އިންޑިޔާގައި ކޮވިޑުގެ ހާލަތު ގޯސްވެ އޮކްސިޖަންއާއި އެހެނިހެން ވެސް މުހިންމު ސިއްހީ އާލާތްތަކަށް ގައުމު ބޭނުންވެފައިވާ މި ހިތްދަތި ވަގުތުގައި އޮކްސިޖަން ފޯރުކޮށްދިނުމަށް 100 ކޮންސެންޓްރޭޓާ، އެކްޓަރ އަކްޝޭ ކުމާރާއި އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ ހަދިޔާ ކޮށްފިއެވެ.

އިންސްޓަގުރާމުގައި ޓުވިންކަލް ކަންނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޑެއިވިކް ފައުންޑޭޝަން މެދުވެރިކޮށް ލަންޑަން އެލައިޓް ހެލްތުގެ ޑޮކްޓަރ ޑްރެޝްނިކާ ޕަޓޭލްއާއި ޑޮކްޓަރ ގޯވިންދު ބަންކާނީ 120 ކޮންސެންޓްރޭޓާ ހަދިޔާ ކޮށްފައިވާ ކަމަށާއި އަދި އަކްޝޭ ކުމާރާއި ޓުވިންކަލް 100 ކޮންސެންޓްރޭޓަ ހަދިޔާ ކޮށްފައިވާ ކަމަށެވެ. ޖުމުލަ 220 ކޮންސެންޓްރޭޓާސް ހަދިޔާ ކުރެވުނު ކަމަށާއި އިސްވެ މިކަން ކުރީތީ ޑޮކްޓަރުންނަށް ޝުކުރު އަދާކޮށް އަދި އެހެން މީހުން ވެސް އެމީހުންނަށް ވީ ވަރަކުން އެހީތެރިވުމަށް އޭނާ ގޮވާލައިފައިވެއެވެ.

މީގެއިތުރަށް ޓުވިންކަލް ކަންނާ ބުނެފައިވަނީ ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި އާއިލާގެ މެމްބަރުން ބަލިވެ އުޅޭތީ ހާސްވެފައިވާ ކަމަށާއި ނަމަވެސް މިފަދަ ވަގުތެއްގައި ވެސް ވެވުނު މިންވަރަކުން އެހީވުމަށް އޭނާ ބޭނުންވެފައިވާ ކަމަށެވެ.

ޓުވިންކަލް ކަންނާގެ މި ޕޯސްޓުގެ ސަބަބުން އެތައް ބަޔަކު އަކްޝޭއާއި ޓުވިންކަލްއަށް ޝުކުރުގެ މެސެޖުތައް ފޮނުވާފައިވެއެވެ. އަނެއްކާ ވެސް އިންސާނިޔަތު ކަމުގެ ނަމޫނާ ދައްކުވައިދީފައިވާ ކަމަށް ބުނެ އެތައް ބަޔަކު ދަނީ އަކްޝޭ ކުމާރަށް ތަޢުރީފުކޮށް ޝުކުރު އަދާކުރަމުންނެވެ.

މީގެ ދެދުވަސް ކުރިން އަކްޝޭ ކުމާރު ވަނީ ކޮވިޑު ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް، ސިޔާސީ ބޭފުޅެއް ކަމުގައިވާ ގޯތަމް ގަމްބީރު އުފައްދާފައިވާ ފައުންޑޭޝަނަށް އެއް ކުރޯރް ރުޕީސް ހަދިޔާ ކޮށްފައެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމުން ބައެއް ހޮސްޕިޓަލްތަކުން އޮކްސިޖަން ވަނީ ހުސްވެފައެވެ.