އޭޕްރީލް 28 ވަނަ ދުވަހު ގެނެސްދިން ބައި

ދީޕިކާ ޖަވާބެއް ނުދީ ހުރުމުން އިލްހާމް ބާރު ހިނގުމެއްގައި ގޮސް ދީޕިކާއާ ވަރަށް ގާތުގައި ހުއްޓުނެވެ.

"އަދި އެއްފަހަރު ބުނެބަލަ." އިލްހާމް އަމުރުކުރިއެވެ.

އިލްހާމްގެ ރަތް އަނގުރު ކޮޅެއްފަދަ ދެލޯ ފެނުމުން ދީޕިކާއަށް ހިންދިރުވާލެވުނެވެ. ބިރުން ތެޅިފޮޅި ނުގަތުމަށް އޭނާ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ.

"ބޭބެ މެޑިކަލް ރިޕޯޓު ބަދަލުކުރަނީ. އަހަރެން އެނގެނީ." ދީޕިކާގެ ދުލުކުރިޔާ ހަމައަށް އެ ބަސްތައް ގެނެވުނީ އުނދަގުލުންނެވެ. އޭނާއަށް ވަރަށް ހިތްވަރުން އެހެން ބުނެވުން ކަމުގައި ވިޔަސް އިލްހާމް ދަތްތަކަށް ބާރުކޮށްލި ވަގުތު އެ މޫނުގެ މަސްތައް ތެޅިލިގޮތުން ބިރުން ވިރޭ ވަރުވިއެވެ. އިލްހާމް އޭނާއަށް އަނިޔާއެއް ދީފާނެތީ ވަކިން ބޮޑަށް ޖެހިލުންވިއެވެ.

"ކަލެޔަށް ކާކު ވަސްވާސްދީގެން ތަ ތިއުޅެނީ؟" ދަތްތަކަށް ބާރުލަމުން އިލްހާމް އަހާލީ ކުރިޔަށްވުރެން މަޑުންނެވެ. ގޭތެރޭގައި އަޑުގަދަވެގެން އެހެން މީހަކު އެތަނަށް އަންނާކަށް އޭނާ ބޭނުމެއް ނޫނެވެ. ދީޕިކާގެ ވާހަކަ އެހެންމީހެއްގެ ކަންފަތާ ހަމައަށް ފޯރާ ހިސާބުން ފަޟީޙަތްވެގެން ދާނީ ވެސް ޚުދު އޭނާއެވެ.

"ރަށަށް ފޮނުވަނީ. އެއްވެސް މީހަކު ކައިރީ ނުބުނަނީ. ސިއްރުކުރަނީ." ދީޕިކާ އިސްޖަހާލަމުން މަޑުމަޑުން ބުންޏެވެ.

"ކުރާ ސުވާލަށް ޖަވާބުދީބަލަ." އިލްހާމް ހަރުކަށިކަމާއެކު ބުންޏެވެ. "ކާކު ކަލޭގެ ބޮލަށް އެރިގެން ކުރުވާ ކަމެއްތީ؟ މަށަށް ޔަޤީނޭ ކަލޭގެ އަނގައިން ތި ނުކުންނަނީ އެހެން މީހެއްގެ ބަސްތަކެއްކަން. އެހެންމީހަކު ކަލޭގެ ބޮލަށް ނޭރޭނަމަ ކަލެޔަށް ތިވަރުގެ ބުއްދިއެއް ނާންނާނެ. ޖަވާބުދީ ބަލަ؟ ކާކު ބުނެގެން ކުރާކަމެއްތަތީ؟"

ދީޕިކާގެ ފަރާތުން ލިބުނު އިންޒާރުގެ ފަހަތުގައި އެހެން މީހެއްގެ އަތެއްވާކަމަށް އިލްހާމަށް ޝައްކުވެއެވެ. އަދި އެ މީހަކީ ނިހާކަން ޔަޤީނާ ގާތަށް އިލްހާމަށް އެނގެއެވެ. އެ އަންހެނާ ދީޕިކާގެ ބޮލަށް އެރިގެން މުޅިން އާ ކުޅިގަނޑެއް ރާވަނީ ކަންނޭނގެއެވެ.

"ބޭބެ އަހަރެން ރަށަށް ފޮނުވަނީ." ދީޕިކާ އެނޫން އެއްޗެއް ނުކިޔައެވެ.

"ކިހާ ދެރަކަމެއް މީ. ކަލޭ ރަށަށް ދާހިތުން ކުރާކަމެއް ނޫނޭ ތީކީ؟ ރަށަށް ނުދެވިގެން ތި އުޅެނީ ކޮން މަޖުބޫރެއް އޮވެގެންތަ؟ ކަލޭގެ އާއިލާ މީހަކު ބަލިވީކީ ނޫން. މިގެޔަށް އައިތާ އަދި އަހަރު ދުވަސް ވެސް ނުވޭ. މިހާ އަވަހަށް ރަށަށް ދާންޖެހޭ ސަބަބެއް މަށަކަށް ނުވިސްނޭ. އަހަރު ދުވަސް ހަމަ ނުވަނީސް ކަލެޔަށް ރަށަށް ނުދެވޭނެކަން ހަމަ ރަނގަޅަށް އެނގޭނެ. އެހެންވީމަ މި ބުނަނީ ކަލޭގެ އަސްލު ބޭނުން ބުނާށޭ. ތީ ކާކު ބުނެގެން ކުރާ ކަމެއްހޭ؟" އިލްހާމް ފަހުން ބުނި ޖުމްލަ ބުނެލީ ދީޕިކާއާ ކައިރިވެލަމުން ތަންކޮޅެއް ބާރަށެވެ.

"މިގޭ އުޅެން ބިރުގަންނަނީ. ރަށަށް ފޮނުވަނީ." ދީޕިކާ ފަހަތަށް ޖެހިލަމުން ބުންޏެވެ. އެ ދެލޮލުން ބިރުވެރިކަމާއި ނުތަނަވަސްކަން ފެނުނު ނަމަވެސް ދީޕިކާގެ ވާހަކަ ޤަބޫލުކުރާކަށް އިލްހާމް ބޭނުމެއް ނުވިއެވެ. އިބްރީސް އަންދާލިފަހުން އެގޭތެރެ އަމާންވެފައިވާއިރު، އެ ގޭގައި އުޅެން ބިރުން ރަށަށްދާން އުޅުން އެއީ ހަމަޖެހޭ ވާހަކައެއް ނޫނެވެ. އެހެންނޫނަސް މެޑިކަލް ރިޕޯޓުގެ ހަޤީޤަތް ދީޕިކާއަށް އެނގިފައި އޮންނާނީ ކޮންމެވެސް މީހެއްގެ ފަރާތުން ނޫން ހެއްޔެވެ؟ އިލްހާމް ކުރިޔަށް ޖެހިލަމުން އަނގަ ހުޅުވާލި ވަގުތު ޞަފިއްޔާގެ އަޑު އިވުނެވެ. އޭނާ ތެޅިގަތުމުގެ ބަދަލުގައި ހަމަޖެހިލަމުން ދޮރާ ދިމާއަށް ބަލާލިއެވެ.

"ކިހިނެއްވެގެން މިއުޅެނީ." ދޮރު މަތީ ހުއްޓިލައިގެން ހުރި ޞަފިއްޔާ ސުވާލުކުރިއެވެ.

"ރަށަށް ދާންވެގެން. އެނޫން ކޮންކަމެއްތަ؟" އިލްހާމް ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ. "މިގޭގަ އުޅެން ބިރުގަންނަނީ އޭ ރަށަށް ފޮނުވާށޭ ކިޔައިގެން އެ އާދޭސްކުރަނީ. މަ މި ކިޔަނީ މަގޭ އަތުން ދިޔަ ހަރަދު ދީފައޭ ދެވޭނީ. ހަމަ ހުރެފަ ދާން ހިތަށް އެރިޔަކަސް އެހެނެއް ނުފޮނުވޭނެ."

އިސްޖެހިފައި ހުރި ދީޕިކާ މަޑުމަޑުން ދެއަތުން މޫނުމަތި ފޮހެލަފޮހެލަ ހުއްޓެވެ. އޭނާ ރަށަށް ދާން ހިފައިލައިގެން އުޅެންވީ އެއްވެސް ސަބަބެއް ޞަފިއްޔާ އަކަށް ވެސް ނުވިސްނެއެވެ. ޞަފިއްޔާ ދީޕިކާގެ ބޮނބިފަޅިމަތީ ފިރުމަމުން ވެގެން އުޅޭ ގޮތެއް ސާފުކޮށް ބުނުމަށް އެދި ސުވާލު ކުރުމުން ވެސް ދީޕިކާގެ ޖަވާބަކަށް ވީ އެ ގޭގައި އުޅެން ބިރު ގަންނަނީ ކަމުގައެވެ. އެކަނި ކޮޓަރީގައި އޮންނަންޖެހޭތީ ހަމަ ނިދި ނުލިބޭތާ އެތަކެއް ދުވަހެއްވެއްޖެ ކަމުގައެވެ. ހެނދުނު ހޭލެވެނީ ލަހުންކަމަށާއި، މަސައްކަތަށް ފަރުވާކުޑަ ކުރެވެނީ ވެސް ހަމަ ނިދި ނުލިބޭތީކަމަށް ބުނެ އުޒުރު ދެއްކިއެވެ. ދީޕިކާ ޞަފިއްޔާގެ ދެއަތުގައި ހިފައިލައިގެން ހުރެ ގިސްލަމުން ދައްކަމުން ދިޔަ ވާހަކަތައް ޞަފިއްޔާގެ ސިކުނޑިއަށް ވިސްނުނީ ތެދުކަމުގައެވެ. ދީޕިކާއަކީ ރޫހާނީ ކަންކަމާ މެދު މާ ވަރަކަށް ބިރުގަންނަ ފިނޑި އަންހެނެއްކަން އެއީ އެންމެންނަށް ވެސް އެނގޭ ހަޤީޤަތެކެވެ.

"ދެންކީކޭ ވަކި ބުނާނީ ވެސް." ޞަފިއްޔާ އިލްހާމަށް ބަލާލަމުން ބުންޏެވެ. "ދީޕިކާ އަކީ މަ ގެނެސް ހުރި މީހެއް ނަމަތާ. ދީޕީކާ ފޮނުވާލުން އެއީ މަގޭ އަތް މަތީ އޮތް ކަމެއް ނޫން. އިލްހާމް ދެން އޭނަ ފޮނުވަންވީނު. މަސްދުވަހުގެ ޗުއްޓީއަކަށް ވިޔަސް އޭނަ ފޮނުވަބަލަ. އާއިލާ މީހުން ކައިރިއަށް ގޮސް އުޅެލާފަ އައީމަ ހަމައަކަށް އެޅިދާނެ."

"ރަށަށް ފޮނުވޭނީ މަގޭ އަތުން ދިޔަ ހަރަދު އަނބުރާ މަށަށް ދީފަ. އެއް މަހަށް ފޮނުވީމަ ގޮސް ނައިސިއްޔާ މަ ދެން އެ ހަރަދު ހޯދަނީ ކޮންތާކުން." އިލްހާމް ފަހުބަސް އިއްވާފައި ދީޕިކާއަށް ބަލާލީ ނުރައްކާތެރި ގޮތަކަށެވެ. އޭނާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ކަރާދިމާލުން ހަމަ އެ އިނގިލި ހުރަސް ކޮއްލީ ވަރުގަދަ އިންޒާރެއް ދޭފަދަ ގޮތަކަށެވެ. އިލްހާމް ކުރި އިޝާރާތުންނާއި އެ ބަލާލުމުގައި ހުރި ނުރައްކާތެރިކަން ދީޕިކާއަށް ވިސްނުނެވެ. ނަމަވެސް އޭނާގެ އަޒުމު ގުޑުވާލެވޭވަރެއް ނުވިއެވެ. ޞަފިއްޔާ އެތަނުން ދިޔުމާއެކު މެޑިކަލް ރިޕޯޓުގެ ވާހަކަ އިލްހާމްއަށް ހަނދާން ކޮށްލަދިނުމުގައި ދީޕިކާ އެންމެ ސިކުންތެއް ވެސް ބޭކާރު ނުކުރިއެވެ. ދީޕިކާގެ ހިތްވަރު ފެނިފައި އިލްހާމް އަޖައިބުވެ އަންތަރީސް ވިއެވެ.

"ތީ އެ އުޅޭ ނިހާ ބުނެގެން ކަލޭ ކުރާކަމެއްތަ؟" އިލްހާމް ހިތުގައި އޮތްގޮތަށް ސުވާލުކުރުމާއެކު ދީޕިކާ އަވަސްއަވަހަށް ގޮސް އިލްހާމްގެ ލޯ މަތިން ގެއްލުނެވެ. އިލްހާމްގެ ރުޅި އިތުރަށް ގަދަވުން ނޫން ކަމެއް ނުވިއެވެ. ނިހާއާ ދިމާއަށް ބަވައިގަންނަން ދާންވީއޭ ހިތަށް އެރި ނަމަވެސް އަނގައިން ނުބުނެ ހުރެވޭތޯ ކެތްކުރިއެވެ. އޭނާ ދެން ޖެހޭނީ ދީޕިކާއަށް ބިރުދައްކައިގެން ނަމަވެސް މިކަން ހަމަޔަކަށް އަޅުވާށެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ އެ ވިސްނުމުގައި ހުއްޓައި ދީޕިކާގެ ފޯނު ކޯލެއް ލިބުނެވެ. ދަތްކުނޑި ވިކާ ބާރު ކޮށްލަމުން އިލްހާމް ފޯނު ކަންފަތުގައި ޖައްސައިލިއެވެ.

"ނިހާއްކޮ ބުނެގެނެއްނޫން." ދީޕިކާ ވާހަކަ ދެއްކިއެވެ. "ބޭބެ ވިސްނަނީ. ޖަވާބު ދެނީ. އަހަރެން އެއް ގަޑިއިރު ދެނީ ބޭބެ ވިސްނަން."

"ޖަވާބަކީ ކަލެޔަށް ރަށަށް ކީއްކުރަން މިގޭ ހަތަރު ފާރުން ބޭރަށް ވެސް ދެނެއް ނުނިކުމެވޭނެކަން." އިލްހާމްގެ ބަރު އަޑުއިއްވާލުމާއެކު ފޯނު ކެނޑުނު އަޑުއިވިގެން ދިޔައެވެ. އޭނާ ފޯނު ޖީބަށް ކޮށްޕާލަމުން ނިތުގައި ބާރަށް ހިފައިލިއެވެ.

ބާބު 08 - ސިހުރު ޓެސްޓު

މެންދުރު ވަގުތު ނިހާ އިންޝާއާ ބައްދަލުކޮށް ނިކާލްގެ ހަމަޖެހެމުންދާ ކާވެންޏާ ބެހޭ ހުރިހާ މަޢުލޫމާތެއް ހިއްސާކުރިއެވެ. ނިކާލްގެ ކާވެނި ރޫނާއާއި ކުރުވަން ތައްޔާރުވަމުން އަންނަކަމާއި އެއީ ޞަފިއްޔާގެ ރޭވުމެއް ކަމުގައި ބުނެ ނަޒީލްގެ ހަޤީޤަތް ނިހާ ސިއްރުކޮށްދިނެވެ. އެ ހުރިހާ ކަމެއް އެނގުނީ ނަޒީލްގެ ފުށުންކަމަށް ބުނުމުން އިންޝާ އިނީ ނިކަން އުފަލުންނެވެ. ދޮގެއް ހަދައިގެން ނަމަވެސް އިންޝާގެ މޫނުމަތިން އުފާވެރިކަމުގެ ހިނިތުންވުމެއް ފެނުމުން ނިހާ ހިތްހަމަޖެހުނެވެ.

"ނަޒީލް އެބުނީކީ ވެސް މުޅިއަކުން ދޮގެއްނޫން. ނިކް މަންމަގެ އެދުމެއް ބޮލާލައި ނުޖަހާނެ. އޭނަ ތި ކައިވެންޏަށް ގަބޫލުވާނެ." އިންޝާ ބުނެލިއެވެ.

"ދެން ކިހިނެއްތަ މަ ހަދަންވީ؟" ނިހާ އިނީ ކަންބޮޑުވެފައެވެ. "ނިކް ކައިރީ އާދޭސްކޮށްކޮށް ވަރުބަލިވެއްޖެ. މަ ކާވެންޏާ ދެކޮޅަށް އެއްޗެއް ބުނެފިއްޔާ މަށަށް ޖެއްސުމަށް ވެސް މިހާރު އޭނަ އެ ކާވެނި ކުރަން އެއްބަސްވާނެ. މަ އެއްޗެއް ނުބުނެ ހުއްޓަސް އޭނަ ހީކުރާނީ މަށަށް ވަރިހަމަ ވީމަ އޭ މި ހުންނަނީ. އަނެއްކާވެސް ޖެހޭނީ ހަމަ އެތާނގަ. އޭނަ ފޫގަޅާނީ ކައިވެނި ކުރަން. އަޅެ ނިކްއަށް އެއްޗެއް ނުވިސްނެނީ ކީއްވެގެންތަ؟ މަށަށް އިތުބާރު ނުކުރަނީ ކީއްވެގެންތަ؟ މަ ލޯބިވާވަރު ހަމަ ނޭނގެނީތަ؟ ނޫނީ ބޯހަރުކަމުން ގޮތްދޫނުކުރަން ވެގެން ހުރީތަ؟ ނިކް ވެސް މީ ކޮންކަހަލަ މީހެއްތަ؟"

ނިހާގެ ޝަކުވާތަށް އަހާފައި އިންޝާއަށް ހެވުނެވެ.

"މީނަ އަދިވެސް ހެނީނު." ނިހާ ނުރުހުމުގެ ކުލަވަރު ފާޅުކޮށްލި ނަމަވެސް އޭނާ އިނީ ފިކުރުބޮޑުވެފައެވެ.

"ދެން ކީކޭ ބުނާނީ. ނިކްގެ ނަޒަރުން ވިސްނާނަމަ ނިކް ވެސް އަސްލު ގޯހެއްނޫނޭ. ނިހާ ދޯ އޭނަގެ އިތުބާރު ގެއްލުވާލީ. ސިހުރު ހެދުމަކީ އާދައިގެ ކަމެއްނޫނެއްނު. މަ ވެސް އަސްލު ހިތްހަމަނުޖެހުން އެކަން އެނގުނީމަ. މަށަށް ޖެހުނު މުސީބާތަކީ ވެސް ނިހާގެ ސަބަބުން ވީކަމެއްކަން އެނގުމުން ރުޅިވެސް އައި. އެކަމު ނިހާ ވީމަ އަހަރެން މާފުކޮށްފަ އަނެއްކާ ވެސް އިތުބާރުކުރީ. އެންމެން އަހަރެން ވިސްނާހެނެއް ވެސް ނުވިސްނާނު. ނިކްއަށް ވެސް އެވަނީ އެހެން. އުނދަގުލީ ކަންނޭނގެ ކަންވީ ގޮތް ގަބޫލުކޮށްފަ ކުރިއަށް ދާން." އިންޝާގެ ހިތުގައި އޮތްގޮތް އެނގުމުން ނިހާ އިތުރަށް ދެރަވިއެވެ. ހިތުގައި ޖެހުނެވެ. ނިހާގެ ދެލޮލަށް ކަރުނަ ޖަމާވާން އުޅުމުން އަވަސް އަވަހަށް އެސްފިޔަ ޖަހާލިއެވެ.

"ދެން ދެރަނުވެބަލަ. މިބުނާ އެއްޗެއް ވިސްނޭނު. ނިކްއަށް ވިސްނާދޭން އުނދަގޫ ވާނެ ވާހަކަ މިބުނަނީ." ނިހާ އިސްޖެހިފައި އިނުމުން ނިހާގެ ކޮނޑުމަތީ އަތް ބާއްވައިލަމުން އިންޝާ ބުންޏެވެ. "ތި ކާވެންޏާ ރޫނާ ޤަބޫލުތަ؟"

"ނޭނގެ." ނިހާ ދެއަތަށް ބޯ ހޫރުވާލިއެވެ. "ނަޒީލް ބުނި ގޮތުންވިއްޔާ މިއަދު ނިކްއާ ވާހަކަ ދައްކާފަ އޭނަ ރުހެންޏާ ރޫނާއާ ވެސް ވާހަކަ ދައްކާނެ."

"އެބަ އޮތް ގޮތެއް" އިންޝާ ވިސްނާލައިފައި ބުންޏެވެ. "އެމީހުންނަށް ވުރެ ކުރިން ނިހާ ރޫނާއާ ވާހަކަ ދައްކަންވީނު. ހުރިހާ ހަޤީޤަތެއް ކިޔާދީ. ކާވެންޏަށް އެއްބަސްނުވަން ވެސް ބުނޭ."

"އޭރުން އެ ބީބީސީއަށް އެނގި." އެހިސާބަށް ބުނެފައި ނިހާ ވާހަކަ މެދުކަނޑާލިއެވެ.

"ރޫނާއަށް އިތުބާރުކުރެވިދާނެ." ނިހާ ބުނަން އުޅުނު އެއްޗެއް އިންޝާއަށް އެނގުނެވެ. "މަރުޖީނާއަށް ސިއްރު ވެސް ކޮށްދީފާނެ. ރޫނާއަށްވުރެ ބޮޑަށް އޭނަގެ މަންމަގެ ގޮތް އެނގޭނެ މީހަކު ވަކި ނުހުންނާނެ."

ރޫނާއާއި މަރުޖީނާގެ މިޒާޖު އުޑާ ބިމާހާ ތަފާތުކަން ނިހާއަށް ވެސް އެނގެއެވެ. އެހެނަސް ރޫނާއަކީ ނިކާލްގެ ކުރީގެ ލޯބިވެރިޔާއަށް ވީ ހިނދު އެ ހިތުގެ ކޮންމެވެސް ކަނެއްގައި ލޯބި ވަޅުޖެހިފައި އޮވެދާނެތީ ނިހާ ކަންބޮޑުވެއެވެ. އެހެންވެއްޖެނަމަ ރޫނާ އިންތިޒާރު ކުރަމުން ދާނީ ނިކާލްއާ ކާވެނި ކުރަން ހުށަހެޅިގެން ދާނެ އިރަކަށެވެ. ނިހާ ވަރަށް ވިސްނިއެވެ. ރޫނާ ހިތުގައި ނިކާލްގެ މައްޗަށް ލޯބި އޮވެދާނެ ހެއްޔެވެ؟ ނިހާ އެދޭ ގޮތަށް ރޫނާ އެ ކާވެންޏާ ދެކޮޅު ހަދާފާނެބާއެވެ؟ ރޫނާއަށް އިތުބާރު ކުރުމަކީ އެންމެ ރަނގަޅު ގޮތް ބާއެވެ؟

ރޫނާއާ މަޝްވަރާކުރުން ފިޔަވައި އިތުރު ގޮތެއް ނިހާއަކަށް ވެސް ނުވިސްނުނެވެ. އެންމެ ހިނދުކޮޅެއް ވެސް ބޭކާރުކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ. ޞަފިއްޔާއަށްވުރެ ކުރިން ރޫނާގެ ހިޔާލު ހޯދުމަށް ނިހާ އެގެޔަށް ދިޔައެވެ. ސަލާމް ގޮވާލުމާއެކު މަރުޖީނާ ސަލާމް ބަލައިގަތް އަޑާއެކު ރޫނާއަށް ވަރަށް ބާރަށް ގޮވާލި އަޑުއިވުނެވެ. އަދި ގެއަށް އައީ ކާކުތޯ ބެލުމަށް މަރުޖީނާ އެދުނެވެ. ރޫނާ ނިކުމެގެން އަންނާނެ އިރެއްގެ އިންތިޒާރުގައި ހުރެ ނިހާ ގޮސް ހިރުނދުގަސް ދޮށުގައި ހުރި ޖޯލީގައި އިށީނެވެ.

"އަހަނ. ނިހާތަ؟ ކަމަކުތަ؟" ދޮރުން ބޭރަށް ނުކުތް ރޫނާއަށް ޖޯލީގައި އިން ނިހާ ފެނުމާއެކު ބުނެވުނެވެ. "ބޭރުގަ ނީނދެ އެތެރެއަށް އާދެބަލަ."

ނިހާ ދައްކަން އައި ވާހަކައިގެ ޒާތުން ގޭތެރެއަށް ވަންނާނަކަށް އޭނާ ބޭނުމެއް ނުވިއެވެ. މަރުޖީނާ ގޭތެރޭގައި އުޅޭތީ ބުއްދިވެރިވާނީ ވެސް ބޭރުގައި މަޑުކުރުމެވެ. ނިހާ އިން ތަނުން ގުޑާ ނުލުމުން ރޫނާ އައިސް ނިހާއާ ޖެހިގެން ހުރި ޖޯލީގައި އިށީނުމުން ވެސް ނިހާގެ އަނގައިން ބަހެއް ބޭރު ނުކުރިއެވެ. ހީވަނީ ދުލުގައި ތަޅެއް އެޅުވިފައި އިންހެނެވެ.

"ހާދަ ފާޑަކަށޭ ތީނީ." ނިހާގެ މިޒާޖަށް އައިސްފައިވާ ބަދަލު ރޫނާއަށް ފާހަގަވިއެވެ. "ވީ ގޮތެއް ބުނެބަލަ؟" ނިހާގެ ކޮނޑުގައި އަތް ޖައްސާލަމުން ރޫނާ ސުވާލުކުރީ ނިހާގެ މޫނަށް ބަލަމުންނެވެ.

"ރޫނާ ނިކާލްއާ އިންނަންވީނު؟" ކުއްލިއަކަށް ނިހާ ކުރި ސުވާލަކުން ރޫނާގެ އަނގައިން އަޑެއް ނުކުތެވެ. އާޝޯޙުވެފައި އިނދެ އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

"ކީކޭ ތިބުނީ؟" ރޫނާ ޔަޤީންނުވެފައި އިން ފާޑަކަށް އެހިއެވެ. "ނިކާލްއާ އިންނާށޭތަ؟ މަ ތަ؟"

"ކިހިނެއްވީ؟ ނިކް ކަމުނުދަނީތަ؟ ރޫނާ ނިކް ދެކެ ލޯބިވޭނު؟" ނިހާ ބޭނުންވީ އޭނާގެ ހުރިހާ ސިއްރުތަކެއް ކިޔާ ދިނުމުގެ ކުރިން ރޫނާގެ ހިޔާލު ހުރި ގޮތެއް ބަލާށެވެ.

"މަ ނިކުދެކެ؟ ނިހާ މޮޔަވީތަ؟" ރޫނާ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. "ސާބަހޭ. މަ މިހާރު ނިކްއާ ދޭތެރޭ އެކަހަލަ ގޮތަކަށް ނުދެކެމޭ."

ނިހާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ހިނިތުންވާން ހަނދާންނެތިފައި އިން ނިހާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ނިހާ ތިއައީ ނިކް ފޮނުވައިގެންތަ؟" ރޫނާ ސުވާލުކުރިއެވެ.

"ނޫން. ރޫނާ ގާތު ވަރަށް ބޮޑު ވާހަކައެއް ދައްކަން މިއައީ. މިއީ އަހަރެންގެ ހަޔާތާ ގުޅިފައިވާ ވަރަށް ބޮޑު ސިއްރެއް. ރޫނާއަށް އިތުބާރުކޮށްފަ ކިޔާދޭން މި ނިންމީ. އަހަންނަށް ރޫނާއަށް އިތުބާރު ކުރެވިދާނެތަ؟" ނިހާ އަހާލިއެވެ.

ރޫނާ ބޯ ޖަހައިލަމުން ޖަވާބުދިނީ ނިހާގެ ދެލޮލަށް ފަރުވާތެރިކަމާއެކު ބަލަމުންނެވެ. އެ ދެލޮލުން ރޫނާއަށް ފެނުނީ އާދޭހެވެ. މޮޅިވެރިކަމެވެ. ނިހާ ދައްކަން އެއުޅެނީ ކޮންމެވެސް ބޮޑު ވާހަކަ އެއްކަން ޔަގީނެވެ. ނިކާލްގެ ހަޔާތާ ގުޅުންހުރި ވާހަކައެއްހެން ހީވުމުން ރޫނާގެ ޝައުގުވެރިކަން އިތުރުވިއެވެ.

ނިހާއާއި ނިކާލް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ބުނުމާއެކު ރޫނާ ހައިރާންވިއެވެ. އެ ވާހަކަތައް އަޑުއެހުމަށް ރޫނާ ހިތުގައި އޮތް ޝައުޤުވެރިކަން އިހުނަށްވުރެ ބޮޑުވިއެވެ. އެ ދެމީހުން އެކަކުއަނެކަކު ދެކެ އެހާ ލޯބިވާއިރު ކާވެނީގެ ގޮތުން ގުޅެން އެހެން ބައިވެރިން ތަކެއް އިޙުތިޔާރުކުރި ސަބަބު އޮޅުންފިލުވަން އޭނާ ބޭނުންވިއެވެ. ކާވެންޏަށް ޤަބޫލުވީ ކީއްވެތޯ އެނގެން ބޭނުންވިއެވެ. ނަމަވެސް ރޫނާގެ ހިތުގައި އުފެދުނު ސުވާލުތައް ދުލުން ކުރިއާ ހަމައަށް ނުގެނެސް މަޑުޖައްސައިލީ ނިހާއަށް ވާހަކަ ދައްކަން ފުރުޞަތު ދިނުމުގެ ބޭނުމުގައެވެ. ނިހާ ލަސްލަހުން ކުރުގޮތަކަށް އެންމެ މުހިންމު ވާހަކަތައް ކިޔާދޭންފެށިއެވެ. ނިކާލްގެ ލޯބިވެރިޔަކު ނުހުންނަކަމާއި، ނިހާއާއި ފައިރޫޒްގެ ކާވެނި ހަމަޖެހުނު ގޮތެވެ. ނިހާއަށް ކުރެވުނު ކުށަކުން ނިކާލް އޭނާއަށް ނަފުރަތު ކުރާކަމާއި، އެ އާއިލާއިން މިހާރު އެ ދެމީހުންގެ ގުޅުމަށް ނުޤަބޫލުކަމެވެ. ހުރިހާ ވެސް މައްސަލައަކީ ނިހާއަށް ވިސްނައިނުލައި ކުރެވުނު ކުށެއްކަމުގައި ނިހާ ދެރަފެވައި އިނދެ ބުނި ނަމަވެސް އެކަމުގެ ތަފުޞީލު ދޭކަށް ނުކެރުނެވެ. ރޫނާއާއި ނިކާލްގެ ކާވެނިކުރުވުމުގެ ވިސްނުން ޞަފިއްޔާ ގެންގުޅޭ ކަމުގައި ބުނުމުން ރޫނާއަށް ހެވުނެވެ.

"މަ ތިކާވެންޏަށް ރުހިދާނެތީ ދޯ ނިހާ ތި އައީ." ރޫނާ އިނީ ނިކަން ހިނިއައިސްފައެވެ. "ހާސްނުވޭ. ތީކީ މިހާރު އަހަރެން އެއްވެސް ވަރަކަށް ޝައުގުވެރިކަން ހުރި ކަމެއް ނޫން."

"ޝުކުރިއްޔާ." ނިހާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.

"ނިހާއަށް ކުރެވުނީ ކިހާ ބޮޑުކުށެށްތޯ އަހައިލެވިދާނެތަ؟" ރޫނާ އެހިއެވެ.

"އެއީ ވަރަށް ދިގު ވާހަކައެއް." ނިހާގެ ޖަވާބުން އެ ވާހަކަ ކިޔާދިނުމަށް އުޒުރުވެރިވާކަން އެނގުމުން ރޫނާ އިތުރަށް އެ ސުވާލެއް ނުކުރިއެވެ.

"ނިކް ވަރަށް ރުޅި އަންނަ ކަމެއް ކުރެވުނީދޯ؟ ވަރަށް ބޯ ހަރު ފިރިހެނެއް އެއީ. ނިހާ....." ރޫނާގެ ވާހަކަ މެދުކަނޑާލީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. އޭނާ އަތުގެ އިޝާރާތުން ނިހާ ގާތު މަޑުކޮށްލުމަށް ބުނުމަށްފަހު އެއްފަރާތަކަށް ޖެހިލިއެވެ. ނަމަވެސް ރޫނާ ހުރީ ފޯނުން ދައްކަމުން ދިޔަ ވާހަކަތައް ނިހާއަށް އިވޭހާ ގާތުގައެވެ. އެ ވާހަކަތައް އެހުމުގެ ޝަޢުޤުވެރިކަމެއް ނެތް ނަމަވެސް ރޫނާ ބުނި އެންމެ ބަހަކުން، ނިހާއަށް އެ ވާހަކަތަކަށް ސަމާލުކަން ދެވުނީ ބޭއިޚްތިޔާރުގައެވެ. ރޫނާގެ އަނގައިން ބޭރުވަމުން ދިޔަ ކޮންމެ ބަހަކާއި ޖުމްލައެއް ކަނުލާ އަޑުއަހަން އިން ނިހާގެ މޫނުމަތިން އުންމީދުގެ ކުލަވަރު ފާޅުވިއެވެ. އޭނާއަށް ކުރެވުނު ކުށުގެ ތަފުޞީލު ރޫނާއަށް ކިޔައިދިނުމުގެ ޝަޢުޤުވެރިކަން ނިހާގެ ހިތުގައި އުފެދިގެން ދިޔައީ ކުއްލިއަކަށް އެވަގުތުއެވެ. ނިކާލަށް ވިސްނައިދެވިދާނެ ފަދަ ހިޔާލެއް ރޫނާއަށް ދެވިދާނެކަމުގެ އުންމީދު ހިތުގައި އާލާވެގެން ދިޔުމުންނެވެ.

"މަ ސިހުރު ހަދައިގެން ނިކްގެ ލޯބި ހާސިލުކުރަން އުޅުނިން. އެކަން ނިކްއަށް ފަޅާ އަރައިގެން މަގޭދެކެ އެހާ ރުޅިއަންނަނީ." ރޫނާ އައިސް ޖޯލީގައި އިށީންނަން ތިރިވި ވަގުތު އެ އިވުނު ވާހަކައަކުން ހުއްޓުން އެރިއެވެ. ދެއަތުގެ ބާރުން ޖޯލީގައި ފޫ ޖައްސައިނުލައި އިނދެ ނިހާއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ނިހާފަދަ ވިސްނޭ ކުއްޖަކު އެފަދަ ފާފައެއް ކުރާނެކަމަކަށް ރޫނާއަށް ޤަބޫލުވެސް ނުކުރެވުނެވެ.

"ތި އިވުނީ ރަނގަޅަށް." ނިހާ އިސްދަށަށް ޖަހާލީ ލަދުވެތިކަމާއެކުވެ. ރޫނާ ޖޯލީގައި އިށީނދެ ހަމަޖެހިލިއެވެ.

"އެކަމަކު ކީއްވެގެން؟ ނިކް ލޯބިވެޔޭ ބުނީމެއްނު؟ އެ ކިހިނެއް؟" ރޫނާގެ ހިތާ ސިނކުޑީގައި އެތަކެއް ސުވާލެއް ފުނިޖެހުނު ނަމަވެސް ދުލު ކުރިޔާ ހަމައަށް ގެނައީ މަދު ސުވާލެކެވެ.

ނިހާ އިސްޖަހައިގެން އިނދެ އިނގިލިތަކާއި ކުޅެމުން ދިޔައީ ކުރާނެ އިތުރުކަމެއް ނުވިސްނުމުންނެވެ. ރޫނާއާ ހަތަރުކަޅި ހަމަކުރާކަށް އޭނާއަކަށް ނުކެރުނެވެ. އޭނާ ދައްކާ ވާހަކަ ރޫނާ ޤަބޫލުކުރާނެކަމުގެ ކުޑަވެސް ޔަޤީންކަމެއް ލިބިފައެއްނެތެވެ. ސިހުރު ނުހަދާކަމަށް ދެއްކޭނެ ހެތްކެއް ވެސް ނިހާގެ އަތަކު ނެތެވެ. ނަމަވެސް ނިކާލަށް ސިހުރު ޖެހިފައިވާނުވާކަން ރޫނާއަށް ސާބިތުކޮށްދެވިދާނެހެން ހީވާތީ، އެ ލަދުވެތިކަމާ ވެސް ނިހާ ކުރިމަތިލިއެވެ. އިސްޖެހިފައި އިނދެ އަލިފުން ޔާއަށް ހުރިހާ ވާހައެއް ނިހާ ކިޔާދިނެވެ. ނިކާލްގެ ލޯބި ހާސިލުކުރުމަށް ގެޔަށް ގެނައި ތަވީދުން އިބްރީސް ކަސްތޮޅުން މިންޖުވެ، އެ ޝައިޠާނާގެ ފަރާތުން ކުރިމަތިވި ދުއްތުރާތަކާއި، ސަލާމަތްވި ގޮތެވެ. ނިކާލް ލޯބިވާކަން އެނގުނުއިރު ނިހާ ފަޟީޙަތްވެ، ނަފުރަތުކުރަން ފެށި ވާހަކައެވެ. ދެ ޖުމްލަ ދޭތެރެއިން ނިހާއަށް އިތުބާރުކުރުމަށް އެތައް ފަހަރަކު އޭނާ ބުނެއެވެ. ރޫނާ ހިމޭނުން އިނުމުން ސިހުރު ހަދާފައި އެއްވެސް އެއްޗެއް ނިކާލަށް ކާންދީފައި ނުވާނެކަމަށް ބުނެ މާތްﷲ ގަންދީ ހުވާ ވެސް ކުރިއެވެ.

"ނިކް ޤަބޫލުކުރަނީ އޭނައަށް މަގޭދެކެ ލޯބިވެވުނީ ސިހުރުގެ ބާރުންކަމަށް. ދިމާލަށް އެބަ ބުނޭ ސިހުރު ލޯތްބޭ. ވަރަށް ނަފުރަތުކުރޭ. ވަރަށް ވަރަށް ދެރަވޭ ނުކުރާކަމެއް ބޮލުގައި އަޅުވާތީ." ނިހާ އިސްއުފުލައިލުމުން އެ ދެލޮލުގައި މުތީތަކެއް ފަދައިން ވިދަމުން ދިޔަ ކަރުނަ ފެނިފައި ރޫނާގެ ހިތަށް ވެސް އަސަރުކުރިއެވެ. ނިކާލްދެކެ ނިހާ ވަނީ ވަރުގަދަ ލޯތްބެއްކަން އެ ދެލޯ އެކަނި ވެސް ހެކިދެއެވެ.

"މަށަށް ދެންމެ ރޫނާ ފޯނުން ދެއްކި ވާހަކަތައް އިވުނު." ދެންވެސް ވާހަކަދެއްކީ ނިހާއެވެ. "ސިހުރު ޖެހިފައި ހުރިއްޔާ އެނގޭނެ ވަކި ގޮތެއް އޮވޭތަ؟"

ނިހާ ބޭނުންވަނީ ނިކާލަށް ސިހުރު ޖެހިފައިނުވާކަން ސާބިތުކުރާށެވެ. ނިކާލް ބޭނުންވެގެން އުޅޭ ހެކި ދައްކާށެވެ. ނިހާ ބޭނުންވާ ގޮތް އެނގުމުން ރޫނާ ހިނިތުންވެލިއެވެ.

"ރޫނާއަށް މިކަމުގައި އެހީތެރިކަމެއް ފޯރުކޮށްދެވިތާނެތަ؟" ނިހާ އެހިއެވެ.

"އެހީތެރިކަން ފޯރުކޮށްދެވިދާނެ." ރޫނާގެ އަޑުގައި ހުރީ އޯގާތެރިކަމެވެ. "ސިހުރު ޖެހިފަތޯ ބެލުމަށް ޖެހޭނީ ސިހުރު ޓެސްޓުކުރަން. އޭރުން ޔަޤީންވާނެ ސިހުރު އެއްޗެއްކެވިފަ ހުއްޓަސް. ނިހާމެން ތި ޖިންނީގެ ކިބައިން ސަލާމަތްވާން އިބްރާޙީމްބެ ލައްވާ ތި ހެދުވީ ވެސް ސިހުރު. ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްވުމަށް އެފަދަ ކަންތައްކުރުމަކީ ޝިރުކެއް. ބޮޑު ފާފައެއް. ދީން ހުއްދަކުރާކަމެއްނޫން އެއީ. އެކަމަށް ކުރަންޖެހޭނެ ކަމަކީ ރުޤްޔާ. މި ޒަމާނު މީހުން އެ ކިޔާ ހުއްދަ ފަންޑިތަ."

ކާބަފައިން ޒަމާނުންސުރެ ފަންޑިތައަކީ ބޭސްވެރިކަމުގެ ވައްތަރެއްކަމަށާއި، ސިހުރަކީ މީހުންނަށް ގެއްލުންދިނުމަށް ކުރާ ކަންކަމުގައި ބުނެއުޅެވެ. އެހެންކަމުން ޒަމާނުންސުރެ ފަންޑިތަ ހުއްދަކަމަށާއި ސިހުރު ހަރާމްކަމަށް މީހުން ޤަބޫލުކުރެއެވެ. ނަމަވެސް ހަޤީޤަތަކީ ސިހުރެކޭ އެއްފަދައިން ފަންޑިތައިގައި ވެސް ޝިރުކަށް މަގުފައިވާ ކަންކަން އެކުލެވިފައިވާކަމެވެ. މާތްﷲގެ ކިބަފުޅުން ވާތްގަށް އެދުމުގެ ބަދަލުގައި ޖިންނި ޝައިޠާނުންގެ މަދަދަށް އެދި އެމީހުންގެ އެހީތެރިކަން ހޯދާކަމެވެ. ނަތީޖާއަކަށް ވަނީ މާތްﷲއަށް އުރެދި، ސިހުރު ހަދާމީހުން ޝައިޠާނާގެ އަމުރުތަކަށް ކިޔަމަންވާން ޖެހުމެވެ. އެފަދަ ކަންކަމުގެ ބަދަލުގައި ކުރަންޖެހޭނީ ޝިރުކުން ބަރީޢަވެގެންވާ ރުޤުޔާއެކެވެ.

"މަށަށް ޝިރުކުން ބަރީޢަވެގެންވާ ރުޤްޔާއާބެހޭ ވަރަށް ގިނަ މަޢުލޫމާތުތައް އެނގޭ. ނިހާއަށް ތި ވާހަކަތައް ކިޔާ ތިދެވުނީ އެންމެ ރަނގަޅު މީހާ ގާތުގައިކަމަށް ބަލާ. ސިހުރު ޓެސްޓު ކުރާނެގޮތް މަ ކިޔާދީފާނަން. މާ ބޮޑުކަމެއް ކުރާކަށް ނުޖެހޭނެ. ޤުރުޢާނުގެ އާޔަތްތަކެއް އަޑުއަހައިލައިގެން އެކަންކުރެވޭނެ."

ރޫނާ ދައްކަމުންދިޔަ ވާހަކަތައް އަޑު އަހަން އިން ނިހާގެ މޫނުމަތިން ފެންނަމުން ދިޔައީ ޝައުގުވެރިކަމެވެ. އެއީ އޭނާއަށް ކުރިން އެނގިފައިވާ މަޢުލޫމާތުތަކެއް ނޫނެވެ. ފަންޑިތައާއި ސިހުރަކީ ދެ ނަމެއް ކިޔާ އެއްގޮތަކަށް ކުރާ ކަމެއްކަމާއި އެއީ ފަނާކުރަނިވި ބޮޑެތި ފާފައިގެ ތެރެއިން ހިމެނޭ ފާފައެއް ކަމާއި، އިބްރީސްގެ ކިބައިން ސަލާމަތްކުރުމަށް އިބްރާހީމްބެ ބޭނުންކުރި އުކުޅުތަކަކީ ހުއްދަނޫން ކަންތައް ތަކެއް ކަން ވެސް ކުރިޔަކުން ނިހާއަށް އެނގިފައެއް ނުވެއެވެ.

"ދީބަލަ ނިހާގެ ފޯނު." ރޫނާ އެދުނެވެ.

ނިހާ ފޯނު ދިނުމާއެކު ރޫނާގެ ފޯނުން ނިހާގެ ފޯނަށް ސިހުރު ޓެސްޓުކުރަން ބޭނުންކުރާ އާޔަތްތައް ހިމެނޭ "އޯޑިއޯ" އެއް ފޮނުވާލަދިނެވެ. އެ އޯޑިއޯ ނިހާ އަޑުއަހާލިއެވެ. އެ އޯޑިއޯ 07 ފަހަރު ތަކުރާރުކޮށް ނިކާލަށް އަޑު އިއްވުމަށް ރޫނާ އެދުނެވެ. އެ އަޑުއަހަމުން ދާއިރު ސިހުރު ޖެހިފައިވާނަމަ ފާޅުވާނެ އަލާމާތްތައް ވެސް ރޫނާ ކިޔައިދިނެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ." ނިހާ ހުރީ ބަޔާންކުރަންދަތި އުފަލަކާއި ހިތްހަމަޖެހުމެއް ލިބިފައެވެ. ކާވެންޏަށް އިންކާރުކުރުމަށް ރޫނާ ގާތުން އެދެން އެގެއަށް އާދެވުންކަން އެއީ ނިހާގެ ނަސީބުކަމުގައި ދެކުނެވެ. ރޫނާ ދެއަތުގައި ބާރަށް ހިފާލައިގެން ހުރެ ނިހާ ހިތުގެ ފުންމިނުން ޝުކުރުއަދާކޮށްފައި އެގެއިން ނުކުންނަން ހިނގައިގަތެވެ. ރޫނާ ވެސް ނިހާއާއެކު ދާން ބޭނުންވިއެވެ. ނިކާލްގެ މިޒާޖު ހުންނަ ގޮތުން ނިހާގެ އެއްވެސް ވާހަކައެއް ނިކާލް ޤަބޫލު ނުކުރާނެކަން ރޫނާއަށް އެނގެއެވެ. އެ އޯޑިޔޯ އަޑުއެހުމަށް ނިކާލް މަނާވެގަނެ ދާނެއެވެ. އެހެންވެއްޖެނަމަ ނިހާއަށް ރޫނާގެ އެހީތެރިކަން ބޭނުންވާނެއެވެ.

"ނޫނޭ. ރޫނާ މަޑުކުރޭ. އިތުރުއެހީއެއް ބޭނުންވެއްޖެއްޔާ ބުނެލާނަން." ރޫނާއަށް އެ ހަޤީޤަތްތައް އެނގޭކަން ނިކާލަށް އަންގާކަށް ނިހާ ބޭނުމެއްނުވިއެވެ. ރޫނާ ވަރަށް ފަސޭހައިން އެއްބަސްވިއެވެ.

ނިހާ ގެޔަށް ދާން ނުކުތުމާއެކު ހިތްނުތަނަވަސް ވާން ފަށާފިއެވެ. ހިތުގެ ތެޅުން ކުރިޔަށްވުރެ ހަލުވިވާން ޖެހުނު ސަބަބެއް ޚުދު ނިހާއަށް ވެސް ނޭނގުނެވެ. ހިތްހަމަޖެހުމާއި އެއްވަރުގެ ކަންބޮޑުވުމަކުން ނަފްސު ހިޞާރުކޮށްލީ ނިކާލް އޭނާ ދައްކާ ވާހަކަތައް ޤަބޫލުނުކޮށްފާނެތީއެވެ. ނަމަވެސް ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް އުންމީދުކޮށް އޭނާގެ ހިތަށް ހަމަޖެހުމެއް ގެނައުމަށް މަސައްކަތްކުރަން ޖެހުނެވެ. ގެޔަށް ވަދެވުނުއިރު ވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ފެންޑާގައި ހުރި އިންޝާއަށް ނިހާ ފެނުމާއެކު ބާރު ބާރަށް އެދިމާއަށް އަޔެވެ. އިންޝާގެ މޫނުމަތިން ކަންބޮޑުވުން ފެނުމުން ނިހާ ބިރުގަތެވެ.

"މަންމަވެއްޖެ ނިކާލްގެ ކޮޓަރީގައި. ނިކް ގާތުގައި ކާވެނީގެ ވާހަކަ ދައްކައިފި." ނިހާ ސުވާލު ނުކުރަނީސް އިންޝާ އޮޅުންފިލުވައިދިނެވެ. "މަ މި އައީ އެމީހުންގެ ވާހަކަތައް ސިއްރުން އަޑުއަހާފައި. އެބައޮތް އުފާވެރި ހަބަރަކާއި ހިތާމަވެރި ހަބަރެއް. އުފާވެރި ހަބަރަކީ ނިކް ޤަބޫލެއްނޫން ރޫނާއާ އިންނާކަށް. ކުރިން ރޫނާ ބޭވަފާތެރިވެފައި އޮތީމަ ނިކް ބޭނުންނުވީ އިތުރު ފުރުޞަތެއްދޭން. ހިތާމަވެރި ހަބަރަކީ ނިހާމެންނާއެކު ކާވެނިކުރުމަށް އެހެން ކުއްޖަކު ހޯދުމަށް މަންމަ ގާތުން ނިކް އެދެފި."

"މިހާރު ކޮބާ އެމީހުން." ނިހާ ސުވާލުކުރުމާއެކު އިންޝާ ލޮލުގެ އިޝާރާތުން މަތި ދައްކާލިއެވެ. ނިހާ އަތުގައި އޮތް ފޯނުގައި ބާރަށް ހިފަހައްޓައިލައިގެން ހުރެ ބާރުބާރަށް ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. ނިކާލްގެ ކޮޓަރީގައި ޞަފިއްޔާ އުޅުނަސް ނިހާއަށް ވަރިހަމައެވެ. ނިކާލްއެކޭ އެއްގޮތަށް ޞަފިއްޔާއަށް ވެސް އޭނާގެ ކުށެށް ނެތްކަން އަންގައިދޭން ބޭނުންވެއެވެ. ކޮޓަރި ދޮރު ކުރިމައްޗަށް ހުއްޓުމާއެކު ނިހާއަށް މަޑުޖެހިލެވުނެވެ.

"ދަރިފުޅުވެސް ދެން ތިޔަ ފިކުރުތަކާއި ދުރުވާން މަސައްކަތްކޮށްބަލަ. ވަޒީފާއަކަށް ގޮސް ނިކަން ޒިންމާދާރު މީހަކަށްވާން އުޅޭ. އޭރުން ހަމަޔަކަށް އެޅިދާނެ. ނިހާގެ މަތިން ހަނދާން ނައްތާލާ." ކުޑަކޮށް ހުޅުވިފައި ހުރި ދޮރުން ޞަފިއްޔާގެ އަޑު ސާފުކޮށް ނިހާއަށް އިވެއެވެ. ނިކާލްގެ ޖަވާބު އަޑުއަހާ ހިތުން އޭނާ ހުރީ ހިލަ ބުދެއް ހެންނެވެ.

"ވަރަށް މަސައްކަތްކުރަމޭ މަންމާ. އަޅުގަނޑު ހާދަހާ ލޯބިވެޔޭ." ނިކާލްގެ ޖަވާބުން ނިހާގެ ހިތްއުފަލުން ނަށަންފެށިއެވެ.

ނިހާއަށް ލިބުނު އުފަލާއެކު ވަގުތު ބޭކާރުނުކޮށް ދޮރުގައި އިނގިލިކުރި ޖައްސައި ފަހަތަށް ކޮށްޕައިލިއެވެ. ދޮރު މަޑުމަޑުން ހުޅުވިގެން ދިޔައެވެ. ތުއްތު ކުއްޖެއް ފަދައިން ޞަފިއްޔާގެ އުނގުގައި ބޯ އަޅައިލައިގެން އޮވެ ޝަކުވާކުރަމުން ދިޔަ ނިކާލަށް ނިހާ ފެނުމާއެކު ތެދުވީ ކުއްލިއަކަށެވެ. އެ މޫނުމަތީގައިވާ ހިތާމަވެރިކަން ފޮރުވާލައި ރުޅިވެރިކަމުގެ "މޫނުގަނޑު" އަޅުވާލީ ނިކަން ކުޅަދާނަކަމާއެކުއެވެ. ޞަފިއްޔާ ވެސް ނުރުހުމާއެކު ނިހާއަށް ލޯ އަޅާލިއެވެ.

"އަހަރެން މި އައީ ނިކްއަށް ސިހުރު ހަދައިގެން އެއްޗެއް ކާން ނުދޭކަން ސާބިތުކޮށްދޭން." ނިހާ ޖެހިލުންވި ނަމަވެސް އަތުގައި އޮތް ފޯނަށް ބަލަމުން އެތެރެއަށް ޖެހިލިއެވެ.

"ކޮންހާ ބޭކާރު ވާހަކައެއް. މިތަނުން ނުކުމޭ." ނިކާލް ރުޅި އައި ނަމަވެސް މަންމަ ގާތުގައި ހުރުމުން ވާހަކަ ދެއްކީ މަޑުންނެވެ.

"ނިކް މާ ބޮޑުކަމެއްކުރާކަށް ނުޖެހޭނެ." ނިކާލްގެ ބަސްތައް އަޑުއިވުނުކަމަށް ނުހަދައި ނިހާ ވާހަކަ ދެއްކީ ހަމަޖެހިފައި ހުރެއެވެ. "ނިކް ކުރަންޖެހޭނެ ކަމަކީ މި އޯޑިއޯ އަޑުއަހާލުން. ސިހުރުގެ ކަމެއް ހުރިއްޔާ ނިކްއަށް އުދަނގޫތަކެއްވާނެ."

ނިކާލްގެ ކުރިމަތީގައި އެއްވެސް އެއްޗެއް ނިހާއާ ދިމާއަށް ނުބުނަން ހިތު ނިޔަތް ގަނެގެން ހުރި ޞަފިއްޔާއަށް ދަތްކާރުވާ ލެވުނެވެ. މި މުސީބާތެއް ކަހަލަ އަންހެނާ ކައިރިން އޭނާގެ ދަރިފުޅު މިންޖުވާނީ ކޮން ދުވަހަކުން ހެއްޔެވެ؟

"މީ މާބޮޑުކަމެއް ނޫނެއްނު." ނިހާ ފޯނު ދިއްކޮށްލަމުން ބުނެލިއެވެ. ނިކާލް ދުރުބަލާލަމުން ދެ ޖީބަށް އަތްޖަހާލިއެވެ. އޭނާ އެ ފޯނުގައި ހިފާކަށް ގަސްދެއް ނުކުރިއެވެ.

"ކަލެޔަށް އެއްވެސް ކަމެއް ބޮޑުވޭތަ؟" ޞަފިއްޔާ ނިހާގެ އަތުން ފޯނު ޖަހައިގަތެވެ. "މި ފޯނުން އެކައްޗެއް ވެސް ނިކާލް އަޑެއް ނާހާނެ. އަޑު އެހިޔަކަ ނުވެސް ދޭނަން."

"ދައްތާ. ހޮޔޮނުވާނެ. އަހަންނަށް އެންމެ ފުރުޞަތެއްދީ. އަހަރެން ކުށެށް ނުކުރާކަން ސާބިތުކޮށްދޭނަން." ނިހާ އާދޭސްކުރިއެވެ.

ނިހާއަކީ މަކަރުވެރި ސުންޕާ އަންހެނެއްކަމަށް ޞަފިއްޔާ ދެކެއެވެ. ނިހާ ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި މަކަރާއި، ހީލަތް އޮންނާނެއެވެ. ފޯނުން އެ ބުނާ އެއްޗެއް އަޑުއަހައިގެން ނިކާލްގެ ހިތް ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެއެވެ. ނިހާގެ މަޅީގައި ޖެހިގެން ނިކާލް އެފަދަ އެއްވެސް ކަމެއް ކުރާކަށް ޞަފިއްޔާ ފުރުޞަތެއް ނުދޭނެއެވެ.

"ދޭންޖެހޭ ވަރަށް ފުރުޞަތު ދެވިއްޖެ. މިހުރިހާ ދުވަހު ތިޔަ އެއްޗެއް އަޑު އިއްވަން ނައިސް މިއަދު އަންނާނީ ކޮންމެވެސް ރޭވުމެއް ރާވައިގެން ކަން ޔަޤީން. މިތަނުން ނުކުމޭ." ޞަފިއްޔާ އަމުރުކުރިއެވެ.

ނިކާލް ކުރިންވެސް ހުރި ގޮތަށް ހުރީއެވެ. އޭނާ ޞަފިއްޔާއާ ދެކޮޅަށް އެއްޗެއް ނުބުނެ ހުރުމުން އެ އަޑުއަހަން ބޭނުން ނުވާކަން ޔަޤީންކުރެވުނެވެ. ޞަފިއްޔާ ހުއްޓާ އެ ތަނަށް އާދެވުނީ ނިހާގެ މޮޔަކަމުންނެވެ. ނިހާ މާޔޫސްވެފައި ނިކާލަށް ބަލަންހުރީ ހިޔާލު ބަދަލުވޭތޯ ހިތުގެ އެންމެ ފުންމިނުން އެދޭ ހާލުގައެވެ.

"ނިކް. އެންމެ ފުރުޞަތެއްދީބަލަ. މިއަދު މަގޭ އެއްވެސް ކުށެށް ނެތްކަން ސާބިތު ނުކުރެވިއްޖެނަމަ ދުވަހަކު ވެސް ނިކްގެ ކުރި މައްޗަށް މިވާހަކަ ދައްކާކަށް މި ނިހާއެއް ނާންނާނަން. ނިކް ބުނީމެއްނު ސިހުރު ނުހަދާކަން ސާބިތުކޮށްދޭށޭ. އެހެންވީމަ އެ ފުރުޞަތު މަށަށް ދީ. ނިކް ހެޔޮނުވާނެ. އެންމެ ފުރުޞަތެއް." ނިހާ އަތުގެ ޝަހާދަތް އިނގިލީގެ ފުރަތަމަ ބަދައާއި ހިސާބުގައި ބޮޑުވާ އިނގިލި ޖައްސާލަމުން ބުނެލިއެވެ.

ނިހާގެ އަޑުގައިވި ހިތްދަތިކަން ނިކާލްގެ ހިތާއި ހަމައަށް ފޯރިއެވެ. އޭނާ އެނބުރި ނިހާއަށް ބަލާލަމުން މަންމަގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ދެން އޭނާގެ ކަޅި ތިރިއަށް ގެންގޮސް މަންމަގެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. އެ ފޯނުގައިވާ އެއްޗެއް އެހުމުގެ ހުއްދައަކަށް ޞަފިއްޔާ ގާތުން ނިކާލް އެދުނީހެން ނިހާއަށް ހީވިއެވެ.

"މީގައި އޮތީ ސިހުރެއްނޫންކަމެއް ކިހިނެއް އެނގެނީ؟" ޞަފިއްޔާ ބުނެލިއެވެ.

"ތީ ސިހުރެއް ނޫން." ރޫނާގެ އަޑުއިވުމާއެކު ނިހާއަށް އެނބުރި ބަލާލެވުނެވެ. "ތީ ޤުރުޢާނުގެ އާޔަތްތަކެއް. ކީރިތި ޤުރުޢާން އަޑުއަހައިގެން ސިހުރެއް ނުޖެހޭނެ. ތި އާޔަތްތައް އަޑު އަހައިގެން ސިހުރު ޖެހިފައިހުރި މީހުން ވަކިކުރަން އެނގޭނެ. މަ މިތަނަށް އައިސް މި ވާހަކަ ދައްކަންފެށީމަ ވަރަށް ހައިރާންވެފަދޯ ތިތިބީ. ނިހާ ހުރިހާ ވާހަކަތަކެއް ކިޔާދިނީމަ، އަހަންނަކީ ޝަރުޢީ ރުޤްޔާގެ އިލްމު އުގެނިގެން ހުރި މީހެއްވީމަ ތި އޯޑިޔޯ ނިހާއަށް ދިނީ. ނިހާ ހުވާކޮށްފައި އެބަ ބުނޭ އޭނަ އެފަދަ ވިޔާނުދާ ކަމެއް ނުކުރާކަމަށް. އެހެންވީމަ ނިކާލް ތީތި އަޑު އަހާ. ނިހާ ކުރަން އުޅުނީ ވަކި ރަނގަޅުކަމެކޭ ނޫން މި ބުނަނީ. އިންސާނުންނަށް ކުށެށް ކުރެވިދާނެކަމަށް ޤަބޫލުކުރަންވާނެ. ނިކާލަށް އެނގޭތަ ކުށްހީ ކުރުމަކީ ކިހާ ބޮޑު ފާފައެއްކަން. އެހެންވީމަ ކުށް ހީއަކުން ސަލާމަތްވުމަށް ތިޔަށްވުރެން ވަކި މޮޅު ގޮތެއް ނޯންނާނެ. ނިހާ އެހަދަނީ ތެދެއްތޯ ނުވަތަ ނޫންތޯ ބަލާ ޔަޤީންކޮށްފައި ގޮތެއް ނިންމާ."

ރޫނާ ވާހަކަ ހުއްޓާލީ އޭނާ ދައްކަން ބޭނުން ހުރިހާ ވާހަކައެއް ދެއްކުމަށްފަހުގައެވެ. އެ ވާހަކަތަކުން ނިކާލްގެ ހިޔާލު ބަދަލުވިއެވެ. ނިހާގެ ކުށެށް ނެތްކަން ސާބިތުކުރަން ފުރުޞަތެއް ދޭން ވެސް ޖެހޭނެއެވެ. އޭނާ ނިހާއަށް އިތުބާރުކުރަން ބޭނުމެވެ. ނަމަވެސް ނިހާއަށް އިތުބާރުކޮށް ހިތްހަމަޖެހިގެން ވާހަކަ ދައްކާލެވޭނީ ރޫނާ ބުނި ފަދައިން ކުށްހީ ފިލުވައިގެންނެވެ. އޭނާއަށް ވެވިފައިވަނީ ސިހުރު ލޯބިކަން ނުވަތަ ނޫންކަން ޔަޤީންކުރަން ވަކި މިޔަށްވުރެ ރަނގަޅު މަގެއް ނުފެންނާނެއެވެ. ކީރިތި ޤުރުޢާނުގެ އާޔަތްތަކެއް އަޑުއަހައިގެން ގެއްލުމެއް ނުލިބޭނެކަން ކަށަވަރެވެ. ނިހާގެ ތެދުވެރިކަމާއި ލޯބި އެ ދެލޮލުން އަބަދުވެސް ނިކާލަށް ފެނުނެވެ. ޤަބޫލުކުރަން ބޭނުންނުވީއެވެ. ނަމަވެސް މިއަދު ނިހާ ތެދުވެރިކަމުގެ އިމްތިހާނާއި ކުރިމަތިލުމުން ނިކާލްގެ ހިތްއަވަސްވެ އުފާ ވެސް ވިއެވެ. ނިހާ ހެދީ ތެދުކަން ސާބިތުވެއްޖެނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ނިހާގެ އެއްވެސް ކުށެށް ނެތި އަނިޔާތަކެއް ދެވުނީ ހެއްޔެވެ؟ އެހެންވެއްޖެނަމަ ނިކާލަށް އަމިއްލަ ނަފުސަށް މާފުދެވިދާނެބާއެވެ؟ ނިކާލް ވިސްނަން ހުރެފައި މަންމަގެ އަތުގައި އޮތް ފޯނު އަތުލައިގެން ގޮސް އެނދުގައި އިށީނެވެ.

ޞަފިއްޔާ ވެސް ނިކާލް ގާތުގައި އިށީނެވެ. ފޯނުގައި ހުރީ ޤުރުޢާނުގެ އާޔަތްތަކެއްކަން އެނގުމުން އެކަން ހުއްޓުވާކަށް އޭނާ ބޭނުމެއް ނުވިއެވެ. ނިހާ ޝުކުރުވެރިކަމާއެކު ރޫނާއަށް ބަލާލަމުން ހިނިތުންވެލިއިރު މާތްﷲ އަށް ހަމްދުކުރެވުނެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ހިތަށްވެރިވެ ގަތީ ލޮލުން ކަރުނަ ފާއްދާލަމުންނެވެ.

ނިކާލް އޯޑިޔޯ އަޑުއަހަމުން ދިޔައިރު ނިހާގެ ހިތް އަވަސްވަމުން ދިޔައެވެ. އޭނާ ހިތާހިތުން ނިކާލަށް އެއްވެސް އުނދަގުލެއް ކުރިމަތިނުވުމަށް އެދެމުން ދިޔައެވެ. ގާތުގައި ހުއްޓިލައިގެން ރޫނާ ވެސް ހުއްޓެވެ. ނިކާލް ފުރަތަމަ ފަހަރަށް އަޑުއަހާ ނިންމާލެވުނުއިރު ރޫނާ ކިޔާދިންފަދަ އެއްވެސް ކަހަލަ އުނދަގުލެއް އިހްސާސްނުވުމުން އޭނާ ނިކަން ހިތްހަމަޖެހުނެވެ. އިތުރަށް އަޑުއަހަން ބޭނުންނުވާކަމަށް ބުނެފައި، ނިހާގެ ކިބައިން މާފަށްއެދެން ނިކާލްގެ ހިތަށް އެރުމާއެކު ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ނިހާގެ މެޔަށް ލިބުނު ފިނިކަމާއެކު އުފަލުން ގޮސް ދެލޯ ކަރުނައިން ބަރާވިއެވެ. އަދި ގޮތެއް ނިންމަން އަވަސްކަމަށާއި، ތަކުރާރުކޮށް 07 ފަހަރު އަޑުއެހުމަށް ރޫނާ އިރުޝާދު ދިނުމާއެކު ދެމީހުން ވެސް ޖަޒުބާތުތައް ފޮރުވާލިއެވެ.

"ޤުރުޢާނުގެ އާޔަތްތަކަށް ސަމާލުކަންދީގެން އަޑުއަހާ. އޭރުން ތީގެ ނަތީޖާ ފެންނާނެ." ރޫނާ އެދުނީ ސަމާލުކަން ދިނުމަށެވެ.

ރޫނާ އެދުނު ފަދައިން ނިކާލް ކަންތައްކުރަމުން ދިޔައީ ހިތް އަވަސްވެފައިވާ ހާލުގައި އިނދެއެވެ. އެ ވަގުތުތައް ނިކާލަށް ވެގެން ދިޔައީ ލައްކަ ގިނައިރަށެވެ. ރޫނާ ބުނެފައިވާ ގޮތުން، ސިހުރުޖެހިފައިވާނަމަ ގައިގެ ތަނަކަށް ތަދުވުން ނުވަތަ އައްސިވުން، ބޮލަށް ބަރުވެ ބޮލުގައި ރިއްސުންފަދަ ކަމެއް މެދުވެރިވާނެއެވެ. ރުޅިގަދަވެ އޯޑިއޯ ނިއްވާލަން ބޭނުންވުމާއި، ފޫހިވުމާއި، ނިދިޖެހުން ނުވަތަ ގައިތެރޭ އެއްޗެއް ދުވާހެން ހީވުމާއި، މޭނުބައިކޮށް ހޮޑު ލަވާގޮތްވުމަކީ މުޅިން ވެސް ސިހުރު ޖެހިފައިވާކަމުގެ އަލާމާތްތަކެވެ. އެއިން އެއްވެސް އަލާމާތެއް ނިކާލްގެ ކިބައިން ފާޅުނުވި ނަމަވެސް ޞަފިއްޔާއަށް އުނދަގޫތަކެއް ވަމުން ދިޔަކަން ރޫނާއަށް ފާހަގަވިއެވެ. ޞަފިއްޔާގެ ދެއަތުން ބޮލުގައި ހިފަހައްޓައިލައިގެން އިނުމުން ބޮލުގައި ރިއްސަނީކަން ޔަޤީންވެއެވެ. އޯޑިއޯ އަޑުއަހައި ނިމުނުއިރު އޭނާއަށް އިތުރު އުނދަގުލެއް ވަނީ ކުރިމަތިވެފައެވެ. މޭ ނުބައިކޮށް ހޮޑުލަވާގޮތްވިއެވެ. ކެތްކުރަން ދަތިވާވަރުގެ ތޫނުތަދެއް ސިކުނޑީގައި އުފަންވިއެވެ.

ނިކާލް ހިނިތުންވަމުން ތެދުވި ވަގުތު ޞަފިއްޔާ އޯކަށްދަމަންފެށި އަޑާއެކު ނިކާލަށް ލިބުނީ ސިހުމެކެވެ. ނިހާވެސް ސިހިފައި ބަލާލިއިރު ނިކާލްގެ އަތުގައި ޞަފިއްޔާ އެލިގަނެއްޖެއެވެ. (ނުނިމޭ)

ހަތްވަނަ ބައިގެތެރެއިން:-

"ތީގެ މާނައަކީ ސިހުރު ޖެހިފައި ތިހިރީ ނިކާލަކަށް ނޫނޭ ޞަފިއްޔާއްތަ އަށޭ." ރޫނާ ހަޤީޤަތް ބަޔާންކުރިއެވެ.

ނިހާއަށް ރޫނާގެ އަތުގައި ބާރަށް ހިފާލެވުނުއިރު ނިކާލަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ބޮލަށް އެނބުރުން އަރައިގަތްހެން ވެސް ހީވިއެވެ. މަންމައަށް ސިހުރު ހެދީ ކާކުހެއްޔެވެ؟ އޭނާ ހިތްވަރުކޮށްފައި މަންމަގެ ގާތުގައި އިށީނދެ ބޮލުގައި ފިރުމަން ފެށިއިރު އަތުގައި ވަނީ މަޑު ތުރުތުރުލުމެކެވެ. ޞަފިއްޔާއަށް ވަމުންދިޔަ އުނދަގޫތަކަށް ކުޑަވެސް ލުޔެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޫނާ

    އިލްހާމް ސިހުރު ހެދީ ސަފިއްޔާޢަށް މަށަަށްޔަގީން

    12
    2
    • ޔަޕް

      ހަމަ ޔަގީން