އޭޕްރީލް 27 ވަނަ ދުވަހު ގެނެސްދިން ބައި

ނިހާ އެއްފަރާތަކަށް ޖެހިލަމުން ބަލާލިއެވެ.

"ދީޕިކާ." ނިހާއަށް ބުނެވުނެވެ.

"ފާހާނަ ހަޑި ހުންނަނީ. އަހަރެން ސާފުކުރާ ހުންނަނީ." ދެބަސް ދޭތެރެއަށް ހުއްޓަމުން ވަރަށް ލަސްލަހުން ދީޕިކާ ބުނެލިއެވެ. ނަޒީލަށް ދީޕިކާ ފެނުނު ވަގުތު ސިހުން ލިބުނު ކަމުގައި ވިޔަސް، ދީޕިކާއަކީ އޭނާގެ ހަޤީޤަތް މާ ކުރިންސުރެން އެނގޭ މީހެއްކަން ހަނދާންވުމާއެކު އޭނާ ހަމަޔަކަށް އެޅުނެވެ. ނަޒީލް ދީޕިކާއަށް ބަލާލައިފައި ނުކުމެގެން ދިޔައީ ނިހާ ދެއްކި ވާހަކަތަކާމެދު ވިސްނަމުންނެވެ.

ދީޕިކާއަށް އެ ކޮޓަރީގައި ދެކެވުނު ވާހަކަތައް އަޑުއިވޭނޭ ހިތަށް އަރާފައި ނިހާ ހުރީ އުނދަގޫވާ ގޮތްވެފައެވެ. ދީޕިކާގެ އަނގައިން އެ ހަޤީޤަތް ނިކާލްގެ ކަންފަތާ ހަމައަށް ފޯރާކަށް ނިހާ ބޭނުމެއް ނޫނެވެ. ނިކާލަށް އެއިން އެންމެ ވާހަކައެއް އަޑު އިވުނަސް އޭނާދެކެ އަންނަ ރުޅި އިތުރުވުން ނޫން ކަމެއް ނުވާނެއެވެ. ނިހާއަށް ދީޕިކާއާ ދޭތެރޭ ކުޑަކޮށް ޝައްކުވިއެވެ. އެމީހުން ދެއްކި ވާހަކަތައް ކަނުލައި އަޑުއަހަން ދީޕިކާ ހަމަހިމޭނުން ހުރީ ކަންނޭނގެއެވެ. ފާހާނާ ސާފުކުރަން އުޅުނު މީހެއްނަމަ އެއްވެސް އަޑެއް ބަޑެއް ނީވި އެ ހުރިހާ ވަގުތެއް ފާއިތުވެގެން ދާންވީ އިތުރު ސަބަބެއް ނިހާއަކަށް ނުވިސްނުނެވެ.

"ދީޕިކާ ސިއްރުން ވާހަކަ އަޑު އަހަން ހުންނަނީ ދޯ؟" ނިހާ ޝައްކުގެ ނަޒަރަކުން ދީޕިކާއަށް ބަލަމުން ސުވާލުކޮށްލިއެވެ. އެޔާއެކު ދީޕިކާ އަތާއި ބޯ ދެފަރާތަށް ހޫރުވަމުން ނޫނެކޭ ބުނަމުން ނިހާއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ.

"ކޮޓަރި އަޑުގަދަ އަޑު އިވެނީ. އަހަރެން ބިރުން ނުނުކުންނަނީ ހުންނަނީ." ދީޕިކާ ބުނެލިއެވެ.

"އެންމެ ރަނގަޅު. މި ކޮޓަރި ފާޚާނާ ސާފުކުރަން ބޭނުންނެތީ. އަހަރެން ސާފުކުރަނީ. ދީޕިކާ ދޭ." ނިހާ އެނދާ ދިމާއަށް ދިޔައެވެ. ދީޕިކާ އެނބުރި ފާޚާނާއަށް ވަދެ ސާފުކުރަން ބޭނުންކުރާ ސާމާނު އަޅައިގެން ގެނައި ބާލިދީ ހިފައިގެން ނުކުތެވެ. ދޮރުން ބޭރުވެ ދޮރު ލެއްޕުމާއެކު އޭނާގެ ތުންފަތް މަތިން ފާޅުވީ މަކަރުވެރި ހިނިތުންވުމެކެވެ.

ބާބު 06 - ހިތްވަރު އެލުވައެއް ނުލައެވެ.

ނިހާގެ ބޮލަށް ހުންނަނީ ފާޑަކަށް ބަރުވެފައެވެ. ދިރިއުޅުމުގައި އުފާވެރިކަމެއް ނެތުމުންނެވެ. ވިސްނަންޖެހޭ ކަންކަން ގިނަކަމުންނެވެ. އޭނާ ނިތްކުރީގައި ހިފައި ބާރުކޮށްލަމުން، އެނދުގައި އިށީނުމަށް ތިރިވި ވަގުތު ފޯނު ރަނގަބީލުވާ އަޑު އިވުނެވެ. ބަލާލިއިރު ގުޅަނީ ފައިރޫޒްގެ މަންމަ ޒުބޭދާއެވެ. ޒުބޭދާ އެދުނީ ހަވީރު ނިކަން ރީތިވެލައިގެން އެގެޔަށް އައިސް ދިނުމަށެވެ. ބޭރުވެށީގައި އާއިލީ ފޮޓޯ ޝޫޓެއް ބޭއްވުމަށް ހަމަޖެހިފައިވާތީ ނިހާ ވެސް އެކަމުގައި ބައިވެރިކުރަން ޒުބޭދާ ބޭނުންވީއެވެ. ނިހާއަށް އިންކާރުކުރަން ނުކެރުމުން ފޯނު ބޭއްވީ އެކަމަށް އެއްބަސްވެފައެވެ. ފޫހިކަންމަތީ ފޯނު އަތަށް ލައިގެން އިންދައި ފައިރޫޒްގެ މެސެޖެއް ވެސް އަޔެވެ. މެސެޖުގައި އޮތީ ލާންވީ ހެދުމުގެ ކުލައާއި ބަލާ އަންނާނެ ގަޑިއެވެ. ނިހާ އާދައިގެ މަތިން ފޮނުވާ ކަހަލަ ކުރު ޖަވާބެއް ލިޔެލާފައި ފޮނުވާލިއެވެ.

ނިހާ ފެންވަރާލައިގެން ނިކުމެ ފައިރޫޒް ބުނި ކުލައިގެ ހެދުމެއް ހޯދައިގެން އިސްތިރިކޮށް އަވަދިވީއިރު ހަވީރު ވެއްޖެއެވެ. އެ ހެދުން ލައިގެން ރީތިވާ ހިތްނުވެފައި އިންދައި މީހަކު ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ނިހާ ތެދުވެގެން ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ އިންޝާއެވެ. އިންޝާގެ މޫނަށް ބަލާލުމަށްފަހު ފޫހިކަމާއެކު އަނެއްކާވެސް އޭނާ ގޮސް އިށީނީ އެނދުގައެވެ. އެކުވެރިޔާ ލައިގެން ހުރި ނަލަ ހަވީރީ ހެދުމާ، މިލާ މޯޅި ވެފައިވާ މޫނުމަތި ފެނުމާއެކު ފައިރޫޒާ އެއްކޮށް ކޮންމެވެސް ތަނަކަށް ދާން ޖެހުނީކަން އިންޝާއަށް ވިސްނުނެވެ.

"ސާބަހޭ. ތިވަރުން ވެސް އޭނައާ އެކީ އުޅެންވާނެ. އެއްބައި ކަންތަކުގައި އާދަޔާ ޚިލާފަށް ހިތްވަރުގަދަ އަންހެނެއް މީ. ސަހާދެއް." އިންޝާ ދިމާކުރާ ފާޑަކަށް ބުނެލިއެވެ.

"ފައިރުއަށް ހަޤީޤަތް އެނގޭ ދުވަހަކުން ހާދަ ދެރަވާނެދޯ؟" ނިހާ ދެރަވެލާފައި ބުންޏެވެ. ހަޤީޤަތުގައި ވެސް ނިހާ އިނީ ދެރަވެފައެވެ. ފައިރޫޒްގެ އާއިލާއާ ބައްދަލުކުރަން ޖެހޭ ކޮންމެ ފަހަރަކު އޭނާއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވެއެވެ.

"އެދުވަހުން ނިހާ ހިތަށް އަރާނެ އަވަހަށް ބުނެވުން ނަމައޭ." އިންޝާ ބުންޏެވެ. "ނުބުނެ ހުއްޓާ ފަޅާއަރާފިއްޔާ އެމީހުންގެ ނަޒަރުގައި ނިހާ ވާނީ ވަރަށް ވިޔާނުދާ މީހަކަށް."

"އެނގެޔޭ ތިކަން." ނިހާ ދެކޮޅު ހަދާކަށް ނޫޅެއެވެ.

ފައިރޫޒަށް ތެދުތެދަށް ހަޤީޤަތް ކިޔާދިނުމަށް އެދި އިންޝާ އެތައް ދުވަހަކު އެތަކެއް ފަހަރެއް މަތިން ނިހާއަށް ނަސޭހަތްތެރި ވެފައިވެއެވެ. ދުލުން ބަޔާންކުރަން ދަތިވާނަމަ، މެސެޖަކުން ނަމަވެސް ނިހާގެ ހިތުގައި ޖަހާ ވިންދުގައި ފައިރޫޒުގެ ނަން ލިޔެވިފައި ނުވާކަން ހާމަކޮށްދިނުން ލަސްނުކުރުމަށް ތަކުރާރުކޮށް ބުންޏެވެ. ނަމަވެސް އެކަހަލަ ހިޔާލެއް ވެސް ނިހާ ކުރާހެނެއް އިންޝާއަކަށް ހިޔެއްނުވެއެވެ. އެހެންކަމުން އެ މަޢުޟޫއަށް ބަހުސްކޮށް އިތުރަށް އެއްޗެއް ބުނާކަށް އިންޝާ ގަސްދެއް ނުކުރިއެވެ. ފައިރޫޒްއާއެކު ތަނަކަށް ދާން ޖެހުނީ ތޯ އިންޝާ ސުވާލުކޮށްލުމާއެކު ޒުބޭދާ ދިން ދައުވަތުގެ ވާހަކަ ނިހާ ކިޔާ ދިނެވެ.

"ފައިރޫޒް ގާތު ހަޤީޤަތް ހާމަކުރަން ނުކެރެންޏާ. ތީގެން ވެސް މޮޅެއް ވާނެ ގޮތެއް މިހާރު ވިސްނަންވެއްޖެންނު. ނިކާލް މޮޔަވާ ވަރަށް ނަލަހެދިލައިގެން ފައިރޫޒްއާއެކު ބޭރަށް ދޭބަލަ. ނިކާލްގެ މޭ ކަރާނެކަން ޔަޤީން." އިންޝާ ދިން ހިޔާލާއެކު ނިހާގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ.

"ތެދުވޭ އަހަރެން ތައްޔާރުކޮށް ދޭނަން." އިންޝާ ނިހާގެ އަތުގައި ހިފައި ނެގިއެވެ. އަދި އަތަށް ދަމާލައިފައި ގެންގޮސް ރީތިވާ މޭޒު ކުރިމަތީގައި ބޭންދިއެވެ.

ނިހާ ނަލަ ހައްދާ ތައްޔާރުކުރުވުމުގައި އިންޝާއަށް ލިބިފައި ހުރި ހުރިހާ ތަޖުރިބާއަކާއި ހުނަރެއް ބޭނުން ކުރިއެވެ. ދުވަހެއްގެ ކޮޅުން ވެސް ނިހާ ނަލަ ނުހެދޭ ވަރަށް ރީތިކޮށްލާފައި އިންއިރު ހީވަނީ ކައިވެނީގެ ފުރަތަމަ ރެޔަށް ތައްޔާރުވެފައި އިންހެންނެވެ. ފޮޅިފައި އިން ރަތް ފިނިފެންމަލެއް ހެންނެވެ.

"މިރޭން މިރެޔަށް ކާވެނި ކުރަން ފައިރޫޒް ހިފާނުލާފިއްޔާ ރަނގަޅު." އިންޝާ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.

"ތިހެން ވެސް ނިކާލް ހިފާލާނަމައެއްނު. އޭ ދަނީ މިހާރު އަންނާނެ. ޝުކުރަން." ނިހާ އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން ގޮނޑިން ތެދުވީ އިންޝާއަށް ބަލާލައިފައި ހެމުންނެވެ.

ނިހާ ކޮޓަރިން ބޭރަށް ނުކުމެ ހިނގައިގަތް ތަނުން ފައިރޫޒު ގުޅިއެވެ. ނިކާލް ފެނޭތޯ ކަޅި އުކަމުން ފޯނު ކަންފަތުގައި ޖަހައިލައިގެން ހުރެ އޭނާ ބޭރަށް ނުކުތެވެ. އުނދޯލީގައި ވާހަކަތަކެއް ދައްކަން ތިބި ނަޒީލާއި ނިކާލް ފެނިފައި ނިހާއަށް މަޑުޖެހިލެވުނެވެ. ނަޒީލް ކާވެނީގެ ވާހަކަ ދައްކަނީއޭ ހިތަށް އެރުމާއެކު ނުތަނަވަސްކަން ހިތަށް ވެރިވެގަތެވެ.

"ހަލޯ. ހަލޯ. ނިހާ." ފޯނުން އިވުނު ފައިރޫޒްގެ އަޑަށް ނިހާ ސިހުނެވެ. އޭނާ އަވަސް އަވަހަށް ހަމަޖެހިލަމުން ތައްޔާރުވެވުނު ވާހަކަ ބުނެލިއެވެ.

"މިދަނީ. މާލަހެއް ނުވާނެ." ފައިރޫޒް ފޯނު ބޭއްވުމާއެކު ނިހާ ހިނގައިގަތީ އުނދޯއްޔާ ދިމާއަށެވެ.

ނިކާލްގެ ގާތުގައި ނަޒީލް ދެއްކީ މަންމައާ ބައްޕަގެ މެދުގައި ޖެހިގެން އުޅޭ މައްސަލަގަނޑު ހައްލުނުވެ، ދިގުދެމިގެން ދާ ވާހަކައެވެ. މަންމަގެ ވާހަކަ ހުރި ގޮތުން ބައްޕަ ކައިރިން ވަރިވުމުގެ ވިސްނުމެއް ގެންގުޅޭހެން ހީވާކަމުގައި ވެސް ނަޒީލް ބުނެލިއެވެ. ނިކާލް އިނީ އިލްހާމް ދިފާޢުކޮށްފައި ވާހަކަދައްކާ ގޮތަކަށް ނޫނެވެ. އޭނާ މާ ބޮޑު ޝައުގުވެރިކަމެއް ނެތި އިލްހާމް ކުށްވެރިކޮށްފައި ވާހަކަ ދެއްކިއެވެ. ދޮގު މައްޗަށް ދޮގުހަދައިގެން އޮޅުވާލައިގެން އުޅޭކަން އެނގުމުން ކޮންމެ މީހަކު ވެސް ފޫހިވާނެ ކަމުގައި ބުންޏެވެ. ބައްޕަ ވަރުގެ މާތް މީހަކު ނެތްކަން އަންގަންވެގެން އަންހެން ދަރިޔަކު ނުހުންނާނެކަމަށް ބުނެ އޮޅުވާލި އޮޅުވާލުން ނަޒީލަށް ބޮޑުކަމަކަށް ނުވިޔަސް، މަންމައަށް އެއީ ބޮޑުކަމަކަށް ވާނެ ކަމުގައި ނިކާލް ބުންޏެވެ. ނިކާލްގެ ރާގުގައި ފަރުވާކުޑަ ގޮތެއް ހުރުމުން މަންމަމެން ވަކިވެދާނެތީ ނިކާލް އެއްވެސް ވަރަކަށް ކަންބޮޑުވެ ޖެހިލުން ނުވާކަން ނަޒީލަށް އެނގުނެވެ. ނިކާލްގެ ނަޒަރުގައި ބައްޕައަކީ ކުށްވެރިއެއް ނަމަވެސް ނަޒީލްގެ ވިސްނުން މުޅިން ތަފާތެވެ. ދަތްހުރި ދުވަހު ކާށި ކެއުމަކީ ކޮންމެ މީހަކަށް ވެސް ލާޒިމު ކަމެއް ކަމުގައި ނަޒީލް ދެކެއެވެ. އެގޮތުން ބައްޕަ ވެސް ޒުވާންކަމުގެ ޖޯޝުގައި ގޮތަކަށް އުޅެފައި ހުއްޓަސް އެއީ މިހާ ބޮޑުވަރު ކުރަންޖެހޭވަރުގެ މައްސަލައެއް ނޫނެވެ.

"ނިކް. ބައްޕަ ދޮގެއް ހެދިޔަސް ހަދާނީ ވަރަށް ވިސްނާފަ ކަންނޭނގެ. އިބްރާހީމްބެ ދެއްކީ ތެދުވާހަކަތަކެއް ކަމެއްވެސް އަހަރުމެންނަކަށް އަސްލު ނޭނގޭނު. އެއީ ތެދަކަށް ވިޔަސް އެކަމެއް އެވީ މަންމައާ އިނުމުގެ ވެސް މާ ކުރިންކަން ޔަގީން. މަންމައަށް ވެސް އެވަރު ވިސްނެންވާނެއްނު." އިލްހާމްގެ ދިފާޢުގައި ނަޒީލް ވާހަކަ ދެއްކިއެވެ.

"އިބްރާހީމްބެ ވެސް ދޮގު ހަދައިގެން ބައްޕަ ބަދުނާމުކުރަން ޖެހޭ ސަބަބެއް މަށަކަށް ނުވިސްނޭ. މީގަ މުހިންމީ އެކަމެއް ހިނގީ މަންމައާ އިނުމުގެ ކުރިންތޯ ނުވަތަ ފަހުންތޯ ބެލުމެއްނޫން. އެކަކު އަނެކަކަށް ތެދުވެރިވެ ވަފާތެރިވުން މުހިންމީ. މަންމައަށް ބައްޕަގެ ފަރާތުން އެ ތެދުވެރިކަމާއި ވަފާތެރިކަން ނުފެންނަންޏާ ފޫހިވާނެ. ދޮގުހަދާ، މަކަރުހަދައި، އޮޅުވާލާ މީހުންދެކެ މަ ވެސް ފޫހިވޭ. ނަފުރަތުކުރެވޭ. އެކަމަކު ބައްޕަ ވީމަ ބައްޕައަށް ކުރަންޖެހޭ އިޚުތިރާމު މަ ކުރާނަން. އެހެން މީހަކު ނަމަ...." ނިކާލް އިސް އުފުލާލި ވަގުތު ނިހާ އަންނަތަން ފެނުމާއެކު ބަސް ހުއްޓުނެވެ.

ނިކާލަށް ކަޅި ޖަހާނުލާ ނިހާއަށް ބަލަން އިނދެވުނެވެ. ފަލަމަސްގަނޑާ ހަމައަށް ހުރި މަޑު ނޫކުލައިގެ ހެދުމަކާއެކު ފައިކުރިޔަށް ބާރު ކަޅުކުލައިގެ ޖީންސެއްގައި ނިހާ ހިނގާލައިފައި އަންނަތަން ފެނުމުން ނިކާލް އާޝޯޙުވިއެވެ. އެކުލަތައް ނިހާގެ ދޮންކަމާ ހާދަހާވާ ގުޅެއެވެ. ހެދުން ގަޔަށް ބާރުކޮށް ހުރުމުން އެ ފުރިހަމަ ބައްޓަން ފާޅުވެއެވެ. ހިނގާލާފައި އަންނަލެއް ފަރިކަމުން އަންހެންވަންތަކަން އިތުރުކަމަށް ދައްކައެވެ. އެ ފަން އިސްތަށިގަނޑު ވެސް އޮތީ ބުޅިކޮށްލައި އެއްފަރާތުން ގެނެސް މޭ މައްޗަށް ވައްޓައިލާފައެވެ. ތުންފަތުގައި ޖައްސާފައި ހުރި ގަދަ ރަތްކުލައާއި، ލޮލުގެ ތިރީ އެސްފިޔަތަށް މަތިން ދަމާލައިފައި ހުރި ކަޅުކުލަ ގަދަ އަނދުނުގެ ސަބަބުން އެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވެއެވެ. ނިހާ ފެނުނު ކޮންމެ ފިރިހެނެއްގެ ހިއްސުތައް ހަލަބޮލިކޮށްލާނެކަން ޔަޤީނެވެ. އެ ރީތިކަން ފެނި އަނގަހުޅުވިފައި އިނީ ނިކާލް އެކަންޏެއް ނޫނެވެ. ނަޒީލްގެ ހާލަކީ ވެސް ހަމަ އެއީއެވެ.

ދެމީހުން ބަލަން ތިބި ގޮތް ފެނިފައި ނިހާ ކުޑަކޮށް ލަދުވެސްގަތެވެ. މަންޒަރު ބަލަން ތިބި ބަޔަކަށް އެދެބެންގެ ހިތް ނިކަން ސާފުކޮށް އެނގޭނެއެވެ. ނަޒީލްގެ ނަޒަރު ނިހާގެ މޭމައްޗަށް ހުއްޓިފައި ހުއްޓެއްކަމަކު ނިކާލަށް ޝޯހުވެ ބަލަން އިނދެވުނީ އެ ރީތި މޫނަށެވެ. ނަޒީލްގެ ހިތް އެނގޭތީ ނިހާއަށް މާ ބޮޑު ހައިރާންކަމެއް ނުލިބުނެވެ. ނިކާލަށް އެވީ ނިހާ އުންމީދު ކުރި ގޮތެވެ. އެކަން ވާނީ އެހެންކަން އޭނާއަށް މާކުރިން ވެސް އެނގިފައި އޮތް ކަހަލައެވެ. އޭނާ ކައިރިއަށް އައިސް ހުއްޓެމުން ކަރުކެހިލުމާއެކު ނަޒީލް ދުރަށް ބަލާލިއެވެ. ނިކާލް މޫނުމަތިން ނުރުހުމުގެ ކުލަ ފާޅުކުރަމުން އިސް ޖަހައިލިއެވެ.

"ދެބެން ކޮން މަޝްވަރާއެއްގަ؟" ނިހާ ވަރަށް ހަމަޖެހިފައި ހުރެ ސުވާލުކުރީ ޖަވާބެއް ލިބޭނެކަމުގެ އުންމީދެއް އޮވެގެނެއް ނޫނެވެ. ކަންތައް ވީ ވެސް ހަމަ އެހެންނެވެ. ދެމީހުން ކުރެން އެކަކު ވެސް އެއްޗެއް ބުނާކަށް ގަސްދެއް ނުކުރިއެވެ.

"ނަޒީލް. އަހަރެން ދެއްކި ވާހަކަތަކާމެދު ވިސްނިންތަ؟" ނިހާ ދައްކަންފެށި ވާހަކައަކުން ނަޒީލަށް ބަލާލެވުނީ އިސްޖެހިފައި އިން ނިކާލަށެވެ.

"ކޮންކަމެއް؟" ނަޒީލް ނޭނގޭ ކަމަށް ހެދުނެވެ. ނިހާއަށް އެ މޫނުމަތިން ނުތަނަވަސްކަން ފެނުމުން ހިނި އަންނަ ގޮތްވިއެވެ. އޭނާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ނަޒީލް ނުރުހިފައި ނިހާގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ.

"މިދަނީ ފައިރޫޒާއެކު ދުއްވާލަން ދާން." ނިހާ ދޮގެއް ހަދާލިއެވެ.

"ދިޔަސް އަހަރުމެންނަށް ކީއްތަ؟ ވަރުގެ ކޮޅަށް ނަލަހެދިގެން ތި އައީ މަށަށް ތިއްތި ދެއްކެންކަން ޔަޤީން." ނިކާލް ހިތާހިތުން ކިޔާލިއެވެ. އޭނާ ދެއަތް ދެއަތާ ޖޯޑުކޮށްލައިގެން އިނދެ އިންތިޒާރުކުރަމުން ދިޔައީ ނިހާ އެތަނުން ދާނެ އިރަކަށެވެ. އެ ޒަހަރެއް ފަދަ ރީތިކަމުގެ އަވާގައި ޖެހިދާނެތީ ނިކާލް އިނީ އިސްއުފުލާ ނުބަލަން އަމިއްލަ ނަފްސަށް ހުވައެއްކޮށްގެނެވެ. ނަމަވެސް ފާއިތުވަމުންދާ ކޮންމެ ސިކުންތަކާއެކު ކެތްތެރިކަން ކުޑަވެ، އެ ރީތި މޫނަށް ބަލާލަން ހިތް މަޖޫބޫރުކުރުވަމުން ދިޔައެވެ. ދުވާ ފޮނި މީރު ސެންޓު ވަހުން ހުރިހާ ހިއްސެއް ވަކިވަކިން ހޭލައްވަމުން ގެންދިޔަ ކަހަލައެވެ.

"ނަޒީލް އަދިވެސް ޖަވާބެއް ނުދެމެއްނު." ދެންވެސް ވާހަކަދެއްކީ ނިހާއެވެ. "ވަރަށް ވިސްނާފަ ގޮތެއް ނިންމައްޗޭ. ފައިރޫޒް މަ ބުނާ އެއްޗެއް ޤަބޫލުކުރާނެ. މި ގޭ މީހުން މަ ދައްކާ ވާހަކަ ޤަބޫލުނުކުރިޔަސް ފައިރޫޒު ކައިރީ މީ ރޭގަނޑޭ ބުންޏަސް އޭނަ ގަބޫލުކުރާނެ. އަހަރެން ރައްކާތެރިކުރަން އޭނަ އަމިއްލަ ފުރާނަ ވެސް ގުރުބާންކުރާނެ. އެހެންވީމަ އަހަރެން ކަންބޮޑުވާކަށް އަދި ބިރުގަންނާކަށް ވެސް ނުޖެހޭނެ."

ނިހާ ވަރަށް ނުސީދާކޮށް އެއްލި ބަސްތަކުން އެތަނުގައި ތިބި ދެމީހުންގެ ސިކުނޑި ވެސް ހާސްކޮށްލިއެވެ. ހިތުގެ ތެޅުން ވެސް ކުރިޔަށް ވުރެން ބޮޑަށް ހަލަބޮލިކޮށްލިއެވެ. އެވަރުން ވެސް ދެމީހުންކުރެން އެކަކުވެސް އަނގަޔަކުން ނުބުންޏެވެ. ފައިރޫޒުގެ ފޯނެއް އައުމާއެކު ނިހާ ހިނގައިގަތީ ހިތްހަމަޖެހިފައި ހުރެއެވެ. ނިކާލް އަނގައިން ނުބުނެ އިސްޖެހިފައި އިނުމުން ވެސް އެތައްކަމެއް ސާބިތުވެއެވެ. ނިކާލް އިސްއުފުލާލީ ވެސް ނިހާއަށް ބޭރަށް ނުކުމެވޭނެހާއިރު ކޮށްފައެވެ.

ނަޒީލަށް އަމާޒުކޮށް ނިހާ ދެއްކި ވާހަކައިގެ ފަހަތުގައިވާ ސިއްރު ދެނެގަތުމަށް ނަޒީލާ ސުވާލުކުރަން ނިކާލް ބޭނުންވިއެވެ. ނަމަވެސް ނަޒީލަކީ ނިހާއަށް މަގުކޮށައިދީ އެ މަގުން ހިނގާ މީހެއްކަން ހަނދާނަށް އައުމާއެކު އެ ހިޔާލު ދޫކޮށްލިއެވެ. އޭނާގެ ކާވެނި ހަމަޖައްސަން ނިހާ ރޭވިރޭވުން ވެސް ކާމިޔާބުކޮށްދިން މީހަކީ ވެސް ހަމަ ނަޒީލެވެ. އޭނާއާ ސުވާލު ކުރުމަށްވުރެން ބުއްދިވެރި ގޮތަކީ ނުކުރުމެވެ. ނިކާލް ތެދުވެގެން ދަމުން ސިއްރުވެރި ގޮތަކަށް މަގުމައްޗާ ދިމާއަށް ކަޅިއެއް އެއްލިއެވެ. ހެވި ދިލިފައި ހުރެ ނިހާ ފައިރޫޒާ ސަމާސާކުރަމުން ސައިކަލަށް އެރިތަން ފެނި ނިކާލްގެ ހިތް ފިތިގެން ދިޔަކަލައެވެ. ނިހާ މި އުޅެނީ ކޮންކަމެއް ސާބިތުކުރާނަމޭ ހިތާ ހެއްޔެވެ؟ އެ މަންޒަރުތައް އެ ގޮތަށް ދައްކައިގެން ނިކާލްގެ ހިތް ބަދަލުވެދާނެހެން ހީވަންޏާ އެއީ ނިހާއަށް ކުރެވޭ ވަރަށް ބޮޑު ކުށްހީއެކެވެ.

ފައިރޫޒް ސައިކަލު ދުއްވާލުމާއެކު ނިހާގެ ތުންފަތް މަތިން ހިނިތުންވުން ފިލައިގެން ދިޔައެވެ. ނިކާލަށް ދެއްކެން ފައިރޫޒްއާ ހީހީފައި ވާހަކަދެއްކި ނަމަވެސް ނިހާގެ ހިތުގައި އަޅަމުންދާ ވޭނަށް ކެތްނުވެގެން ރޮނީއެވެ.

"އަސްލުވެސް މިއަދު ވަރަށް ރީތި. ތި ހެދުން ނިހާއާ ވަރަށް ގުޅޭ. ވަރަށް ލޯބި." ދިޔަ މަގުމަތީގައި ފައިރޫޒުގެ ދުލުން އެނޫން އެއްޗެއް ނުކިޔެއެވެ.

ނިހާގެ ރީތިކަމަށް ދުވަހަކު ވެސް މީހަކު ތައުރީފު ނުކުރާވަރަށް ފައިރޫޒް ތައުރީފުކުރިއެވެ. ލޮލާއި، ތުންފަތާއި އިސްތަށިގަނޑު ރީތި ވާހަކަ ދައްކަމުން ނިހާގެ ފުރިހަމަ ވާހަކަ ތަކުރާރުކުރަމުން ދިޔައީ ތަސްބީހައެއް ހެންނެވެ. އެ އަޑު އަހަން ނިހާއަށް އުނދަގޫވިއެވެ. ނުތަނަވަސްކަން އިތުރުވިއެވެ. ނިކާލްގެ ލޯބި ބޭޒާރުކުރަން ކުރި ކަމަކުން ފައިރޫޒުގެ ހިތް އެނާގެ މައްޗަށް ކުރިޔަށް ވުރެން ބޮޑަށް ލަންބުވާ ލެވުނުކަމުގެ އިޙްސާސް ކުރެވުނެވެ. ނިކާލްގެ ހިތަށް އަމާޒުކުރި ތީރު މި ހެރުނީ ފައިރޫޒުގެ ހިތަށެވެ.

އެރޭ ނިދަން އަރާ ފިކުރު ބޮޑުވެގެން ނަޒީލަށް އެތައް އިރަކު ނުނިދިފައި އޮންނަން ޖެހުނެވެ. ނިހާ ފާޅުގައި ދިން އިންޒާރުގެ ސަބަބުން ނިދި ވަނީ އޭނާއާ ރުޅިވެފައެވެ. ހަދާނެ ގޮތް ނުވިސްނިފައި އެތައް އިރަކު އޭނާ އޮތެވެ. ނިހާއަކީ ޖެހިލުންކުޑަ އަންހެނެއްކަން ނަޒީލް ދަނެއެވެ. އޭނާ ބުނާ ގޮތަށް އަމަލުނުކޮށްފިނަމަ ބޭޒާރުވެގެން ދާނީ ބައްޕައެވެ. އޭރުން ބައްޕަ އެކަންކުރީ ނަޒީލްގެ މުޑުދާރު އަމަލުތައް ސިއްރުކުރަންކަން އިސާހިތަކު އެންމެނަށް އެނގި ފަޅާއަރާނެއެވެ. އެ ހަބަރުވެގެންދާނީ މަންމައަށާއި ނިކާލަށް ލިބޭ ވަރުގަދަ ޝޮކަކަށެވެ. އެމީހުން ނިހާއަށް އިތުބާރު ނުކޮށްފާނެއެވެ. އެކަމަކު އެ ރިޕޯޓް ބަދަލު ކުރެވިފައިވާކަމަށް ތުހުމަތު ކުރެވޭކަމަށް ޕޮލިހުން އަންގައިފިނަމަ އޭގައި ގޯހެއް އުޅޭކަން ބުއްދި ސަލާމަތުން ހުރި ކޮންމެ އިންސާނަކަށް ވެސް ޤަބޫލުކުރެވޭނެއެވެ. ބައްޕަ އެކަމުގައި ބައިވެރިވާނީ ނަޒީލަށް ކޮންމެވެސް ކުށެށް ކުރެވިފައިވާތީކަން ވިސްނިދާނެއެވެ. އެތައް ގޮތަކަށް ވިސްނުމަށްފަހު އެންމެ ފަހުން ނަޒީލް ނިންމީ، ނިހާގެ އެދުމާ އެއްގޮތަށް މަޑުން ހުރުމަށެވެ. ނިކާލްގެ ކާވެންޏާ ގުޅުން ހުރި އެއްވެސް ކަމަކާ ވައި ވެސް ނޭޅި ހުރުމަށެވެ.

ނަޒީލް ނިދޭތޯ މަސައްކަތްކޮށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ނުނިދިފައި ގިނައިރު އޮންނަން ޖެހުމުން ބަނޑުހައިވެގެން ބަނޑުން އަޑު ކިޔަންފަށާފިއެވެ. އޭނާ އެނދުން ތެދުވެ ކޮޓަރިން ނުކުތީ އަރާމުކޮށް ނިދާފައި އޮތް އިންޝާއަށް ނުހޭލެވޭނެހާ ސިއްރުންނެވެ. ފެންޑާއަށް ދިޔައިރު އެތަނުގައި ފެތުރިފައިވާ އޮރެންޖުކުލައިގެ ފަނޑުއަލީގެ ތެރެއިން ފެންނަން ހުރީ ފަޅުކަމެވެ. އެއްވެސް މީހަކު ހޭލާ އުޅޭކަމުގެ ހިލަމެއް ނުވި ނަމަވެސް ކާގެއާ ހަމައަށް ފޯރިއިރު ހޮޅިބުރީގެ ހުދު އަލި ލޮލުގައި އަޅައިގަތެވެ. ކޮންމެވެސް މީހަކު ހޭލާ އުޅެނީކަން ޔަޤީންވިއެވެ.

ކުއްލިއަކަށް އެ ހޮޅިބުރި ނިވިގެން ދިޔުމާއެކު ނަޒީލްގެ ހިތަށް ބިރުވެރިކަން ވަނެވެ. ގުޑިލަން ވެސް ނުކެރިފައި ހުއްޓައި ކާގެއިން ނުކުތީ ނިހާއެވެ. ކުރު ސޯޓުކޮޅަކާއި ޓީޝާޓެއްގައި ހުރި ނިހާ ފެނުމާއެކު ނަޒީލްގެ މޫނުމަތިން ފާޅުވީ ފޫހިކަމެވެ. ނަޒީލް ކާގެއަށް ވަންނަން އުޅުމުން ނިހާ އެއް ފަރާތަކަށް ޖެހިލަމުން ތަން ދެއްކިއެވެ. ނިހާ ކޮންމެވެސް އެއްޗެއް ބުނިހެން ނަޒީލަށް ހީވިއެވެ. ނަމަވެސް އެ އަޑަށް ސަމާލުކަމެއް ނުދީ އޭނާ ގޮސް ކާމޭޒު ކައިރީ ހުރި ގޮނޑިއެއް ދުރުކޮށްލަމުން އިށީނެވެ. އަދި ކުރިމަތީ ހުރި މޭވާ ވަށިގަނޑުން އާފަލެއް ނެގިއެވެ.

"ވިސްނައިފިންތަ؟" ނިހާ ބުނި އަޑު އިވުނެވެ. މިފަހަރު ބުނި އެއްޗެއް އިވުނު ނަމަވެސް ޖަވާބުދޭކަށް ނަޒީލް ނޫޅުނެވެ. ލައިގެން ހުރި ޓީޝާޓުން އާފަލު ފޮހެލާފައި، މޭޒުމަތީ އޮތް ވަޅިއެއް ނަގާ އާފަލު ފޮތިކުރަން ފެށިއެވެ. ނިހާ ގޮސް މޭޒުގެ ކުރިމަށްޗަށް ވާގޮތަށް ހުއްޓިލަމުން މި ފަހަރު ސުވާލު ތަކުރާރުކުރީ ތަންކޮޅެއް ބާރަށެވެ.

"މަށަށް އެކަން ހުއްޓުވަން ކުރެވޭނެ ކަމެއްނެތް." ނަޒީލް ނިހާއަށް ބަލާލައިފައި ރުންކުރު ޖަވާބެއް ދިނެވެ. "މިހާރު އެކަން ހުއްޓުވުމުގެ ބާރު އޮތީ ނިކާލްގެ އަތްމަތީގަ."

އެ ވާހަކައިން ނިހާއަށް ފަހުމުވީ މިހާރު ނިކާލްއާ ކާވެނިގެ ހުރިހާ ވާހަކައެއް ދައްކައި އެކަމަށް ނިކާލްގެ ރުހުން ވެސް ލިބިފައިވާ ކަމެވެ.

"ތިބުނީ ކީކޭ؟ ނިކާލްއާ ކާވެނީގެ ވާހަކަ ދެއްކީތަ؟" ނިހާ ބޭނުންވީ ޔަޤީންކުރާށެވެ.

"ނުދައްކާ." ނަޒީލް ދިނީ ކުރު ޖަވާބެކެވެ.

"ދެން؟" ނިހާ ހުރީ އެ ކާވެންޏާ ބެހޭ ހުރިހާ މައުލޫމާތެއް އެނގެން ބޭނުންވެފައެވެ. އޭނާއަށް ހަދަންވީ ގޮތެއް ވިސްނޭނީ ހުރިހާ ކަމެއް އެނގިގެންނެވެ.

"މަ ކާވެނި ކުރުވަން ބޭނުން ނުވިޔަސް ނިކާލް ކާވެނި ކުރާނެ." ނަޒީލް ދޭ ފޫހި ޖަވާބުތަކުން ނިހާއަށް އެއްޗެއް އޮޅުންފިލާ ގޮތެއް ނުވިއެވެ. ކާވެނި ހުއްޓުވުމުގެ ބާރު އޮތީ ނިކާލްގެ އަތްމަތީ ގައޭ ބުނަން ޖެހުނު ސަބަބެއް ނޭނގުނެވެ.

"ތަންކޮޅެއް ސާފުވާނެހެން ކިޔާބަލަ. ނިކާލްއޭ ނިންމާނީ ތި ބުނީ ކީއްވެ؟" ނިހާގެ ހިތުގައި އުފެދިފައިވާ ސުވާލުގެ ޖަވާބު ނުލިބި އިތުރު ސުވާލުތަކެއް ހިތުތެރޭގައި އުފަންވަމުންދާތީ ކުޑަކޮށް ރުޅިގަދަވާ ގޮތްވިއެވެ.

"މަ ކީއްކުރަން ބުނެދޭންވީ؟" ނަޒީލް ވެސް ފާޑަކަށް ރުޅިއައެވެ.

"ބުނަން ނަޒީލް ރަނގަޅު ވާހަކައެއް. ނަޒީލަށް އިތުރު ގޮތެއް ނެތް. ކާވެނި ހުއްޓުވަން ކުރެވޭނެ ކަމެއް ނޭނގެންޏާ އެމީހުން ކަންތައްކުރަން ރާވާފައިވާ ގޮތް ކިޔާދީ." ނިހާގެ އަޑުގައި ހަރުކަށި ކަމެއް ހުއްޓެވެ.

ނަޒީލް ނިކަން ބާރަށް ގޮނޑިން ތެދުވެ ނިހާއަށް ބަލާލީ ނަފުރަތުގެ ބެލުމަކުންނެވެ. ނިހާއާ ދިމާއަށް އެތިވަރު ގޮވާލަން ކިތަންމެ ބޭނުންވިޔަސް އެއްޗެއް ނުބުނެ ހުރެވޭތޯ އޭނާ ކެތްތެރިވިއެވެ. މުށު ތެރޭގައި އޮތް ވަޅީގެ މުއްގަނޑަށް ބާރުކޮށްލި ގޮތުން ހީވީ ދެންމެދެންމެ އެވަޅިން ނިހާ ޒަހަމްކޮށްލަފާނެ ހެންނެވެ. މޭޒުމައްޗަށް ވަޅި ހޫރުވާލަމުން އެތަނުން ނިކުންނަން ހިނގައިގަތީ ނިހާގެ އަނގަތެރެއަށް ވެއްޓިގެން އޭނާއަށް ލިބުނަސް ލިބޭނީ ގެއްލުމެއްކަން އެނގޭތީއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އަންހެނެއްގެ ދަށުވާން ޖެހުމުން މުޅި ނަފުސު ވެސް އޭނާއަށް މަލާމާތްކުރިއެވެ. ހިތާއި ސިކުނޑީގައި ރުޅިވެރިކަން އިންތިހާއަށް ފެތުރެންފެށިއެވެ. އެވަރުންވެސް ނިހާ އެދެމުން ދިޔަ ގޮތަށް މައުލޫމާތު ދޭކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ. ނަޒީލްގެ ފަހަތުން ހަމަ އެބާރުމިނުގައި ނިހާ ވެސް އެތަނުން ނިކުތެވެ.

"ނަޒީލް މަ ބުނާ ގޮތް ނުހަދަންޏާ މަށަށް ކުރެވޭނެ ކަންތައްތައް ވަކި މަދެއް ނުވާނެ. މަ ނެތިން މަގޭ ބަޔާން ބަދަލުކުރާކަށް. އެކަމަކު ފައިރޫޒަށް އެއީ އަސްލު ރިޕޯޓެއް ނޫންކަމުގެ ކުޑަވެސް ޝައްކެއް ވެއްޖެނަމަ ދެން ވާނެ ގޮތް ވިސްނާލާ." ނިހާގެ އިންޒާރާއެކު ނަޒީލަށް ހުއްޓެން މަޖުބޫރުވިއެވެ. އޭނާގެ ދެއަތްތިލަ ބާރުވެ މުށްކެވިގެން ދިޔަތަން ނިހާއަށް ފެނުނެވެ. ނަޒީލްގެ މޫނު ނުފެނުނަސް ރުޅިގަދަވެފައިވާ ވަރު ނިހާއަށް އަންދާޒާކޮށްލެވުނެވެ.

"މާދަމާ މަންމަ ނިކާލްއާ ކާވެނީގެ ވާހަކަ ދައްކާނެ. މަންމަގެ އެދުމަކަށް ނިކާލް މިހާތަނަށް ދުވަހަކު ވެސް ދެކޮޅު ހަދާފައެއް ނުވޭ. ކަލެޔަށް ވެސް މަ ނުބުންޏަސް އެވަރު އެނގޭނު. އެހެންވީމަ ނިކާލް މި ކާވެންޏަށް އެއްބަސްވާނެ. ކާވެނި ކުރެވޭނެ. އެކަން ހުއްޓުވަން މަށަށް ކުރެވޭނެ ކަމެއް ނެތް." ނަޒީލް އެއް ނޭވައިން ހުރިހާ ވާހަކަތަކެއް ކިޔައިލިއެވެ. އިތުރު ސުވާލެއް ކުރޭތޯ ނަޒީލް މަޑުކުރިއެވެ. ނިހާގެ އަޑެއް ނީވުމުން އެނބުރި ބަލާލިއިރު ނިހާ ހުރީ ވިސްނުމަކަށް ގެއްލިފައެވެ.

"އިތުރު ސުވާލެއް؟" ނަޒީލްގެ އަޑުޖެހުމާއެކު ނިހާ ސިހުނެވެ.

"އަދި އެއްސުވާލު؟ ރޫނާއާ ކާވެނީގެ ވާހަކަ ދައްކައިފިތަ؟" ނިހާ ހަމަޖެހިލަމުން މިފަހަރު ވާހަކަ ދެއްކީ މަޑުންނެވެ.

"ނުދައްކާ. ނިކާލް ޤަބޫލުތޯ ބަލާފަ އެކަންވެސް ކުރާނެ." ނަޒީލްގެ އަޑު އައީ ބާރުކޮށެވެ. ނިހާ ބުނާނެ އެއްޗަކަށް މަޑުކުރުމެއް ނެތި ނަޒީލް ހަރުކޮށް ހިނގާލައިފައި ގޮސް ސިޑިން އަރައިގެން ދިޔައެވެ.

ޖެހިގެން އައި ދުވަހަކީ ނިހާ ހެނދުނު ދަންފަޅީގެ ޑިއުޓީ ނަގަން ހަމަޖެހިފައި އޮތް ދުވަހެކެވެ. ނަމަވެސް ނިކާލްގެ ކާވެނީގެ ކަންތައް ރޭވެމުންދާއިރު ހޮސްޕިޓަލަށް ގޮސް ރަނގަޅަށް މަސައްކަތް ނުކުރެވޭނެތީ ނިހާ މަޑުކުރީ ގޭގައެވެ. ފައިރޫޒަށް އެކަން އެންގުމުން ގުޅަންފެށިއެވެ. ފޯނަށް ޖަވާބު ނުދިނުމުން އޮފީހަށް ނުދިޔައީ ކީއްވެގެންތޯ ސުވާލުކޮށް މެސެޖުކުރަން ފެށިއެވެ. ނިހާ ބޮލުގައި ރިއްސަނީކަމަށް ބުނެ ދޮގު ހެދިއެވެ. އޭގެ ފަހުން ދެގަޑިންދެގަޑިން ކާ ބޭހެއްހެން ފައިރޫޒްގެ ކޮންމެވެސް މެސެޖެއް ލިބެއެވެ. ބޭސް ކައިގެން ގިނަގިނައިން ފެން ބޯން ހަނދާންކޮށްދެއެވެ. ލޯބިނުވާ މީހެއްގެ ފަރާތުން އެވަރަށް އަޅާލުން ލިބެން ފެށުމުން ނިހާގެ ބޮލަށް އުނދަގޫވެ ހަޤީޤަތަށް ވެސް ބޮލުގައި ރިއްސަން ފެށިއެވެ.

ބާބު 07 - މުހުލަތު

ދީޕިކާއަށް ހަމަ ނިދި ނުލިބޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ނިދޭ ފަހަރަކު ވެސް ބިރުވެރި ހުވަފެނެއް ފެނިގެން ހޭލިވެދާނެއެވެ. އަބަދުވެސް ފެންނަނީ ރަތްކުލައިގެ ދެލޮލެވެ. ފުން ވިސްނުމެއްގައި އެކަނިމާ އެކަނި ކޮޓަރީގައި ނުނިދިފައި އެތައް ރެޔަކު އޮންނަން ޖެހެއެވެ. ދީޕިކާގެ މަންމަ ކޮންމެ ދުވަހަކު ވެސް ގުޅާފައި ދައްކަނީ އެއް ވާހަކަތަކެކެވެ. ދީޕިކާ ރާއްޖެދޫކޮށް އިންޑިޔާއަށް އެނބުރި އައުމަށް މަންމަ އެދެމުން ދިޔައީ އާދޭސްކުރާ ހާލުގައެވެ. މަންމަ އެދޭ ފަދައިން ދީޕިކާ ވެސް އެނބުރި ރަށަށް ދާން ބޭނުވެއެވެ. އެގޭގައި މިހާރު އޭނާ މަޑުކޮށްގެން ހުރީ އިތުރު އެހެން އެއްވެސް ގޮތެއް ނެތިގެން ކަމުގައި ބުނެ ވިސްނައިދެއެވެ. އަދި މަންމަ ހިތްނުތަނަވަސް ވެދާނެކަމުގެ ބިރަށް އޭނާއަށް ދިމާވި އެއްވެސް ކަމެއްގެ ވާހަކަ ނުބުނެ ވަރަށް އަވަހަށް ބައްދަލުވާނެކަމުގެ އުއްމީދު އޮތް ކަމުގައި ބުނެއެވެ. އެކަމަކު ރަށަށް ދެވޭނީ ވެސް އޭނާގެ ސާހިބުމީހާ އެކަމަށް ހުއްދަދިނުމުން ނޫން ހެއްޔެވެ؟ އިލްހާމް ހުރީ ދީޕިކާ އިންޑިއާއަށް ފޮނުވާ ގޮތަކަށް ނޫނެވެ. ދީޕިކާ ރަށަށް ދާން ބޭނުންވެގެން އެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ދީޕިކާއަކީ އެއްއަހަރު ދުވަހުގެ މުސާރަ ނަގައިގެން އެގެޔަށް ނޯކިރީކުރަން ގެނެވިފައި ހުރި މީހެއްކަން ހަނދާން ނައްތާނުލުމަށް އިލްހާމް ބުނެއެވެ. ރަށަށް ދެވޭނީ އެ ހުރިހާ ފައިސާއެއް އަނބުރާ ދިނުމުން ކަމުގައި ބުނެއެވެ. ނަމަވެސް އެ ފައިސާތައް އޭނާއަށް ލިބުމާއެކު މުޅި އާއިލާއަށް ހަރަދުކޮށް ހުސްކޮށްލެވިފައިވާތީ ދީޕިކާއަށް ޖެހުނީ އިތުރު ގޮތެއް ވިސްނާށެވެ. ހެނދުނު ލަހުން ތެދުވުން އާދައަކަށް ހަދައި، ގޭތެރޭގެ މަސައްކަތްތަކަށް ފަރުވާކުޑަ ކުރަންފެށީ ވެސް އިލްހާމް ހިތްހަމަނުޖެހިގެންވިޔަސް އޭނާ ރަށަށް ފޮނުވާލާތޯއެވެ. އެކަމަކު އެ ރޭވުން ވެސް ފެނަށްވެގެން ދިޔައީ އިލްހާމްގެ ފަރާތުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުލިބުމުންނެވެ.

އާދައިގެ މަތިން މިއަދުވެސް ދީޕިކާ އެނދުން ހިއްލާލީ 09 ޖަހާ ބޮޑުވި ފަހުންނެވެ. އޭނާ ތިރިޔަށް އައިއިރު ސޯފާގައި ޓީވީ ބަލަން އިލްހާމް އިނެވެ. ކުރިމަތީގައި ހުރި މޭޒު މަތީގައި އާވި އަރައަރާ ހުރި ކޮފީ ތަށްޓެއް ހުއްޓެވެ. ގޭތެރެއިން އިތުރު މީހެއް ފެންނަން ނެތުމުން ބަދިގެ ފަރާތަށް ދިޔައިރު އެތަނުގައި ވެސް އެކަކުވެސް ނެތެވެ. ފަރާތްފަރާތަށް ބަލަމުން ގޮސް ދެން އޭނާ ހުއްޓުނީ އިލްހާމް އިން ސޯފާގެ އެއް ފަރާތުގައެވެ. މީހެއްގެ ހިޔަނިވުމާއެކު އިލްހާމް ބަލާލިއެވެ. ދީޕިކާ ފެނުމުން މާ ބޮޑު ޝަޢުޤުވެރިކަމެއް އެ މޫނަކުން ނުފެނުނެވެ. އަނެއްކާވެސް އިލްހާމްގެ ސަމާލުކަން އަތުލީ ޓީވީއެވެ.

"ބޭ...ބޭބެ." ދީޕިކާ ގޮވާލިއެވެ. އިލްހާމް އިން ގޮތަށް އިނދެ ހޫމް ލައްވާލިއެވެ.

"އަހަރެން ރަށަށް ދާން ބޭނުން ހުންނަނީ." ދީޕިކާ މަޑުމަޑުން ބުންޏެވެ.

"މިއަދުގެ ކަންތައް ހަމަވީ މި. ދެ ދުވަހުން އެއްދުވަހު ޖެހޭނެ ތި ލަވަ ކިޔާލަން. ތީގެ ޖަވާބު ކުރިންވެސް ދީފީމެންނު. އަހަރު ދުވަސް ވީމަ ރަށަށް ފޮނުވާނަން. އޭގެ ކުރިން ދާން ބޭނުންވަންޏާ ލާރި ދެނީ." އިލްހާމް ދިނީ ކުރިންވެސް ދެމުން އައި ޖަވާބެވެ.

"އަހަރެން ބޭބެ ބުނާ ކަންކަން ކުރަނީ. ބޭބެ ވެސް އަހަރެން ބުނާ ކަންކަން ކުރަނީ." ދީޕިކާ ކޮށިކޮށް ދިވެހި ބަހުން ބުނި އެއްޗެއްގެ މާނަ އިލްހާމަށް ދޭހަނުވާކަން ނިތަށް އަރައިގެން ދިޔަ ރޫތަކުން އެނގުނެވެ. އޭނާ އެނބުރި ދީޕިކާއަށް ބަލާލަމުން ނިތް އަރުވާލިއެވެ.

"ކޮން ބޭބެ ކުރަނީ އަހަރެން ކުރަނީއެއްތަ؟" އިލްހާމް އެހިއެވެ.

"ބޭބެ ބުނަނީ ނަޒީލް ނިހާއްކޮ ކޮޓަރި ވަންނަނީ. ޕޮލިސް ނުބުނަނީ." ދީޕިކާ ޖެހިލުންވެފައި ހުރެ ބުންޏެވެ.

ދީޕިކާ ކިޔަމުން އެ ދަނީ އިލްހާމްގެ އެދުމަށް ދީޕިކާ ނަޒީލްގެ ސިއްރުތައް ހިފެހެއްޓި ވާހަކައެކެވެ. ޕޮލިހުންނަށް ދޮގު ބަޔާންދީ ނަޒީލް ބެދެން އުޅުނު މަޅިން ސަލާމަތްކުރި ވާހަކައެވެ. އިލްހާމަށް ދީޕިކާ އެ ކިޔާ އެއްޗެއް އެނގުމާއެކު ދެލޯ ބޮޑު ކުރަމުން ފުންމައިގެން ތެދުވިއެވެ.

"ކަލޭ މިއަދު ތިވާހަކަ ދަންކަންޖެހުނީ ކޮންބޭނުމެއް އޮވެގެންތަ؟" އަތުގައި އޮތް ރިމޯޓު ދީޕިކާއާ ދިމާއަށް ދިއްކުރަމުން އިލްހާމް ސުވާލުކުރިއެވެ.

އިލްހާމްގެ މޫނުމަތިން ފެނުނު ރުޅިވެރިކަމާއި ސުވާލުގެ އަޑު ބާރުކަމުން ދީޕިކާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

"ޖަވާބުދީ؟" އިލްހާމްގެ އަޑަށް ދީޕިކާ ސިހުނެވެ.

"އަހަރެން ނުނިދެނީ. ކޮންމެ ރެޔަކު ނުނިދެނީ. ހޭލާ ހުންނަން ޖެހެނީ. ރަށަށް ދާން ބޭނުންވަނީ. މަންމަ ގުޅަނީ ރޮނީ. ރަށަށް ގެންނަން މަންމަ ބޭނުންވަނީ. ބޭބެ އަހަރެން ނުފޮނުވަނީ." ދީޕިކާ ފަތިފައްޗަށް އަމުނާލިއިރު ދެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ.

"ތިވާހަކައެއް މަ ނާހަމޭ. ކަލޭ ނަޒީލްގެ ވާހަކަ ތި ދެއްކީ ކީއްވެގެންހޭ؟ އެއީ ސުވާލަކީ؟" އިލްހާމް ހަޤީޤަތުގައި ވެސް ހުރީ ބިރުގަނެފައެވެ. މި ހުރިހާ ދުވަހު ހިމޭނުން ހުރުމަށްފަހު ދީޕިކާ އެ ވާހަކަތައް މީހަކަށް ކިޔާ ދިނުމަށް ގަސްތުކުރަނީ ހެއްޔެވެ؟ ނޫނީ އެއީ އިލްހާމަށް ދިން އިންޒާރެއް ހެއްޔެވެ؟

"ބޭބެ އަހަރެން ރަށަށް ފޮނުވަނީ. ނޫނީ އަހަރެން ޕޮލިސްދަނީ." ދީޕިކާ ސާފުކޮށް އޭނާގެ ނިންމުން ބުނެދިނެވެ.

އިލްހާމް އަތުގައި އޮތް ރިމޯޓު ހޫރުވާލަމުން ދީޕިކާއާ ދިމާއަށް ދިޔައީ ދުން ޖަހާފައެވެ. ދީޕިކާ ފަހަތަށް ޖެހެނިކޮށް އިލްހާމް ގޮސް އޭނާގެ އަތުގެ ހިކަނދި މަސްގަނޑުގައި ބާރަށް ހިފަހައްޓައިލިއެވެ.

"ކަލެޔަށް ކާކު ފިލާވަޅު ނަގައިދީގެން ތި ތެޅެނީ؟ އޭނ." އިލްހާމް ހަޅޭލަވައިގަތެވެ. ދީޕިކާ ބިރުން ގޮސް ތުރުތުރު އަޅައިގަތެވެ. ދެއަތްދެއަތާ ޖޯޑުކޮށްލަމުން އިލްހާމްއާ ދިމާއަށް އަތް ހިއްލާލިއިރު ތުންފަތް މަތިން މަޑު ތުރުތުރެއް ފާޅުވާން ހުއްޓެވެ.

"އަހަރެން ޕޮލިސް ދަނީ." ދީޕިކާ ހިތްވަރުކޮށްފައި ބުންޏެވެ. އިލްހާމްގެ ރުޅިގަނޑު އެރީ ސަތޭކައަށެވެ. މި އަންހެނާއަށް މިހާ ހިތްވަރެއް ލިބިގެން މިއުޅެނީ ކޮންތާކުން ހެއްޔެވެ؟

"ދޭ. ދޭ. ހަމަ މިހާރުދޭ." ދީޕިކާ ދުރަށް ކޮށްޕައިލަމުން އިލްހާމް ބުންޏެވެ. "އަވަހަށް ގޮސް ބުނޭ. ކަލޭ އެވާހަކަ ބުނެގެން ކަލެޔަށް ރަށަކަށްވެސް ނޫން ދެވޭނީ. ޖަހަންނަމައަށް. މަ ބިރު ގަންނާނެކަމަށް އިންޒާރުދޭން އައިސްފިނު. ހަމަ މިހާރު ދޭ. މަ ނުވެސް ހުއްޓުވާނަން. އެކަމަކު ކަލޭ ރަށަށް ދިޔުން ޕޮލިހުން ހުއްޓުވާނެ. ތަޙްޤީޤަށް އެހާ ރަނގަޅު މައުލޫމާތެއް ދިން މީހަކު ދިޔަދޭނެތަ؟ އެމީހުން ކަލޭ ފޮނުވިޔަސް މަ ކަލޭ ދިޔަކަ ނުދޭނަން. ނަޒީލް ބޮލުގައި ދޮގު އިލްޒާމް އެޅުވީތީ ޖަލަށްވެސް ލާނަން."

އިލްހާމް އެތަނުގައި ހުރެ އެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އެވާހަކަތައް އިތުރު މީހަކަށް އިވޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން ހަމަޖެހިލަމުން އޭނާ އިށީނީ ސޯފާގައެވެ.

"ކިހިނެއް ވެފަ ތި ހުންނަނީ ޕޮލިހަށް ދޭ ބަލަ." ދީޕިކާ ހުއްޓުން އަރާފައި ހުރުމުން އިލްހާމް ބުންޏެވެ.

ދީޕިކާ ހީކުރީ އިލްހާމް އޭނާގެ އިންޒާރަށް ސިހި ބިރުގަނެ ޖެހިލުންވާނެކަމަށެވެ. ޕޮލިހަށް ނުދިޔުމަށް އެދި އާދޭސްކޮށް ރަށަށް ދިޔުމުގެ ހުއްދަ ވެސް ދޭނެކަމަށެވެ. ނަމަވެސް އުންމީދު ކުރި ގޮތަށް ކަންތައް ނުވުމުން މާޔޫސްވާ ގޮތްވިއެވެ. އެހާ ބިރުން ހުރެ އެކަމާ ކުރިމަތި ލައިގެން ވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޕޮލިހަށް ގޮސް ނަޒީލްގެ ސިއްރުތައް ކިޔާދީފިނަމަ އޭގެ ނަތީޖާ ވެސް ހިތިވާނެއެވެ. ވަކި މުއްދަތަކަށް ރަށުން ބޭރަށް ދިޔުންވެސް މަނާކޮށްފާނެއެވެ. ދީޕިކާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ރާއްޖެ ދޫކޮށްދާށެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ ހެޓިލަރެއް ކަހަލަ އިލްހާމްގެ ކިބައިން ސަލާމަތްވުމަށް ދީޕިކާ އިތުރު ވިސްނުމަކަށް ދާން ޖެހުނެވެ.

އިލްހާމް ޓީވީ ނިއްވާލަމުން ތެދުވިއިރު ވެސް ދީޕިކާ ހުރި ތަނުގައި ހުއްޓެވެ.

"ކަލޭ ތިކަމާ ވިސްނާނީ އެހެން ގަޑިއަކުން. ޕޮލިހަށް ދާން ބޭނުން ނުވަންޏާ ގޮސް ސައި ހަދާ. ކަލޭ ދައްތަވެއްޖެ ހޮސްޕިޓަލަށް ގޮސް. މީގެ ފަހުން މަސައްކަތަށް ފަރުވާކުޑަ ކޮށްގެން ނުވާނެ." އިލްހާމް އަމުރުކުރިއެވެ. އޭނާ ތުންފަތް މައްޗަށް ހިނިތުންވުމެން ވެރިވެގެން ދިޔައީ ދީޕިކާގެ މޮޔަކަން ހިތަށް އަރާފައެވެ. އެ ވަގުތު ދީޕިކާ މޫނުމަތި އުޖާލާވެގެން ދިޔަތަން ފެނުނެވެ.

"މޮޔަ އަންހެނާގެ މޮޔަ ސިކުނޑިއަށް މޮޅު ބުއްދިއެއް އައީތަ؟ އިންޑިއާ އަންހެނުންނަކީ ގަމާރު ބަޔެއް." އިލްހާމް މަލާމާތްކޮށްލިއެވެ.

"އަހަރެން ޕޮލިސް ނުދަނީ." ދީޕިކާ ހިނިތުންވެލިއެވެ. "އަހަރެން ގުޅަނީ. ބުނަނީ ހޮސްޕިޓަލު ރިޕޯޓު ބޭބެ ބަދަލުކުރަނީ. މެޑިކަލް ރިޕޯޓް ފޭކު ހުންނަނީ."

"ކީކޭ ތިބުނީ؟" އިލްހާމްގެ ދެލޯ ބޮޑުވެގެން ދިޔަ ހިނދު މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ދީޕިކާއަށް އެ ހަޤީޤަތް އެނގުނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް އަޑު މި އިވުނީ ރަނގަޅަށް ހެއްޔެވެ؟ (ނުނިމޭ)

ހަވަނަބައިގެ ތެރެއިން:-

ފެންޑާގައި ހުރި އިންޝާއަށް ނިހާ ފެނުމާއެކު ބާރު ބާރަށް އެދިމާއަށް އަޔެވެ. އިންޝާގެ މޫނުމަތިން ކަންބޮޑުވުން ފެނުމުން ނިހާ ބިރުގަތެވެ.

"މަންމަވެއްޖެ ނިކާލްގެ ކޮޓަރީގައި. ނިކް ގާތުގައި ކާވެނީގެ ވާހަކަ ދައްކައިފި." ނިހާ ސުވާލު ނުކުރަނީސް އިންޝާ އޮޅުންފިލުވައިދިނެވެ. "މަ މި އައީ އެމީހުންގެ ވާހަކަތައް ސިއްރުން އަޑުއަހާފައި. އެބައޮތް އުފާވެރި ޚަބަރަކާއި ހިތާމަވެރި ޚަބަރެއް........."