މުހައްމަދު އަރުސަލާން 19، އަށް ބަރިސްޓާއަކަށް ވުމުގެ ފުރުސަތު ފުރަތަމަ ލިބުނީ ކޮފީ ލެބުންނެވެ. ބަރިސްޓާއަކީ ކޮފީ ހަދާ މީހަކަށް އިޓަލީ ބަހުން ކިޔައި އުޅޭ ނަމެކެވެ. ހުޅުމާލޭގައި ޝެފް މޯޑް ބަދިގެ ރެސްޓޯރަންޓުގައި މަސައްކަތް ކުރަމުން އަންނަ އަރުސަލާނަށް އެމީހުން މިފަހަރު ދީފައި ވަނީ "ކޮފީ މިތުރު" ގެ ލަގަބެވެ. ކޮފީ މިތުރޭ ބުނި ކަމުގައި ވެސް އެއީ ހުރިހާ އެއްޗެއް އެނގޭ މިތުރެކެވެ.

އެ ޒުވާނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ބޮޑު ހިތްހަމަޖެހުމަކާ އެކުގައެވެ.

"އެހެން އުޅެމުން ދިމާވީ ރައްޓެއްސެއް، އޭނަ ބުނީ ޝެފް މޯޑު ހުޅުވައޭ ތަނެއް، އެތަނަށް ދާން ވީ ނޫންހޭ، ދުވަހަކުވެސް އޭނާ ބުނާ އެއްޗެއް ރިޖެކްޓެއް ނުކުރަން، ދެން އައި މިތަނަށް. އައި ފައުންޑް މައި ކެރިއާ،" އަރްސަލާން ބުންޏެވެ.

ދަ ޝެފް މޯޑް ބަދިގޭގެ ކޮފީ މިތުރު -ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އޭނާ ބަރިސްޓާއަކަށްވުމުގެ ދަތުރު ފެށުނީ ސްކޫލުގައި އުޅުނުއިރުގައެވެ. ދަސްވާރު ޕްރޮގްރާމްގެ ތެރެއިން ލިބުނު ފުރުސަތެއްގައި ކުރިއަށްދާންވީ މަގު ހުޅުވިގެން ދިޔައެވެ. ދަސްވާރު ޕްރޮގްރާމްގެ ތެރެއިން އޭނާ ދިޔައީ، ފެމެލީ ރޫމް އާއި ކޮފީލެބަށެވެ. އޭރު އޭނާގެ އުމުރަކީ 14 އަހަރެވެ. އޭނާ އެ ރެސްޓޯރެންޓަށް ދިޔައީ ކޮފީ ހަދަން ދަސްކުރާށެވެ. އޭރު އޭނާއަށް ހީކުރެވުނީ މިއީ ވަރަށް ފަސޭހަ މަސައްކަތެއް ކަމަށެވެ. ނަމަވެސް ކަންވީ އެއާ މުޅިން ހިލާފަށެވެ.

"ދިޔައިރު އަސްލު ހީކުރެވުނީ ވަރަށް ފަސޭހަވާނެ ކަމަށް، ހަމަ ޕެކެޓަކުން ގިރާލާ ކޮފީއެއް ކަމަށް، އެކަމަކު ގޮސް މި އެނގުނީ ބައިވަރު މެޝިނަރީސް އާއި ހުރިހާ ކަމެއް އޮންނަ ކަން، ދެއާ އިޒް ބިގް ކެމިސްޓްރީ އެންޑް ސައިންސް ދޯ އޭގެ ފަހަތުގައި، އެ ހިސާބުން ވަރަށް އިންޓަރެސްޓް އުފެދުނު،" އަރުސަލާން ކިޔައި ދިނެވެ.

އަރްސަލާން ބުނީ، އޭނާ ދަސް ކުރަމުން އައި އިރު ކަސްޓަމަރުންނާ ވާހަކަ ދައްކާނެ ގޮތާ ކަންކަން ވަރަށް ބޮޑަށް ދަސްވި ކަމަށެވެ.

ދަ ޝެފް މޯޑް ބަދިގޭގެ ކޮފީ މިތުރު މަސައްކަތުގައި -ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"އަނެއްކާ މެޝިނަރީސް އާއި ކުޅުމާއި ސާވިސް ކުރުމާއި އެއްޗެހި ވަރަށް ބޮޑަށް ދަސްވި". އަރްސަލާން ބުންޏެވެ.

އެ ރެސްޓޯރެންޓްގައި އޭނާ އެއް އަހަރު ދުވަހުގެ ތަމްރީނެއް ހެދިއެވެ. އޭނާ އެ ކޯސް އެތަނުން ނިންމި ގޮތަށް ވަޒީފާގެ ފުރުސަތު ލިބުނީވެސް އެތަނުންނެވެ. އެތަނުގައި އޭނާ ރަސްމީކޮށް ބަރިސްޓާއެއްގެ ވަޒީފާ ހަމަޖެހިގެން ދިޔައެވެ. އެ ތަނުން އޭނާއަށް ގްރިލިން އާއި ލާޓޭވެސް ދަސްވިއެވެ.

އަރްސަލާން ޝެފް މޯޑު ބަދިގޭގައި މަސައްކަތް ކުރާތާ މިހާރު ތިން މަސް ވަރު ވެދާނެއެވެ. އޭނާ އަށް އެ ރެސްޓޯރެންޓުން ބައިވަރު އާ އެއްޗެހި ދަސްވެއްޖެއެވެ.

"ކުރީގައި އަޅުގަނޑަކީ ރަނގަޅަށް އެއްޗެއް ގާނިޝް ކޮށްލަން އެނގޭ މީހެއް ނޫން، އެތަނަށް އައި ފަހުން ވަރަށް ބޮޑަށް އެ ބައިވެސް ދަސްވި، އެއްޗެހިން ރަހަ ނެރެން ދަސްވުމާއި، ހައުޓު ޔޫސް ޑިފަރެންޓް ތިންގްސް އެކި ގޮތްގޮތަށް".

އަރްސަލާން އަކީވެސް ހުވަފެންތައް ދެކެމުން އަންނަ ޒުވާނެކެވެ. އޭނާގެ އެ ހުވަފެނުގައި ކުލަ ޖެއްސުމަށް ބުރަ މަސައްކަތްތަކެއް ކުރެއެވެ. އޭނާގެ އެ ހުވަފެނަކީ ބާޓެންޑާއަކަށްވުމެވެ. އޭނާ ބޭނުންވަނީ އެ ދާއިރާއިން ކުރިއަށް ދާށެވެ.

ދަ ޝެފް މޯޑް ބަދިގޭގެ ކޮފީ މިތުރު -ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އޭނާ ބުނިގޮތުގައި، އޭނާއަށް މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ އެ ރެސްޓޯރެންޓުން ނެރުނު ރަތްލިބާސް ކިޔާ މޮހީޓޯއެވެ. މިއީ ކޮފީ މިތުރުގެ ހާއްސަ މޮހީޓޯއެވެ. އެ މޮހީޓޯ ބޭނުން ކުރި އެންމެންނަށްވެސް އެ މީރުވެގެން އުޅެއެވެ. އަދި އެއަށް ލިބުނު ކޮމެންޓްތައް ފުރިހަމައެވެ. އަދި މިހާތަނަށް އެ ބުއިމަށް ނައްސި ހިޔާލެއް ނުލިބޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

"މިކޮޅުން ނެރުނު ރަތްލިބާސް ކިޔާ ޑްރިންކެއް، އެއަށް އަދި ނެތް ލިބިފައެއް ނެގެޓިވް ކޮމެންޓެއް، ފުލްއޮފް ޕޮޒިޓިވް ކޮމެންޓްސް". އެ ރެސްޓޯރެންޓްގެ ސިގްނޭޗަރ ބުއިމާ ބެހޭ ގޮތުން އަރްސަލާން ބުންޏެވެ.

ދަ ޝެފް މޯޑް ބަދިގޭގެ ސިގްނޭޗަރ މޮހީޓޯ ރަތް ލިބާސް -ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި ރެސްޓޯރެންޓުން ހަދާ ކޮންމެ ބުއިމަކީ ތާޒާ މޭވާ ބޭނުންކޮށްގެން ތައްޔާރު ކުރާ ޖޫސްކަން ފާހަގަކޮށްލަން ޖެހެއެވެ. އެއިން ކޮންމެ ޖޫހެއް އުފެއްދުމުގައި އަރްސަލާންގެ ބައިވެރިވުން އޮންނާނެއެވެ.

"ރެޑްބުލް މޮހީޓޯ ކޮންމެ ތަނަކުންވެސް ހެދިދާނެ، ސްޓްރޯބެރީ މޮހީޓޯ ކޮންމެ ތަނަކުންވެސް ހެދިދާނެ، އެކަމަކު ޓޭސްޓް ވިލްބީ ޑިފެރެންޓް"

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަދީފުލް ކުމާރު

    ކޮއްކޯ ކާމިޔާބަށް އެދެން. ޒުވާނުން މިކަހަލަ ކަންކަމަށް ނުކުމެގެން މިގައުމު ކިރިޔާވެސް ބިދޭސީން މަދުވާންއަނަންނަނީ.

    24