އަހަރެންގެ ދައްތަގެ ބޭސް ފަރުވާއަކަށް އިންޑިޔާއަށް ދިޔައީ ރޯދަ މަސް ނިމުނުތަނާއެވެ. ހަރޯދަ ތެރޭގައި ކުއްލިއަކަށް ފުރަން ޖެހުނީ ދައްތަގެ އަތުގެ ކޮނޑު ހުޅަށް އެރި ތަދަކާ ގުޅިގެން މާލެއިން ބޭސް ފަރުވާ ކޮށް ރަނގަޅުނުވެ އިތުރަށް ތަދު ބޮޑުވާކަމުގެ އިހުސާސް ކުރެވިގެންނެވެ.

ކެތް ނުވެގެން ދައްތަ އަބަދު ރޮނީއެވެ. އިންނަން އޮށޯންނަން ނުލިބެއެވެ. ތަދުކަނޑުވާ ބޭހުން މާބޮޑު ފަރުވާއެއް ނުލިބެއެވެ. ޑޮކްޓަރުންގެ ބަހަކީ ކޮނޑުހުޅު އޮޕަރޭޝަން ނުކޮށް މިފަހަރު ފަރު ނުޖެހޭނެ ކަމަށެވެ. ނަމަވެސް އަހަރެން އެގޮތް ގަބޫލު ނުކޮށް އިތުރު ފަރުވާއަށް ދިޔައީ ބައްޕަގެ ލަފާގެ މަތިންނެވެ. އަހަރެންގެ މަންމައަށް މިކަމެއް ދިމާވެގެން ދުވަސް ކޮޅެއް ކުރިން އިންޑިޔާ އަށް ގޮސް ކަށީގެ ޑޮކްޓަރެއްގެ ލަފާގެ މަތިން ކަސްރަތު ކޮށް ފަރުވާ ހޯދީމެވެ. އެމީހުންގެ އާންމު ބަހުންނަމަ ފިޒިއޯ ހެދީއެވެ. އެއީ ވަރަށް ރަނގަޅު ފަރުވާއެކެވެ.

ދައްތައާ އެކު ފުރީ ވަޅުޢީދު ދުވަހުގައެވެ. މާލެއިން އިންޑިޔާއަށް ދާން ތިބީ ވެސް މަދު ބަޔެކެވެ. ފްލައިޓް އެއަރޕޯޓްގައި ޖެއްސިއިރު ވާރޭ ވެހެވެ. ތިބެން ގަސްދުކޮށްފައިވާ ހޮޓަލަށް ދިޔައިރު އެތަނުގައި ކުލަ ލަނީއެވެ. ރޯދައަށް ފަހު އަލުން ހުޅުވަން ތައްޔާރު ވަނީއެވެ. މުޅިތަން ހީވަނީ ރޯޅިއެއް އަރާފައި އޮތް ހެންނެވެ. ކުލަ ލާން ތިބި މީހުން ގެ މުޅި ގައިގައި ވެސް ކުލައެވެ. ބިންމަތީގައި ވެސް ކުލައެވެ. ދުވާ ވަހުން ނޯތް ދަމާލަން ނުކެރެއެވެ. ހީވަނީ ގިނަ ދުވަސްވެ ކުނި ވެފައިހުރި ކުލަ އުނގުޅަނީ ހެންނެވެ. އެތަނުގައި ތިބުމީ ކުޑަ އަހުވައަކަށް ނުވާނެތީ އެހެން ހޮޓަލެއްގައި ތިބުމަށް ނިންމީއެވެ. އަލަން ވަދެވުނު ހޮޓާ ކުޑަކޮށް އަގުބޮޑަސް ކޮޓަރިތައް ބޮޑެއްޗެވެ. ސާފު ތާހިރެވެ.

ޖެހިގެން އައިދުވަހު ހެނދުނު ހެނދުނާ ހަސްފަތާލަށް ހިނގައްޖައީމެވެ. ޑޮކްޓަރ ކޮޓަރީގެ ބޭރުގައި ތިބޭތާ ދެގަޑިއިރު ވެއްޖެއެވެ. ދައްތަ އިންނަނީ ރޯލަ ރޯލައެވެ. އެކަމު އަޑު ވީއްލާ ނުރޮއެވެ. އަހަރެން ދައްތަގެ އަތުގައި ފިރުމާލަ ދިނަސް އޭނާއަށް ވަނީ ވޭނަކަށެވެ. އެއްޗެއް ބޯކަށް ކާކަށް ވެސް ދައްތަ ބޭނުމެއް ނުވެއެވެ. ޑޮކްޓަރަށް ދެއްކުމަށް އެތައް ބަޔަކު ތިއްބެވެ. ތަންތަން ބިނދިގެން ޕްލާސްޓަރު އަޅާފައި ވާ މީހުންނެވެ. އަތްފައި ބެންޑޭޖް ކޮށްފައި ވާ މީހުންނެވެ. އަހަރެމެންގެ ނަންބަރުގެ ކުރިއަށް ދެތިން ނަންބަރެއް އޮތެވެ.

ޑޮކްޓަރު ބަލާ ކޮޓަރިއަށް ވަދެވުނު އިރު މެނދުރު ބާރަ ޖަހައި ބޮޑު ވެއްޖެއެވެ. މި ޑޮކްޓަރަކީ މީގެ ކުރިން ވެސް ދެތިން ފަހަރު އަހަރެންނާ ބައްދަލު ވެފައިވާ މީހެކެވެ. އިސްކޮޅުން ވަރަށް ދިގު މީހެކެވެ. އިންޑިޔާ މީހަކާއި ވައްތަރެއް ނޫނެވެ. ބޮޑަށް ވައްތަރީ ފަރަންސޭސި އަކާއެވެ. ވަރަށް އޯގާތެރި ކަމާއެކު ދައްތަގެ ކަންތައް ބެލިއެވެ. މާލެއިން ނަގާފައިވާ އެކްސްރޭތަކާއި އަދި އެމްއާރުއައި ވެސް ބެއްޔެވެ. ދެބޭހެއް ލިޔެލި ދިނެވެ. އެއީ ތަދުކަންޑުވާ ބޭހަކާއި މަސްތަކަށް އަރާމު ދޭ ބޭހެކެވެ. ޑޮކްޓަރު ގެ ލަފަޔަކީ ބަރު އެއްޗެހި ކުއްލިއަކަށް އުފުލަން ނޫޅޭށެވެ.

ދެން ލިޔެދިނީ ކަސްރަތުގެ ފަރުވާއެވެ. އެއީ އޭނާގެ ކްލިނިކުން ދޭ ފަރުވާއެކެވެ. ހަވީރު ކްލިނިކަށް ދިއުމަށް ބުންޏެވެ.

ހަވީރު ކްލިނިކަށް ދިޔައިރު އެތަން ބަންދު ކޮށްފައި ހުރުމުން ކުޑަކޮށް ހިނގާލި ތަނުން އާތަނެއް ފެނިއްޖެއެވެ. ކުރޮޅި ޑްރައިވަރު ބުނީ ބާތަން މިހާރު ބަންދު ކުރިތާ ދުވަސް ކޮޅެއް ވެއްޖެ ކަމުގައެވެ. އަހަރެން އެބަސް ގަބޫލުކޮށްގެން އާތަނަށް ވަދެއްޖައިމެވެ. މިއީ ކުރީގެ ބާތަނާއި ބަލާއިރު ވަރަށް ބޮޑު ތަނެކެވެ. ޚިދުމަތްދޭ މީހުން ވެސް ގިނައެވެ. ކުރީގެ ކްލިނިކުގައި ފަރުވާދޭން ހުންނަނީ އެންމެ މީހެކެވެ. ނަމަވެސް މިތަނުގައި އެތައް ބަޔަކު ހެލިފެލިވެ އުޅެއެވެ. ދައްތަގެ ނަން ގޮވާލުމާ އެކު ފަރުވާދޭ ކޮޓަރިއަށް ދައްތަ ގޮސް ވަނެވެ. ޚިދުމަތް ދޭ ކޮށިގަނޑުން ނިންމަން ޖެހޭކަންކަން ވެސް ނިންމާލީމެވެ. އަހަރެން މެހެމާނުން ތިބޭ ބައިގައި އިށީދެލީމެވެ.

އެގޮތަށް އިންއިރު ތަނުގައި ލިޔެފައި ހުރި ބައެއް ބޯޑް ތަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އެއް ބޯޑެއްގައި ލިޔެލާފައި އޮތެވެ. ވަގުތަކީ މީހާގެ ފަހަތުން އަންނަ އެއްޗެއް ނޫނެވެ. ދެން އޮތް ބޯޑުގައި ލިއެފައި ވެއެވެ. ވަޒީފާ އަކީ ދިރިހުރުމުގެ ފުރާނައެވެ. ދެން އޮތް ބޯޑް ގައި އޮތް ލިޔުން ކިޔަން ފެށިތަނާ ޕޯރޓިކޯއަށް އައިސް މަޑުކޮށްލީ ހުދު ކާރެކެވެ. އެއިން ފޭބި ދެމީހުން ވަދެގެން އަންނަތަން ބަލަން އަހަރެންގެ ލޯ ތަންމިނަށް ހުޅުވާލައިގެން އިނީމެވެ. އަހަރެން ގެ ކުރިމަތީގައި ހުރި ދެގޮނޑީގައި ވަދެގެން އައި ދެމީހުން އައިސް އިށީދެއްޖެއެވެ. އަންހެންނަކާއި ފިރިހެނެކެވެ. އަހަރެން ކުރިން ކިޔަމުން ދިޔަ ލިޔުން ކޮޅު ކިޔުމުގެ ޝައުގު ވެރިކަން ކެނޑިއްޖެއެވެ. ފިސާރި ބުރުސޫރަ ރީތި އަންހެނެކެވެ. ފިރިހެން މީހާއަކީ ހަމަ ގައިމުވެސް ފަންސާހުގެ އަހަރުތައް ގުނަމުން ދާ މީހެކެވެ. ބޮލުގައި ހުރި މަދު އިސްތަށިކޮޅުގައި ހުރީ ނުރަޖަހާލާފައެވެ. އަހަރެންނަށް ވުރެ ނުރަ މަދެވެ. އެކަމު މޫނުމަތިން އުމުރުން ދުވަސް ވެފައިވާ ކަން ހާމަވެއެވެ. އިސްކޮޅުން ދިގު ބައިމަތި ފުޅާ މީހެކެވެ. އުފާވެރިކަމުގެ އެއްވެސް އަސަރެއް މޫނުމަތީގައި ނެތެވެ. ހީވަނީ ތަނެއްގައި އޮށޯވެ އޮވެފައި އައި މީހެއް ހެންނެވެ. ގަމީހުގައި ރޫވެސް ހުއްޓެވެ.

އަންހެން މީހާ އިނީ ކަޅު އަތްދިގު ހެދުމެއް ލައިގެންނެވެ. އަޅާފައި ހުރި ބުރުގާ ވެސް ހުރީ ހަމަ ކަޅުކުލައިންނެވެ. އަތާފައިގެ އިނގިލިތައް ވެސް ދިގެވެ. ދެއަތުގައި ވެސް ރަނުގެ ކުޑަ ތަނޑި ގަނޑެއް އަޅާފައި އޮތެވެ. ކަނާތު ފައިގެ ކަށި އިނގިލިން ރިހިކުލައިގެ އަނގޮއްޓިއެއް ފެންނާން ހުއްޓެވެ. މޫނުގެ ކުލަ ދޮންވެފައި އޮމާނެވެ. މާބޮޑު މޭކަޕެއް ފެންނާކަށް ނެތެވެ. ތުންފަތުގައި ވެސް ހުރީ ގުދުރަތީ ކުލައެވެ. މަޑު މަޑު ފިޔާތޮށި ކުލައެކެވެ. ސާދާ މީހެކެވެ. އިސްކޮޅުން ވެސް ދިގެވެ. އޭނާގެ ލޮލާ ދިމާލަށް ބަލައިލެވުމުން ހީވީ އެތައް ދުވަހެއް ސުރެއް ދެކެންބޭނުންވި ލޮލެއް ފެނުނީ ހެންނެވެ. ރީތި އެސްފިޔަތަކާއި ކަޅުކުލަ ގަދަ ބުމައެވެ. ލޮލުގެ ސާފުކަން ހާމަ ވެއެވެ. މާގިނަ އިރު ބަލާކަށް ނުކެރުނެވެ.

އިރުކޮޅެއް ވީތަނާ އޭނާ އިން ގޮނޑިން ތެދުވެއްޖެއެވެ. ޕޯރޓިކޯ އާއި ދިމާއަށް ހިނގައިގެން ފިއެވެ. އަހަރެން ނޫންކަމަށް ހަދާފައި ގޮނޑިން ތެދުވީމެވެ. އޭނާ ކުރަނީ ކީއްތޯ ބެލުމުގެ ނިޔަތުގައެވެ. ޕޯރޓިކޯގައި ތަށި މުށި ޖަހާފައި އޮތް ތަނުގައި މަރާމާތުގެ މަސައްކަތެއް ކުރެއެވެ. އަހަރެން އަރައިގެން އައި ފޮތި ބޫޓްގައި ތަށިމުށީގެ ކުނޑި ތަތްލާފައި ހުރުމުން އެބޫޓް އެއް ފަރާތް ކޮށް އެތެރެއަށް ވެއްދީމެވެ. އޭނާ އަހަރެންނަށް ވުރެ ކުރިން އަނެއްކާ އެތެރެއަށް ވެދެ ގޮނޑީގައި އިށީދެއްޖެއެވެ.

އިރުކޮޅެއް ނުވެއެވެ. އަނެއްކާ ތެދުވެއްޖެއެވެ. މިފަހަރުވެސް އޭނާގެ މިސްރާބު ހުރީ ކާރާ ދިމާއަށެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތް ބަލާހިތް ވަނީއެވެ. އަހަރެން ވެސް ގޮނޑިން ތެދުވެގެން ގޮސް ބޫޓަށް އަރައިގެން ބޭރަށް ނުކުތީމެވެ. މަގުމަތި ބަލާލައިފާ އަނެއްކާ އެނބުރި އައިރު ކުރިން އިން ގޮނޑީގައި އޭނާ އިނެވެ.

އިރު އިރުކޮޅުން ބަލައި ލެވެއެވެ. ހަމަ ތަފާތު ލޮލެކެވެ. ޖާދުލެއް ކަހަލަ އެވެ. އެލޮލުން ބުނާ ކަހަލައެވެ. ކަލޭ ހިތް ފުރޭވަރަށް ބަލައިލާށެވެ. މިއީ މަދުން ނޫނީ ނުލިބޭނެ ފުރުސަތެކެވެ. އޭނާއަށް އަހަރެން ބަލާކަން އިހުސާސް ވިޔަ ނުދިނުމަށް ވަރަށް ވިސްނީމެވެ. އަހަރެން ބަލާކަން ފާހަގަ ވެދާނެތީ ގިނަ އިރަކު ނުބަލަމެވެ.

ތަނުގައި ހުރި ބައެއް ލިޔެކިއުންތަކަށް އަހަރެން ނަޒަރު ހުއްޓާލަމެވެ. އެކަމަކު މިނެއްޓެއް ވެސް ނުވެއެވެ. މޫނު އަނބުރާލެވެނީ ކުރިމަތީގައި ހުރި ގޮނޑިތަކާއި ދިމާއަށެވެ.

މަޑު މަޑުން އޭނާ ގޮނޑިން ފޫ ހިއްލާލައެވެ. އަދި ހަމަ ޖެހިލައެވެ. އުނަގަނޑަށް ނުވަތަ ބުރަކަށްޓަށްވާ އުނދަގޫތަކުން ގިނަ އިރު ގޮނޑީގައި އިށީދެ އިންނަން އުނދަގުލީހެން ހީވެއެވެ. އެ ވާ އުނދަގޫތައް ހިތަށް އިހުސާސް ކުރެވެނީ މުޅިން އެހެންގޮތަކަށެވެ.

އަނެއްކާ ވެސް ސިއްރުން ބަލައިލީމެވެ. ހަމަތަފާތު ކަޅި ރަވައެކެވެ. ކައިރީގައި އިން ފިރިހެން މީހާގެ ނަޒަރު ހުރީ އެއަންހެން މީހާ އާއި ދިމާއަކަށް ނޫނެވެ. އޭނާ އިންނަނީ ކޮންމެވެސް ކަމަކަށް ގެއްލި ހުސްވެފައެވެ. އަތުގައި އޮތް ގަޑިއަށް ބަލާލައެވެ. އަދި ފައިތަޅުވާލައެވެ. އަހަރެން ހިތަށް އެރިއެވެ. މިއީ އެރީތި އަންހެން މީހާގެ ފިރިމީހާ ބާވައެވެ! ނުވަތަ ބޭބެ ބާވައެވެ! ނުވަތަ ބައްޕަ ބާވައެވެ! ކޮންމެ އަކަސް އަންހެން މީހާ ގެ އުމުރާ ދޭތެރޭ ޚިޔާލު ކުރެވެން ފަށައިފެއެވެ. ލަފާކުރެވުނީ މިހާރު ތިރީހުގެ ފަހުގެ އަހަރުތަކުގައި އުޅޭނެކަމެވެ. ނަމަވެސް އުމުރަކީ އެހާ ފަސޭހައިން ދިމާ ކުރެވޭ އެއްޗެއް ނޫނެވެ. ގިނަ ފަހަރަށް ދޮށިކޮށް ހީވާ މީހުން ހަނގުވެއެވެ. އަދި ހަނގުހެން ހީވާ މީހުން މާދޮށިހެން ހީވާ ފަހަރު ވެސް މަދެއް ނޫނެވެ.

ވަރަށް ގިނަ ސުވާލުތައް ހިތުގައި އެނބުރުނެވެ. ދެން އޭނާ ބޭރަށް ނުކުމެއްޖެނަމަ ވާހަކަ ދައްކާލާނަމޭ ހިތުގައި އޮތެވެ. މިކަހަލަ ފިކުރެއްގައި އިނދެފައި ވެސް ބޭނުން ވަނީ އެރީތި ދެލޮލަށް ބަލައިލުމަށެވެ. ބަލަން އިން ނޫސް ތިރިކޮށްލާފައި ކުއްލިއަކަށް ބަލައިލީމެވެ. އަހަރެން ގެ މެޔަށް ހީވީ ފެންއެއްޗެއް އަޅާލިހެންނެވެ. ހީކެރުވުމަކާއި އެކު މުޅި ހަށިގަނޑު ތެޅި ގަތެވެ. އޭނާ އިނީ އަހަރެން ގެ ލޮލަށް ބަލާށެވެ. އަހަރެންނަށް ގިނަ އިރު ބަލާކަށް ނުކެރުނެވެ. އަހަރެން ލޯ މަރާލަމުން ދިޔައިރު ފެނުނީ އޭނާގެ ލާނެއް ހިނިތުން ވުމެކެވެ. އޭނާ ބުނާ ކަހަލައެވެ. ކަލޭ އަހަރެންގެ ލޮލަށް ވަރަށް ބަލައި ފީމު ނޫންހެއްޔެވެ؟ އަހަރެންނަށް އެކަން އެނގެއެވެ. އަހަރެންގެ މޫނާ ލޮލުން ތިކުރި ވައްކަން މިއޮތީ ފަޅާ އަރާފައެވެ.

މަދު ސިކުންތުކޮޅަކަށް ފަހު އަހަރެން ލޯ ހުޅުވާލި އެއިރު ވެސް އޭނާ އިނީ ބަލާށެވެ. އަވަހަށް ނޫހުގެ ގަނޑުތައް އުކަން ފެށީ ނުތަނަވަސް ކަމާ އެކުގައެވެ. އަދި އޭނާގެ ކައިރީގައި އިން ފިރިހެން މީހާ އަށް އެކަން އެނގިދާނެތީ އިނދެ ވުނީ ބިރުންނެވެ.

އަނެއްކާ އެނާ ގޮނޑިން ތެދުވެއްޖެއެވެ. ބޭރަށް ނުކުތުމަށް މިސްރާބު ޖަހައިފިއެވެ. އެތެރޭގައި ފަރުވާ ހޯދަމުންދާ އަހަރެންގެ ދައްތަގެ ޚަބަރެއް ނުވެއެވެ. ހިތައް އެރީ މިފަހަރު ކޮންމެ ގޮތެއް ހަދާފައި ވެސް މީނާ އާއި ވާހަކަ ދައްކާނަމެވެ. ނަމަވެސް އަހަރެންގެ އުންމީދު ފެނަށްވީ ބަސް ބުނި ހިނދުންނެވެ. ކުއްލިއަކަށް ދައްތަ ފެނިއްޖެއެވެ. ހުރީ ކުޑަކޮށް ހިނިތުން ވެފައެވެ. އަހަރެންގެ ކައިރިއަށް އައުމާއެކު ބުނެފިއެވެ. ފައިސާ ދައްކައިފިން ހެއްޔެވެ؟ އަހަރެން ބުނީމެވެ. އެކަން އެންމެ ކުރިން ނިންމައިފީމެވެ.

ދައްތަ ބުނީ ކޮނޑަށް ވާތަދަށް މިހާރުވެސް ލުއިކަމެއް އަތުވެއްޖެކަމުގައެވެ. މާދަން ވެސް އަންނާން ޖެހެވެ. އަވަހަށް ހޮޓަލަށް ހިނގާށޭ ބުނެ ދައްތަ ހިނގައި ގަނެފިއެވެ.

އަހަރެންމެން ދެބެން ހިނގައިގަތީ އެކު އެކީގައެވެ. ބޫޓަށް އެރުމަށް ފަހު ދައްތަގެ ފަހަތުގައި ހުރެގެން މަޑު ހިނގުމެއްގައި ހިނގައި ގަތީ އޭނާ ގެ މޫނަށް އަދި ވެސް އެއްފަހަރު ބަލައިލުމުގެ ނިޔަތުގައެވެ. އޭނާ ހުރީ އެ ހުދު ކާރު ކައިރީގައެވެ. އަހަރެން ބަލައިލީ ވަރަށް ވިސްނައިގެންނެވެ. ހަތަރު ކަޅި ހަމަވި ވަގުތު އޭނާ ލުއި ހިނިތުން ވުމެއް ވެލިއެވެ. ބަހެއް ބުނެވޭތޯ އަހަރެން އުޅުނީމެވެ. ނަމަވެސް އޭރު އެތަނަށް އައިސް މަޑުކޮށްލި ކުރޮޅި އަކަށް އަރަން ދައްތަ އަހަރެންނަށް ގޮވާލިއެވެ. އެރީތި ދެލޮލާ ވަކިވީ އެވެ. ފަސް އެނބުރި ބަލައިލިއިރު އޭނާ ހަރުފަތްތަކުން އަރަނީއެވެ.

ކުރޮޅީގައި އިންއިރު ވެސް އަހަރެންނަށް ފެންނަނީ ހަމަ އެރީތި ދެލޮލެވެ. އެމޫނެވެ. ސާދާ ހިނިތުން ވުމެވެ. ހިތް ހެޔޮ ކަމެވެ. އެ ދެ ލޯ އަބަދަށްމެ ވަކިވީ ހެއްޔެވެ؟ އުންމީދު ކަނޑައެއް ނުލަމެވެ. ޖެހިގެން އައި ދުވަހުވެސް އެތަނަށް ދިޔައީމެވެ. އޭނާ ފެނޭތޯ ވަރަށް ބެލީމެވެ. ދިމައެއް ނުވިއެވެ. އޭނާގެ ފަރުވާ ނިމުނީ ކަމަށް ވެދާނެއޭ ހިތް ބުނަމުންދިޔައެވެ. ނަމަވެސް އުންމީދު ކަނޑައެއް ނުލަމެވެ. ހަފުތާއެއް ވަންދެން ދެވުނު އިރު ވެސް އެދެލޮލުގެ ވެރިޔާއެއް ނުފެނުނެވެ. އަބަދަށްމެ އޭނާ ގެއްލުނީއެވެ.

އަހަރެންގެ ހަޔާތުގައި އަދިވެސް އަދި ކުރިންވެސް އެކަހަލަ ދެލޮލެއް ނުދެކެވެ. އެ ދެ ލޮލުގެ ހަނދާނާ ވަތްކެތް ނުވެވުނެވެ. މިއަދު ވެސް އެ ލޯ އަހަރެންނަށް ސިފަވެއެވެ.