8 އަހަރުގެ ތުއްތު ކުއްޖެއް ރަޙުމް ކުޑަ ގޮތަކަށް ރޭޕްކޮށް މަރާލީ އެ ކުއްޖާގެ ބައްޕަ އޭނައަށް ދައްކަން ޖެހޭ ލޯނެއް ނުދައްކައިގެން ކަމަށް ރޭޕް ކުރި މީހާ ބުނެފިއެވެ.

ޗޯޓީލާލް ފުލުހުންނަށް ދިން ބަޔާނެއްގައި ބުނެފައިވަނީ އެކުއްޖާގެ ބައްޕަ ގާތު އެތައް ފަހަރަކު ލޯނު ދެއްކުމަށް އެދުނު ކަމަށާއި ނަމަވެސް އޭނާ ދައްކާ ވާހަކަ މިކުއްޖާގެ ބައްޕަ ސީރިޔަސްކޮށް ނުނަގާ ކަމަށެވެ. އަދި އެކުއްޖާ ރޭޕްކޮށް މަރާލީ ބައްޕައަށް ފިލާވަޅެއް ނަގައިދިނުމަށް ކަމަށްވެސް ޗޯޓީލާލް ބުނެފައިވެއެވެ.

މިކުއްޖާ ރޭޕްކޮށް މަރާލުމަށްފަހު ޗޯޓީލާލް ފިލާފައިވީނަމަވެސް ފުލުހުންވަނީ އެއްދުވަސް ތެރޭ މިމީހާ ހިފާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިމައްސަލައިގައި ފުލުހުން ބުނެފައިވަނީ ޗޯޓީލާލްއަކީ ރާބުއިމުގެ ކުށުގައި އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި މި 8 އަހަރުގެ ކުއްޖާ ގޭގެ ބޭރުގައި ކުޅެން ހުއްޓާ ޗޯޓީލާލް އެކުއްޖާ ގެންގޮސްފައިވަނީވެސް މަސަތުގެ ހާލުގައި ހުރެ ކަމަށެވެ. މި 8 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އެއަވަށާއި 6 ކިލޯ މީޓަރ ދުރުންނެވެ.

ޗޯޓީލާލްގެ މައްޗަށް ކުއްޖަކާ ގަދަކަމުން ބެހުމުގެ މައްސަލައާއި މީހަކު ގަސްތުގައި މަރާލުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު، ޗޯޓީލާލް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.