
    12
  7. މަ

    ماشاءالله💯💖😍👏👍 އަޒާން އަކީ ނަމޫނާއެއް👌🏼 ތިވަރުގެ ކެރޭ، ޝައުޤުވެރިކަމާއިއެކު މަސައްކަތްކުރާ ނޫސްވެރިއަކު މަދުވާނެ. އަޒާން ތިއީ އެންމެ ބެސްޓް❤️💯 މަގޭ ފެވަރިޓް💖💖💖 އަޒާން އަށް އަބަދުވެސް ކާމިޔާބާއިި އުފާވެރިކަން އެދެން🤗 އަޒާންގެ މަސައްކަތުގައި ބަރަކާތް ލައްވާށި🤲🏾❤️

    44
    5
  8. ރައްޔިތު

    ގަދަ ސޮރެއް. ކާމިޔާބީއަށް އެދެން.

    43
    4
  9. ފަޔާ

    ނޫސްވެރިންގެ ވެސް ފިކުރެއް އޮންނާނެ. އެކަމަކު ވަކި އަތަކަށް ގޮސް ހުސްވެގެން ތިޔަ ކުރެވެނީ ޒިންމާދާރު ނޫސްވެރިކަމެއް ކަމަކަށް ނުދެކެން. ނޫސްވެރިން ވާންވާނީ ވަކި އަތަކަށް ނުޖެހޭ ނިއުޓްރަލް ބަޔަކަށް. އަޒާން ފާހަގަ ވަނީ ހަމައެކަނި މި ސަރުކާރަށް ފާޑު ކިޔާ މީހެއްގެ ގޮތުގައި. އެހެން ވީމާ ތިވާނީ އެކްޓިވިސްޓަކަށް

    3
    14
  10. ބުރާންތިސް

    އަހަރެންނަށް މި ލިއުމުން ފާހަގަވީ:
    1- ވަގުުުތު ނޫސް އިން ނޫސްވެރިންނަށްދޭ ސަމާލުކަން އަދި އެމީހުން ބަލއިގަންނަކަން.
    2- ސިޔާސީ މައިދާނުގައި ޒުވާނުންނަށް ފުރުސަތު ނުލިބި ފެއިލްވާމީހުން އަދި މާވަރުގަދަޔަށް ޕާޓީގައި ބައިވެރިކުރާކަން.
    3-ހާމަކަންބޮޑު ގޮތެއްގައި ބޮޑެތި މައްސަލަަކުގައި ވަކާލާތުކުރުމަކީ ގަޓް ހުރެގެން އަޒާން ކުރާ ސަޅި ކަމެއް.

    12
    1
  11. އަގްލީ ބެޓީ

    އަޒާން މާރިޔާ އާއި އިންޓަވިއު އަކުން ދިމާވާއިރު އަހާލަ ދީބަލަ މިހާރުވެސް މނޑފ ގައި ތިބީ ފިނދަނަތޯ ؟
    އަދި ފިނދަނައިގެ ވެރިއަކަށް އެކަމަނާ އެހެރީ ރާބޮންޖަކަށްވީމަތޯ ؟

    24
    1
  12. ހަމަހަމަ

    ހަގީގަތުގައިވެސް އަޒާނަކީ ހިތްވަރުގަދަ ކެރޭ ނޫސްވެރިއެއް. ހަގީގަތް ހާމަކުރުމަށް ހަގީގަތާއެކު ކުރިމަތިލާ ޒުވާނެއް. އަޒާނުގެ ނޫސްވެރިކަމުގެ މުސްތަގުބަލު އުޖާލާ. އެކަމަކު ހުރަސްތައް ގިނަ ވެދާނެ. ކާމިޔާބީއަކީ މަސައްކަތްކުރާ ބައެއްގެ ހައްގެއް. ނަމަނަމަ އިންސާފުވެރި ވާތި. ވަކިބަޔަކަށް ވެގެން ދޮގު މައުލޫމާތެއް ނުފަތުރާތި. ކާމިޔާބަށް އެދެން.

    20
    1
  13. އިބްރޭ

    އަޒާން އަކީ އަސްލުވެސް ވަރަށް ތަފާތު ނޫސްވެރިއެއް. އަޒާން ކުރައްވާ ސުވާލަށް ރައީސުލް ޖުމްހޫރިއްޔާވެސް ދެވެންއޮންނަ ހަމައެކަނި ޖަވާބަކީ “ކުރީ ސަރުކާރު”

    14
  14. ޕަކާސްއަހަންމަދާ

    ގޯހެއް ނެހެދޭ އެކަމު ވައްކަން ސާބިތުވެފަ ޖަލުގަ ހުންނަތާ ވީ ދުވަހެއް ނޭނގެ