ޖޯން އަބްރަހަމްގެ ކުރިޔަށް ނުކުންނަން ހަމަޖެހިފައިވާ ފިލްމް ސަތިޔަމޭވް ޖަޔަތޭ 2 ރިލީޒް ކުރާ ތާރީހު ލަސް ކުރަން ނިންމައިފިއެވެ.

ސަލްމާން ހާންގެ ރާދޭ އާއި އެކުގައި މޭ 13 ވަނަ ދުވަހު ރިލީޒް ކުރަން ތާވަލް ކުރެވުނު ޖޯން އަބްރަހަމްގެ ސަތިޔަމޭވް ޖަޔަތޭ 2 އެދުވަހު ރިލީޒް ނުކުރަން މިހާރު ވަނީ ނިންމާފައެވެ. އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ރިލީޒް ކުރަން ހަމަޖެހުނު ފިލްމް ކޮވިޑް ފުރަބަންދުގެ ސަބަބުން ފިލްމުގެ ޕްރޮޑަކްޝަންއަށް ބުރޫ އަރައި ފިލްމް ރިލީޒް ކުރުން ފަސްކުރަން މަޖުބޫރުވީއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ޝޫޓިންގް ނިންމާލުމަށް ފަހު، ޖޯން އާއި ފިލްމުގެ ޕްރޮޑިއުސަރ އިއުލާން ކޮށްފައިވަނީ މި އަހަރުގެ ފިތުރު އީދުގައި ތިއޭޓަރުތައް އަލުން ހުޅުވާލުމުން ފިލްމު ރިލީޒް ކުރާނެ ކަމަށެވެ. އަނެއްކާ ވެސް އިންޑިއާގައި ކޮވިޑްގެ ދެވަނަ ރާޅާއި އެކު ގައުމުގެ ހާލަތު ގޯސްވެ ސިނަމާތައް ބަންދު ކުރުމުގެ އިތުރުން ބައެއް ސްޓޭޓުތައް ވަނީ ފުރަބަންދު ކޮށްފައެވެ. މިކަމާއި ގުޅިގެން ސަތިޔަމޭވް ޖަޔަތޭ 2 ވެސް ރިލީޒް ކުރުން ފަސްކޮށްލަން ނިންމީ ކަމުގައި ޕްރޮޑިއުސަރ ބުނެފައިވެއެވެ.

ޖޯންގެ ފިލްމް ފަސްކުރަން ނިންމާ ނެރުނު ބަޔާނުގައި ބުނެފައިވަނީ ގައުމުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ފިލްމް ރިލީޒް ކުރަން ބޭނުން ނުވާ ކަމަށެވެ. މި ވަގުތު ފިލްމަށް ވުރެ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދޭން ޖެހިފައި ވުމުން މި ދަނޑިވަޅުގައި ފިލްމް ރިލީޒް ކުރަން ނުފެންނަ ކަމަށް ބުނެފައިވެއެވެ.

ދެން ސަތިޔަމޭވް ޖަޔަތޭ 2 ރިލީޒް ކުރަން ހަމަޖެހިފައިވަނީ ފަހުގެ ތާރީހެއްގައި ކަމަށެވެ. ނަމަވެސް، ކަނޑައެޅިގެން ވަކި ތާރީހެއް އިއުލާން ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު