އިންޑިޔާގެ މަހަރާޝްތުރާގެ ޕޫނޭގައި ކުކުޅު ގެންގުޅޭ ފަރާތަކުން އޭނާ ގެންގުޅޭ ކުކުޅުތައް ބިސް އެޅުން ހުއްޓާލުމުން ފުލުހަށް މައްސަލަ ހުށަހަޅައިފި ކަމަށް ރިޕޯޓް ތަކުގައިވެއެވެ.

މި މީހާ މި މައްސަލަ ޖައްސައިފައިވަނީ ވަކި ކުންފުންޏަކުން ތައްޔާރު ކޮށްފައިވާ ކާއެއްޗެހި ކުކުޅުތަކަށް ކާންދިނުމުން ކަމަށް ބުނެއެވެ. މި މީހާގެ އިތުރުން ހަތަރު މީހަކު ވެސް ވަނީ މި މައްސަލަ ޖައްސާފައެވެ.

ނަމަވެސް މި މައްސަލައާއި ގުޅިގެން އެއްވެސް އެފްއައިއާރެއް ރެޖިސްޓްރީ ކޮށްފައިނުވެއެވެ. އެއީ ކާއެއްޗެހި ތައްޔާރު ކުރި ކުންފުނިންގެ އޭގެ ބަދަލު ދިނުމަށް އެއްބަސްވެފައިވާތީއެވެ.

''މި މައްސަލަ ޖައްސާފައިވަނީ އާމުދަނީ ހޯދުމަށް ކުކުޅުހާ ގެންގުޅޭ ފަރާތްތަކުން. އޭނާގެ އިތުރުން، އެ އަވަށުން އިތުރު ހަތަރު މީހަކު ވެސް ވަނީ މި މައްސަލަ ޖައްސާފަ'' ލޮނީ ކަލްބޯރު ޕޮލިސް ސްޓޭޝަންގެ ސީނިއަރ ޕޮލިސް އިންސްޕެކްޓަރ ރާޖެންދުރަ މޮކަށީ މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

މި މީހުން ގެންގުޅޭ ކުކުޅުތަކަށް ކާންދިނުމަށް އެފަހަރު ކާއެއްޗެހި ގަނެފައިވަނީ ކައިރި އަވަށް ކަމުގައިވާ އަހުމަދުނަގަރުގެ ކުންފުންޏަކުންނެވެ.

މިކަމަކީ އަލަށް ވީ ކަމެއް ނޫން ކަމަށާއި އަލަށް ދޭ ކާއެއްޗެހީގެ ބަދަލުގައި ކުރިން ދޭ ބާވަތުގެ ކާއެއްޗެހި ދިނުމުން ކުކުޅުތައް އަލުން ބިސް އަޅަން ފަށާ ކަމަށް ވެސް މައްސަލަ ޖެއްސި ފަރާތްތަކުން ބުނެފައިވެއެވެ.

ކުންފުނިން ބުނެފައިވާ ގޮތުގައި ޕޫނޭގެ ބައެއް މީހުންގެ އިތުރަށް އަހުމަދުނަގަރުގެ ވެސް ބައެއް ފަރާތްތަކުން ވަނީ މި މައްސަލަ ޖައްސާފައި ކަމަށެވެ. އަދި އޭގެ ބަދަލު އެ ހުރިހާ ފަރާތްތަކަށް ދޭނެ ކަމަށް ވެސް ކުންފުނީގެ ފަރާތުން ވަނީ ފުލުހުންނަށް ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުކުޅު

    ޚިޔާލު ފާޅުކުރީމަ ކީއްވެގެންތޯ ޚިޔާލު ޖަހާލަ ނުދިނީ؟ ބޮޑުވަރު......