މީމްގެ ދުނިޔޭގައި މަޝްހޫރު 'ސްޕެނިޝް ލާފިން ގާއި' ގެ ނަމުން މަޝްހޫރުވެފައިވާ މީމްގަ ހުންނަ މީހާ މަރުވެއްޖެ އެވެ.

ސްޕެއިންއަށް ނިސްބަތްވާ ކޮމޭޑިއަން އެއް ކަމަށްވާ އުމުރުން 65 އަހަރުގެ ޖުއަން ޖޮޔާ ބޯޖާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ ވަރުގަދަ ހިނިގަނޑާއެކު މަޝްހޫރުވި މީމް ވަނީ ސޯޝަލް މީޑިޔާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ބޯޖާގެ މީމް މަޝްހޫރުވެގެންދިޔައީ 2014 ވަނަ އަހަރުގައި ސްޕެއިންގެ ޤައުމީ ޓީވީން ދެއްކި ޕްރޮގްރާމަކުންނެވެ. ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި ބޯޖާ މަރުވީ ހޮސްޕިޓަލުގައި އޮއްވާ ބުދަ ދުވަހުއެވެ.

2020 ވަނަ އަހަރު ބޯޖާ ވަނީ ސިއްހީ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޓްމިޓް ކޮށްފަ އެވެ. ބަލީގެ ސަބަބުން ބޯޖާގެ އެއްފައި ބުރިކޮށްލުމުން އޭނާ ހިނގަން ފަސޭހަކުރުމަށް ސްކޫޓަރެއް ގަންނަން އޭނާގެ ސަޕޯޓަރުން ވަނީ ބޮޑު ފަންޑްރައިޒިން އިވެންޓެއް ބާއްވާފައެވެ. ބޯޖާ ވަނީ އޭނާގެ ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު ޢަދާކޮށްފަ އެވެ.

ބޯޖާ މަރުވުމުން އެޤައުމުގެ މީޑިޔާގައި މަސައްކަތް ކުރާ ފަރާތްތަކާއި މީސްމީޑިޔާ ބޭނުންކުރާ ފަރާތްތަކުން ވަނީ އޭނާއަށް ތައުޒިޔާ ކިޔާފަ އެވެ.

އޭބީސީ ސެވިއްޔާ އިން ރިޕޯޓުކުރާގޮތުގައި ބޯޖާ މަރުވީ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ވާޖިން ޑޭ ރޭޝިއޯ ޔުނިވާރސިޓީ ހޮސްޕިޓަލުގައި އޮތްވައެވެ.

ބޯޖާގެ ލާފިން މީމް ވަނީ ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ ބޮޑެތި އެކި ކަންކަމާއި ގުޅުވާފައެވެ. އެ ހިނިގަނޑާއެކު ދުނިޔޭގެ ބޮޑެތި ލީޑަރުންނާއި ސިޔާސީ އެކި ކަންކަމާއި ގުޅުވާފައިވެއެވެ. ބޯޖާގެ މީމްގެ އަސްލު ވީޑިޔޯ ޔޫޓިއުބަށް ލާފައިވާއިރު މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ އެ ވީޑިޔޯ ބަލާފަ އެވެ.