ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އެ ބިމުގައި އިމާރާތް ކުރި "ހިޔާ މަޝްރޫއު" ގެ 7،000 ފްލެޓަކީ ރާއްޖޭގެ ތާރީޚުގައި މިހާ ގިނަ އަދަދަކަށް ފްލެޓް އިމާރާތް ކުރެވިގެން އައި އެންމެ ބޮޑު މަޝްރޫއެވެ. އޭރު އިދިކޮޅު ފަރާތްތަކުން މަޝްރޫއުގެ މަޤްބޫލްކަން ދަށް ކޮށްލުމުގެ ގޮތުގައި އެކި ވާހަކަ ފެތުރިއެވެ. ވާދަވެރިން ވެރިކަމަށް އައުމަށް ފަހު ވެސް މި އަޑު ގަދަކޮށްލާފައި ބޭއްވިއެވެ. އެއީ "ކޮތަރު ކޮށިތަކެއް" ކަމަށް ރައީސް ސޯލިހްގެ ސަރުކާރުން "ރަސްމީކޮށް ކަނޑަވެސް އެޅިއެވެ."

އެހެންވިޔަސް ޗައިނާ މޯލްޑިވްސް ޓްރޭޑިން ކަލްޗުރަލް އޯގަނައިޒޭޝަންގެ ނަމުގައި އުފައްދާފައި އޮތް ޖަމިއްޔާގެ އިސް މެންބަރެއް ކަމަށްވާ މިދުއަމް ސައުދަކީ ހިޔާ މަޝްރޫއުގެ ކަންކަމުގެ ތެރޭގައި އެންމެ ބޮޑަށް އުޅުނު އެއް ފަރާތެވެ. އެ މަޝްރޫއުގެ މައުލޫމާތުތައް އޭނާ ދަނެއެވެ. އެއާ ގުޅޭ ގޮތުން ކަމެއް އޮޅުވާލަން ބަޔަކު އުޅޭނަމަ އެ ކަން އޭނާއަށް ފާހަގަވެއެވެ. "ކޮތަރުކޮށި" އޭ ބުނެ ދައްކާ ވާހަކަ، މިދުއާމް ޤަބޫލު ކުރަނީ ދޮގެއްގެ ގޮތުގައެވެ.

އާންމުންގެ ތެރެއަށް ސިޔާސީ ލީޑަރުން ފަތުރަމުން ދިޔަ "ކޮތަރުކޮށި" ވާހަކައިގެ ހަޤީޤަތް ތިލަކޮށްދެމުން، އެ ލިޑާރުންނަށް ފެންނަ "ކޮތަރުކޮށި" ތަކަކީ އާންމުންނަށް "އަސާސީ ގެދޮރު" ކަން އަންގައިދީ އެ ފަލްސަފާ ރައްޔިތުންގެ ތެރޭގައި ފަތުރާލީ ވެސް މަދު ދުވަސްތަކެއް، އެކަމަކު ގިނަ މަސައްކަތްތަކެއް ކޮށްގެނެވެ.

ސިޔާސީ ވެރިންގެ ދޮގުތައް ތިލަކުރަން ފެށުން

"ކޮތަރުކޮށި" ނަމުގައި ވައިބާ ގްރޫޕެއް ހެދުމަށް ފަހު، ހިޔާ މަޝްރޫއާ ގުޅޭ ގޮތުން ބައެއް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ފަތުރަމުންދިޔަ ދޮގުތައް އާންމުންނަށް ސާފުކޮށްދިނުމުގެ މަސައްކަތާ ހަމައަށް ދިޔަ ގޮތް މިދުއަމް ވަނީ "ވަގުތު" އަށް ޚިއްސާ ކޮށްދީފައެވެ.

"މި ސަރުކާރު ބަދަލުވެގެން ފުރަތަމަ ކުރަން ފެށި ކަމަކީ ހުރިހާ ފްލެޓްތަކުގެ ޑިޒައިން ބަދަލު ކުރަން އުޅުނީ. ބޭންކްއިން އެ ގޮތަށް ލޯނު ދޭން އެއްބަސްނުވީމަ އެ ކަން ނުކުރި، ދެން ކުރަން އުޅުނު ކަމަކީ ފްލެޓްގެ އަގު ބޮޑު ކަމަށް ދައްކަން އުޅުނީ، 11،000 ރުފިޔާއަށް ނޫނީ ނުދެވޭނޭ ބުނި، ދެން އުޅުނީ އެއީ ފެންވަރެއް ނެތް ތަނެއް ކަމަށް ދައްކަން، ބޭނުމަކަށްވީ ރައްޔިތުންގެ މެދުގައި ފްލެޓްތައް ލިބުން މުހިއްމު ކަމަކަށް ނުހެދުން،" މިދުއަމް ކިޔައިދިނެވެ.

މިދުއާމް ބުނި ގޮތުގައި މީގެ ސަބަބުން އާންމު ރައްޔިތު މީހާއަށް ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން ތެދު މައުލޫމާތު ނުލިބި ކަންކަން އޮޅިގެން ދިޔަ ކަން އޭނާއަށް ފާހަގަކުރެވުނެވެ. އެހެންކަމުން އާންމުންނަށް މައުލޫމާތުތައް ސާފުކޮށްދިނުމަށް "ކޮތަރުކޮށި" ނަމުގައި ވައިބާ ގްރޫޕްއެއް އުފެއްދީއެވެ. އަދި އެ ގްރޫޕް މެދުވެރިކޮށް މަޝްރޫއާ ގުޅޭ ގޮތުން ފަތުރަމުންދާ ހަޤީޤަތެއް ނެތް ވާހަކަތައް ދިޔައީ ތިލަކޮށްދެމުންނެވެ.

އާންމުންގެ އެކުވެރި ގުޅުމުގެ ޖަމިއްޔާގެ ފައުންޑަރު މިދުއާމް ސައުދު "ވަގުތު" އަށް ދިން ބަސްދީގަތުމުގެ ތެރެއިން-- ވަގުތު އިމޭޖަސް-- މުހައްމަދު އަފްޒަލް

ވައިބާ ގްރޫޕެއް ޖަމިއްޔާއަކަށް ބަދަލުވުން

ވައިބާ ގްރޫޕެއް މެދުވެރިކޮށް އާންމުންނަށް މައުލޫމާތު ދިނުމުން ހަމައެކަނި ބޭނުންވާ މަޤްޞަދު ހާސިލް ކުރެވިގެން ނުދިޔަ ކަމަށް މިދުއަމް ބުންޏެވެ. މި ގޮތުން އާންމުންނަށް ވަރަށް އާންމު މައުލޫމާތުތައް ވެސް ނޭނގޭ ކަން ފާހަގަކުރެވެން ފެށިއެވެ. ފްލެޓްތަކާއި ގުޅޭ ޝަކުވާ ހުށަހެޅުމާއި، ފޯމުތައް ޕްރޮސެސް ކުރުމާއި މިފަދަ ކަންކަމުގައި ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވާ ކަން ފާހަގަކުރެވުނެވެ.

މީގެ އިތުރުން ވައިބާ ގްރޫޕެއްގައި ދައްކަމުންދާ ވާހަކަތައް މީޑިއާތަކުގައި ޝާއިއު ކުރެވިގެން ނުދިއުން ވެސް ދިމާވި ގޮންޖެހުމެއްގެ ގޮތުގައި މިދުއަމް ފާހަގަކުރެއެވެ. އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި މީޑިއާތަކުން ވެސް ދައްކާ ކަމަކަށް އޮންނަނީ ނިޒާމުގެ ތެރެއިން "ވުޖޫދުގައި ނެތް" ބަޔަކަށް ވުމެވެ. އެހެންކަމުން ނިޒާމުގެ ތެރެއަށް އައުމަށް ވެސް ޖަމިއްޔާއެއް ރަޖިސްޓްރީ ކުރަން ޖެހުނީ ކަމުގައި މިދުއަމް ބުންޏެވެ.

"އާންމުންގެ އެކުވެރި ގުޅުން، މި ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީ ކުރަން މިދިޔަ އަހަރު ހުށަހެޅީ. އެއީ ކޮތަރުކޮށި ނަމުގަ ކުރަން އުޅެފިނަމަ ރަޖިސްޓްރީ ވާން ވެސް ހުރަސްތަކެއް އަންނާނެ ކަމަށް އަހަރެމެނަށް ބެލެވުނީ،" މިދުއަމް ކިޔައިދިނެވެ.

މިދުއާމް ބުނި ގޮތުގައި ޖަމިއްޔާގެ މެންބާޝިޕް އިތުރު ކުރުމަށާއި ފައިސާ ހޯދުމަށް މި ވަގުތު އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. ބައެއް ކުދި ކަންކަމުގެ އެހީތެރިކަން ބޭނުންވި ކަމަށާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީއާ އެކީގައި އެ ކަންކަން ވެސް ހަމަޖެހިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ. އެހެންވިޔަސް ކުރިއަށް އޮތް ތަނުގައި ޖަމިއްޔާ ފުޅާވެގެން އަންނައިރު ހެޔޮ އެދޭ ފަރާތްތަކުގެ އެހީއަށް އެޖަމިއްޔާ ވެސް ބޭނުންވާނެއެވެ.

"މި ވަގުތަށް މުހިއްމުވީ ވީޑިއޯއާއި ވާހަކަތައް ލިޔެދޭނެ ބަޔަކު، ދެން އިންޓަނެޓް، ޓްވީޓާގައި މި ކަންކަން ބޭނުންވާ ކަން ލިޔުނީމަ، މީހަކު ވަނީ ކޮންމެ މަހަކު އެއް ޖީބީ ޑޭޓާ ދޭން އެއްބަސްވެފައި، ހެޔޮ އެދޭ ފަރާތަކުން އޮފީހެއް ވެސް ދިން ބައްދަލުވުންތައް ބާއްވަން. އެއްވެސް އަގެއް ނުދައްކާ ގޮތަށް، ދެން ބީއެމްއެޗް ޓްރޭޑާސް އިން ޔޭޔޭ ކޮފީއާއި ސްނެކްސް ދޭނެ، އެއީ ދެން ލިބޭ ކޮންޓްރިބިއުޝަންތަކަކީ،" މިދުއަމް ބުންޏެވެ.

މިދުއާމް ސައުދު ޗައިނާ މޯލްޑިވްސް ޓްރޭޑިން ކަލްޗުރަލް އޯގަނައިޒޭޝަންގައި މަސައްކަތް ކުރަމުން ދަނީ

އެންމެ ދެކެން ބޭނުންވަނީ އާންމުން އެއްބައިވުން

މިދުއަމްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެސް އޮތީ ސިޔާސީ ފިކުރުތައް ތަފާތުވެގެން އާންމުން ދެބައިވެގެން ދިއުމެވެ. ބައެއް މައްސަލަތަކުގައި ހުރިހާ ފިކުރެއްގެ ރައްޔިތުން ވެސް އެއްބައިވާން ޖެހޭ ކަމަށް މިދުއާމް ޤަބޫލު ކުރެއެވެ. މި ގޮތުން ކޮންމެ ސިޔާސީ ފިކުރެއްގެ ރައްޔިތުންގެ ވެސް މައިގަނޑު ބޭނުންތަކަކީ އެކައްޗަކެކެވެ. އެ ބޭނުންތައް ހާސިލް ކުރާން މަސައްކަތް ކުރަން ޖެހެއެވެ.

"ރާއްޖޭގެ އާބާދީގެ އިންސައްތައެއް ހިއްސާވާ މަހުޖަނުންގެ މަސްލަހަތު އެ މީހުން ގުޅިގެން އެބަ ހިމާޔަތް ކުރޭ. އެއީ ކޮންމެ ވެރިކަމެއްގައި ވިޔަސް. އެހެންވިޔަސް އާންމުން ވަރަށް ފަސޭހައިން ބައިބައިކޮށްލެވޭ. ސިޔާސީ ފިކުރު ވެސް ތަފާތު ވެގެން. ވަރަށް ބޮޑަށް ދެކެން ބޭނުން ވަނީ އާންމުން އެއް ގަލަކަށް އަރާ ދުވަސް. އެ ދުވަހަކީ ވަރަށް ބޮޑަށް ދެކެން ބޭނުންވާ ދުވަހެއް،" މިދުއަމް ބުންޏެވެ.

ސިޔާސީ ފިކުރު އެއްކައިރިކޮށް، އާއްމުންގެ ޖަމިއްޔާ އިން ފްލެޓްތަކުގެ މައްސަލައިގައި ވަކާލާތުކޮށް މިހާރު ވެސް އެތައް ބައެއްގެ ހައްގުތައް ހޯދައިދީފިއެވެ. އަދި ފްލެޓް ލިސްޓްތަކާއި ފްލެޓްތަކުގެ އެކިކަންކަމުގައި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އާއްމުންނަށް ލިބެމުންދާ ގެއްލުންތައް އެތައް ބަޔަކަށް ކިޔައިދީ، މިއީ އާއްމު ވާހަކަތަކަކަށް ހައިދިނީ އާއްމުންގެ ޖަމިއްޔާ އިންނެނެވެ. އެކަން އެޖަމިއްޔާގެ މެންބަރުން ވެސް ފާހަގަ ކުރަނީ އުފަލާއިއެކުއެވެ.

ހިޔާ ފްލެޓްތަކުގެ މައްސަލައިގައި އަޑުއުފުލަން ފެށި ޖަމިއްޔާގެ މަސައްކަތް އަދިވެސް އޮތީ ކުރިއަށް ކަމުގެ ޔަގީންކަން މިދުއަމް ދެއެވެ. ހިޔާ ފްލެޓްތައް ބަހާލައި، ފްލެޓްތަކުގެ މީހުން ދިރިއުޅެން ފެށި ނަމަވެސް ފްލެޓް ނުލިބުނު މީހުންނާއި، ފްލެޓް ގެއްލުނު މީހުންނާއި، އަދި މުޅި އުމުރު މާލޭގައި ކުލި ދައްކައިގެން އުޅެން މަޖުބޫރުވެފައިވާ މީހުންގެ ހައްގުތައް ހިމާޔަތްކޮށްދީ ބޯހިޔާވަހިކަމުގެ އަޅުވެތިކަމުން އާއްމު ރައްޔިތުން މިނިވަން ކުރުމަށް އާއްމުންގެ ޖަމިއްޔާގެ މަސައްކަތް އަދި އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ ޔަގީންކަން މިދުއަމް ދެއެވެ. އާއްމުންގެ ޖަމިއްޔާގެ އާރުކާޓީއަކީ މިދުއަމްއެވެ. މިދުއަމްގެ ހިތުގައި އޮތް ޔަގީންކަމަކީ އޭނާ އާއި އޭނާގެ ޓީމްގެ މަސައްކަތުން ކާމިޔާބުގެ އައްސޭރިއަކަށް ދެވޭނެއެވެ. ހުރިހާ ކަމެއް ރާވާ އިންތިޒާމް ކުރަމުން ދަނީ ވެސް އެމަގަށެވެ. ނަމަވެސް އެމަގު ވަރަށް ދިގުކަން ވެސް އާއްމުންގެ ޖަމިއްޔާ އިން ގަބޫލު ކުރެއެވެ.

އާއްމުންގެ ޖަމިއްޔާ އަކީ ރާއްޖޭގައި އޮތް އެތައް ސަތޭކަ ޖަމިއްޔާއަކަސް މިސާލެކެވެ. ނިކަމެތިން ބައެއްގެ އެހީއަށް ބޭނުންވި ވަގުތު އެކަމުގައި އިސްނަގައި، ހިލޭ ސާބަހަށް ކުރަމުން އަންނަ މަސައްކަތައް ޔަގީނުން ވެސް ޝުކުރު ހައްގެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިލްމާސް

    ކޮތަރުކޮށްޓަށް ވަދެވޭވަރު މިހާތަނަށް މިވީވެސް މިދުއަމް އިސްވެހުންނަވާ ކުރެއްވި މަސައްކަތުން..ސަރުކާރުން ހަދަމުން ދިޔަ ދޮގުތައް ހާމަކުރަން ވައިބަރ ގްރޫޕާއި އެފްބީ ޕޭޖް އަދި ބައެއް ނޫސްތަކުގައި ޖަހަމުން ދިއުން..

    48
    4
  2. ނޫސްކިޔާމީހާ

    އަހަރުމެންގެ ކައުންސެލަކީ ތިއީ އަދި އަހަރުމެންގެ ފަރާތުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގަ ވަކާލާތު ކުރާނެ ފަރާތަކީވެސް ތިއީ. ان شا الله.

    39
    3
  3. ާެއަމަތުﷲ

    އާ، ތިޔައީ ހަމަ ހުސް ތެދު! ހިތްވަރުގަދަ މިދޫއަށާ މިދޫގެ އިޚުލާސްތެރި ޓީމަށް ހަމަ އައްސަރިބަހާ ސާބަސް ދެމުން ހުރިހާގޮތަކުންވެސް ތިޔަ ބޭފުޅުންނަށް ދެދުނިޔޭގައިވެސް ހިތްހަމަޖެހުމާ ބާއްޖަވެރިކަން މިންވަރުކޮށްދެއްވުމަށް އެދި ކީރިތި ﷲ ގެ ހަޟްރަތުގަެި ދުޢާ ދަންނަވަން! އާމީން. ތިޔައީ އަޅުގަނދުމެން އާންމު ނިކަމެތި ރައްޔިތުންގެ އުންމީދުތައް އާކޮށްދެއްވުމަށް ﷲ މިންވަރކޮށްދެއްވި ހިތްވަރުގަދަ އޯގާވެރި އަތުގެ ވެރިޔާ .ތިބާއާ ތިބާގެ ޓީމުގެ މަސައްކަތުގައި ކާމިޔާބާ ބަރަކާތްލައްވައި އަޅުގަނޑުމެން އެންމެންގެ ކަރުނައާ ވޭންތައް ދުރުކުރައްވައި އަމާން ފަސޭހަ އައްސޭރިއަކަށް މަގުތައް ފަސޭހަކޮށްދެއްވައި މިންވަރުކޮށްދެއްވާށިއެވެ. އާމީން

    22
  4. މާނިއު

    ތި ޓީމާ ގުޅެން ބޭނުން