ހއ.އިހަވަންދޫ އަށް އުފަން އުމުރުން ހަތަރު އަހަރުގެ އަލްޔާން ޒައުލް އަކީ ރާއްޖެއިން މަދުން ނުފެންނަ ހާލަތެއް ކަމަށްވާ އެޕާޓް ސިންޑްރޯމް ތަހައްމަލުކުރަމުންދާ ކުއްޖެއްކަން އެނގުނީ އޭނާ ވިހޭފަހުންނެވެ. އަލްޔާން އަށް ބަލިވެ އިނީއްސުރެ އޭނާގެ މަންމަ އައީ މާބަނޑު މީހުން ކާންޖެހޭ ބޭސްތައް ކައި، ހަދަން ޖެހޭ ހުރިހާ ޓެސްޓަކާއި ސްކޭނެއް ބަރާބަރަށް ފުރިހަމަ ކުރަމުން އައި ނަމަވެސް އެއިން އެއްވެސް ސްކޭނަކުން ނުވަތަ ޓެސްޓަކުން ވެސް އަލްޔާންގެ އެއްވެސް އުނިކަމެއް ހުރިކަން ދެނެގަނެވިފައެއް ނުވެއެވެ. އަލްޔާން އަކީ އެޕާޓް ސިންޑްރޯމް ހުރި ކުއްޖެއްކަން ދެނެގަނެވުނީ ބަލީގެ ސަބަބުން ހަށިގަނޑުގައި ބައެއް އައިބުތައް ހުރުމާއި ގުޅިގެންނެވެ.

ތުއްތު އަލްޔާން އަށް އެ ބަލީގެ ސަަބަބުން އެތައް ތަކުލީފަކާއި ވޭނެއް ކެނޑިނޭޅި ދަނީ ލިބެމުންނެވެ. އެގޮތުން މި ބަލީގެ ސަބަބަބުން އޭނާ އަށް ދިމާވެފައިވާ އުނދަނގޫތަކުގެ ތެރޭގައި ބޮލުގެ ނާށިގަނޑު، ނިއްކުރި އާއި ދިމާލުން އެތެރެއަށް ވަދެ ސިކުނީގައި ޖެހިފައި ވުމާއި، އަތާއި ފައިގެ އިނގިލިތައް ގުޅިފައި ވުމާއި، ކޮނޑު ހުޅުގެ މައްސަލައިގެ އިތުރުން ލޮލާއި، ނޭފަތާއި، ކަންފަތާއި، ކަރުގެ މައްސަލަ ވެސް ހުރެއެވެ. މިހުރިހާ ސަބަބަކާއި ހުރެ އަލްޔާން އަކީ އެންމެ ތުއްތު އިރުންފެށިގެން ސިއްހީ ގޮތުން ވަރަށް ބޮޑަށް ސަމާލުކަން ބޭނުންވާ ކުއްޖެެކެވެ.

އެންމެ ކުޑަކުޑަ އިރުން ފެށިގެން އަލްޔާން އަށް އޭނާގެ ހާލަތުގެ ސަބަބުން އެތައް ވޭނަކާއި ކުރިމަތިވިއެވެ. އޭނާ އަކީ ނޭފަތާއި ކަރުގެ މައްސަަލަ ހުންނަ ކުއްޖަކަށް ވުމާއި އެކު ރޭގަނޑުގެ ވަގުތުތަކުގައި އޭނާ އަށް ނޭވާލާން އިންތިހާއަށް ދަތިވެއެވެ. މި ގޮތަށް ނޭވާލާން ދަތިވަނީ އަލްޔާންގެ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ކަމަށް ވާތީ އޭނާގެ ހާލާއި މެދު އަބަދުވެސް ރޭގަނޑު ގަޑީގައި އިތުރަށް ސަމާލުވާން ޖެހެެއެވެ. ހިތާމަ އަކީ މި ބަލީގައި ކުޑަކުޑަ އަލްޔާން ހޭދަކުރާ ކޮންމެ ދުވަހަކީވެސް އޭނާ އަށް އިތުރު ވޭންތަކަކާއި ކުރިމަތިވާ ދުވަހަކަށް ވާކަމެވެ. އޭނާގެ ފެނުމުގެ ހާލަތު ކުރިން ރަނގަޅު ނަމަވެސް މިހާރު އޭނާގެ ލޮލުގެ ފެނުން ވަނީ އިންތިހާ އަށް ދަށްވެފައެވެ.

އަލްޔާންގެ ބައްޕަ އަހުމަދު ހަމްދޫން "ވަގުތު" އަށް ކިޔާދިން ގޮތުގައި އޭނާ އަށް ފަރުވާ ދިނުމަށް ކެނޑިނޭޅި ކުރެވުނު މަސައްކަތުގެ ތެރެއިން މިހާތަނަށް އައި އިރު ވެސް އެތަައް އޮޕަރޭޝަނެއް ވަނީ ކުރެވިފައެވެ.

"ވިހޭމައި އެނގުނީ އެކަހަލަ ކުއްޖެއްކަން. ކުޅުދުއްފުށިންނާއި ދިއްދޫ އިން ކުރަނީ ސްކޭން. 5 މަހުގައި ކުރާ ސްކޭންއަކުން ވެސް ނޭނގޭ. އައިޗީއެމްއެޗަށް ވިހަން ގެންގޮސްގެން ކުރި ސްކޭންތަކުން ވެސް ނޭނގޭ. ސިކުނޑީގެ 4-6 އޮޕަރޭޝަން ވަރު ކުރެވިއްޖެ. އެއީ 2019 އިން ފަށައިގެން މިހާ ހިސާބަށް އައި އިރު. އެންމެ ފުރަތަމަ ކުރި ބޯން ސްޓްރަކްޗަރ އެއްޗެއް. އެއީ 2017 އިގައި." އޭނާ ކިޔާދިނެވެ.

އަލްޔާންގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ހާލަތު ރަނގަޅު ކުރުމަށް ތަފާތު ސާޖަރީތައް ކޮށްފައި ވާއިރު އޭނާގެ ސިކުނޑީގައި ސިސްޓެއް ހުރުމުގެ ސަބަބުން މި އަހަރު ކުރީކޮޅު ވަނީ އެ ސިސްޓު ނެގުމަށް އައިޖީއެމްއެޗުގައި އިތުރު އޮޕަރޭޝަނެއް ކޮށްފައެވެ. އެހެންނަމަވެސް ކަންދިމާކުރި ގޮތުން އެ އޮޕަރޭޝަން އިން އެންމެ އެކަށީގެންވާ ފަރުވާ އެއް ނުލިބި އަލްޔާން އަށް އެކަމުގެ ސަބަބުން އިތުރު ވޭންތަކަކާއި ކުރިމަތިލާން ޖެހުނެވެ.

"ކޮވިޑްގެ ހާލަތުގެ ސަބަބުން ރާއްޖެއިން ބޭރަށް ފަރުވާ އަށް ނުފުރި ވަނިކޮށް އޭނާ އަށް ހޮޑުލާ، ހޭނެތުމުގެ ވޭން ދިމާވާން ފެށީ. 3 ބުރަކު ގެނައި އިމަޖެންސީގައި މާލެ. ދެން ޓެސްޓު ހަދާފައި ބުނީ ސިއްޓެއް އެބައިނޭ ސިކުނޑީގައި. ސިކުނޑީގައި ހުރި ފެން ކަނދުރާ ދަށަށް ޖަމާ ވަނީ. އެތަނަށް ޖަމާވެފައި ކަނދުރާ ކައިރި އާއި ބޮލާއި ދުޅަވަނީ. ސަރޖަރީ ކުރިތަން ހުންނަނީ ވަރަށް މަޑުކޮށް. ބައެއް ދުވަސް ދުވަހު އެތަން ފުއްޕަނީ. އެހެންވެ ވަގުތުން ބޭރަށް ދާން ބޭނުން ވަނީ. ފެން ޖަމާވާތީ ސިސްޓު ރަނގަޅު ނުވަނީ." އޭނާ ބުންޏެވެ.

މިހާރު ވެސް އަލްޔާން އަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. ރެއާއި ދުވާލު ހަމަ ނިދި ނުލިބި ބަލި ދާނުގައި އޮންނަން ޖެހުމުން ކުޑަކުޑަ އަލްޔާން އަށް ކުރެވޭނެ އިހުސާސްތައް ހިތަށް ވެސް ނުގެނެވޭނެކަން ޔަޤީނެވެ. ކެނޑިނޭޅި ހޮޑުލެވުމާއި، ހަށިގަނޑުގައި އަޅާ ވޭނާއި ގޮތް ނޭނގޭ ތަދަށް ކެތް ނުކުރެެވި އެ މައުސޫމް ކުޑަކުއްޖާ ރޯ މަންޒަރު ބަލަން މައިންބަފައިން ކެތް ކުރާނެ ހާލު ހިތަށް ވެސް ނުގެނެވޭނެއެވެ.

އާސަންދަ ލިބުނު ނަމަވެސް އަލްޔާންގެ ފަރުވާ އަށް އިތުރު ހަރަދުތަކެއް ހޭދަވެއެެވެ. އަދި އޭނާގެ ފަރުވާ އަށް ދިގު މުއްދަތެއް ހޭދަވުމަކީވެސް އެކަށިގެންވާ ކަމެކެވެ. އެހެންކަމުން އަލްޔާން އަށް މިވަގުތު ބޭނުން ވަނީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއެކެވެ. މާތް ﷲ އަލްޔާން އަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށިއެވެ.

މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ : 7915801

އެކައުންޓް ނަމްބަރު

 • 7703239070101 (ޑޮލަރ އެކައުންޓް)
 • 7704239070101 (ރުފިޔާ އެކައުންޓް)

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދެރަވޭ

  😭😭😭މިތުއްތު ކުއްޖާއާއި އެކުއްޖާގެ މައިންބަފައިން އުޅޭނެ ހިތްދަތި ހާލު މިހެން ލިޔެލާ ލިޔުމަކުން އިހްސާސް ނުކުރެވޭނެ.ކޮންމެވެސް ވަރަކަށް މިކަހަލަ ބަލިމަޑުކަމެއްގެތޭގަ އުޅޭ ބަޔަކަށް އިހްސާސްކުރެވޭނެ..💔

  18
 2. ...

  މާތް ﷲ މިތުއްތު ކުއްޖާ މިވޭނުން ރައްކާތެރިކޮށް ސަލާމަތް ކޮއްދެއްވާ މިކުއްޖާއަށް ރަޙްމަތް ލައްވާށި، އާމީން. އަދި މާތް ﷲ މުކުއްޖާގެ މައިންބަފައިންނަށް ކެތްތެރިކަން ދެއްވާށި. އާމީން.

  20
  1
  • އަޅުގަނޑު

   آمين

 3. ރަންދެލި

  މިހެން މިވަނީ ކީއްވެހޭ؟ ރައްޔިތު މީހަ އަތުން ނަގަ ތެކްސް އިން ކޮންމެ ރައްޔިތަކަށްވެސް އިންސުއަރެންސް ހޯދަދޭންޖެހޭ! މަޖިލީހުން ވަގުންތައް ބޭރު ކުރެވިގެން އެކަން ވާނި