ރާއްޖޭގައި މަޝްހޫރުކަން ހޯދަމުން އަންނަ ޝެފުން ވަރަށް ގިނަވެއްޖެ އެވެ. ރާއްޖެ ތަމްސީލު ކުރުމަށް ބޭރު ދުނިޔެއަށް ގޮސް ފިޔަޖަހާ އެތައް ޝެފުންނެއްވެސް އެބަ އުޅެ އެވެ. ރާއްޖޭގެ ޝެފުންގެ މަސައްކަތްތައް ފުރިހަމަ އެވެ. އެ މީހުންގެ އަޖައިބު ކުރުވަނިވި މީރު ކެއުންތަކުން އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްލައިފިއެވެ.

މިއީ މިހާރު ރާއްޖެއަށް މަޝްހޫރު ޝެފެކެވެ. އޭނާއަކީ އިންސްޓަގްރާމުން އޭނާގެ ހުނަރުވެރިކަން ދައްކާލާ އެތައް ބަޔަކު މި ދާއިރާއަށް ވަންނަން މަސައްކަތް ކުރާ މީހެކެވެ. މިއީ އަލީ ޒިޔާން އެވެ. ކ.ހުރައަށް ނިސްބަތްވާ އަލީ ޒިޔާންއަކީ މިހާރު ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅު ޝެފެކެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ޝެފް ޒިޔާން ޝެފަކަށް ވުމަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ މަންމަ އާއި ބައްޕަގެ މަސައްކަތްތައް ފެނި އިންސްޕަޔާ ވެގެންނެވެ. އޭނާ ފާހަގަކުރިގޮތުގައި، އެކަމަށް އޭނާ ޝައުގުވެރިވެފައި ވަނީ ބޮޑަށް ބައްޕަގެ ފަރާތުންނެވެ.

"ބައްޕައަކީ ކުޑަ ރެސްޓޯރެންޓެއް ހިންގާ މީހެއް، އެތަނުގައި ބައްޕަ ކައްކާ ތަން ފެނިފައި އިންސްޕަޔާވީ".

ޝެފް ޒިޔާން ބައްޕައާއެކު

ޒިޔާން ބުނީ، ބައްޕަ ކައްކާ އެއްޗެހީގެ ތެރެއިން އޭނާއަށް އެންމެ ފާހަގަކޮށްލެވެނީ ތައި ފުޑްސް އާއި ރާއްޖެ ކެއްކުންތައް ކަމަށެވެ. ޒިޔާން އޭނާގެ ބައްޕަ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވި ގޮތާއި ގުޅޭގޮތުން ވާހަކަދައްކަމުން ބުނީ، ބައްޕަ އަމިއްލަ މަސައްކަތުން ރެސްޓޯރެންޓެއް ހިންގައިގެން އެތަނަށް ޝެފުން ގެނެސް، އެ ޝެފުން ކައިރިން ބައްޕަ ކައްކަން ދަސްކުރީ ކަމަށެވެ.

ޝެފް ޒިޔާން މަސައްކަތުގައި

އުމުރުން ނުވަ އަހަރުގައި ޒިޔާން ކެއްކުމަށް ޝައުގުވެރިކަން އުފެދުނެވެ. އެއިރުން ފެށިގެންވެސް ހިތް އޮތީ އެކަމަށް ގޮސްފައެވެ. އެހެން ނަމަވެސް އޭނާ ޝެފަކަށް ވުން އެއީ އެއްވެސް ގޮތަކަށް ޕްލޭން ކުރި ކަމެއް ނޫނެވެ.

"ލަންކާގައި ކިޔަވަން ހުއްޓާ، ރާއްޖެއިން ލިބުނީ ފުރުސަތު. ފޯސީޒަން ރިސޯޓުން، އެއީ ކޮންމެ އަހަރަކުވެސް އެ މީހުން ގެންދާ އެޕްރެޓެންޝިޕް ޕްރޮގްރާމް، އެތަނުގައި އުޅޭ އާއިލާ މީހުންވެސް، އެ މީހުންގެ ރިކޮމޮންޑޭޝަނާއި އެއްކޮށް އެ ޗާންސްގެ ބޭނުން ހިފީ، އެ ކޯހަށް ހޮވިގެން ކޯސްގެ ތެރެއިން ލިބުނު އޮޕަޗުނިޓީއެއް ޝެފަކަށް ވުން" ދާއިރާއަށް ވަދެވުނު ގޮތް ކިޔައިދެމުން ޒިޔާން ބުންޏެވެ.

ޝެފް ޒިޔާން މަސައްކަތުގައި

އޭނާގެ ހިޔާލުގައި ހުރީ ފްރަންޓް އޮފީސް ދާއިރާއިން ކުރިއަށް ދާން ނޫނީ މެނޭޖްމެންޓް ސައިޑުން މަސައްކަތް ކުރާށެވެ. އެހެން ނަމަވެސް އޭނާއާ އެ ޕްރޮގްރާމްގެ ތެރެއިން ބައްދަލުވި މީހުންނާއެކު އޭނާގެ ހިޔާލު ބަދަލުވެއްޖެ އެވެ. އޭނާގެ ހިތްދަމައިގަތީ ކެއްކުމުގެ ދާއިރާއެވެ.

އޭނާ އެޕްރެޓެންޝިޕް ޕްރޮގްރާމްގެ ތަމްރީންތައް ފަށައިގަތްއިރު، ހުރިހާ ސެކްޝަނެއްގައި މަސައްކަތް ކުރަން ފުރުސަތު ލިބުނެވެ. އެގޮތުން ކޯލްޑް ސައިޑް، ހޮޓް ކިޗަން، ޕޭސްޓްރީ އަދި ބޭކަރީގައިވެސް މަސައްކަތް ކުރަން ފުރުސަތު ލިބުނެވެ. އެއިން ކޮންމެ ތަނެއްގައި ތަމްރީނު ހެދިއެވެ.

މަޝާހޫރު ޝެފް ޒިޔާން "ވަގުތު"އަށް އިންޓަވިއު ދެނީ: ވަގުތު އިމޭޖްސް -އަހްމަދު މަމްދޫހް

"ފުރަތަމަ ސެމިސްޓާގައި އޮންނަނީ އެގޮތަށް، ދެން ބްރޭކްއަކަށްފަހު ދެވަނަ ސެމިސްޓާގައި އެ މީހުން ސްޕެޝަލައިޒް ކުރާނެ، ބޭނުންވާ ސެކްޝަންއަކަށް އެއިރު ޒިޔާން ސްޕެޝަލައިޒްވީ ކޯލްޑް ކިޗަންއަށް" ޒިޔާން ބުންޏެވެ. ކޯލްޑް ކިޗަންގައި އާއްމުކޮށް މި ހަދަނީ ސެލްޑް، ސްޓާޓާސް ފަދަ ކުދިކުދި ކެއުންތަކެވެ.

އެތަނުން ތަމްރީންތައް ހަދާ، އޭނާ ފުރަތަމަ ވަޒީފާއަކަށް ގޮސްފައި ވަނީ ކްލަބްމެޑް ކަނި ފިނޮޅު ރިސޯޓަށެވެ. އެ ހިސާބުން ފެށިގެން އޭނާ ދިޔައީ ކެރިއާ އިތުރަށް ވަރުގަދަ ކުރަމުންނެވެ. އަދި އިތުރު ރިސޯޓްތަކަށް ވަޒީފާ ބަދަލުކޮށް، ތަޖުރިބާ ހޯދަމުންނެވެ.

މިހާރު ޒިޔާން ޝެފެއްގެ ގޮތުގައި މަސައްކަތް ކުރާތާ ހަތް އަހަރުވެއްޖެ އެވެ.

އޭނާއަށް މި ހަތް އަހަރު ތެރޭގައި ކުރެވުނު އެންމެ ރަނގަޅު ތަޖުރިބާއަކީ އޭނާ ޅ. އަތޮޅު ފުށިވަރު ރިސޯޓްގައި ކުރި މަސައްކަތެވެ. އޭނާ އެތަނަށް ވަޒީފާ ދިޔައީ ސޯލޯ ޝެފެއްގެ ގޮތުގައެވެ.

މަޝާހޫރު ޝެފް ޒިޔާން "ވަގުތު"އަށް އިންޓަވިއު ދެނީ: ވަގުތު އިމޭޖްސް -އަހްމަދު މަމްދޫހް

"އެކަނި އެއް ރެސްޓޯރެންޓް، އެއް ސްޓެވާޑިންނާއި ލައިގެން، އެއީ ލަންޗްވެސް ޑިނާވެސް، އެއީ މިހާތަނަށް ކުރެވުނު އެންމެ ރަނގަޅު މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެއް. ރޭގަނޑު ގަޑީ ބިޒީވެއްޖެ ހާލަތެއްގައި އައިސްދާނެ އެހެން ޝެފެއް އެހެން ރެސްޓޯރެންޓަކުން، ހުރިހާ ޕްރިޕަރޭޝަންއެއް ހަދާ، އޯޑަރު ކުރުމާއި ތަން މެނޭޖް ކުރުމާއި، ކެއްކުމާއި، އެއްޗެހި ކޮށުމާއި ޕްރިޕަރޭޝަން މިއީ ހަމަ އެކަނި ކުރާ ކަންކަން" ޒިޔާން އޭނާގެ އެންމެ ފުރިހަމަ މަސައްކަތް ހިއްސާ ކުރަމުން ބުންޏެވެ.

ޒިޔާން އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ ލަކްސް މޯލްޑިވްސް ގައެވެ. އެތަނުގައި އޭނާ ސުޕަވައިޒަރު ލެވެލްގެ ޕޯސްޓަކަށް ގޮސް އެތަނުގައި އޭނާ އުޅުނީ ސޫޝީ އަށް ހާއްސަ ވެގެންނެވެ.

ޒިޔާން ސޫޝީ ތައްޔާރުކޮށްފައި

"ސުޝީއަށް ސްޕެޝެލައިޒްވީވެސް ފިންގާ ކްރޮސްކޮށް ކުރި ކަމެއްގެ ގޮތުގައި، އެއީ ޗެލެންޖެއް ގޮތަށް، އެއީ އެއިރު އެކުގައި މަސައްކަތް ކުރަމުންދިޔަ ޝެފް އަމިއްލަ ޕާސަނަލް ކަމެއްގައި ވަޒީފާއިން ވަކިވީ، ދެން ނެތް ސުޝީގެ އިތުރު މީހެއް، ދެން އޭނާގެ ދަށުން ހުރީ އަޅުގަނޑު. ދެން އެއިރު ހެޑް ޝެފަކަށް ހުރި މީހާ އަޅުގަނޑު ކައިރިން އެހި ތިކަން ވާނެތޯ، ދެން އަޅުގަނޑު ބުނިން ވީކެއް ދޭށޭ ޓްރެއިން ވެލާނަމޭ، އެ ވީކް ތެރޭގައި ޓްރައި ކޮށްލާފައި ހިތައް އެރީ ވާނީއޭ"

ކުރިންވެސް އޭނާ ޖަޕަނީސް ރެސްޓޯރެންޓެއްގައި މަސައްކަތް ކުރިއެވެ. އެކަމަކު އެއީ ހޮޓް ކިޗަން ބައިގައެވެ. އެހެން ނަމަވެސް ފަހުން ސުޝީއަށް ސްޕެޝަލައިޒްވެ އެކަމުގައި އެއް އަހަރު ދުވަސް ހޭދަކުރިއެވެ.

ޝެފް ޒިޔާން މަސައްކަތުގައި

މިހާރު އޭނާ ބޮޑަށް ހާއްސަވެފައި ވަނީ މޯލްޑިވިއަން ފިއުޝަން ނުވަތަ ދިވެހި ކެއްކުމަށެވެ. އޭނާ މިހާރު ވަޒީފާ އަދާކުރަމުންދާ މިލައިދޫގައި އޭނާ ހާއްސަވެފައިވަނީވެސް ދިވެހި ކެއްކުމަށެވެ. އޭނާ މަސައްކަތް ކުރަމުން ދަނީ މޯލްޑިވިއަން ފައިން ޑައިން ރެސްޓޯރެންޓްގައި ގެސްޓުންނަށް ދިވެހި ކެއުން ކެއްކުމުގައެވެ.

މިލައިދޫގައި ހުންނަ ރެސްޓޯރެންޓަކީ ރާއްޖޭގެ ރިސޯޓެއްގައި ހުޅުވި ފުރަތަމަ މޯލްޑިވިއަން ފައިން ޑައިނިންގް ރެސްޓޯރެންޓް، ބައްތެލި ރެސްޓޯރެންޓެވެ. އޭނާ އަކީ އެ ރެސްޓޯރެންޓްގެ ދެވަނަ އިންޗާޖެވެ. އަދި މިހާރު ތަން ހިންގަމުން ދަނީވެސް ޒިޔާން އެވެ.

ޒިޔާން ބުނީ، އޭނާ އެންމެ ބޭނުންވަނީ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުއަށް ކައްކާ ދޭން ކަމަށެވެ. އަދި އޭނާއަށް ކައްކާ ދޭން ބޭނުންވަނީވެސް ދިވެހި ކެއުމެއް ކަމަށް ޝެފް ޒިޔާން ބުންޏެވެ.

ޒިޔާންގެ ކެއްކުމުގެ ހުނަރުވެރިކަން ފެށިފައި އޮތީ ވަރަށް ކުޑައިރު ގޭތެރެއިންނެވެ. އެހުނަރުވެރިކަމާއިއެކު ދުނިޔޭގެ އެތަންމިތަނުން ރާއްޖެ އައި އެތައް ހާސް ފަތުރުވެރިންނަށް ޒިޔާންގެ ކެއްކުމުގެ ހުނަރުވެރިކަމުން ހިތްހަމަޖެހުން ގެނެސްދީފިއެވެ. އަދި ހާއްސަކޮށް މިހާރު އޭނާ އަކީ ދިވެހި ކެއުންތައް އެތައް ފެތުވެރިންގެ ސުފުރާ މައްޗަށް ވަރަށް ފުރިހަމަ ކަމާއިއެކު ގެނެސްދޭ މޮޅު ޝެފެކެވެ.

ޒުވާނުންނަށް ފުރުސަތުތައް އޮތް، ރަނގަޅު އާމްދަނީއެއް ލިބޭ މިދާއިރާ އިން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަކީ ޒިޔާންގެ އުއްމީދެވެ. އޭނާގެ މަސައްކަތް ބައްޓަން ކޮށްފައި ވަނީ އެއުއްމީދު ހާސިލް ކުރެވޭނެ ގޮތަށެވެ.